الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
އިސްތިޙާޟާގެ ލޭ: މިއީ ޙައިޟު އަދި ނިފާސް ނޫން ވަގުތުތަކުގައި އަންނަ ލެއެވެ. އިސްތިޙާޟާގެ ލޭގެ ޙުކުމް އަދި ސިފަވެސް ކުރީގައި ބަޔާންވެވުނު ދެލެއާއި ތަފާތު ވާނެއެވެ. އިސްތިޙާޟާގެ ލޭގެ ސަބަބުން ނަމާދު އަދި ރޯދަ ދޫކޮއްލާކަށް ނުޖެހޭނެއެވެ. އިސްތިޙާޟާގެ ލޭ އަންނަ ދުވަސްވަރު، އެލޭ ދޮވެ ސާފުކޮށްގެން ލޭ އަންނަތަން ރަނގަޅަށް ބަންދު ކުރުމަށްފަހު ވަގުތު ވަނުމުން ވުޟޫ ކޮށްގެން ނާމާދު ކުރަން ޖެހޭނެއެވެ. އަދި ކޮންމެ ފަރުޟު ނަމާދަކަށް ވަކި ވުޟޫއެއް ކުރަން ޖެހޭނެއެވެ.
އިސްތިޙާޟާވެރިންގެ ތިން ޙާލަތު:
ފުރަތަމަ ޙާލަތު: ޙައިޟުގެ މުއްދަތު ބަޔާންވެގެން ރަނގަޅަށް އެނގޭ މީހާ ދަންނައެވެ. އެމީހާގެ ޙައިޟުގެ މުއްދަތު ނިމެންދެން ނަމާދާއި ރޯދަ ދޫކޮއްލުމަށްފަހު، އެމުއްދަތު ހަމަވުމުން ހިނައި ޠާހިރުވެ ނަމާދުކުރުން ފަށައިގަންނަން ޖެހޭނެއެވެ. އަދި އެމީހާގެ ޙައިޟުގެ މުއްދަތުގެ ފަހުން އަންނަ ލެއަކީ އިސްތިޙާޟާގެ ލެއެވެ.
ދެވަނަ ޙާލަތު: ޙައިޟުގެ މުއްދަތު ބަޔާންވެ ނޭނގޭ، އެހެން ނަމަވެސް ލޭގެ ކުލައަށް ބަލާފައި ވަކިކުރަން އެނގޭ މީހާ ލޭގެ ސިފަތަކަށް ބަލާފައި ޙައިޟު ނިމުނުކަން ފާހަނގަ ކުރާނީއެވެ.
ތިންވަނަ ޙާލަތު: ޙައިޟުގެ މުއްދަތު ބަޔާންވެ ނޭނގޭ، އަދި ލޭގެ ސިފަތަކުންވެސް ވަކިކުރަން ނޭނގޭ މީހާ، ޢާންމުގޮތެއްގައި މީހުން ޙައިޟުވާ މުއްދަތަށް ބިނާކޮށް ޠާހިރުވާނީއެވެ. ޙައިޟުގެ ޢާންމު މުއްދަތަކީ ހަދުވަސް ނުވަތަ ހަތްދުވަހެވެ.
ޙައިޟުގެ ލެއާއި އިސްތިޙާޟާގެ ލޭ ވަކިކުރާނެ ގޮތް:
ކުލަ: ޙައިޟުގެ ލޭގެ ކުލައަކީ ކަޅުކުލައާއި ކައިރިކުރާ ގަދަ ކުލައެކެވެ. އިސްތިޙާޟާގެ ލޭގެ ކުލައަކީ ރަތް ކުލައެވެ.
ބޯމިނާއި ތުނިމިން: ޙައިޟުގެ ލޭ ބޯވާނެއެވެ. އިސްތިޙާޟާގެ ލޭ ތުނިވާނެއެވެ.
ވަސް: ޙައިޟުގެ ލޭގެ ވަސް ނުބައިވާނެއެވެ. އިސްތިޙާޟާގެ ލޭގައި ވަހެއް ނުހުންނާނެއެވެ.
ލޭ ގަނޑުވުން: ޙައިޟުގެލޭ ނުކުތުމަށްފަހު ގަނޑުނުވާނެއެވެ. އެހެންނަމަވެސް އިސްތިޙާޟާގެ ނުކުތުމަށްފަހު ގަނޑުވާނެއެވެ.
=ނިމުނީ=
____________________________________
مصدر: الفقه الميسر