އިސްލާމީ ނަޒަރަކުން ކައިވެނި
ކުރީގެ ބައިތަކުގައި ބަޔާންވެގެންވާނޭފަދައިން، ކައިވެންޏަކީ އިސްލާމްދީން އެކަމަކަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެކެވެ. މިގޮތުން ދުނިޔެވީ ޙަޔާތުގައި މީސްތަކުންނަށް އެންމެ މުހިއްމުވާނެ އެއްކަމަކީ އެބައިމީހުންގެ ދަރިފަސްކޮޅު ހެޔޮގޮތުގައި ތަރުބިއްޔަތުކުރެވޭނެ މަގެއް ފެނުމެވެ. އެހެން ދީންތަކާ ޚިލާފަށް އިސްލާމްދީނުގައި ވަނީ މިކަމަށް ވަރަށްވެސް މުހިއްމު ޙައްދުތަކެއް ކަނޑައަޅުއްވާފައެވެ. ދުނިޔެވީ ޙަޔާތް ބާއްޖަވެރިކުރެވޭނެ ގޮތަކީ ކޮބައިކަން ބަޔާންކޮށް ދެއްވާފައެވެ. އެގޮތުން އަޅުގަނޑުމެންގެ ކައިވެނީގެ ޙަޔާތަކީ އުފާވެރި ބާއްޖަވެރި ޙަޔާތަކަށް ހެދުމަށްޓަކައި، އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކުގައި ކައިވެންޏަށް ދައްކަވާދެއްވާފައިވާ ރިވެތި މަގަކީ ކޮބައިކަން އެނގުމަކީ މުހިއްމުކަމެކެވެ.
ހ. އަންބަކު ނުވަތަ ފިރިޔަކު ޚިޔާރުކުރުން:
އާއިލާއެއްގައި ދެމަފިރިންކުރެ އަނބިމީހާއަކީ ޚާއްޞަގޮތެއްގައި ވަކި ޚާއްޞަ ޒިންމާތަކެއް އެކަނބަލުންނާ ޙަވާލުކުރައްވާފައިވާ ބައެކެވެ. ގޭތެރޭގެ ކަންތައްތައް އިޞްލާޙް ކުރުމާއި، ދަރިން ތަރުބިއްޔަތުކުރުންފަދަ ބުރަ މަސްޢޫލިއްޔަތްތަކުގެ އެންމެ އިސްމަޤާމު އަދާކުރާނެ މީހަކީ އަނބިމީހާއެވެ. ކަންމިހެން ހުރިއިރު، އަނބިމީހާއަކީ މިކަމަށް ޤާބިލު، މިފަދަ ކަންކަމުގެ ޒިންމާ އެންމެ ފުރިހަމަގޮތުގައި ނެގޭނެ މީހަކަށް ވާންޖެހޭނެއެވެ.
އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައހިވަސައްލަމައަކީ، ހެޔޮކަމެއްވާނަމަ އެކަލޭގެފާނުގެ އުއްމަތަށް އެކަން ބަޔާންކޮށް ދެއްވާފައިވާ ބޭކަލެކެވެ. އަދި ނުބައިކަމެއްވާނަމަ އެކަމުންދުރުވެ އެއްކިބާވުމަށް، އެކަލޭގެފާނުގެ އުއްމަތަށް ނަޞޭޙަތްތެރިވެ ވަޑައިގެންނެވި ބޭކަލެކެވެ. އެކަލޭގެފާނު ވަނީ އަންބެއް ޚިޔާރުކުރުމުގައި ބަލާނެ ކަންތައްތަކަކަށް މަގު ދައްކަވާ ދެއްވާފައެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. “تُنْكَحُ الْمَرْأَةُ لأِرْبَعٍ: لِمَالِهَا، وَلِحَسَبِهَا، وَجَمَالِهَا، وَلِدِينِهَا، فَاظْفَرْ بِذَاتِ الدِّينِ، تَرِبَتْ يَدَاكَ” މާނައީ: “ހަތަރުކަމަކަށްޓަކައި އަންހެނުންނާ ކައިވެނިކޮށް އުޅެއެވެ. އެއީ އެކަނބުލޭގެ މުދާވެރިކަމަށާއި، ޙަސަބަށާއި، ރީތިކަމަށާއި، ދީންވެރިކަމަށެވެ. ފަހެ، ދީންވެރި އަންހެނާ ޚިޔާރުކުރާށެވެ. (ނޫނީ) ތިބާގެ އަތް ވެއްޔާ މޮޑެވިދާނެއެވެ. (އެބަހީ ތިބާ ފަޤީރުވެ، ޙަޔާތް ބަރުބާދުވެދާނެއެވެ.)” (ބުޚާރީ 5090، މުސްލިމް 1466)
މިޙަދީޘުން ދަލީލުލިބޭގޮތުގައި އަންބެއް ޚިޔާރުކުރުމުގައި ބަލަންޖެހޭ އެންމެ މުހިއްމުކަމަކީ އެކަނބުލޭގެ ދީން ވެރިކަމަށެވެ. ހަމައެއާއެކު ޚިޔާރުކުރާ އަންހެންމީހާއަކީ، އެމީހެއްގެ ޙަޔާތަށް އުފާވެރިކަމާއި ހިންހަމަޖެހުން ގެނެސްދޭނެ ފަދަ މީހެއްތޯ ބަލަންޖެހޭނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘް ފުޅުތަކުގައި ވާފަދައިން، އުފާވެރިކަން ގެނެސްދޭނެ ކަންތަކުގެ ތެރެއިން އެއްކަމަކީ، އެއަންހެންމީހާއަށް ބަލާލައިފިނަމަ ހިތްހަމަޖެހޭ، އެނާއާ ދުރުގައިވާ ހިނދު، އެކަނބުލޭގެ ނަފްސާއި މުދަލާމެދު އެކަނބުލޭގެއަށް ޔަޤީންކަން އޮންނަ ޞާލިޙު އަންބެކެވެ. ހަމައެފަދައިން އަންހެންމީހާގެ އަޚްލާޤަށާއި، އެކަނބުލޭގެއަކީ ދަރިން ލިބޭ އަންހެނެއްތޯއާއި، އެކަނބުލޭގެ ރީތިކަމަށާއި، ޙަސަބަށާއިނަސަބަށް ރިޢާޔަތްކުރުންފަދަ ކަންކަމަކީ އެކަލޭގެފާނު އަޅުގަނޑުމެނަށް ދެއްވާފައިވާ މުހިއްމު ނަޞޭޙަތްތެކެވެ.
ހަމައެފަދައިން ފިރިމީހާއަކީ އަނބިމީހާއާއި އެދެމީހުންނަށް ލިބޭ ދަރިންނަށް އަޅާލުމާއި، އެބައިމީހުން ސަލާމަތްތެރިކާމާއެކު ބެލެހެއްޓުމުގެ އިސްމަޤާމު އަދާކުރާ މީހާއެވެ. ކަންމިހެންހުރި އިރު، ކައިވެނިކުރާ ފިރިހެންމީހާއަކީ މިފަދަ ކަންކަމަށް ޤާބިލު، ކަމަށް އެކަށީގެންވާ މީހެއްތޯ ބެލުމަކީ އަންހެންމީހާއަށާއި އެއަންހެންމީހާގެ ވަލީވެރިޔާއަށް ވަރަށްވެސް މުހިއްމުކަމެކެވެ. މިގޮތުން އަންހެންމީހެކޭ އެއްފަދައިން ފިރިމީހެއް ޚިޔާރުކުރުމުގައި މަތީގައި ބަޔާންވެދިޔަ ޞިފަތަކަށް ރިޢާޔަތްކުރުމަކީ މުހިއްމުކަމެކެވެ.
ށ. އިސްލާމްދީނުގައި ކައިވެނި ކުރެވޭގޮތް:
އިސްލާމްދީނުގައި ކައިވެނިކުރުމުގެ ވަރަށް މަތިވެރި އުޞޫލުތަކެއްވަނީ ކަނޑައަޅުއްވާފައެވެ. މިގޮތުން، ކައިވެނީގެ ރުކުންތަކަކާއި، ޝަރުޠުތަކެއްވަނީ ލައްވަވާފައެވެ. މިއިންކަމެއް އުނިވެއްޖެނަމަ ކައިވެނި ބާޠިލުވާހުއްޓެވެ. މިގޮތުން ކައިވެނީގެ ރުކުންތައް ތިނެކެވެ. ފުރަތަމައީ: ކައިވެނިކުރާ ދެމީހުންނަކީ، ކައިވެނީގެ ޞައްޙަކަމަށް ހުރަސްއެޅޭފަދަ އެންމެހާކަމަކުން ސަލާމަތްވެފައިވާ ދެމީހުންނަށް ވުމެވެ. މިދެމީހުންނަކީ، އެކަކުއަނެކަކާ ކައިވެނިކުރުން ޙަރާމް ދެމީހުންނަށްވެގެން ނުވާނެއެވެ. ދެވަނައީ: އީޖާބެވެ. އީޖާބަކީ ވަލީވެރިޔާ ނުވަތަ އެމަޤާމުގައިވާ މީހާ، ކައިވެނިކުރާ ފިރިމީހާއަށް “ތިމަން މިވެނި އަންހެނަކު ތިބާއާ ކައިވެނިކޮށް ދީފެމެވެ.” މިފަދަ ސާފު ބަހަކުން ވަލީދިނުމެވެ. ތިންވަނައީ: ޤަބޫލެވެ. އެއީ، ކައިވެނިކުރާ ފިރިހެންމީހާ “ތިމަން މިކައިވެނި ޤަބޫލުކޮށްފީމޭ” މިފަދަ ސާފު ޢިބާރާތަކުން ކައިވެނި ޤަބޫލުކުރުމެވެ.
ހަމައެހެންމެ، ކައިވެނީގެ ހަތަރު ޝަރުޠެއްވެއެވެ. ފުރަތަމައީ: ކައިވެނި ކުރާ ދެމީހުންނަކީ ކޮންބައެއްކަން ސާފުކޮށް އެނގުމެވެ. ދެވަނައީ: ކައިވެނިކުރާ ދެމީހުންވެސް އެކަކު އަނެކަކާމެދު ރުހުމެވެ. އެއިގެ ތެރެއިން އެކަކު ދެކޮޅު ހެދިނަމަވެސް ކައިވެނި ޞައްޙަނުވާނެއެވެ. ތިންވަނައީ: ކައިވެނީގެ ވަލީއެވެ. ހަތަރުވަނައީ: ކައިވެނީގެ ދެހެކިންނެވެ.
އަދި ފިރިމީހާގެ ފަރާތުން އަނބިމީހާއަށް ކައިވެނީގެ ރަން ދިނުމަކީ ވާޖިބެކެވެ. ރަން ކިޔުމުގައި މެދުމިންގަނޑެއް ޚިޔާރުކުރުމަކީ އިސްލާމްދީން މަގުދައްކާގޮތެވެ.
އަޅުގަނޑުމެން މިމަތިވެރި އުޞޫލުތަކަށް ވިސްނާލައިފިކަމުގައިވާނަމަ އަޅުގަނޑުމެނަށް އެނގިގެންދާނީ އިސްލާމްދީނުގެ ފުރިހަމަކަމެވެ. އަދި އިސްލާމްދީނަކީ ފަރުދީގޮތުންނާއި އިޖްތިމާޢީގޮތުން މަޞްލަޙަތަށް ރިޢާޔަތްކުރާ ދީނެއްކަމެވެ. މިރުކުންތަކާއި ޝަރުޠުތަކާއެކު ކުރެވޭ ކައިވެންޏަކީ ޞައްޙަ ކައިވެންޏެކެވެ.
ނ. ކައިވެނީގެ ވަލީމާ:
ކައިވެނީގެ ވަލީމާ (ނުވަތަ ކައިވެނީގެ ހަފްލާ) އަކީ، ކައިވެނި ކުރެވުނުކަމުގެ އުފަލުގައި އެއްވެ އުޅޭ އެއްވުމެކެވެ. މިކަމުގެ އެންމެ މުހިއްމު މަޤްޞަދުތަކުގެ ތެރޭގައި ކައިވެނި އިޢުލާނުކުރުމަކީ އެންމެ މުހިއްމު އެއްމަޤްޞަދެވެ.
ކައިވެނީގެ ވަލީމާ ބޭއްވުމަކީ ސުންނަތްކަމެއް ކަމާމެދު ޢިލްމުވެރިން އިއްތިފާޤްވެ ވަޑައިގަންނަވައެވެ. މިގޮތުން އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ، ޒައިނަބުގެފާނާއި ޞަފިއްޔަތުގެފާނާއި މައިމޫނާ ބިންތިލް ޙާރިޘް އާ ކައިވެނި ބައްލަވައިގެންނެވުމަށްފަހު ވަލީމާ ބޭއްވެވިއެވެ. ހަމައެހެންމެ، ކައިވެނީގެ ވަލީމާ ބޭއްވުމަށާއި، ކައިވެނި އިޢްލާން ކުރުމަށް އެކަލޭގެފާނު އަޅުގަނޑުމެނަށް އިރުޝާދު ދެއްވެވިއެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. “أَوْلِمْ وَلَوْ بِشَاةٍ” މާނައީ: “ބަކަރިއަކުން ނަމަވެސް ވަލީމާ ދޭށެވެ.” (ބުޚާރީ 2048، މުސްލިމް 1427) އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ. “اعْلِنُوا النِّكَاحَ” މާނައީ: “ކައިވެނި އިޢްލާން ކުރާށެވެ.” (އަޙްމަދު، އިބްނު ޙިއްބާން. އާދާބު އައްޒިފާފް ޞ.183)
ކައިވެނީގެ ވަލީމާ، އިސްލާމްދީނާ ޚިލާފުކަންތައްތަކުން އެއްކިބާ ކުރުމަކީ ވާޖިބުކަމެކެވެ. މިގޮތުން ދެޖިންސުގެ މީހުން މަސްހުނިވުމާއި، މިއުޒިކު ކުޅުމާއި، ކާފަރުންގެ ކައިވެނީގެ އިޙްތިފާލުތައް ބާއްވާފަދައިން ބޭއްވުން ފަދަ ކަންކަމަކީ އިސްލާމްދީނާ ޚިލާފު ކަންތައްތަކެވެ. ހަމައެހެންމެ، ކާބޯތަކެއްޗާއި، އެހެންވެސް ތަކެތިން އިސްރާފުކުރުމަކީ ދީން ވަރަށް ބޮޑަށް މަނާކުރާ ކަންކަމެވެ.
(ނުނިމޭ)
_________________________