ނަމާދު ވާޖިބުވަނީ ކޮންބައެއްގެ މައްޗަށް
1- މުސްލިމެއް ކަމުގައިވާން ޖެހެއެވެ. ﷲ ތަޢާލާގެ އެއްކައުވަންތަކަމަށާއި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ އެއިލާހުގެ ރަސޫލާކަމަށް ހެކިވެއްޖެ ކޮންމެ މީހެއްގެ މައްޗަށް ނަމާދު ޤާއިމުކުރުން ވާޖިބުވެގެން ވެއެވެ. ކާފިރުކަމުގެ ޙާލަތުގައިވާ މީހާގެ މައްޗަކަށް ނަމާދު ވާޖިބެއްނޫނެވެ. އަދި ކާފިރަކު އިސްލާމްވުމަށްފަހުގައި، އޭގެ ކުރީގެ ނަމާދުތައް ޤަޟާކުރާކަށްވެސް ނުޖެހޭނެއެވެ.
2- މުކައްލަފެއް ކަމުގައިވާންޖެހެއެވެ. އެބަހީ ބާލިޣުވެފައިވާމީހަކަށް އަދި ބުއްދި ސަލާމަތުންހުރި މީހަކަށްވާން ޖެހެއެވެ. ބާލިޣުނުވާ އަދި ބުއްދި ސަލާމަތުންހުރިމީހަކަށް ނުވާނަމަ އެމީހާގެ މައްޗަކަށް ނަމާދު ވާޖިބެއްނޫނެވެ.
ވަޤުތީގޮތުން ނަމާދުގެ ވާޖިބުކަން ކެނޑިގެންދާ ހާލަތްތައް
1 – ޙައިޟުވެރި ޙާލަތުގައިވާ އަދި ނިފާސްވެރި ޙާލަތުގައިވާ އަންހެނުންގެ މައްޗަށް، އެ ޙާލަތުގައި ނަމާދު ވާޖިބު ނުވާނެކަމަށް ޢިލްމުވެރިން އިޖްމާޢުވެފައި ވެއެވެ. އަދި އެދުވަސްވަރުގެ ނަމާދުތައް ފަހުން ޤަޟާކުރާކަށްވެސް ނުޖެހޭނެއެވެ.
2 – ހޭނެތިފައިވާ މީހާގެ މައްޗަށް ނަމާދު ވާޖިބެއްނޫނެވެ. އަދި އެމީހާ ހޭ އެރުމުން އެ ނަމާދުތައް ޤަޟާކުރާކަށްވެސް ނުޖެހޭނެއެވެ.
3 – މަސްތުވެފައިވާ މީހާއަށް، އޭނާއަށް ނަމާދުގައި ކިޔޭތަކެތި އެނގޭވަރުވާކަމުގައި ވާނަމަ އެއީ ނަމާދުގެ ވަގުތުގައިނަމަ އެ ނަމާދު ވަޤުތުގައި އަދާކުރަންޖެހޭނެއެވެ. ނަމާދުވަގުތު ފާއިތުވެފައިވާނަމަ އެ މަސްތުގެ ޙާލަތުގައި ދޫވެފައިވާ ނަމާދުތައް ޤަޟާކުރަން ޖެހޭނެއެވެ.
4 – ބޭހަކުން ނުވަތަ އެހެންވެސް ހުއްދަ އެއްޗެއް ބޭނުންކޮންގެން ބުއްދި ފިލައިދާމީހާ، އޭނަ އެކަންކުރީ އަމިއްލަ އިޚްތިޔާރުގައިކަމުގައިވާނަމަ ނަމާދުތައް ފަހުން ޤަޟާކުރަންޖެހޭނެއެވެ. އަމިއްލަ އިޚްތިޔާރުގައި ނޫންކަމުގައިވާނަމަ އެ ނަމާދުތައް ފަހުން ޤަޟާކުރާކަށް ނުޖެހޭނެއެވެ.
5 – ނިދިފައިވާ މީހާ ނުވަތަ ހަނދާންނެތިފައިވާ މީހާ، ހޭލެވުމުން ނުވަތަ ހަނދާންވުމުން ލަސްނުކޮށް ނަމާދު އަދާކުރަންވާނެއެވެ. އެހެނީ ހަނދާންނެތިފައިވާ މީހާއާއި ނިދިފައިވާ މީހާއަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަނޑައަޅުއްވާފައިވާ ވަގުތަކީ ހަނދާންވާ ވަގުތެވެ. ނުވަތަ ނިދިން ހޭލެވޭ ވަގުތެވެ.
ކުޑަކުދިންގެ ނަމާދު
ބާލިޣުނުވާ ކުޑަކުދިން ކުރާ ހެޔޮކަންތައްތަކަށް އަޖުރު ލިބެއެވެ. އަދި އެކުދިންކުރާ ހެޔޮޢަމަލުތަކުގެ އަޖުރު އެކުދިންގެ މައިންބަފައިންނަށްވެސް ލިބެއެވެ. ނަމަވެސް އެކުދިން ކުރާ ނުބައި ގޯސް ޢަމަލުތަކެއް ނުލިޔެވެއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ދަރިންގެ އުމުރުން ބަރާބަރު ހަތް އަހަރުވުމުން އެކުދިންނަށް ނަމާދު ކުރުމަށް އަމުރުކުރުމަށް އަންގަވާފައެވެ. އެހެންކަމުން އަޅުގަނޑުމެން އެކުދިންނަށް ނަމާދުކުރުމަށް އަމުރުކުރާނަމަ، ނަމާދުކުރުމުގެ ކުރިން ކޮންމެހެން ކުރުން ވާޖިބުވާ ވުޟޫކުރުންފަދަ ކަންތައްތަކަށްވެސް އަމުރުކުރަންވާނެއެވެ.
އަދި އެކުދިންގެ އުމުރުން ދިހަ އަހަރުވުމުން، ނަމާދުކުރަން އަމުރުކުރުމުންވެސް ނަމާދު ނުކުރާނަމަ އަދަބުދިނުމުގެ ގޮތުން އެކުދިންގެ ގައިގާ ޖަހައިގެންވެސް ނަމާދުކުރުވުމަށް މަސައްކަތްކުރުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އަމުރުކުރައްވާފައެވެ. ޖަހަން ޖެހިއްޖެ ހާލަތުގައިވެސް ޖަހަން ޖެހޭނީ އަދަބެއް ދިނުމުގެ ގޮތުންނެވެ. އަނިޔާއެއް ދިނުމުގެ ގޮތުންނެއްނޫނެވެ.
ނަމާދުގެ ޝަރުތު ތަކާއި ވާޖިބުތަކަށް ރައްކާތެރިވެހުރެ، ބާލިޣުނުވާ ކުޑަކުއްޖާ ނަމާދު އަދާކުރިފަހުން، ނަމަވެސް ނަމާދުގެ ވަޤުތު ފާއިތުނުވަނީސް، ބާލިޣުވެއްޖެނަމަ ނަމާދު އަލުން ޢިޔާދަކުރާކަށް ނުޖެހޭނެއެވެ.
– ނުނިމޭ –
މަސްދަރު: މި ލިޔުމަށް މައިގަނޑުގޮތެއްގައި މަޢުލޫމާތު ނަގާފައިވާނީ ފަޟީލަތުއްޝައިޚް .މުޙައްމަދު ބިން ޞާލިޙުލް ޢުޘައިމީން ( ރަޙިމަހުﷲ ) ގެ الشرح الممتع على زاد المستقنع އިން