ބަންގިއާއި ޤަމަތުގެ ޙުކުމު
ބަންގި ދިނުމާއި ޤަމަތް ދިނުމަކީވެސް ދެ ފަރުޟު ކިފާޔަތެކެވެ. ފަރްޟު ކިފާޔަތަކީ، އެކަމަށް ފުދޭ އަދަދެއްގެ ބަޔަކު، އެ ފަރުޟެއް އަދާކުރުމުން ބާކީ ތިބި މީސްތަކުންގެ މަތިން، އެކަން ކެނޑިގެންދާ ކަންކަމެވެ.
ބަންގިއާއި ޤަމަތުގެ ފަރުޟިއްޔަތުކަމަށް ދަލީލުކޮށްދެނީ، ވަރަށް ގިނަ ޙަދީސް ތަކެއްގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެ ދެކަމަށް އަމުރު ކުރައްވާފައި ވާތީއެވެ. އަދި ރަށުގައި ހާޒިރުވެ ހުންނަ އިރުގައާއި ދަތުރުމަތީގައިވެސް އެކަލޭގެފާނު އެދެކަންތައް ދޫނުކުރައްވައެވެ. އަދި ގިނަފަހަރު އެދެކަންތަކާއި ނުލައި ނަމާދުގެ ވަޤުތުވެއްޖެކަން މީސްތަކުންނަށް އެނގިގެންވެސް ނުދާކަމަށްޓަކައެވެ. އަދި މީގެ އިތުރުން، ބަންގިއާއި ޤަމަތުގައި ވަރަށްބޮޑެތި ދީނީ މަސްލަޙަތުތަކެއް އެކުލެވިގެންވުމާއި، އެދެކަންތަކަކީވެސް ދީނުގެ ފާޅުކަންބޮޑު ދެޝިޢާރުކަމަށްވާތީއެވެ.
ބަންގިއާއި ޤަމަތަކީ ފަރުޟު ކިފާޔަތެއްކަމުގެ ދަލީލަކީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މާލިކު ބުން ޙުވައިރިޘް ރަޟިޔަﷲ ޢަންހުއަށް، ޙަދީސްކުރެއްވި ބަސްފުޅެވެ. (( إذا حضرت الصلاة , فليؤذن لكم أحدكم )) – أخرجه البخارى – މާނަ: (( ނަމާދު ވަގުތުވެއްޖެ ނަމަ، ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ތެރެއިން އެކަކު ބަންގިގޮވާ ހުށިކަމެވެ. )) އެހެންކަމުން ބަންގިއަކީ (އެ މުޖުތަމައުއެއްގެ) ކޮންމެ ފަރުދެއްގެ މައްޗަށް ވާޖިބު އަޅުކަމެއް ނޫންކަމަށް މިޙަދީސުން ދަލީލު ލިބެއެވެ.
– ނުނިމޭ –
މަސްދަރު: މި ލިޔުމަށް މައިގަނޑުގޮތެއްގައި މަޢުލޫމާތު ނަގާފައިވާނީ ފަޟީލަތުއްޝައިޚް މުޙައްމަދު ބިން ޞާލިޙުލް ޢުޘައިމީން ( ރަޙިމަހުﷲ ) ގެ الشرح الممتع على زاد المستقنع އިން.