ކޮންމެ ދިރޭ އެއްޗަކީ މަރުވާނެ އެއްޗެކެވެ.
ﷲތަޢާލާ ވަނީ އެއިލާހުގެ މަޚްލޫޤުންގެ ފުރާނަ ޚަލްޤުކުރައްވާފައެވެ. އަދި ކޮންމެ އެއްޗަކީ ފަނާވެ ނެތިދާނެ އެއްޗެކެވެ. އެގޮތުން އުޑާއި ބިމާއި، އެދެމެދުގައި ވާހާ އެއްޗެހީގެ ތެރެއިން އެއިލާހު އިރާދަ ކުރެއްވި އެއްޗެއް މެނުވީ ހުރިހާއެއްޗެއް ފަނާވެ ނެތިދާނެއެވެ. އެއިލާހު ވަޙީކުރެއްވިއެވެ.
كُلُّ نَفْسٍ ذَائِقَةُ الْمَوْتِ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ فَمَن زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ ﴿آل عمران: ١٨٥﴾
މާނައީ: “ކޮންމެ ނަފްސަކީވެސް، މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި، (ތިޔަބައިމީހުން ކުޅަ ޢަމަލުތަކަށް) ތިޔަބައިމީހުންނަށް ފުރިހަމަޔަށް ޖަޒާ ދެއްވާނެކަން ކަށަވަރީ، ޤިޔާމަތް ދުވަހުންނެވެ. ފަހެ، ނަރަކައިން އެއްކިބާކުރައްވައި، ސުވަރުގެޔަށް ވެއްދެވި މީހާ (ދަންނާށެވެ!) ފަހެ، އެމީހަކު ކާމިޔާބު ލިބިގެންފިކަން ކަށަވަރެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއްކަމުގައި މެނުވީ، ދުނިޔޭގެ ދިރިއުޅުން ނުވެއެވެ.”
އަދިވެސް ވަޙީކުރައްވާފައި ވެއެވެ.
كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ثُمَّ إِلَيْنَا تُرْجَعُونَ ﴿العنكبوت: ٥٧﴾
މާނައީ: “ކޮންމެ ނަފްސަކީވެސް، މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. ދެން ތިޔަބައިމީހުން އެނބުރި ރުޖޫޢަ ކުރައްވާހުށީ، ތިމަން އިލާހުގެ ޙަޟްރަތަށެވެ.”
ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނަން ޖެހޭ އެއްޗެއް ކަމުގައި ވުމުން، ކޮންމެ ތަނެއްގައި ވިޔަސް އެމަރު އައިސް ބައްދަލުކުރާނެތެވެ. އެއިލާހުގެ ވަޙީ ބަސްފުޅުގައި ވެއެވެ.
أَيْنَمَا تَكُونُوا يُدْرِككُّمُ الْمَوْتُ وَلَوْ كُنتُمْ فِي بُرُوجٍ مُّشَيَّدَةٍ ﴿النساء: ٧٨﴾
މާނައީ: “އުސްވެގެންވާ ގަދަފަދަ ކިއްލާތަކެއްގެ ތެރޭގައި ތިޔަބައިމީހުން ތިބިކަމުގައިވިޔަސް، ތިޔަބައިމީހުން ތިބި ކޮންމެ ތަނަކުން މަރު، ތިޔަބައިމީހުން އަތުލާނެ”
މަޚުލޫޤުންކުރެ އެންމެ މާތް މަޚުލޫޤު، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައާއި މުޚާޠަބުކުރައްވާ ﷲތަޢާލާ ވަޙީކުރައްވާފައި ވެއެވެ.
إِنَّكَ مَيِّتٌ وَإِنَّهُم مَّيِّتُونَ ﴿الزمر: ٣٠﴾
މާނައީ: “ހަމަކަށަވަރުން ކަލޭގެފާނީ، އަވަހާރަވާނޭ ބޭކަލެކެވެ. އަދި ހަމަކަށަވަރުން، އެއުރެންނީވެސް މަރުވާނޭ ބަޔެކެވެ.”
ވަކިވަކިން މަރު ހިއްޕެވުމަށްފަހު، ޤިޔާމަތްދުވަހު ތާޅަފިލި ފުއްމަވާލެއްވުމަށްފަހު މުޅި މިކާއިނާތުގައިވާ ހުރިހާ އެއްޗެއް ފަނާކުރައްވާނެއެވެ. ޤިޔާމަތްދުވަހު ތާޅަފިޅީގެ އަޑު އަންނާނީ ގަދަވަމުން ގަދަވަމުންނެވެ. އެތާޅަފިލީގެ އަޑު އެންމެ ފުރަތަމަ އަޑުއިވޭނީ ޖަމަލަކަށް ފެންދޭންވެގެން ޙަވްލެއް ހަދަންއުޅޭ މީހަކަށެވެ. ޢަބްދުﷲ ބުން ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.
“ثم يُنْفَخُ فِي الصُّورِ، فَلا يَسْمَعُهُ أَحَدٌ إلاَّ أَصْغَى لِيتًا وَرَفَعَ لِيتًا فقَالَ: وَأَوَّلُ مَنْ يَسْمَعُهُ رَجُلٌ يَلُوطُ حَوْضَ إِبِلِهِ”[1]
މާނައީ: “އެއަށްފަހު ތާޅަފިލި ފުމެލެވޭނެއެވެ. ފަހެ އައަޑަށް ކަރު ފަރާތް ފަރާތަށް އަނބުރާ އެއަޑަށް ސަމާލުކަމާއެކު އަޑު އެހި މީހަކަށް މެނުވީ އެއަޑެއް ނުއިވޭނެތެވެ. އެއަށްފަހު ރަސޫލުﷲ ޞައްލަﷲ ޢަލައހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. އަދި އެއަޑު އެންމެ ފުރަތަމަ އިވޭނީ ޖަމަލަކަށް ފެންދެންވެގެން ޙަވްލެއް ހަދަން އުޅޭ މީހަކަށެވެ.“
ޢިމްލުވެރިން ހުރިހާ އެއްޗެއް ފަނާވެ ނެތިދާނެއޭ ބުނާބުނުން އެއީ ޢިޖުމާލީ ގޮތެއްގައި ބުނާ ބުނުމެކެވެ. ދުނިޔެއާއި ދުނިޔޭގައި ވާހާއެއްޗެއް ފަނާވެދާނެއެވެ. އަދި އުޑުތަކުގެ އަހުލުވެރިންގެ ތެރެއިން ހުރިހާ މަލާއިކަތުންވެސް މަރުވެ ފަނާވެދާނެއެވެ. ނަމަވެސް އެއްގޮތަކަށްވެސް ފަނާވެނުދާނެ ބައެއްތަކެތި ވާނެކަމަށް ސުންނަތްޖަމާޢަތުގެ ޢިލްމުވެރިން އެއްބަސްވެ ލައްވައެވެ. އެގޮތުން ސުވަރުގެއާއި ނަރަކައާއި އަދި އަރުޝިފަދަ ތަންތަނަކީ ފަނާ ނުވާނެތަންތަންކަމަށް ސުންނަތް ޖަމާޢަތުގެ ޢިލްމުވެރިން އެއްބަސްވެ ލައްވައެވެ. މިތަކެއްޗަކީވެސް ﷲތަޢާލާ އެތަކެއްޗަށް ފުރާނައަޅުއްވާ ބަސްމޮށުންތެރިކަންވެސް ދެއްވި ތަކެއްޗެވެ. މިކަމާއި ބެހޭގޮތުން ޝައިޚުލް އިސްލާމް އިބުނު ތައިމިޔާއާއި، އަނަސް ބުން މާލިކު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެފައިވާ ޙަދީޘަކާއި ބެހޭގޮތުން ސުވާލުކުރެވުނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައހި ވަސައްލަމަ ގެ ޙަދީޘް ބަސްފުޅުގައި ވެއެވެ
“ހަތް އެއްޗެއް މަރެއްނުވާނެއެވެ. އަދި ފަނާވެސް ނުވާނެއެެވެ. އަދި ފަނާވުމުގެ ރަހަވެސް ނުދެކޭނެއެވެ. (އެއީ) ނަރަކައާއި (ހިސާބު ބެއްލުމަށްފަހު ނަރަކައިގައި ދެމިތިބޭ) އެތަނުގެ އަހުލުވެރިނެވެ. އަދި ލައުޙާއި ޤަލަމާއި ކުރުސިއާއި ޢަރުޝިއެވެ.”
ފަހެ މިޙަދީޘަކީ ޞައްޙަ ޙަދީޘެއް ހެއްޔެވެ. ނުވަތަ ނޫންހެއްޔެވެ؟ އެކަލޭގެފާނު ޖަވާބުގައި ދެންނެވިއެވެ. “ތިޔަ ޚަބަރަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދޫފުޅުން އައިސްފައިވާ ބަސްފުޅެއް ނޫނެވެ. އެހެނެއްކަމަކު ތިޔައީ ބައެއް ޢިލްމުވެރިންގެ ބަސްފުޅެކެވެ. އުންމަތުގެ ސަލަފުންނާއި، އަހުލުއްސުންނަތު ވަލްޖަމާޢަތް، ﷲ ތަޢާލާގެ މަޚުލޫޤުންތަކުގެ ތެރެއިން ބައެއްތަކެތި އެއްކޮށް ފަނާވެ ނުދާނެކަމަށް ޢިއްތިފާޤުވެލައްވައެވެ. އޭގެތެތޭގައި ސުވަރުގެއާއި ނަރަކައާއި ޢަރުޝިވެއެވެ. އަދިވެސް މިފަދަ އެހެނިހެން ތަކެތިވެއެވެ. އަހްލުން ކަލާމުގެ ބިދުޢަވެރި ޖަމާޢަތެއްގެ ބަޔަކު ފިޔަވައި އިތުރުބަޔަކު ހުރިހާ މަޚުލޫޤުންތަކެއް ފަނާވާނެކަމަށް ބުނެފައެއް ނެތެވެ. އޭގެތެރެއިން ޖަހުމް ބުން ޞަފްވާން އާއި މުޢުތަޖިލާއިންނާ މިފަދަ އެހެން މީހުންވެސް ހިމެނެއެވެ. މިއީ ބާޠިލުވެގެންވާ ބަހެކެވެ. އެބަހަކީ އެއީ ﷲގެ ފޮތާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި ސަލަފުންގެ ބަސްފުޅުތަކާއި މުޅިން ޚިލާފުވެގެންވާ ބަހެކެވެ. އެހެނެއްކަމަކު ސުވަރުގެއާއި ސުވަރުގޭގެ އަހުލުވެރިން ފަނާނުވާނެކަމަށް ދަލީލުތައްވެއެވެ. އަދި ވެސް މީގެއިތުރުންވެސް ބައެއްތަކެތި ފަަނާނުވާނެކަމަށް ދަލީލުތައްވެއެވެ. އެހުރިހާ ވާހަކައެއް ބަޔާންކުރުމަށް މިކަރުދާސްކޮޅު ތަނެއް ނުދެއެވެ. (އެބަހީ ތަފްޞީލަށް ނުގޮސް ކުރުކޮށްލަމެވެ.) އަދި އަހުލުލް ކަލާމުގެ މީހުންނާއި ފިލޯސަފަރުން ހުރިހާއެއްޗެއް ފަނާވާނެކަމަށް ބުނެފައިވަނީ ބުއްދީގެ ދަލީލުތަކުން އިސްތިދުލާލު ކޮށްގެންނެވެ. ولله أعلم”[2]
(ނުނިމޭ)
[1] صيح مسلم(5233)
[2] مجموع الفتاوى (18/ 307)