ﷲއީ އެއްކައުވަންތަ އިލާހެވެ. އެއިލާހީ މަރުއްވާ އަދި ދިރުއްވާ އިލާހެވެ.
މަރުގަންނެވުމާއި ދިރުއްވުމަކީ ހަމައެކަނި ﷲތަޢާލާ އަށް ޚާއްޞަވެގެންވާ ދެކަމެވެ. މިދެކަމުގައި އެއިލާހާ އެހެން ފަރާތެއް ބައިވެރި ކުރުމަކީ ޝިރުކެކެވެ. އެއިލާހުގެ ވަޙީ ބަސްފުޅުގައި ވެއެވެ.
” لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ يُحْيِي وَيُمِيتُ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿الحديد: ٢﴾”
މާނައީ: ” އުޑުތަކާއި، ބިމުގެ ވެރިކަން މިލްކު ވެގެންވަނީ، އެއިލާހަށެވެެެެެެެެ. ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް، އެއިލާހެވެ. އަދި އެއިލާހީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހެވެ.”
އަދިވެސް ވަޙީކުރައްވާފައި ވެއެވެ.
” لَا إِلَـٰهَ إِلَّا هُوَ يُحْيِي وَيُمِيتُ رَبُّكُمْ وَرَبُّ آبَائِكُمُ الْأَوَّلِينَ ﴿الدخان: ٨﴾”
މާނައީ: “އެއިލާހު މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އިލާހަކު ނުވެއެވެ. ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް، ހަމަ އެއިލާހެވެ. އެއީ ތިޔަބައިމީހުންގެ ވެރި ރައްބެވެ. އަދި ތިޔަބައިމީހުންގެ އިސްވެދިޔަ ކާބަފައިންގެވެސް ވެރި ރައްބެވެ.”
އަދިވެސް އެއިލާހު ވަޙީކުރައްވަފައި ވެއެވެ.
” يَا أَيُّهَا الَّذِينَ آمَنُوا لَا تَكُونُوا كَالَّذِينَ كَفَرُوا وَقَالُوا لِإِخْوَانِهِمْ إِذَا ضَرَبُوا فِي الْأَرْضِ أَوْ كَانُوا غُزًّى لَّوْ كَانُوا عِندَنَا مَا مَاتُوا وَمَا قُتِلُوا لِيَجْعَلَ اللَّـهُ ذَٰلِكَ حَسْرَةً فِي قُلُوبِهِمْ وَاللَّـهُ يُحْيِي وَيُمِيتُ وَاللَّـهُ بِمَا تَعْمَلُونَ بَصِيرٌ ﴿آل عمران: ١٥٦﴾”
މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކާފިރުވި މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ! (އެއީ) އެއުރެންގެ އަޚުން ދަތުރު ފަތުރުކޮށް އުޅުނުހިނދު ނުވަތަ، ހަނގުރާމަވެރިންކަމުގައި ވީހިނދު، ތިމަންމެންގެ ގާތުގައި އެއުރެން ތިބިނަމަ މަރެއްނުވީހޭ، އަދި ޤަތުލެއްވެސް ނުވީހޭ، އެއުރެންގެ އަޚުންނަށް ބުނި މީހުންނެވެ. (އެއުރެން އެ ބަސްބުނީ) ﷲ، އެ ބަސް އެއުރެންގެ ހިތްތަކުގައި ހިތާމަޔެއް ކަމުގައި ލެއްވުމަށެވެ. ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް، ﷲ އެވެ. އަދި، ﷲ އީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ.”
ހުރިހާއެއްޗެއްގެ ދިރުން ލެއްވިފައި ވަނީ ފެނުގައެވެ.
ﷲގެ ވަޙީ ބަސްފުޅުގައިވެއެވެ.
” أَوَلَمْ يَرَ الَّذِينَ كَفَرُوا أَنَّ السَّمَاوَاتِ وَالْأَرْضَ كَانَتَا رَتْقًا فَفَتَقْنَاهُمَا وَجَعَلْنَا مِنَ الْمَاءِ كُلَّ شَيْءٍ حَيٍّ أَفَلَا يُؤْمِنُونَ ﴿الأنبياء: ٣٠﴾”
މާނައީ: “ހަމަކަށަވަރުން، އުޑުތަކާއި، ބިން، އެކަތިގަނޑަކަށް ވެފައިވަނިކޮށް، ފަހެ، ތިމަން އިލާހު އެދޭތި ވަކިކޮށްލެއްވިކަން، ކާފިރުވި މީހުން ނުދަންނަނީ ހެއްޔެވެ؟ އަދި ތިމަން އިލާހު ހުރިހާ އެއްޗެއްގެ ދިރުން ފެނުގައި ލެއްވީމެވެ. ފަހެ، އެއުރެން އީމާން ނުވަނީ ހެއްޔެވެ؟ “
(ނިނިމޭ)