[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مادة التوحيد ٥ (މުޤައްދިމާ ، ف 1 ، د 1 – ކާމިޔާބުވުމުގެ ސަބަބުތައް )

thauheedh 5

 

މުޤައްދިމާ

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين

މިދަރުސް ތަކަކީ ސުޢޫދީ އަރަބިއްޔާގެ ތަޢުލީމާއި ތަރުބިއްޔަތު މިނިސްޓްރީގެ ފަރާތުން އެޤައުމުގެ ސްކޫލު ތަކުގައި “ތައުޙީދު” ކިޔަވައިދޭން ތައްޔާރުކުރައްވާފައިވާ ބައެއް ފޮތްތައް އަސްލެއްކަމަށް ބަލައި، ތައްޔާރު ކުރެވޭ ދަރުސްތަކެކެވެ. ތައުޙީދު (މާތް ﷲ އެއްކައުވަންތަކަން) އަކީ އިސްލާމްކަމުގެ ބިންގަލަށް ވާއިރު ކުޑަކުދިންނަށް މިބިންގާ ހެޔޮ ގޮތުގައި އަޅައިދިނުމަކީ މައިން ބަފައިންގެ ކޮނޑުގައި އެޅިފައިވާ ނުހަނު ބޮޑު މަސްއޫލިއްޔަތެކެވެ. ފަހެ މިދަރުސްތަކަކީ ދިވެހިރާއްޖޭގެ ލޮބުވެތި ކުޑަކުދިންނަށް ތައުޙީދު ދެނެގަތުމަށް ހުޅުވާލެވުނު މަގެއް ކަމުގައި ﷲ ތަޢާލާ ލައްވާށި! އާމީން.

މިފޮތާ ބެހޭ ގޮތުން ފާހަގަ ކޮށްލަން ޖެހޭ ބައެއް މުހިއްމު ނުކުތާތައް:

1 މިފޮތްތައް އެކުލަވާލަން ގަސްދުކުރެވިފައިވަނީ ގްރޭޑް 6 އާ ހަމައަށެވެ.

2 ކޮންމެ ގްރޭޑެއްގެ ފިލާވަޅުތައް ނިމުމުން، ސުވާލު ތަކުގެ ރަނގަޅު ޖަވާބު ހިމެނޭ ޞަފްޙާއެއް ޝާޢިއު ކުރެވިފައިވާނެއެވެ. އެއީ އުނގަންނަވައިދެއްވާ ބޭފުޅުންނަށް ފަސޭހައަކަށާޓަކައި އަޅުގަނޑު ތައްޔާރު ކޮށްފައިވާ ޞަފުޙާއެކެއެވެ.

ދުޢާއަކީ ﷲ ތަޢާލާ މިމަސައްކަތް ޤަބޫލުކުއްވާ އަޅަމެންގެ ފާފަތައް ފުއްސަވައި ދެއްވުމެވެ.

**************************************************

ކާމިޔާބުވުމުގެ ސަބަބުތައް

ދަންނާށެވެ! – ﷲ ތިބާއަށް ރަޙްމަތް ލައްވާށިއެވެ! – ހަމަކަށަވަރުންވެސް އަހަރެމެންގެ މައްޗަށް ހަތަރު ކަމެއް އުނގެނުން ވާޖިބުވެގެންވެއެވެ.

ފުރަތަމައީ: ޢިލްމެވެ. އެއީ ﷲ މަޢުރިފާކޮށް ދެނެގަތުމާއި، އެއިލާހުގެ ނަބިއްޔާ صلى الله عليه وسلم މަޢުރިފާކޮށް ދެނެގަތުން އަދި ދަލީލާ އެކުގައި އިސްލާމްދީން މަޢުރިފާކޮށް ދެނެގަތުމެވެ.

ދެވަނައީ: އެއަށް ޢަމަލުކުރުމެވެ.

ތިންވަނައީ: އެއަށް ދަޢުވަތުދިނުމެވެ.

ހަތަރުވަނައީ: އެޢިލްމު އުނގެނުމުގައްޔާއި، އެއަށް ޢަމަލުކުރުމުގައި އަދި އެއަށް ދަޢުވަތު ދިނުމުގައި ކުރިމަތިވާ އުނދަގޫތަކަށް ކެތްތެރިވުމެވެ.

މީގެ ދަލީލަކީ ﷲ ތަޢާލާގެ ވަޙީބަސްފުޅެވެ.

﴿وَالْعَصْرِ  *إِنَّ الْإِنسَانَ لَفِي خُسْرٍ  *إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ ﴾   [سورة العصر ١-٣]

މާނައީ: “ޒަމާން ގަންދީ ވަޙީކުރައްވަމެވެ. ހަމަކަށަވަރުން އިންސާނާވަނީ ހަލާކެއްގެ ތެރޭގައެވެ. އީމާންވެ، ޞާލިޙު ޢަމަލުކޮށް، ޙައްޤަށް ވަޞިއްޔަތްކޮށް އަދި ކެތްތެރިވުމަށް އެއްބަޔަކު އަނެއްބަޔަކަށް ވަޞިއްޔަތްކުރި މީހުން ފިޔަވައެވެ.”

އިމާމު ޝާފިޢީ ރަޙިމަހުﷲ ވިދާޅުވިއެވެ.

“ﷲ އެއިލާހުގެ ޚަލްޤުތަކުންގެ މައްޗަށް ޙުއްޖަތެއްކަމުގައި މިސޫރަތް ފިޔަވައި އެހެން ސޫރަތެއް ބާވައިނުލެއްވި ނަމަވެސް، އެބައިމީހުނަށް ފުދުނީހެވެ.”

ފިލާވަޅުގެ އިރުޝާދުތައް

* ޒަމާން ގަންދެއްވާ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ހަމަކަށަވަރުން ނަޖާއާއި ކާމިޔާބީގެ ސަބަބުތަކުގައި ހިފައިފިމީހަކު މެނުވީ ވަނީ ހަލާކުގެ ތެރޭގައެވެ.

* ހަލާކުން ނަޖާކުރުވަނިވި ހަތަރު ސަބަބު އުނގެނުމަކީ މުސްލިމުންގެ މައްޗަށް ވާޖިބެކެވެ. އެއީ:

1 ﷲ އާއި އެއިލާހުގެ ނަބިއްޔާއާއި އެއިލާހުގެ ދީން ދެނެގަތުން: އެ އުނގެނޭ ފައިދާކުރަނިވި ޢިލްމަކީ ޢަމަލަށް މަގުފަހިވާފަދަ ޢިލްމަކަށް ވާންޖެހެއެވެ.

2 އިސްލާމްދީނަށް ޢަމަލުކުރުން: އެއީ (ﷲ އަށް) ކިޔަމަންކަން އަދާކުރުމާއެކު އެއިލާހު ނަހީކުރައްވާފައިވާ ކަންތައްތަކުން ދުރުހެލިވުމެވެ.

3 އިސްލާމްދީނަށް ގޮވާލައި، މީސްތަކުންގެ މެދުގައި އެދީން ފެތެރުން.

4 (ﷲއަށް) ކިޔަމަންކަން އަދާކުރުމުގައި ކެތްތެރިވުމާއި މީސްތަކުންނަށް ދީނަށް ގޮވާލުމުން މެދުވެރިވާ އުނދަގޫތަކަށް ކެތްތެރިވުން.

* މިސަބަބުތައް މިވަނީ ތަރުތީބުން އަތުރާލެވިފައެވެ. ފަހެ ހަމަކަށަވަރުން ޢަމަލުކުރުން ބިނާވަނީ ޢިލްމުގެ މައްޗަށެވެ. އަދި މީސްތަކުންނަށް ދީނަށް ގޮވާލުމުގެ ކުރީގައި ދީނުގެ ތަޢުލީމާ އެއްގޮތަށް ޢަމަލުކުރަންވާނެއެވެ.

* މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ މިމަސްއަލަތައް ދަސްކޮށް، އެހެން މީހުންނަށް އުނގަންނައިދިނުމެވެ. އެހެނީ މިއީ ޢިލްމުފެތުރުމާއި މީސްތަކުންނަށް ދީނަށް ގޮވާލުމުގެ ތެރޭގައި ހިމެނޭ ކަންތައްތަކެވެ.

ސުވާލުތައް

1 ތިބާ އުނގެނުން ވާޖިބުވާ ކަންތައް ބަޔާންކުރާށެވެ.

2 ޒަމާން ގަންދެއްވުމަށް ފަހު ﷲ ތަޢާލާ ވަޙީކުރެއްވި ބަސްފުޅުގެ މާނައަކީ ކޮބާ ހެއްޔެވެ؟

3 ޢަޞްރު ސޫރަތުގައި ބަޔާންކުރައްވާފައިވާ ކާމިޔާބުވުމުގެ ސަބަބުތަކަކީ ކޮބާ ހެއްޔެވެ؟

4 އަންނަނިވި ކަންތައްތައް ތަރުތީބުކުރާށެވެ.

ކެތްތެރިކަން – ޢިލްމު އުނގެނުން – ﷲ ގެ ދީނަށް ދަޢުވަތުދިނުން – ޢަމަލުކުރުން

5 ޢަޞްރު ސޫރަތާ ބެހޭގޮތުން އިމާމު ޝާފިޢީ ވިދާޅުވެފައިވާ ބަސްފުޅު ލިޔާށެވެ.

އެ ބަސްފުޅުން ދަލީލުކުރަނީ ކޮންކަމަކަށް ހެއްޔެވެ؟

_________________________________

مادة التوحيد ١ (ފޮތް)

مادة التوحيد ٢ (ފޮތް)

مادة التوحيد ٣ (ފޮތް)

مادة التوحيد ٤ (ފޮތް)

مادة التوحيد ٥  ގެ އެހެނިހެން ބައިތައް