[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 50 “ޙިޖާޒް ކަރައިން އަލިފާންގަނޑެއް ފާޅުވުން.”

 

9. ޙިޖާޒް ކަރައިން އަލިފާންގަނޑެއް ފާޅުވުން:

ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިކަމުގައި އަބޫ ހުރައިރާ رضي الله عنه ރިވާކުރެއްވިއެވެ. ((لَا تَقُومُ السَّاعَةُ حَتَّى تَخْرُجَ نَارٌ مِنْ أَرْضِ الْحِجَازِ؛ تُضِيءُ بِهَا أَعْنَاقَ الإِبِلٍ بِبُصْرَى))[2] މާނައީ: “ޙިޖާޒްގެ ބިމުން އަލިފާންގަނޑެއް ފާޅުވެއްޖައުމަށް ދާންދެން ޤިޔާމަތް ޤާއިމް ނުވާހުއްޓެވެ. ބުޞްރާގެ[1] ޖަމަލުތަކުގެ ކަރުތަކަށް އޭގެ އަލިއެޅެއެވެ.”

ހިޖްރައިން ހަތްވަނަ ޤަރުނުގެ މެދުތެރޭ، [ހިޖުރީ ސަނަތުން] ހަސަތޭކަ ފަންސާސް ހަތަރު ވަނައަހަރު މި އަލިފާންގަނޑު ފާޅުވެފައިވާކަން ކަށަވަރެވެ. އަދި އެއަލިފާންގަނޑުވީ މާސިންގާ އަލިފާނގަނޑެއް ކަމުގައެވެ. އެފާޅުވި ޒަމާނުގައި އުޅުއްވި ޢިލްމުވެރިންނާއި އޭގެ ފަހުން އައި ބޭކަލުން އެއަލިފާންގަނޑު ޞިފަ ކޮށްދެއްވާފައި ވެއެވެ.

[އަލްއިމާމު] ނަވަވީ ވިދާޅުވިއެވެ. [އެބަސްފުޅުގެ މާނައީ:] “އަހުރެމެންގެ ޒަމާނުގައި، ހަސަތޭކަ ފަންސާސް ހަތަރުވަނަ އަހަރު މަދީނާއިން އަލިފާންގަނޑެއް ފާޅުވިއެވެ. އެއަލިފާންގަނޑުވީ ވަރަށްވެސް ބޮޑު އަލިފާންގަނޑެއް ކަމުގައެވެ. އެ ފާޅުވީ މަދީނާގެ އިރުމަތިން ޙައްރާގެ ބިތްދޮށުންނެވެ. ޝާމްކަރައިގެ އެންމެހާ ރަށްތަކަކާއި ކައިރި ޤައުމުތަކުގައި އެކަމުގެ ޚަބަރުވީ ދޮގު ނުކުރެވޭވަރަށް ފެތުރިފައެވެ. އަދި އަހުރެންނަށް އެޚަބަރު ދިނީ އޭރު މަދީނާގައި ދިރިއުޅުއްވި ބޭކަލުންކުރެ އެކަން ދުށް ބޭކަލުންނެވެ.))[3]

އަދި އިބްނު ކަޘީރު ނަގުލުކުރައްވާފައިވާ ގޮތުގައި އޭރު ބުޞްރާގައި ތިބި އަޢުރާބީންގެ ކިތަންމެ މީހަކު، ޙިޖާޒު ކަރައިން ފާޅުވި މިއަލިފާނގަނޑުގެ އަލި އެރަށުގެ (އެބަހީ ބުޞްރާގެ) ޖަމަލުތަކުގެ ކަރުތަކަށް އެޅިފައި ވާތީ ދުށޫއެވެ.

އަދި މިއަލިފާންގަނޑުގެ ވާހަކަ ޛިކުރު ކުރައްވައި، ޤުރުޠުބީ އެކަލޭގެފާނުގެ ((التَّذْكِرَة))[4] އެވެ ކިޔޭ ފޮތުގައި އެޞިފަ ކޮށްދެއްވާފައި ވެއެވެ. ފަހެ އެއަލިފާންގަނޑު މައްކާއަށާއި ބުޞްރާގެ ފަރުބަދަތަކުން ފެންނަ ކަމުގައި ޛިކުރު ކުރައްވާފައިވެއެވެ.

އަދި އިބްނު ޙަޖަރު ވިދާޅުވެފައި ވެއެވެ. [އެބަސްފުޅުގެ މާނައީ:] “ނަންގަނެވިފައިވާ އަލިފާންގަނޑު ކަމަށް ތިމަންނާއަށް ފެންނަނީ . . . އެއީ މަދީނާގެ ކައިރިން ފާޅުވި އަލިފާންގަނޑެވެ. ޤުރުޠުބީއާއި އެނޫންވެސް ބޭބޭކަލުންނަށް އެނގިވަޑައިގެންފައިވާ ފަދައިންނެވެ.”[5]

ދެންފަހެ މިއަލިފާންގަނޑަކީ މީސްތަކުން މަޙްޝަރު ކުރުމަށް ފަހުޒަމާނުގައި ނުކުންނަ އަލިފާންގަނޑެއް ނުމެނޫންމެއެވެ.[6] އެކަން ޤިޔާމަތުގެ ބޮޑެތި ޢަލާމާތްތަކުގެ ވާހަކައިގައި އަންނާނެއެވެ.

 =ނުނިމޭ=

__________________________________________

[1]  (بُصْرَى)؛ [މިއީ] ޝާމުގައިވާ ނަންހިނގާ ރަށެކެވެ. އަދި އެރަށަށް حُوْرَان އެވެ ވެސް ކިޔެއެވެ. އެރަށާއި ދިމިޝްޤާ ދެމެދު 3 ދުވަހުގެ ރާސްތާ ވެއެވެ.

ބައްލަވާ: ((معجم البلدان)) (1 / 441)، و ((شرح النووي لمسلم)) (18 / 30)، و ((فتح الباري)) (13 / 80).

[2]  ((صحيح البخاري))، كتاب الفتن، باب خروج النار، (13 / 78 – مع الفتح)، و ((صحيح مسلم))، كتاب الفتن وأشراط الساعة، (18 / 30 – مع شرح النووي).

[3]   ((شرح النووي لمسلم)) (18 / 28).

[4]  ބައްލަވާ: ((التذكرة)) (ص 636).

[5]   ބައްލަވާ: ((فتح الباري)) (13 / 79).

[6]    ބައްލަވާ: ((شرح النووي لمسلم)) (18 / 28)، و ((الإذاعة)) (ص 85).