ޝެެއިޚު އިބުނު ޢުޘައިމީން ރަޙިމަހުﷲ ބަޔާންކުރައްވައެވެ.
“ށ. ނަމާދުގެ ވާޖިބެއް އުނިވުން.
ނަމާދުގެ ވާޖިބެއް ޤަޞްދުގައި އަޅައިފިނަމަ، އޭނާގެ ނަމާދު ބާޠިލުވާ ހުއްޓެވެ. ދެން ހަނދާން ނެތިގެން އުނިވެއްޖެނަމަ އަދި އެވާޖިބު އަދާކުރަންވީ މަޤާމުން ނުދަނީސް ހަނދާން ވެއްޖެނަމަ ވާޖިބު އަދާކުރާނީއެވެ. އޭނާގެ މައްޗަށް އެއްވެސް ކަމެއް ކުރާކަށް ނުޖެހޭނެއެވެ. (އެބަހީ އެކަމުގެ ސަބަބުން ކުށުސަޖިދަ ޖަހާކަށް ނުޖެހޭނެއެވެ.)
ދެން ހަނދާންވީ އެވާޖިބު އަދާކުރަންވީ މަޤާމުން ވަކިވެ އެހެން ރުކުނަކަށް ވާޞިލުވުމުގެ ކުރިން ކަމުގައި ވާނަމަ، އެވާޖިބަށް ރުޖޫޢަވެ އެކަން އަދާކޮށް ނަމާދުފުރިހަމަކޮށް އަދި ސަލާމްދޭނީއެވެ. އެޔަށްފަހު ކުށު ސަޖިދަޖަހައި ސަލާމްދޭނީއެވެ.
އަދި ދެން ހަނދާންވީ ދެން އޮތް ރުކުނަށް ވާޞިލުުމުގެ ފަހުަގއި ކަމުގައި ވާނަމަ، އެވާޖިބު އެދިޔައީއެވެ. އެޔަށް ރުޖޫޢަވާކަށް ނުޖެހޭނެއެވެ. އަދި ނަމާދުކުރިޔަށް ގެންގޮސް (އައްތަޙިއްޔާތު) ކިޔައި ސަލާމްދިނުމުގެ ކުރިން ދެ ސަޖިދަ ޖަހާނީއެވެ.
އޭގެ މިޘާލެއް:
- މީހަކު ފުރަތަމަ އައްތަޙިއްޔާތުގެ މަތިން ހަނދާން ނެތިގެން ދެވަނަ ރަކުޢަތުގެ ދެވަނަ ސަޖިދައިން ތެދުވެ ތިންވަނަ ރަކުޢަތަށް ތެދުވަން އުޅެނިކޮށް ތެދުވުމުގެ ކުރިން ހަނދާންވެއްޖެނަމަ ހަމަޖެހިލައި، އައްތަޙިއްޔާތުގައި އިންނާނީއެވެ. އެޔަށްފަހު އޭނާ ނަމާދު ފުރިހަމަކުރާނީއެވެ. އޭނާގެ މައްޗަށް ކުށު ސަޖިދަޖެހުމެއް ނުވެއެވެ.
- ދެން ތެދުވެ ފުރިހަމައަށް ތެދުނުވެވިގެން އުޅެނިކޮށް ހަނދާންވެއްޖެނަމަ، އައްތަޙިއްޔާތަށް ރުޖޫޢަވެ އިށނީދެ، އައްތަޙިއްޔާތު ނިންމާނީއެވެ. އެޔަށްފަހު ނަމާދު ފުރިހަމަކޮށް ކުށުސަޖިދަ ޖަހައި ސަލާމްދޭނީއެވެ. (އެބަހީ ކުށު ސަޖިދަޖަހާނީ ސަލާމްދިނުމުގެ ކުރިންނެވެ.)
- ދެން އޭނާގެ މައްޗަށް އައްތަޙިއްޔާތު ހަނދާންވީ ތެދުވެ (ޤިޔާމުގައި) ހަމަޖެހުނު ފަހުން ކަމުގައިވާނަމަ، އައްތަޙިއްޔާތު އަދާކުރާކަށް ނުޖެހޭނެއެވެ. އައްތަޙިއްޔާތަށް ރުޖޫޢަވާކަށް ނުޖެހޭނެއެވެ. ނަމާދު ފުރިހަމަކޮށް ސަލާމްދިނުމުގެ ކުރިން ކުށު ސަޖިދަ ޖަހާނީއެވެ.
އެކަމުގެ މައްޗަށް ވާ ދަލީލު
އެއީ ބުޚާރީ އަދި އެނޫންވެސް ބޭކަލުން ރިވާކުރައްވާފައިވާ (އަންނަނިވި) ޙަދީޘެވެ. ޢަބްދުﷲ ބިން ބުޙައިނާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ.
(أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ صَلَّى بِهِمُ الظّهْرَ، فَقَامَ فِي الرَّكْعَتَيْنِ الأُولَيَيْنِ لَمْ يَجْلِسْ، فَقَامَ النَّاسُ مَعَهُ حَتَّى إِذَا قَضَى الصَّلاَةَ وَانْتَظَرَ النَّاسُ تَسْلِيمَهُ كَبَّرَ وَهُوَ جَالِسٌ، فَسَجَدَ سَجْدَتَيْنِ قَبْلَ أَنْ يُسَلِّمَ، ثُمَّ سَلَّمَ)
(1)
މާނައީ: “ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެބޭކަލުންނާއިގެން މެންދުރު ނަމާދުކުރެއްވިއެވެ. ފުރަަތަމަ ދެރަކުޢަތުގައި (އެބަހީ ދެވަނަ ރަކުޢަތް ނިންމަވާފައި އައްތަޙިއްޔާތަށް) އިށީނދެވަޑައިނުގެން (ތިންވަނަ ރަކުޢަތަށް) ތެދުވެވަޑައިގެންފިއެވެ. އަދި މީސްތަކުންވެސް އެކަލޭގެފާނާއި އެކު ތެދުވެއްޖެއެވެ. އަދި އެކަލޭގެފާނު ނިމިވަޑައިގަނެގެން ސަލާމްދެއްވަންދެން މީސްތަކުން މަޑުކުރެއްވިއެވެ. (ދެން އެކަލޭގެފާނު ސަލާމްދެއްވުމުގެ ކުރިން) އިށީންދެވަޑައިގެން އިންނަވައި ތަކްބީރު ކިޔައި ސަލާމް ދެއްވުމުގެ ކުރިން ދެ ސަޖިދަ ޖައްސަވައި، އެޔަށްފަހު ސަލާމްދެއްވައިފިއެވެ.”
(ނުނިމޭ)
ދެން އަންނަ ބަޔެއްގައި: (ކުށު ސަޖިދަ ޖަހަން ޖެހޭ ތިންވަނަ ސަބަބު: ޝައްކުވުން.)
އިތުރުބައިތައް.
__________________
(1) رواه البخاري في الأذان باب من لم ير التشهد واجبا…(829) و في السهو (1224، 1225) و في مواضع أخرى، و رواه مسلم في المساجد باب السهو في الصلاة ح(85) (570).