[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތިސް ނަމާދުކުރުމުގައި ދެމިތިބޭ މީހުން – ފަހު ބައި

ފަތިސް ނަމާދަށް ރައްކާތެރިވާ މީހުންނަށް ސަލާމަތްކަން ހުއްޓެވެ. ރޭގަނޑު ހަތަރުދަމު ހޭލާތިބެ މަޖާނެގުމުން ދުރުހެލިވެ، މިމަތިވެރި އަޖުރު އެމީހުން ޙާޞިލު ކޮށްފިއެވެ. އެމީހުން، ނަމާދަށް ތެދުވުމަށްޓަކައި އެމީހުންގެ ގަޑިތައް ތައްޔާރުކުރާތަން ފެންނާނެއެވެ. އަދި ވުޟޫކޮށް، ނިދުމުގެކުރިން ކިޔަން ވާރިދުވެފައިވާ ޛިކުރު ކިޔާތަން ފެންނާނެއެވެ. އަދި ހޭނުލެވޭނެހެން ހީވެއްޖެނަމަ، ނަމާދަށް ހޭލެއްވުމަށް އެހެންމީހެއްގެ ކައިރިން އެދެއެވެ. އެމީހުންގެ ހިތްތައް ވަނީ އީމާންކަމުން ފުރިގެންނެވެ. އެއްވެސް ސަބަބަކާއިހުރެ ނިދުން ލަސްވެގެން ނަމާދަށް ހޭލެވުން ލަސްވެއްޖެނަމަ، ހޭލެވުމުން އަވަހަށް ފުންމައިގެން ތެދުވެ ނަމާދަށް އަވަސްވެގަނެއެވެ. އެމީހުންނަކީ މިމަތިވެރި އަޅުކަމުގައި ދެމިތިބޭ މީހުންނެވެ. އެމީހުންނަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑުވެގެންވާ، މިމަތިވެރި ޢަމަލު ކުރުމުގެ ސަބަބުން ކާމިޔާބު ލިބިގެންވާ މީހުންނެވެ. އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން ވެއެވެ. އަހަރެން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ސުވާލުކުރީމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑުވެގެންވާ ޢަމަލަކީ ކޮބާހެއްޔެވެ؟ އެހިނދު އެކަލޭގެފާނު ޙަދީޡްކުރެއްވިއެވެ. “الصَّلاةُ على وَقْتِها…” (متفق عليه) “ނަމާދު އޭގެ ވަޤުތުގައި އަދާކުރުމެވެ.”

ނަމާދުތަކަށް ފަރުވާކުޑަކޮށް އެނަމާދުތައް އޭގެވަގުތުން ފަސްކުރާ މީހާއަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! އެމީހުންނަށް އެކުރެވޭ ފާފައިގެ ބޮޑުކަން އެމީހުންނަށް ވިސްނޭނެނަމައެވެ. އެމީހުންނަށް ގެއްލިގެން ދިޔައީ ކިހާބޮޑު ނިޢުމަތެއް ހެއްޔެވެ؟ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ. فَوَيْلٌ لِلْمُصَلِّينَ * الَّذِينَ هُمْ عَنْ صَلَاتِهِمْ سَاهُونَ ( الماعون: ٤ – ٥)

“ފަހެ އެބައިމީހުންގެ ނަމާދާއިމެދު ޣާފިލުވެތިބެގެން ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ.”

އަދިވެސް ވަޙީކުރައްވާފައިވެއެވެ.

فَخَلَفَ مِنْ بَعْدِهِمْ خَلْفٌ أَضَاعُوا الصَّلَاةَ وَاتَّبَعُوا الشَّهَوَاتِ فَسَوْفَ يَلْقَوْنَ غَيًّا (مريم: ٥٩)

“އެއުރެންނަށް ފަހު (އިސްވެ ދިޔަ ހެޔޮލަފާ މީހުންނަށް ފަހު) ނުބައި ބަޔަކު އައެވެ. އެބައި މީހުން ނަމާދު ނަގައިލިއެވެ. އަދި އަމިއްލަ އެދުމަށް ތަބާވިއެވެ. ފަހެ ގަދަފަދަވެގެންވާ ޢަޛާބާ ފަހުން އެމީހުން ބައްދަލުކުރާނެތެވެ.”

އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.

“أوَّلُ مَا يُحاسَبُ بِهِ العَبْدُ يَوْمَ القِيامَةِ الصلاة، فَإِنْ صَلحَتْ صَلحَ سَائِر عَمَله، وَإِنْ فَسَدَتْ فَسَدَ سَائِرُ عَمَله” (أخرجه الطبراني)

“ޤިޔާމަތް ދުވަހު އެކަމަކުން އަޅާގެ ޙިސާބުބެއްލެވޭނެ އެންމެ ފުރަތަމަ ޢަމަލަކީ ނަމާދެވެ. ފަހެ ނަމާދު ރަގަޅުވެއްޖެނަމަ އޭނާގެ ހުރިހާ ޢަމަލެއް ރަގަޅުވާހުއްޓެވެ. އަދި ނަމާދު ފާސިދުވެއްޖެނަމަ އޭނާގެ ހުރިހާ ޢަމަލެއް ފާސިދުވާހުއްޓެވެ.”

އޭ ޖަމާޢަތުގައި ނަމާދުކުރުމަށް ރައްކާތެރި ނުވާމީހާއެވެ! ޚާއްޞަކޮށް ފަތިސް ނަމާދުކުރުމަށް ފަރުވާކުޑަކުރާ މީހާއެވެ! ތިބާ ހިނގާނެ މަގެއް ކަމުގައި ޝައިޠާނާގެ މަގު ޚިޔާރު ކުރީ ކީއްވެގެން ހެއްޔެވެ؟ ތިބާގެ ކަންފަތަށް، ޝައިޠާނާ ކުޑަކަމުދިޔުމަށް ރުހެނީ ކީއްވެގެން ހެއްޔެވެ؟ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި، އިރު އަރަންދެން ނިދާފައި އޮތް މީހެއްގެ ވާހަކަ ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ.

“ذَاكَ رَجُلٌ بالَ الشَّيْطانُ في أُذُنَيْهِ” (متفق عليه)

“އެއީ ޝައިޠާނާ އެމީހެއްގެ ކަންފަތަށް ކުޑަގިފިލި ކޮއްފައިވާ މީހެކެވެ.”

އޭ އަޚާއެވެ! އަމިއްލަ ނަފްސާމެދު ވިސްނާލަބަލާށެވެ! އެންމެ ފަހުން ޖަމާޢަތުގައި ފަތިސްނަމާދު ކުރީ ކޮންދުވަހަކު ކަން ހަނދާން އެބަހުރިތޯއެވެ؟ ފަތިސްނަމާދު ޖަމާޢަތުގައި ނުކޮށް، މިމަތިވެރި އަޅުކަމުން މަޙްރޫމްވެގެން އަޅުގަނޑުމެން ދާން ބޭނުންމިވާ މަންޒިލާ ހަމައަށް ވާޞިލްވެވޭނެ ހެއްޔެވެ؟

ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ބިރުވެތިވާށެވެ. ތައުބާވުމަށް އަވަސްވެގަންނާށެވެ. އޭރުން ކުރެވިފައި ހުރި ފާފަތައް ފުހެވޭނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ތިޔަ އަޚާއަށް ދެއްވާފައިވާ ނިޢުމަތްތަކުގެ މަތިން ހަނދާން ނައްތާނުލާށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ މަދަދަށް އެދި އަބަދުވެސް ދަންނަވާށެވެ. ފަތިސް ނަމާދަށް ހޭނުލެވުމުގެ އެންމެބޮޑު ސަބަބުކަމުގައިވާ، ރޭގަނޑު ލަސްވަންދެން ހޭލާހުރުމުން ދުރުހެލިވާށެވެ.

ތިރީގައި މިދަންނަވާ ކަންތައްތައް ކުރުމުން ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިރާދަފުޅުން ފަތިސް ނަމާދަށް ހޭލުން ފަސޭހަ ކަމަކަށް ވާނެއެވެ.

• ނިދުމުގެކުރިން ވުޟޫކޮށް އަދި ނިދުމުގެކުރިން ކިޔުމަށް ވާރިދުވެފައިވާ ދުޢާތަށް ކިޔުން.

• ނަމާދަށް ހޭލެއްވުމަށް މީހެއްގެ ކައިރީގައި ބުނުން

• އެލާރމް ގަޑިޔެއް ބެހެއްޓުން

• ހޭލެވުމުން އެންމެ ފުރަތަމަ ކަމަކަށް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޛިކުރު ކުރުން.

• ދެވަނަ ފަހަރަށް ނިންދެވުމަށް ޝައިޠާނާއަށް ފުރުޞަތު ނުދީ، ހޭލެވުމުން އަވަހަށް އެނދުން ތެދުވުން.

• ﷲ ސުބުޙާނަހޫ ވަތަޢާލާ ޙަރާމް ކުރައްވަފައިވާ ކަންތައްތަކުން، ޚާއްޞަކޮށް ޙަރާމް ތަންތަނަށް ބެލުމުން ދުރުހެލިވުން. އެހެނީ ޙަރާމް ކަންތައްތައް ކުރުމަކީ ހެޔޮ ޢަމަލުތަކުން މަޙްރޫމުވާ ކަމެކެވެ.

• ހެޔޮ ޢަމަލުތައް ކުރުމުގައި އެކަކު އަނެކަކަށް ވާދަކުރާ މީހުންނަށް ދެއްވާނެކަމަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޢުދުވެ ވޮޑިގެންފައިވާ މަތިވެރި ދަރަޖައިގެ މަތިން ހަނދާން ކުރުން.

• ފަތިސްނަމާދަށް ހޭލުމަށް އާދަކުރުން.

ރަސޫލﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.

“ثَلاثَةٌ كلُّهُمْ ضامِنٌ على اللهِ إِنْ عاشَ رُزِقَ وكُفِيَ، وَإِنْ ماتَ أَدْخَلَهُ اللهُ الجنَّةَ، وَمِنْهُمْ: مَنْ خَرَجَ إلى المسْجِدِ فَهُوَ ضامِنٌ عَلى الله” (أخرحه أبو داوود وابن حبان)

“ﷲ އެބަޔަކާއި ޖާމިނުވެ ވޮޑިގެންވާ ތިންބަޔަކު ވެއެވެ. އެބައިމީހުން ދިރިތިބެއްޖެނަމަ ރިޒުޤު ދެއްވާހުއްޓެވެ. އަދި ފުދޭ ހުއްޓެވެ. އަދި އެމީހުން މަރުވެއްޖެނަމަ ﷲ އެބައިމީހުން ސުވަރުގެ ވައްދަވާހުއްޓެވެ. އެބައިމީހުންގެތެރޭގައި މިސްކިތަށް ދިއުމަށްޓަކައި (ގެއިން) ނިކުންނަމީހާ ހިމެނިގެންވެއެވެ. ފަހެ އޭނާއާއި ﷲ ޖާމިނުވެ ވޮޑިގެންވެއެވެ.”

ދުޢާއަކީ އަޅުގަނޑުމެން އެންމެންނަށް ވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވަވާ އެއިލާހުގެ ސުވަރުގެ ވެއްދެވުމެވެ.

وصلَّى الله على نبيِّنا محمَّدٍ وعلى آله وصحبه

ނިމުނީ

މިލިޔުމުގެ ފުރަތަމަ ބައި