الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ޖަމާޢަތުގެ ނަމާދު:
ޖަމާޢަތުގެ ނަމާދަކީ އިސްލާމްދީނުގެ ޝިޢާރުތަކުގެ ތެރެއިން ވަރަށް މަތިވެރި ޝިއާރެކެވެ. އަދި މިމަތިވެރި އަޅުކަން މިސްކިތްތަކުގައި، ފަސްވަގުތު އަދާކުރުމަކީ އެންމެ މަތިވެރި އަޅުކަންތަކުގެ ތެރެއިން އަޅުކަމެކެވެ. ޖަމާޢަތުގެ ނަމާދުގެ މަތިވެރިކަން ބަޔާންކުރައްވާ މާތް ނަބިއްޔާﷺ ޙަދީޘް ކުރައްވާފައިވެއެވެ. (صَلَاةُ الجَمَاعَةِ أَفْضَلُ مِنْ صَلَاةِ الفَذِّ بِسَبْعٍ وَعِشْرِيْنَ دَرَجَةً) މާނައީ: ” އެކަނި ކުރާ ނަމާދަށްވުރެ، ޖަމާޢަތުގައި ކުރާނަމާދު ހަތާވީސްގުނަ މަތިވެރިވެގެންވެއެވެ.”
ފަރުޟު ފަސްނަމާދު ޖަމާޢަތުގައި އަދާކުރުމަކީ ވާޖިބެކެވެ. ކީރިތި ޤުރުއާނާއި، މާތް ނަބިއްޔާ ﷺގެ ސުންނަތާއި، ޢިލްމުވެރިންގެ އިޖްމާޢުން މިކަމަށް ދަލީލު ލިބެއެވެ
މިގޮތުން، ސޫރަތުއް ނިސާގެ 102ވަނަ އާޔަތުގެ މާނައިގައި ވެއެވެ. “އަދި، އެބައިމީހުންގެ ތެރޭގައި އެބައިމީހުންނާއިގެން ނަމާދު ޤާއިމްކުރައްވައިފިނަމަ، އެބައިމީހުންގެތެރެއިން ބަޔަކު ކަލޭގެފާނާއިއެކުގައި ނަމާދަށް ޤާއިމްވާހުށިކަމެވެ.”
މާތް ނަބިއްޔާﷺގެ އަރިހަށް، ގޭގައި ނަމާދު ކުރުމަށް އުޒުރެއް ހޯދުމަށް ލޯފަންމީހަކު އައުމުން އެމީހާއާއި ސުވާލު ކުރެއްވިއެވެ. “ތިބާއަށް ބަންގީގެ އަޑު އިވޭހެއްޔެވެ؟” ޖަވާބުގައި އާނއެކޭ އެމީހާ ދެންނެވުމުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. (أَجِبْ، لَا أَجِد لَكَ رُخْصَة) މާނައީ: “އެއަށް އިޖާބަދޭށެވެ. ތިބާއަށްޓަކައި، ތިމަންކަލޭގެފާނަށް ލުޔެއް ނުފެނެއެވެ.”
ޖަމާޢަތުގެ އެންމެ މަދު މިންވަރަކީ ކޮބާ؟
ނަމާދުކުރުމަށް ހެދޭ ޖަމާޢަތެއްގެ އެންމެ މަދު މިންވަރަކީ ދެމީހުންކަމާއިމެދު އެއްވެސް ޚިލާފެއް ނެތެވެ.
ޖަމާޢަތުގެ ނަމާދު ދޫކޮއްލެވޭ ޢުޒުރުވެރިންނަކީ ކޮބާ؟
- މިސްކިތަށް ގޮސްހެދުމަށް ދަތިވާވަރުގެ ބައްޔެއްޖެހިފައިވާ މީހާ.
- ބަނޑުހައިވެފައިވާ ހާލުގައި ހުއްޓާ، ނަމާދުގަޑީގައި ކާއެއްޗިހި ލިބުނުމީހާ އަދި ޖަމާޢަތް ފެށުނުއިރު ފާޚާނާއަށް ދާންޖެހިފައިވާ މީހާ.
- ޖަމާޢަތަށް ގޮސްހުއްޓާ އެމީހާގެ މުދާ ގެއްލިދާނެކަމުގެ ބިރުހީވެފައިވާ މީހާ. އަމިއްލަ ނަފްސުގެ މައްޗަށް ބިރުހީވެފައިވާ މީހާވެސް މީގެތެރޭގައި ހިމެނޭނެއެވެ.
- ކަނު އަނދިރީގެ ސަބަބުން، ގަދަ ފިނީގެ ސަބަބުން ނުވަތަ މިފަދަ އެހެން ސަބަބެއް މެދުވެރިވެގެން މިސްކިތަށް ނުދެވެފަދަ ޙާލެއްގައިވާ މީހާ.
=ނުނިމޭ=
____________________________________
مصدر: الفقه الميسر