[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مادة التوحيد ٥ ( ف 2 ، د 10 –ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ ރިސާލަތުގެ ފުރިހަމަކަމާއި ޢާންމުކަން )

thauheedh 5

ދެންފަހެ، މަދީނާގައި ހަމަޖެހިވަޑައިގެންނެވުނު ހިނދު އިސްލާމްދީނުގައި ދެންހުރި އަޅުކަންތައް އަދާކުރުމަށް އަމުރުކުރެއްވުނެވެ. މިސާލަކަށް: ޒަކާތާއި ރޯދައާއި ޙައްޖާއި ބަންގިއާއި ޖިހާދާއި ހެޔޮކަންކަމަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުން ފަދަ އެހެންވެސް އިސްލާމީ ޝަރީޢަތުގެ ކަންތައްތަކެވެ. މިކަމުގައި ދިހަ އަހަރު ހޭދަކުރެއްވިއެވެ. އޭގެފަހުގައި އެކަލޭގެފާނު އަވަހާރަވިއެވެ. ﷲ އެކަލޭގެފާނަށް ޞަލަވާތާއި ސަލާމްލައްވާށިއެވެ. އަދި އެކަލޭގެފާނުގެ ދީން ދެމި އޮތެވެ.

އަދި އެކަލޭގެފާނުގެ ދީނަކީ މިއީއެވެ. އެކަލޭގެފާނުގެ އުންމަތަށް މަގުދައްކަވާފައިނުވާ އެއްވެސް ހެޔޮކަމެއް ނުވެއެވެ. އަދި އިންޛާރު ނުކުރައްވާ އެއްވެސް ނުބައިކަމެއް ނުވެއެވެ. އަދި އެކަލޭގެފާނު މަގުދައްކަވާފައިވާ ހެވަކީ ތައުޙީދެވެ. އަދި ﷲ ލޯބިވެވޮޑިގަންނަވާ އަދި ރުއްސަވާވޮޑިގަންނަވާ ހުރިހާކަމެކެވެ. އަދި އެކަލޭގެފާނު އިންޛާރު ކުރައްވާފައިވާ ނުބަޔަކީ ޝަރީކު ކުރުމާއި ﷲ ރުހިވޮޑިގެންނުވާ އަދި އިންޛާރުކުރައްވަވާ ހުރިހާ ކަމެކެވެ.

ﷲ ތަޢާލާ އެކަލޭގެފާނު ފޮނުއްވެވީ އެންމެހާ މީސްތަކުންގެ ގާތަށެވެ. އަދި އެކަލޭގެފާނަށް ކިޔަމަންގަތުން އެންމެހާ ޖިންނީންނަށާއި އިންސީންނަށް ފަރުޟުކުރެއްވިއެވެ. މީގެ ދަލީލަކީ ﷲ ތަޢާލާގެ ވަޙީބަސްފުޅެވެ.

قُلْ يَا أَيُّهَا النَّاسُ إِنِّي رَسُولُ اللَّـهِ إِلَيْكُمْ جَمِيعًا … ﴿١٥٨﴾ ([1])

މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ އޭ އެންމެހާ މީސްތަކުންނޭވެ ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ތިޔަބައިމީހުން އެންމެންގެ ގާތަށް ﷲ ފޮނުއްވި ރަސޫލާއެވެ.”

އަދި އެކަލޭގެފާނު މެދުވެރިކުރައްވައި ދީން ފުރިހަމަކުރެއްވިއެވެ. އެކަމުގެ ދަލީލަކީ ﷲ ތަޢާލާގެ މިބަސްފުޅެވެ.
 الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا﴿٣﴾([2])

މާނައީ: “އަދި މިއަދު ތިމަންއިލާހު ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ދީން ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންއިލާހު ތިޔަބައިމީހުންގެ މައްޗަށް ތިމަންއިލާހުގެ ނިޢުމަތް ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން އެއީ ތިޔަބައިމީހުންގެ ދީންކަމުގައި، ތިމަންއިލާހު ރުހިވޮޑިގެންފީމެވެ.”

އެކަލޭގެފާނު އަވަހާރަވިކަމުގެ ދަލީލަކީ ﷲ ތަޢާލާގެ މިބަސްފުޅެވެ.

إِنَّكَ مَيِّتٌ وَإِنَّهُم مَّيِّتُونَ ﴿٣٠﴾ ثُمَّ إِنَّكُمْ يَوْمَ الْقِيَامَةِ عِندَ رَبِّكُمْ تَخْتَصِمُونَ ﴿٣١﴾ ([3])

މާނައީ: “ހަމަކަށަވަރުން ކަލޭގެފާނީ އަވަހާރަވާނޭ ބޭކަލެކެވެ. އަދި އެބައިމީހުންނީވެސް މަރުވާނޭ ބަޔެކެވެ.[30] ދެން އެއަށްފަހު ހަމަކަށަވަރުން ޤިޔާމަތްދުވަހު ތިޔަބައިމީހުންގެ ރައްބުގެ ޙަޟުރަތުގައި ތިޔަބައިމީހުން ދެބަސްވެ ވާހަކަދައްކާނެއެވެ.[31]”

ފިލާވަޅުގެ އިރުޝާދުތައް

* ރޯދަހިފުމާއި ޒަކާތްދިނުމާއި ޙައްޖުކުރުމާ އަދިވެސް މިނޫން ގިނަ ޢަމަލީ ޙުކުމްތައް ބާވާލެއްވުނީ މަދީނާގައެވެ. އެއީ ﷲ ގެ އެއްކަންތަކަމާއި އީމާންކަން އެބޭކަލުންގެ ހިތްތަކުގައި ބިންވަޅުނެގުމުންނެވެ.

* މުޙައްދަމު صلى الله عليه وسلم ގެ އުންމަތުގެ މީސްތަކުންނަށް އުނދަގޫވެ ދަތިވެއްޖެ ކޮންމެ ކަމެއް، އެކަލޭގެފާނަށް ބޮޑުކަމަކަށް ވިއެވެ. އެކަލޭގެފާނީ (މީސްތަކުންނަށް ތެދުމަގު ލިބުމުގެ މައްޗަށް) ދަހިވެތިވެވަޑައިގެންނެވި ބޭކަލެކެވެ. މުއުމިނުންނަށް ނުހަނު އޯގާވެރި، ރަޙުމުކުރެއްވި ބޭކަލެކެވެ. އެހެންކަމުން ހުރިހާ ހެވަކަށް އެކަލޭގެފާނު މަގުދެއްކެވިއެވެ. އަދި ހުރިހާ ނުބައިކަމެއް ނަހީކުރެއްވިއެވެ.

* މުޙައްމަދު صلى الله عليه وسلم ގެ ރިސާލަތަކީ ޖިންނީންނާއި އިންސީންނާށް ޢާންމުވެގެންވާ ރިސާލަތެކެވެ.

* އަހަރުމެންގެ ނަބިއްޔާ މުޙައްދަމު صلى الله عليه وسلم ގެ ރިސާލަތަކީ ފުރިހަމަ ރިސާލަތެކެވެ. އެ ރިސާލަތުގެ ފުރިހަމަކަމުގެ ޢަލާމާތްތަކުގެ ތެރޭގައި:
1- ދުނިޔެއާއި ދީނުގެ ހުރިހާ ކަމެއް އިޞްލާހުގެ މަގުން ކުރިއަށް ގެންދާނެގޮތް އޭގައި ހިމެނުން.

2- އެ ދީނުގައި އުނިކަމެއް ނުތެމާއި އެއަށް އިތުރުކުރުމަށް ބޭނުން ޖެހިފައި ނުވުން.

* އެހެނިހެން އިންސާނުންވެސް މަރުވާފަދައިން، މުޙައްމަދު صلى الله عليه وسلم ވެސް ވަނީ އަވަހާރަވެފައެވެ. އެކަލޭގެފާނު އަވަހާރަވިއިރު ޢުމުރުފުޅަކީ 63 އަހަރެވެ.

ސުވާލުތައް

  1. ގިނަ ޢަމަލީ ޙުކުމްތައް ބާވާލެއްވުނީ ކޮން އިރަކު ހެއްޔެވެ؟
  2. ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އުންމަތަށް ދައްކަވާފައިވާ ހެޔޮކަންތައްތަކަކީ ކޮބާ ހެއްޔެވެ؟
  3. ނަބިއްޔާ صلى الله عليه وسلم ފޮނުއްވުނީ ކޮން ބައެއްގެ ގާތަށް ހެއްޔެވެ؟ އެކަމުގެ ދަލީލު ލިޔާށެވެ.
  4. ނަބިއްޔާ صلى الله عليه وسلم ގެ ރިސާލަތުގެ ފުރިހަމަކަން ބަޔާންކޮށްދޭ ބައެއް ޢަލާމާތްތައް ލިޔާށެވެ.
  5. އެހެނިހެން އިންސާނުންވެސް މަރުވާފަދައިން ރަސޫލާ صلى الله عليه وسلم ވެސް އަވަހާރަވެއްޖެ ހެއްޔެވެ؟ އެކަމުގެ ދަލީލު ލިޔާށެވެ.

_____________________________

([1]) [الأعراف: ١٥٨]

([2]) [المائدة: ٣]

([3]) [الزمر ٣٠ – ٣١]

مادة التوحيد ١ (ފޮތް)

مادة التوحيد ٢ (ފޮތް)

مادة التوحيد ٣ (ފޮތް)

مادة التوحيد ٤ (ފޮތް)

مادة التوحيد ٥  ގެ އެހެނިހެން ބައިތައް