އެކަލޭގެފާނުގެ ޙިކުމަތްތެރި ބަސްފުޅުތަކުގެ ތެރެއިން…-رحمه الله-
ابن وهب ގެ އަރިހުން ރިވާވެގެންވެއެވެ. މަލީކުގެފާނު ވިދާޅުވަނިކޮށް އެކަލޭގެފާނު، އަޑުއެއްސެވިއެވެ.
“إِنَّ الرَّجُلَ إِذَا ذَهَبَ يَمْدَحُ نَفْسَهُ ذَهَبَ بَهَاؤُهُ”[1]
މާނައީ: “ހަމަކަށަވަރުން މީހާ، އޭނާގެ އަމިއްލަ ނަފްސަށް މަދަޙަ ކިޔަން ފަށައިފިނަމަ، އޭނާގެ އުޖާލާކަން ފިލާދާނެކަން ކަށަވަރެވެ.”
حَرْمَلَةُ، ابْنُ وَهْبٍ ،ގެ އަރިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާލިކުގެފާނުގެ އަރިހުން ތިމަންކަލޭގެފާނު އަޑު އެއްސެވީމެވެ. މާލިކުގެފާނުގެ އަރިހުގައި މީހަކު ދަންނަވާފިއެވެ. ޢިލްމު އުނގެނުމަކީ ވާޖިބެކެވެ. ދެން އެކަލޭގެފާނު ވިދާޅުވިއެވެ.
“طَلَبُ الْعِلْمِ حَسَنٌ لِمَنْ رُزِقَ خَيْرَهُ ، وَهُوَ قَسَمٌ مِنَ اللَّهِ عَزَّ وَجَلَّ”[2]
މާނައީ: “ދީނީ ޢިލްމުގެ ހެޔޮކަން ޙާޞިލުވެއްޖެ މީހަކަށް ދީނީ ޢިލްމު ކިޔެވުމަކީ ނުހަނު ރަނގަޅު ކަމެކެވެ. ޢިލްމަކީ ﷲތަޢާލާ ދެއްވާފައިވާ ދެއްވުމެކެވެ.”
އަދިވެސް ابن وهب ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާލިކުގެފާނު ވިދާޅުވަނިކޮށް ތިމަންކަލޭގެފާނު އަޑު އެއްސެވީމެވެ.
“إِنَّ حَقًّا عَلَى مِنْ طَلَبَ الْعِلْمَ أَنْ يَكُونَ لَهُ وَقَارٌ وَسَكِينَةٌ وَخَشْيَةٌ ، وَأَنْ يَكُونَ مُتَّبَعًا لأَثَرِ مَنْ مَضَى قَبْلَهُ “[3]
މާނައީ: “ހިތުގެ މަޑުމޮޅިކަމާއި މަޑުމައިތިރިކަމާއި ބިތުވެތިކަމަކީ، ޢިލްމު އުނގެނޭ ކުއްޖާގެ ގައިގާ ހުންނަންޖެހޭނެ ސިފަތަކެކެވެ. އަދި ހަމައެފަދައިން ޢިލްމު އުނގެނޭ ކުއްޖާއަކީ، އޭނާގެ ކުރިން ވޭތުވެ ގޮސްފައިވާ ބޭކަލުންގެ (އެބަހީ ސަލަފުންގެ) އަޘަރުތަކަށް ތަބަޢަވާ ކުއްޖަކަށް ވާންޖެހެއެވެ.”
އަދިވެސް މާލިކުގެފާނު ވިދާޅުވެފައި ވެއެވެ.
“لا يكون إماماً من حدث بكل ما سمع”[4]
މާނައީ: “އެމީހަކަށް އަޑު އިވޭހާއެއްޗެއް ކިޔަމުންދާ މީހަކު އިމާމެއްކަމުގައި ނުވާހުއްޓެވެ.”
الفوري ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާލިކުގެފާނު ވިދާޅުވަނިކޮށް ތިމަންކަލޭގެފާނު އަޑު އެއްސެވީމެވެ.
“إذا لم يكن للإنسان في نفسه خيرٌ ما, لم يكن للناس فيه خير “[5]
މާނައީ: “އިންސާނާ އޭނާގެ އަމިއްލަ ނަފްސުގައި ހެއްވެއްނުވާނަމަ، މީސްތަކުންނަށް އޭނާގެ ފަރާތުން ވާނެ ހެޔޮކަމެއް ނޯނާނެއެވެ.”
ابن وهب ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާލިކުގެފާނު ވިދާޅުވަނިކޮށް ތިމަންކަލޭގެފާނު އަޑު އެއްސެވީމެވެ.
“بلغني أنه ما زهد أحد في الدنيا واتقى إلا نطق بالحكمة”[6]
މާނައީ: “ތިމަންކަލޭގެފާނަށް ފޯރާފައިވާ ގޮތުގައި، ދުނިޔޭގައި ޒުހުދުވެރިވެ ތަޤުވާވެރި ވެއްޖެނަމަ، އެމީހެއްގެ ދުލުން ހިކުމަތްތެރި ބަސްތައް ނުކުންނަ ހުއްޓެވެ.”
الإمام الذهبي ވިދާޅުވިއެވެ. حافظ ابن عبد البرّ އެކަލޭގެފާނުގެ ފޮތެއްކަމުގައިވާ التمهيد ގައި ވިއެވެ. އެހެންނަމަވެސް ތިމަންކަލޭގެފާނު މި ލިޔުއްވަނީ ތިމަންކަލޭގެފާނުގެ ހިތުންނެވެ. އެފޮތުގެ އަޞްލު ވަނީ ގެއްލިފައެވެ. އަޅުވެރިޔާ عبد الله بن عمري މާލިކުގެފާނަށް ލިޔުއްވިއެވެ. ކަލޭގެފާނު ޢަމަލުތަކުން އެކަހެރިވެ އަޅުކަމަށް ހުސްވެލަންވީ ނޫންތޯއެވެ. ދެން މާލިކުގެފާނު އެކަލޭގެފާނަށް ލިޔުއްވިއެވެ.
“إن الله قسم الأعمال كما قسم الأرزاق، فرب رجل فتح له في الصلاة – يعني في النوافل–، فرب رجل فتح له في الصلاة ولم يفتح له في الصوم، وآخر فتح له في الصدقة، ولم يفتح له في الصوم، وآخر فتح له في الجهاد، ثم قال: فنشر العلم من أفضل أعمال البر، وقد رضيت بما فتح لي فيه”[7]
“ހަމަކަށަވަރުން ﷲތަޢާލާ ރިޒްޤުތައް ބައްސަވާފަދައިން ޢަމަލުތައްވެސް ބައްސަވައެވެ. ފަހަރެއްގައި މީހަކަށް (ސުންނަތް) ރޯދައިގެ ދޮރުތައް ނުހުޅުވި، ސުންނަތް ނަމާދުގެ ދޮރުތައް ހުޅުވިފައި ވެދާނެއެވެ. އަދި އަނެކާއަށް ސުންނަތް ރޯދައިގެ ދޮރުތައް ނުހުޅުވި، ޞަދަޤާތްކުރުމުގެ ދޮރުތައް ހުޅުވިފައި ވެދާނެއެވެ. އަދި ހަމަ އަނެކާއަށް ޖިހާދުގެ ދޮރުތައް ހުޅުވިފައި އޮވެދާނެއެވެ. ފަހެ ޢިލްމު ފެތުރުމަކީ އެންމެ ހެޔޮވެގެންވާ ހެޔޮ ޢަމަލެވެ. އެގޮތުން ތިމަންކަލޭގެފާނަށް ﷲތަޢާލާ ހުޅުއްވާދެއްވާފައިވާ ކަމަށް ތިމަންކަލޭގެފާނު ރުހެމެވެ. ކަލޭގެފާނު ތިހުންނެވި ޢަމަލުތަކުގައި (އަޅުވެރިއެއްގެ ގޮތިގައި) ކަލޭގެފާނު ނެތްނަމަ ތިމަންކަލޭގެފާނު މިކަމުގެ މަތީގައި (ޢިލްމު ފެތުރުމުގައި) ހުންނަވާނެހެނެއް ތިމަންކަލޭގެފާނަކަށް ހީފުޅު ނުވެއެވެ. ތިމަންކަލޭގެފާނު އުންމީދުކުރައްވަނީ، ތިމަންބޭކަލުން އެންމެނަކީ ހެޔޮކަންތައްތަކުގެ މަތީގައި ތިއްބެވި ބޭކަލުންގެ ގޮތުގައި ވުމެވެ.”
خالد بن نزار ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާލިކުގެފާނު ޤުރައިޝުންގެ ޒުވާނަކަށް ވިދާޅުވަނިކޮށް ތިމަންކަލޭގެފާނު އަޑު އެއްސެވީމެވެ.
“يا ابن أخي تعلم الأدب قبل أن تتعلم العلم”[8]
މާނައީ: “އޭ ތިމަންކަލޭގެފާނުގެ އަޚާގެ ދަރިޔާއެވެ. ޢިލްމު އުނގެނުމުގެ ކުރިން ތިބާ އަދަބު ދަސްކުރާށެވެ.”
[1] تاريخ الإسلام (11/328)
[2] تاريخ الإسلام (11/328)
[3] تاريخ الإسلام (11/328)
[4] تاريخ الإسلام (11/328)
[5] حلية الأولياء 6/321
[6] سير أعلام النبلاء (8/109)
[7] سير أعلام النبلاء (8/114)
[8] حلية الأولياء 6/330