އެހެންކަމުން ޘަވާބާއި ޢަޛާބު ލިބުންފަދަ ކަންކަމުގައި އަންހެނުންނާއި ފިރިހެނުންނީ ހަމަހަމަ ބައެކެވެ. ފިިރިހެނަކަށްވުމުން ނުވަތަ އަންހެނަކަށްވުމުން މިކަންކަމުގައި އުނި އިތުރުވުމެއް ނެތެވެ. ނަމަވެސް ބައެއް އަޅުކަންތަކުގައި އަންހެނާއަށް ދިމާވާ ޖިސްމާނީ ބައެއް ކަންކަމުގެ ސަބަބުން ތަފާތެއް އާދެއެވެ. އެއީ މިސާލަކަށް ޙައިޟުވުމުންނާއި ނިފާސްވުމުން، ނަމާދުކުރުމާއި ރޯދަހިފުންފަދަ ބައެއް އަޅުކަންތައް ކުރުން މަނާވުމެވެ. ނަމަވެސް އެފަދަކަންކަމުން އެކަންބަލުންނަށް އެއްވެސް ގެއްލުމެއް ނެތެވެ. އެއީ އެކަމުގެ ސަބަބުން ގެއްލިގެންދާ ނަމާދުތަކަކީ އެއަށް އޭނާ ޒިންމާވާން ޖެހޭ ނަމާދުތަކެއް ނޫނެވެ. އަދި އެނަމާދުތައް ދޫކޮށްލުމުން އޭނާ ފާފަވެރިއެއްވެސް ނުތެވެ. އެނަމާދުތައް ފަހުން ކުރާކަށްވެސް ﷲ ނާންގަވަތެވެ. އެދުވަސްތަކުގައި އެފާއިތުވާ ނަމާދުތައް ފަހުން ކުރަން ޖެހޭނެނަމަ އެކަނބަލުންނަށް އެއީ ވަރަށް ބޮޑު ތަކްލީފަކަށް ވެގެން ދާނެއެވެ. އެހެންކަމުން އެ ނަމާދުތައް އަލުން ކުރަން ނުޖެހޭނެކަމަށް ކަނޑައަޅައިދެއްވާ އެކަނބަލުންނަށް އެކަމުގައިވެސް ﷲ ވަނީ ވަރަށް ބޮޑު ލުއިފަސޭހައެއް ދެއްވާފައެވެ. އަދި ގެއްލިގެންދާ ފަރުޟު ރޯދަތައް އަހަރުގެ ކޮންމެ ދުވަހަކުންވެސް ހިފާ ހަމަކުރުމުން ފުދޭ ފަދަ ލުއިފަސޭހަގޮތެއް އެކަނބަލުންނަށް ﷲ ދެއްވާފައިވެއެވެ. އެހެންކަމުން މިކަން މިވަނީ ވަރަށް ޢަދުލުވެރިކަމާއިއެކު ނިންމަވާދެއްވާފައެވެ.
ފިރިހެނަކަށްވިއަސް އަދި އަންހެނަކަށްވިއަސް އޭނާގެ ޢަމަލުތަކުގައި އުނި އިތުރުވުމެއް ނެތެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:
فَاسْتَجَابَ لَهُمْ رَبُّهُمْ أَنِّي لَا أُضِيعُ عَمَلَ عَامِلٍ مِّنكُم مِّن ذَكَرٍ أَوْ أُنثَىٰ ۖ بَعْضُكُم مِّن بَعْضٍ ۖ فَالَّذِينَ هَاجَرُوا وَأُخْرِجُوا مِن دِيَارِهِمْ وَأُوذُوا فِي سَبِيلِي وَقَاتَلُوا وَقُتِلُوا لَأُكَفِّرَنَّ عَنْهُمْ سَيِّئَاتِهِمْ وَلَأُدْخِلَنَّهُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ ثَوَابًا مِّنْ عِندِ اللَّـهِ ۗوَاللَّـهُ عِندَهُ حُسْنُ الثَّوَابِ [ سورة آل عمران: ١٩٥]
މާނައީ:” ދެން، އެއުރެންގެ ވެރިރައްބު، އެއުރެންގެ ދުޢާ އިޖާބަ ކުރެއްވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ތެރެއިން ފިރިހެނުންކުރެ ނުވަތަ އަންހެނުންކުރެ، ޢަމަލުކުރާ މީހެއްގެ ޢަމަލު، ތިމަންރަސްކަލާނގެ ގެއްލެނި ނުކުރައްވާހުށީމެވެ. ތިޔަބައިމީހުންކުރެ އެއްބަޔަކުވަނީ އަނެއްބަޔެއްގެ ކިބައިންނެވެ. ފަހެ، އެއުރެން ހިޖުރަކޮށް އެއުރެންގެ ގޮވަތިގެދޮރުން ނެރެވި، ތިމަންރަސްކަލާނގެ މަގުގައި އެއުރެންނަށް އުނދަގޫލިބި، ހަނގުރާމަކޮށް، އަދި ޤަތުލުވީ މީހުންގެ ކިބައިން އެއުރެންގެ ކުށްފާފަތައް ހަމަކަށަވަރުން ތިމަންރަސްކަލާނގެ ފުއްސަވާހުށީމެވެ. އަދި، އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެން ވައްދަވާހުށީމެވެ. ﷲ ގެ ޙަޟުރަތުން ލިބޭ ޘަވާބެއްގެ ގޮތުގައެވެ. ރިވެތިވެގެންވާ ޘަވާބުވަނީ ﷲ ގެ ޙަޟުރަތުގައެވެ.”
ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ ﴿٧﴾ وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ ﴿٨﴾[سورة الزلزلة]
މާނައީ:” ޛައްރެއްގެ މިންވަރުވެސް ހެޔޮކަމެއްކޮށްފިމީހާ އެކަން ދެކޭނެތެވެ. އަދި ޛައްރެއްގެ މިންވަރުވެސް ނުބައިކަމެއްކޮށްފިމީހާ އެކަން ދެކޭނެތެވެ.”
އަދި އެހެން އާޔަތެއްގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
إِنَّ الْمُسْلِمِينَ وَالْمُسْلِمَاتِ وَالْمُؤْمِنِينَ وَالْمُؤْمِنَاتِ وَالْقَانِتِينَ وَالْقَانِتَاتِ وَالصَّادِقِينَ وَالصَّادِقَاتِ وَالصَّابِرِينَ وَالصَّابِرَاتِ وَالْخَاشِعِينَ وَالْخَاشِعَاتِ وَالْمُتَصَدِّقِينَ وَالْمُتَصَدِّقَاتِ وَالصَّائِمِينَ وَالصَّائِمَاتِ وَالْحَافِظِينَ فُرُوجَهُمْ وَالْحَافِظَاتِ وَالذَّاكِرِينَ اللَّـهَ كَثِيرًا وَالذَّاكِرَاتِ أَعَدَّ اللَّـهُ لَهُم مَّغْفِرَةً وَأَجْرًا عَظِيمًا[ سورة الأحزاب35 :]
މާނައީ:”ހަމަކަށަވަރުން މުސްލިމް ފިރިހެނުންނާއި، އަދި މުސްލިމް އަންހެނުންނާއި، އަދި މުއުމިނު ފިރިހެނުންނާއި އަދި މުއުމިނު އަންހެނުންނާއި، އަދި ކިޔަމަންތެރި ފިރިހެނުންނާއި އަދި ކިޔަމަންތެރި އަންހެނުންނާއި، އަދި ތެދުވެރި ފިރިހެނުންނާއި އަދި ތެދުވެރި އަންހެނުންނާއި، އަދި ކެތްތެރި ފިރިހެނުންނާއި އަދި ކެތްތެރި އަންހެނުންނާއި، އަދި ބިރުވެތިވާ ފިރިހެނުންނާއި އަދި ބިރުވެތިވާ އަންހެނުންނާއި، އަދި ޞަދަޤާތްދޭ ފިރިހެނުންނާއި އަދި ޞަދަޤާތްދޭ އަންހެނުންނާއި، އަދި ރޯދަހިފާ ފިރިހެނުންނާއި ރޯދަހިފާ އަންހެނުންނާއި، އަދި އެބައިމީހުންގެ ފަރުޖުތައް ރައްކާތެރިކުރާ ފިރިހެނުންނާއި ރައްކާތެރިކުރާ އަންހެނުންނާއި، އަދި ގިނަގިނައިން ﷲ ޛިކުރުކުރާ ފިރިހެނުންނާއި ، އަދި ޛިކުރުކުރާ އަންހެނުންނާއި، އެެ އެންމެންނަށްޓަކައި اللَّه ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަ ތައްޔާރު ކުރެއްވިއެވެ.”
އަދިވެސް ﷲ ވަޙީކުރައްވާފައިވެއެވެ.
مَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً ۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا يَعْمَلُونَ [ سورة النحل: ٩٧]
މާނައީ:” މުއުމިނަކު ކަމުގައިވާ ޙާލު ، ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، ހެޔޮޢަމަލެއް ކޮށްފިމީހާ (ދަންނައެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން ޢަމަލުކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެއުރެންނަށް، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ.”
އަދިވެސް ﷲ ވަޙީކުރައްވާފައިވެއެވެ.
وَمَن يَعْمَلْ مِنَ الصَّالِحَاتِ مِن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَأُولَـٰئِكَ يَدْخُلُونَ الْجَنَّةَ وَلَا يُظْلَمُونَ نَقِيرًا [ سورة النساء]
މާނައީ: “އަދި، މުއުމިނަކު ކަމުގައި ވެގެންހުރެ، ފިރިހެނުންނާއި، އަންހެނުންގެ ތެރެއިން ހެޔޮ ޢަމަލު ކުރާމީހާ (ދަންނައެވެ!) ފަހެ، އެއުރެން ސުވަރުގެޔަށް ވަންނާނެތެވެ. އަދި، ކިތަންމެ ކުޑަ މިންވަރަކުންވިޔަސް އެއުރެންނަށް އަނިޔާއެއް ނުކުރައްވާހުށްޓެވެ.”
= ނުނިމޭ =
_________________________