[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 43 “ޞިއްފީން ހަނގުރާމަ.”

qiyaamai vumuge

ރ. ޞިއްފީން ހަނގުރާމަ:

ޖަމަލު ހަނގުރާމައިގެ އިތުރުން، ޞަޙާބީބޭކަލުން -رضي الله عنهم- ގެ މެދުގައި ހިނގި ފިތުނަތަކުގެ ތެރޭގައި ހިމެނޭ އަނެއް ކަމަކީ ނަބިއްޔާ صلى الله عليه وسلم ގެ މިޙަދީޘްގައި އިޝާރާތް ކުރެވިފައިމިވާ ކަންތަކެވެ: ((لَا تَقُومُ السَّاعَةُ حَتَّى تَقْتَتِلَ فِئَتَانِ عَظِيمَتَانِ، يَكُونُ بَيْنَهُمَا مَقْتَلَةٌ عَظِيمَةٌ، دَعْوَاهُمَا وَاحِدَةٌ))[1] މާނައީ: “ބޮޑު ދެޖަމާޢަތެއް ހަނގުރާމަ ކޮށްފުމަށްދާންދެން ޤިޔާމަތް ޤާއިމް ނުވާ ހުށްޓެވެ. ދެބައިމީހުންގެ ތެރެއިން ގިނަޢަދަދެއްގެ ބަޔަކު މަރުވެގެން ދާނެއެވެ. އެދެބައިމީހުންގެ ދަޢުވާއަކީ އެއް ދަޢުވާއެކެވެ.”

އެދެޖަމާޢަތަކީ ޢަލީގެފާނާއި އެކަލޭގެފާނާއެކުގައިވީ މީހުންގެ ޖަމާޢަތާއި މުޢާވިޔާގެފާނާއި އެކަލޭގެފާނާއެކީވީ މީހުންގެ ޖަމާޢަތެވެ. ފަތުޙުލްބާރީގައި ޙާފިޛް އިބްނު ޙަޖަރު މިފަދައިން ޛިކުރު ކުރައްވާފައިވެއެވެ.[2]

ޒައިދު ބިން ވަހްބު ގެ އަރިހުން ރަނގަޅު ސަނަދަކުން، ބައްޒާރު ރިވާކުރެއްވިއެވެ. ވިދާޅުވިއެވެ. [އެބަސްފުޅުގެ މާނައީ:] ތިމަންމެން ޙުޛައިފަތުގެފާނުގެ އަރިހުގައި ވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންގެ ދީނުގެ މީސްތަކުން ނުކުމެ އެއްބަޔަކު އަނެއްބަޔެއްގެ މޫނުތަކުގައި ކަނޑިން ތަޅަންފަށައިފިނަމަ، ތިޔަބައިމީހުން ކަންތައްކުރައްވާނީ ކިހިނަކުން ހެއްޔެވެ؟ އެބޭކަލުން ދެންނެވިއެވެ. ކަލޭގެފާނު އަމުރުފުޅު ކުރައްވާނީ ކިހިނެއް ހައްދަވަންތޯއެވެ؟ ވިދާޅުވިއެވެ. ޢަލީގެފާނުގެ އަމުރުފުޅަށް ގޮވާލާ ބަޔަކަށް ބަލާށެވެ. އަދި އެބަޔަކާ އެކުވާށެވެ. ފަހެ ޙައްޤުގައި ތިބި ބަޔަކީ އެއީއެވެ.[3]

ދެންފަހެ ޙިޖުރީ ސަނަތުން ތިރީސް ހަވަނަ އަހަރުގެ ޛުލްޙިއްޖާމަހު އެދެޖަމާޢަތުގެ މެދުގައި ‘ޞިއްފީން'[4] ގެ [ނަމުން] މަޝްހޫރުވެފައިވާ ހަނގުރާމައެއް ހިނގިކަން ކަށަވަރެވެ. ހަތްދިހައަށްވުރެ ގިނަ ލަޝްކަރު ދެބައިމީހުންގެ މެދުގައި ވިއެވެ. އެދެބައިމީހުންގެ ތެރެއިން ހަތްދިހަހާސް ވަރަކަށް މީހުން ހަނގުރާމާގައި މަރުވެގެން ދިޔައެވެ.

މުޢާވިޔަތުގެފާނާއި ޢަލީގެފާނާ ދެމެދު ހިނގި ހަނގުރާމައަކީ އެއިން އެއްވެސް ބޭކަލަކު އެކަމަށް އެދިގެން ހިނގައިދިޔަ ކަމެއް ނޫނެވެ. އަދި ކިއެއްހެއްޔެވެ. ހަނގުރާމަ ކުރުމަށް ހިތްވަރުދީ ބާރުހިންގާ، ހަވާނަފްސުގެ އަހުލުވެރީންތަކެއް ލަޝްކަރުގައި ތިއްބެވެ. ފާލުން ނެއްޓިފައިވާ ލޭއޮހުރުވުންބޮޑު ހަނގުރާމައަކަށް ދިޔަކަމަކީ އެއީއެވެ. އަދި ޢަލީގެފާނާއި މުޢާވިޔަތުގެފާނު -رضي الله عنهما- ގެ އަތްޕުޅުގެ ދަށުން އަމުރުވެރިކަން ބީވުމެވެ.

ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވެފައި ވެއެވެ. [އެބަސްފުޅުގެ މާނައީ:] “ދެބައިމީހުންގެ ތެރެއިން، ހަނގުރާމަ އިޚްތިޔާރުކުރި ގިނަ މީހުންނީ ޢަލީގެފާނަކަށްވެސް އަދި މުޢާވިޔަތުގެފާނަކަށްވެސް ކިޔަމަންތެރިވި ބައެއް ނޫނެވެ. އަދި ލޭއޮހޮރުވުން ހުއްޓާލުމަށް ހަނގުރާމަވެރިންގެ އެތައްބައެއްގެ ކިބައިން ޢަލީގެފާނާއި މުޢާވިޔަތުގެފާނު އެދިވަޑައިގެންނެވިއެވެ. އެހެނެއްކަމަކު ހިނގައިދިޔަ ކަންތައް އެދެބޭކަލުންގެ މައްޗަށް ގަދަވެގަތެވެ. ފިތުނައަކީ ހުޅުފަޅައިގެން ހިނގައްޖެނަމަ އޭގެ އަލިފާން ނިއްވާލުމަށް ވެރީންނަށް ކުޅަދާނަވެގެންވާ ކަމެއް ނޫނެވެ.

އަދި ދެޖަމާޢަތުގެ ހަނގުރާމަވެރިންގެ ތެރޭގައި الأَشْتر النَّخَعِي[5] އާއި هَاشِم بن عتبَة المرقَال[6] އާއި عَبد الرَّحمن بن خَالِد الوَليد[7] އާއި أَبو الأَعوَر السُّلمِي[8] ފަދަ، ހަނގުރާމައަށް ހިތްވަރުދެއްވާ ބޭކަލުން ތިއްބެވިއެވެ. ޢުޘްމާނުގެފާނަށް އެންމެ މަތީ ދަރަޖާގައި ނަޞްރު ދެއްވި ބޭކަލުންނާއި އެކަލޭގެފާނުގެ ކިބައިން ފިލައިވަޑައިގެންވި ބޭކަލުންނާއި އަދި ޢަލީގެފާނަށް ނަޞްރުދެއްވި ބޭކަލުންނާއި އެކަލޭގެފާނުގެ އަރިހުން ފިލައިވަޑައިގެންނެވި ބޭކަލުން ވެއެވެ. ދެންފަހެ މުޢާވިޔަތުގެފާނުގެ ލަޝްކަރުގައި ތިއްބެވި ބޭކަލުން ހަނގުރާމަކުރެއްވީ ހަމައެކަނި އެކަލޭގެފާނަށްޓަކައެއް ނޫނެވެ. އަދި ކިއެއްހެއްޔެވެ. އެކަމުގައި ވަނީ އެހެން ސަބަބުތަކެކެވެ.

ފިތުނަތަކުގެ ހަނގުރާމައިގެ މިޘާލަކީ ޖާހިލިއްޔަ ޒަމާނުގެ ހަނގުރާމައިގެ މިޘާލެވެ. ބައިވެރިންގެ މަޤްޞަދުތަކާއި އަދި އެބައިމީހުންގެ ޢަޤީދާ ސާފެއް ނުވާނެއެވެ. [އަލްއިމާމު] ޒުހުރީ ވިދާޅުވެފައިވާ ފަދައިންނެވެ: ރަސޫލުﷲ صلى الله عليه وسلم ގެ އަޞްޙާބުންގެ ގިނަގުނަ ކަމާއެކުވެސް ފިތުނަތަކެއް މެދުވެރިވިއެވެ. ޤުރުއާން ތައުވީލުކޮށްގެން ހޯދައިގަންނަ ކޮންމެ މުދަލަކާއި އޮހޮރުވާލާ ލެއާއި ހުއްދަކުރެވޭ ފަރުޖަކީ ބާޠިލު އެއްޗެއްކަމުގައި އެބޭކަލުންވަނީ އިޖުމާޢުވެވަޑައިގެންފައެވެ. އެބޭކަލުން އެކަންތައްތައް ހިމަނުއްވަނީ ޖާހިލިއްޔަ ޒަމާނުގެ ކަންތައްތަކާ އެއް ދަރަޖައެއްގައެވެ.” [9]

=ނުނިމޭ=

__________________________________________

[1] ((صحيح البخاري))، كتاب الفتن، باب (بدون)، (13 /  8 – مع الفتح)، و ((صحيح مسلم))، كتاب الفتن وأشراط الساعة، (18 / 12 – 13 – مع شرح النووي).

[2]   [ބައްލަވާ: ((فتح الباري))] (13 / 85).

[3]   ((فتح الباري)) (13 / 85).[4]   ((مستدرك الحاكم)) 3 / 120).

[4]   صِفِّيْن: މިއީ ފުރާތުކޯރު ހުޅަނގު އައްސޭރީގެ ރައްޤާ ކައިރީގައިވާ ތަނެކެވެ. ޢިރާޤު ބޯޑަރުގެ އެންމެފަހަތުގައި ޝާމުގެ ބިމުގައެވެ.

 [5]  އެއީ مَالك بن الحَارِث بن عَبد يَغُوث بن مَسلمة النَّخعِي الكُوْفِي އެވެ. މީސްތަކުން ކިޔައިއުޅެނީ އަޝްތަރުގެ ނަމުންނެވެ. އުފަންވެފައިވަނީ ޖާހިލިއްޔަ ޒަމާނުގައެވެ. ޢަލީގެފާނާއި ޢުމަރުގެފާނުގެ އަރިހުން [ޙަދީޘް] ރިވާ ކުރިއެވެ. އަދި އެއީ ޢަލީގެފާނުގެ ޢަޞްޙާބުންގެ މީހެކެވެ. އެކަލޭގެފާނާއެކު ޖަމަލު ހަނގުރާމައާއި ޞިއްފީން ހަނގުރާމައާއި އެންމެހާ ހަނގުރާމަތަކުގައި ބައިވެރިވިއެވެ. އަދި ޔަރްމޫކް ހަނގުރާމައިގައި ވެސް ބައިވެރިވި ކަމުގައި ބުނެވެއެވެ. އަދި އޭނާއީ އޭނާގެ ޤައުމުގެ ރައީސްވެސް މެއެވެ. ފިތުނަ އުފެއްދުމުގައި ހޭލަމޭލަވެ އުޅެ، ޢުޘްމާނުގެފާނާ ދެކޮޅަށް ނުކުތުމުގައި އޭނާ ޙަރަކާތްތެރިވިއެވެ. އަދި މިޞްރުގެ ވެރިކަމަށް އިސްކުރެވުމުން އެޤައުމަށް ދަތުރުކުރި މަގުމަތީ މަރުވެގެން ދިޔައެވެ. އެއީ ހިޖުރީ ސަނަތުން 37 ވަނަ އަހަރުއެވެ.

ބައްލަވާ: ترجمة في: ((تهذيب التهديب)) (10 / 11 – 12)، و ((الأعلام)) (5 / 259).

[6]  އެއީ هاشم بن عُتبة بن أَبي وَقَّاص الزهري އެވެ. މީސްތަކުން އޭނާއަށް ކިޔައިއުޅެނީ مِرْقَال އެވެ. ޞިއްފީން ހަނގުރާމައިގައި ޢަލީގެފާނުގެ ކޮމާންޑަރުންގެ ތެރޭގައި ވިއެވެ. އުފަންވީ ނަބިއްޔާ صلى الله عليه وسلم ގެ ޙަޔާތްޕުޅުގައެވެ. ބުނެވޭގޮތުގައި އެއީ ޞަޙާބީބޭކަލެކެވެ. އަދި ޞިއްފީން ހަނގުރާމާގައި މަރުވެ ދިޔައެވެ. ޖާނުންވަރުގަދަ މީހެއްގެ ގޮތުގައި ޞިފަކުރެވިފައި ވެއެވެ.

ބައްލަވާ: ترجمة في: ((سير أعلام النبلاء)) (3 / 486)، و ((شذرات الذهب)) (1 / 46)، و ((الأعلام)) (8 / 66).

[7] عَبد الرَّحمن بن خَالِد بن الوَليد ހިމެނިފައިވަނީ ދީލަތި މީހުންގެ ތެރެއިންނެވެ. އަދި ޞިއްފީން ހަނގުރާމާގައި މުޢާވިޔަތުގެފާނުގެ ލަޝްކަރުގެ ދިދަ އުފުލީ އޭނާއެވެ. މަރުވީ ހިޖުރައިން 46 ވަނައަހަރުއެވެ.

ބައްލަވާ: ((شذرات الذهب)) (1 / 55).

[8]  އެއީ عَمرُو بن سُفيَان بن عَبد شَمْس بن سَعد الذكْوَانِي السلَمِي އެވެ. މަޝްހޫރުވެފައިވަނީ ކުންޔާއިންނެވެ.  عَبَّاس الدورِي ގެ އަރިހުން އިބްނު ޙަޖަރު ރިވާ ކުރައްވާފައި ވެއެވެ. يَحْيَى بن مُعِين ވިދާޅުވިއެވެ. “أَبو الأَعوَر السُّلمِي އަކީ ނަބިއްޔާ صلى الله عليه وسلم ގެ އަޞްޙާބުބޭކަލެކެވެ. އެކަލޭގެފާނު ހުންނެވީ މުޢާވިޔަތުގެފާނާ އެކުއެވެ.”

އަދި އިބްނު އަބީ ޙާތިމް އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހން ރިވާކުރެއްވިއެވެ: “أَبو الأَعوَر އުފަންވެ ވަޑައިގަތީ ޖާހިލިއްޔަ ޒަމާނުގައެވެ. އަދި އެއީ ޞަޙާބީބޭކަލެއް ނޫނެވެ. އަދި ހިޖުރައިން 26 ވަނަ އަހަރު ޤުބްރުޞް ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޞިއްފީން ހަނގުރާމައިގައިވީ މުޢާވިޔަތުގެފާނުގެ ލަޝްކަރުގައެވެ.”

ބައްލަވާ: ((الإصابة)) (2 / 540 – 541)، وحاشية ((المنتقى من منهاج الأعتدال)) (ص 264) للإمام الذهبي تحقيق وتعليق الشيخ محب الدين الخطيب.

[9] [ބައްލަވާ:] ((منهاج السنة)) لابن تيمية (2 / 224).