[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

كتاب الزكاة (8)

 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

ޒަކާތުގެ ބެހެނިވެރިން:

މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.

﴿ إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللَّـهِ وَابْنِ السَّبِيلِ ۖ فَرِيضَةً مِّنَ اللَّـهِ ۗ وَاللَّـهُ عَلِيمٌ حَكِيمٌ ﴾ [سورة التوية ٦٠]

މާނައީ: ” ހަމަކަށަވަރުން ޞަދަޤާތުގެ ތަކެތި ވަނީ ފަޤީރުންނަށާއި، މިސްކީނުންނަށާއި، އެކަމުގެ ޢާމިލުންނަށާއި، އެބައިމީހުންގެ ހިތްތައް އެކުވެރި ކުރައްވާ މީހުންނަށާއި، އަޅުން މިނިވަންކުރުމުގައްޔާއި، ދަރަނިވެރިންނަށާއި، ﷲގެ މަގުގައްޔާއި، (ޙާލުގައި ޖެހިފައިވާ) ދަތުރުވެރިންނަށެވެ. ﷲގެ ޙަޟްރަތުން ކަނޑައަޅުއްވާފައިވާ ފަރުޟެއްގެ ގޮތުގައެވެ. ﷲއީ މޮޅަށް ދެނެވޮޑިގެންވާ ޙަކީމްވަންތަ އިލާހެވެ”.

 1. ފަޤީރުން: އެއީ ކާބޯތަކެއްޗާއި އަންނައުނާއި ގެދޮރު އެމީހެއްގެ އަމިއްލަ ޙާޖަތްތަކާއި އެމީހާ ބަލަހައްޓަންޖެހޭ މީހުންގެ ޙާޖަތްތައް ފުއްދޭވަރަށް ނެތްމީހާއެވެ. އެމީހާއަށް އަހަރަކަށް ވާވަރަށް، ޒަކާތުން ދެވޭނެއެވެ.
 2. މިސްކީނުން: އެއީ އެމީހެއްގެ ޙާޖަތްތަކުގެ ދެބައިކުޅައެއްބައި ހުރިމީހާއެވެ. ނުވަތަ އެއައްވުރެ ތަންކޮޅެއް ގިނައިން ހުރިމީހާއެވެ. އެމީހާއަށްވެސް އަހަރަކަށް ވާވަރަށް، ޒަކާތުން ދެވޭނެއެވެ.
 3. ޢާމިލުން: އެއީ މުސްލިމުންގެ ވެރިޔާގެ ފަރާތުން ޒަކާތުގެ ކަންތައްތަކާއި ހަވާލު ކުރެވިފައިވާ މީހުންނެވެ. އެމީހާއަކީ މުއްސަންޖަކަށް ވިޔަސް ޒަކާތުގެ މަސައްކަތުގެ ތެރޭގައި އުޅޭ މުއްދަތަށް ފުދޭވަރަށް އެމީހާއަށް ދެވޭނެއެވެ. ސަބަބަކީ އެމީހާގެ ވަގުތު އެކަމަށް ހުސްކޮއްގެން ހުރީތީއެވެ. ޢާމިލުންނަކީ ޒަކާތް ނެގުމާއި، އެކަމާއި ބެހޭ ލިޔެކިޔުންތައް ބެލެހެއްޓުމާއި، ޒަކާތުގެ ގޮތުގައި ނެގިފައިވާ މުދާ ބެލެހެއްޓުމާއި، އެމުދާ ބެހުމުގެ ކަންތަކާއި ހަވާލުކުރެވިފައިވާ މީހުންނެވެ.
 4. ހިތްތައް އެކުވެރި ކުރައްވާ މީހުން: އެމީހުންނަކީ ކާފިރުންގެ ތެރެއިން އިސްލާމްދީނަށް ލޯބިޖެއްސުމަށް ޒަކާތް ދެވޭމީހުންނެވެ. ނުވަތަ މުސްލިމުންގެތެރެއިން ދީނީ ކަންތައްތަކާމެދު ފަރުވާކުޑަ ކުރާ މީހުން، އިސްލާމްދީން މަތީ ޘާބިތު ކުރުވުމުގެ ގޮތުން ދެވޭ މީހުންނެވެ. ނުވަތަ އެބައިމީހުންގެ ގާތްތިމާގެ މީހުން އިސްލާމްދީނަށް ޝައުޤުވެރި ކުރުވުމަށް ޒަކާތް ދެވޭމީހުންނެވެ. ނުވަތަ އެބައެއްގެ އެހީތެރިކަން ހޯދުމަށާއި އެމީހުންގެ ދުއްތުރާރަކުން ސަލާމަތް ވުމަށް، ޒަކާތުން ދެވޭ މީހުންނެވެ.
 5. އަޅުން މިނިވަންކުރުން: މިއީ މުސްލިމް އަޅުން މިނިވަންކުރުމަށް، ޒަކާތުން ދެވޭ ބައެވެ. ދުޝްމަނުންގެ އަތްދަށުގައިވާ މުސްލިމު އަސީރުން ސަލާމަތް ކުރުމަށްވެސް ޒަކާތުގެ މިބައިން ދެވޭނެއެވެ.
 6. ދަރަނިވެރިން: މިއީ ﷲއަށް ނުއުރެދޭ ކަމެއްގައި ނަގާފައިވާ ދަރަންޏެއް އަދާކުރުމަށް ނުކުޅެދިގެންވާ މީހާއެވެ.
 7. ﷲގެ މަގުގައި: މިއީ ބައިތުލްމާލުން ވަކި ޚާއްޞަ މުސާރައެއްނެތި، ﷲގެ މަގުގައި މަސައްކަތްކުރާ މީހުންނެވެ. މިބައިމީހުންނަކީ މުއްސަދިން ކަމުގައިވިޔަސް ޒަކާތުން ދެވޭނެއެވެ.
 8. ދަތުރުވެރިން: މިއީ ދަތުރެއްގައި ގޮސްހުއްޓާ ހާލުގައި ޖެހިފައިވާ މީހާއެވެ.

ޒަކާތުން ދިނުން ހުއްދަ ވެގެންނުވާ މީހުން:

 1. މުދާ ހޯދުމުގެ ކުޅަދާނަކަން ލިބިފައިވާ، ގައިގަ ބާރުހުރި މީހުން އަދި މުއްސަނދިން: އެހެންނަމަވެސް މިމީހުންގެ ތެރެއިންވެސް ޢާމިލުންނާއި ދަރަނިވެރިންނަށް ޒަކާތުން ދެވޭނެއެވެ.
 2. އެމީހަކު ޚަރަދު ބަލަހައްޓަން ޖެހިފައިވާ، މައިންބަފައިންނާއި ދަރިންނާއި އަނބިމީހާ:
 3. ކާފިރުންގެ ތެރެއިން މަތީގައި ބަޔާންކުރެވިފައިވާ މީހުން ފިޔަވައި އިތުރު މީހުން:
 4. އާލު ބައިތުން:
 5. އަޅުން:

=ނިމުނީ=

____________________________________

مصدر: الفقه الميسر

މިލިޔުމުގެ އެހެންބައިތައް