ރައްބަކީ އެއީ އަޅުކަންކުރުން ޙައްޤު ފަރާތެވެ. މީގެ ދަލީލަކީ ﷲގެ ވަޙީބަސްފުޅެވެ.
يَا أَيُّهَا النَّاسُ اعْبُدُوا رَبَّكُمُ الَّذِي خَلَقَكُمْ وَالَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ﴿٢١﴾ الَّذِي جَعَلَ لَكُمُ الْأَرْضَ فِرَاشًا وَالسَّمَاءَ بِنَاءً وَأَنزَلَ مِنَ السَّمَاءِ مَاءً فَأَخْرَجَ بِهِ مِنَ الثَّمَرَاتِ رِزْقًا لَّكُمْ ۖفَلَا تَجْعَلُوا لِلَّـهِ أَندَادًا وَأَنتُمْ تَعْلَمُونَ ﴿٢٢﴾([1])
މާނައީ: “އޭ އެންމެހާ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ ރައްބަށް ތިޔަބައިމީހުން އަޅުކަންކުރާށެވެ. އެއީ ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ ކުރީގެ މީސްތަކުން ޚަލްޤުކުރެއްވި ފަރާތެވެ. އެއީ ތިޔަބައިމީހުން ތަޤުވާވެރި ވުމަށްޓަކައެވެ.[21] އެއިލާހީ ތިޔަބައިމީހުންނަށްޓަކައި ތަންމައްޗެއްކަމުގައި ބިން ލައްވައި (ބިން ފަތުރުއްވައި)، އަދި އުޑު ބިނާއެއްގެ ގޮތުގައި ލައްވައި (ފުރާޅެއްގެ ގޮތުގައި ލައްވައި)، އެ އުޑުންވާރޭ ވެއްސަވައި، އަދި ރިޒުޤުގެ ގޮތުގައި އޭގެ ޛަރީޢާއިން ތިޔަބައިމީހުންނަށް މޭވާތައް ނެރުއްވި އިލާހެވެ. ފަހެ، ތިޔަބައިމީހުން ދެނެތިބި ޙާލު ﷲއާ ޝަރީކުންތައް ބައިވެރިނުކުރާށެވެ.[22]”
އިބްނު ކަޘީރު ރަޙިމަހުﷲ ވިދާޅުވިއެވެ.
“އަޅުކަންކުރުން ހައްޤުވެގެންވާ ފަރާތަކީ މި އެންމެހާ ތަކެތި ޚަލްޤުކުރެއްވި އިލާހެވެ.”
ފިލާވަޅުގެ އިރުޝާދުތައް
* ޢާމަލުތަކުގައިވާ ހުރިހާ ތަކެއްޗެއް ޚަލްޤުކުރައްވާ ތަދުބީރުކުރައްވާ ފަރާތަކީ ﷲ އެވެ. ފަހެ އެހެންކަމުން އަޅުކަންކުރުން ޙައްޤުވެގެންވަނީ ހަމައެކަނީ އެއިލާހަށެވެ. ފަހެ އެއިލާހު ފިޔަވާ ދެން އަޅުކަންވެވޭ އެންމެހާ ފަރާތްތަކީ ބާޠިލު ފަރާތްތަކެކެވެ.
ސުވާލުތައް
- މަތީގައިވާ އާޔަތުގައި އަމުރުކުރައްވާފައިވަނީ ކޮން ކަމަކަށް ހެއްޔެވެ؟ އަދި ނަހީކޮށްފައިވަނީ ކޮންކަމެއް ކުރުމަށް ހެއްޔެވެ؟
- އަންނަނިވި ޖުމުލަ ފުރިހަމަކުރާށެވެ.
އިބްނު ކަޘީރު ރަޙިމަހުﷲ ވިދާޅުވިއެވެ. “އަޅުކަންކުރުން ހައްޤުވެގެންވާ ފަރާތަކީ …………………………………………………. .
- އާޔަތުގައި ބަޔާންކުރައްވާފައިވާ ބައެއް ނިޢުމަތްތައް ލިޔާށެވެ. އަދި އެ ނިޢުމަތްތަކުން ދަލީލުކުރަނީ ކޮންކަމެއް ހެއްޔެވެ؟
- އަޅުކަންކުރުން ޙައްޤުވެގެންވަނީ ކޮން ފަރާތަކަށް ހެއްޔެވެ؟
_________________________________________