އަނބިން
އެމީހުންގެ އެކިއެކި ބޭނުންތައް ފުއްދުމުގައި އަންހެނުންގެ ބޭނުންކުރަމުން ދިއުމާއިއެކުވެސް، އެ އަންހެނުންނީ އެއްވެސް އަގެއްނެތް ޝައިޠާނުން ތަކެއް ކަމުގައި ބުނަމުންދިޔަ މީހުން ދުނިޔޭގައި އުޅުނެވެ. ނަމަވެސް އިސްލާމްދީނުގައި އަންހެނާ ސިފަކޮށްފައިވަނީ ރަނގަޅު ޞިފަތަކެއްވާ މަޚުލޫޤެއް ކަމުގައެވެ. އޭގައި އެތައް ހެވެއްވާ މަޚުލޫޤެއް ކަމުގައެވެ. އެތައް ހެޔޮކަންތައްތަކެއް ގެނުވައިދޭ މަޚުލޫޤެއްގެ ގޮތުގައެވެ. އަދި ރައްކާތެރިކޮށްދޭ މީހެއްގެ ގޮތުގައެވެ.
ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.
((يَا مَعْشَرَ الشَّبَابِ مَنِ اسْتَطَاعَ الْبَاءَةَ فَلْيَتَزَوَّجْ، فَإِنَّهُ أَغَضُّ لِلْبَصَرِ، وَأَحْصَنُ لِلْفَرْجِ، وَمَنْ لَمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ، فَإِنَّهُ لَهُ وِجَاءٌ.)) [ رواه البخاري ومسلم]
މާނައީ: “އޭ ޒުވާނުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން ކައިވެނިކުރުމަށް ކުޅަދާނަވެގެންވާމީހަކު ކައިވެނިކުރާހުށިކަމެވެ. ފަހެ، ހަމަކަށަވަރުން އެއީ ލޮލުގެ ބެލުން ތިރިކޮށްދޭ (އެބަހީ: ރައްކާތެރިކޮށްދޭ) ކަމެކެވެ. އަދި ފަރުޖުތަކަށްވާ ސަލާމަތެކެވެ. މީހަކާ އިނުމަށް ކުޅަދާނަކަން ލިބިގެން ނުވާމީހާގެ މައްޗަށް އޮތީ ރޯދަހިފުމެވެ. ފަހެ ހަމަކަށަވަރުން އެއީ އޭނާ ނުބައިކަންތަކުން ދުރުކުރާނޭ އައްޑަނައެކެވެ.”
އަދި އެއީ ދެމީހުންނަށްވެސް ވާ ލިބާހެކެވެ. ﷲ ވަޙީކުރައްވާފައިވެއެވެ.
هُنَّ لِبَاسٌ لَّكُمْ وَأَنتُمْ لِبَاسٌ لَّهُنَّ )[سورة البقرة ١٨٧]
މާނައީ:”އެކަނބަލުންނީ ތިޔަބައިމީހުންނަށް ފޭރާމެކެވެ. އަދި ތިޔަބައިމީހުންނީ އެކަނބަލުންނަށް ފޭރާމެކެވެ. “
ފަހެ ލިބާހަކީ އޭގެން ތިންކަމެއް ޙާޞިލްވާނެ އެއްޗެކެވެ. އެއީ
- ރައްކާތެރިކޮށްދޭނެ އެއްޗެކެވެ.
- ރީތިކޮށްދޭނެ އެއްޗެކެވެ.
- ނިވާކޮށްދޭނެ އެއްޗެކެވެ.
މިތިން ސިފައަކީ ލިބާހެއްގައި ހުންނާނެ ތިން ސިފައެވެ. ކައިވެނީގެ ގޮތުން ގުޅިފައިވާ ދެމީހުންނަށް އެކަކު އަނެކަކީ ލިބާހެއް ކަމުގައި ސިފަކުރެވިފައިވާނީ، މިތިން ސިފަ ނުވަތަ މިތިން ފައިދާ ޙާޞިލުވާނެތީއެވެ. އެއީ އެދެމީހުންނީ އެކަކު އަނެކަކު ގޯސްކަންތަކުންނާއި ނުރައްކާތަކުން ދުރުކުރާނެ މީހެކެވެ. އަދި އެކަކު އަނެކަކުމެ ސިއްރުތައް ނިވާކޮށް މީސްތަކުންނަށް ފޮރުވައި ޢިއްފަތްތެރިވާނެއެވެ. އަދި އެދެމީހުންނީ އެދެމީހުންގެ ދިރިއުޅުން ރީތިކަމާ އަމާންކަމާއި އެކު ކުރިއަށް ދިއުމަށް އެހީވެ އަތުގުޅާލާފައިވާ ދެމީހުންނެވެ.
= ނުނިމޭ =
_________________________