އަންހެނުން ތަޢުލީމް ޙާޞިލްކުރުމުގެ ޙައްޤު:
ﷲ ސުބްޙާނަހޫ ވަތަޢާލާ އެއިލާހުގެ ރަސޫލާއަށް ބާ
އްވައިލެއްވި ފުރަތަމަ އާޔަތްތަކަކީ ޢަލަޤު ސޫރަތުގެ ފުރަތަމަ 5 އާޔަތެވެ. އެއާޔަތްތަކުގައިވަނީ ކޮންފަދަ ވާހަކަތަކެއްތޯ ބަލައިލަމާ ތޯއެވެ. އެއާޔަތްތަކުގައިވަނީ މިފަދައިންނެވެ:
اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ ﴿١﴾ خَلَقَ الْإِنسَانَ مِنْ عَلَقٍ ﴿٢﴾اقْرَأْ وَرَبُّكَ الْأَكْرَمُ ﴿٣﴾ الَّذِي عَلَّمَ بِالْقَلَمِ ﴿٤﴾ عَلَّمَ الْإِنسَانَ مَا لَمْ يَعْلَمْ ﴿٥﴾ [سورة العلق]
މާނައީ:” ކަލޭގެފާނުގެ ވެރިރަސްކަލާނގެ ނަންފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ ހުރިހާ ތަކެއްޗެއް ހެއްދެވި ރަސްކަލާނގެއެވެ. (1) ގަނޑުލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. (2) ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ. (3) އެކަލާނގެއީ، ޤަލަމުން ލިޔަން އުނގަންނައިދެއްވި ރަސްކަލާނގެއެވެ. (4) އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުނގަންނައިދެއްވިއެވެ. (5)
މިއާޔަތަށް ބަލައިލާއިރު، ﷲ ސުބްޙާނަހޫ ވަތަޢާލާ އެންމެފުރަތަމަވެސް މުސްލިމުންނަށް މިއިރުޝާދު ދެއްވީ ކިޔެވުމަށެވެ. މިއާޔަތުގައި މުޚާތަބުވެގެން ދިޔައީ ލިޔަންކިޔަން ނުދަންނަ އެއިލާހުގެ ރަސޫލާ ޞަައްލައްﷲ ޢަލައިހިވަސައްލަމް އަށެވެ. ނަމަވެސް މިއީ ހުރިހާ މުސްލިމުންގެ މައްޗަށްވެސް ވާޖިބުކަމެކެވެ. އެއީ ފިރިހެނަކަސް އަދި އަންހެނަކަށްވިއަސް މެއެވެ. އެހެނީ ރަސޫލާ ޞައްލައް ﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.
((طَلَبُ الْعِلْمِ فَرِيضَةٌ عَلَى كُلِّ مُسْلِمٍ)) [سنن إبن ماجه (حسنه السيوطي بمجموعه وصححه الألباني)]
މާނައީ:” ޢިލްމު ހޯދުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާ ފަރުޟެކެވެ.”
މިޙަދީޘް އިން އެނގޭ ގޮތުގައި ކޮންމެ މުސްލިމަކީ އެއީ އަންހެނެއް އަދި ފިރިހެނެއް ނަމަވެސް ޢިލްމު އުނގެނެން ޖެހޭނެ މީހެއްކަމެވެ. މިކަން މިހެން ނުވާންވީ ސަބަބެއް ނެތެވެ. އެއީ މިސާލަކަށް ﷲ އާއި ރަސޫލާ صلى الله عليه وسلم އެންގެވި ކަންތައްތައް ނުއުނގެނި އެއަށް ޢަމަލުކުރެވޭނެ ގޮތެއް ނެތް ކަމެވެ. މިސާލަށް ދީނުގައި އަންގަވާފައިވާ ގޮތާ ޚިލާފަށް ކުރުމުން ފަހަރެއްގައި އޭނާ ކާފަރުވެ، ފާފަވެރި ވެގެން ވެސް ހިނގަދާނެ ޙާލަތްތައްވެސް ވާކަމުން، މިކަންކަމުގެ ޢިލްމު ކޮންމެހެންވެސް ކޮންމެ މުސްލިމަކު އުނގެނެން ޖެހެއެވެ. އެއީ އޭނާ ދީނުގައި ސާބިތުވެ ހުރުމަށްޓަކައެވެ. އަދި ﷲ ގެ އެންގެވުންތަކަށް ބޯލަނބައި ކިޔަމަން ގަތުމަށްޓަކައެވެ. ﷲ ގެ ކޯފާއާއި އަޛާބުން ރައްކާތެރިވުމަށެވެ.
وَأَنَّ هَـٰذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ ۖ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِ ۚذَٰلِكُمْ وَصَّاكُم بِهِ لَعَلَّكُمْ تَتَّقُونَ ﴿١٥٣﴾ [سورة الأنعام]
މާނައީ:”އަދި މިއީ ތިމަންރަސްކަލާނގެ ސީދާވެގެންވާ ތެދުމަގެވެ. ފަހެ، އެ މަގަށް ތިޔަބައިމީހުން ތަބައު ވާށެވެ! (އެނޫން) މަގުމަގަށް ތިޔަބައިމީހުން ތަބައު ނުވާށެވެ! (އޭރުން) އެކަލާނގެ މަގުން ތިޔަބައިމީހުން ވަކިވަކިވެގެން ހިނގައިދާނެތެވެ. މިކަންތައްތަކަށް، ތިޔަބައިމީހުންނަށް އެކަލާނގެ ވަޞިއްޔަތް ކުރެއްވީ، ތިޔަބައިމީހުން ތަޤުވާވެރި ވުމަށްޓަކައެވެ.”
މިއާޔަތުގައި މިވާފަދައިން ތަބާޢުވާން އިނގޭނީ އޭގެ ޢިލްމު އުނގެނި ދެނެގަނެގެންނެވެ. މިދީނުގެ ކަންކަމުގައި ޢަމަލުކުރުމާއި ތަބާވުން އޮތީ ހަމައެކަނި ފިރިހެނުންނަކަށް ނޫނެވެ. އެހެން ކަމުން އަންހެނުންވެސް އެމީހުންނަށް ﷲ އެންގެވީ ކޮން ކަންކަމެއްކަން ދެނެގަތުމަށްޓަކައި ތަޢުލީމު ޙާޞިލްކުރުމީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. ޢިލްމު ނެތި ޢަމަލުކުރަން ފަށައިފިނަމަ، މަގުގެއްލިގެން ހިނގައިދާނެއެވެ.
= ނުނިމޭ =
_________________________
މިލިޔުމުގެ އެހެނިހެން ބައިތައް