އަދި މީސްތަކުން މަރުވުމަށްފަހު އަލުން ދިރުއްވޭނެއެވެ. އެކަމުގެ ދަލީލަކީ ﷲ ތަޢާލާގެ މި ވަޙީބަސްފުޅެވެ.
مِنْهَا خَلَقْنَاكُمْ وَفِيهَا نُعِيدُكُمْ وَمِنْهَا نُخْرِجُكُمْ تَارَةً أُخْرَىٰ ﴿٥٥﴾ ([1])
މާނައީ: “ތިމަންއިލާހު ތިޔަބައިމީހުން ހެއްދެވީ އެބިމުންނެވެ. އަދި ތިމަންއިލާހު އެބިމަށް ތިޔަބައިމީހުން އިޢާދަކުރައްވާހުށީމެވެ. ދެން އަލުން ދެވަނަފަހަރަށް އެބިމުން ތިމަންއިލާހު ތިޔަބައިމީހުން ނެރުއްވާހުށީމެވެ.”
އަދި ﷲ ތަޢާލާގެ މިވަޙީބަސްފުޅުވެސް މެއެވެ.
وَاللَّـهُ أَنبَتَكُم مِّنَ الْأَرْضِ نَبَاتًا ﴿١٧﴾ ثُمَّ يُعِيدُكُمْ فِيهَا وَيُخْرِجُكُمْ إِخْرَاجًا ﴿١٨﴾ ([2])
މާނައީ: “އަދި ﷲ، ތިޔަބައިމީހުން ބިމުން އުފައްދަވައި އެތަނުން ނެރުއްވިއެވެ.[17] ދެން އެއިލާހު ތިޔަބައިމީހުން އެ ބިމަށް އިޢާދަކުރައްވާނެތެވެ. އަދި އެއިލާހު ތިޔަބައިމީހުން (އެ ބިމުން) ނެރުއްވާނެތެވެ.[18]”
އަދި އަލުން ދިރުއްވުމަށްފަހު އެބައިމީހުންގެ ޙިސާބު ބައްލަވާ ޢަމަލުތަކުގެ ޖަޒާ ދެއްވާނެއެވެ. އެކަމުގެ ދަލީލަކީ ﷲ ތަޢާލާގެ މި ވަޙީބަސްފުޅެވެ.
لِيَجْزِيَ الَّذِينَ أَسَاءُوا بِمَا عَمِلُوا وَيَجْزِيَ الَّذِينَ أَحْسَنُوا بِالْحُسْنَى ﴿٣١﴾ ([3])
މާނައީ: “އެއީ ނުބައި ޢަމަލުކުރި މީހުންނަށް އެބައިމީހުން ކުރި ނުބައި ޢަމަލުގެ ޖަޒާދެއްވުމަށެވެ. އަދި ހެޔޮ ޢަމަލުކުރިމީހުންނަށް ހެޔޮ ޖަޒާ ދެއްވުމަށެވެ.”
އަލުން ދިރުއްވުން އިންކާރުކޮށްފިމީހާ ކާފިރުވެއްޖެއެވެ. އެކަމުގެ ދަލީލަކީ ﷲ ތަޢާލާގެ މިވަޙީބަސްފުޅެވެ.
زَعَمَ الَّذِينَ كَفَرُوا أَن لَّن يُبْعَثُوا ۚ قُلْ بَلَىٰ وَرَبِّي لَتُبْعَثُنَّ ثُمَّ لَتُنَبَّؤُنَّ بِمَا عَمِلْتُمْ ۚوَذَٰلِكَ عَلَى اللَّـهِ يَسِيرٌ ﴿٧﴾ ([4])
މާނައީ: “ކާފިރުވީ މީސްތަކުން ހީކުރެތެވެ. އެމީހުން މަރުވުމަށްފަހު އަލުން ދިރިގެން މަޙްޝަރަށް ނުފޮނުވޭނެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އެއްގޮތަކަށްވެސް އެހެން ނުވާނެއެވެ. ތިމަންކަލޭގެފާނުގެ ރައްބު ގަންދީ ހުވާކޮށް ބުނަމެވެ. ހަމަކަށަވަރުން ޔަޤީނުންވެސް ތިޔަބައިމީހުން މަރުވުމަށްފަހު މަޙްޝަރަށް ފޮނުއްވޭނެއެވެ. ދެން ތިޔަބައިމީހުން ދުނިޔޭގައި ކޮށްފައިވާ ކަންތައްތަކުގެ ޚަބަރު ތިޔަބައިމީހުންނަށް ދެވޭނެއެވެ. އެއީ ﷲއަށް ދާދި ފަސޭހަ ކަމެކެވެ.”
ފިލާވަޅުގެ އިރުޝާދުތައް
* ﷲ ތަޢާލާވަނީ އެންމެހާ މީސްތަކުން މަރުވުމަށް ނިޔާކަނޑައަޅުއްވާފައެވެ. އެއިލާހު ވަޙީކުރެއްވިއެވެ.
كُلُّ مَنْ عَلَيْهَا فَانٍ ﴿٢٦﴾ وَيَبْقَىٰ وَجْهُ رَبِّكَ ذُو الْجَلَالِ وَالْإِكْرَامِ ﴿٢٧﴾ [الرحمن]
މާނައީ: ” އެ ތަނުގައިވާ (އެބަހީ: ބިމުގައިވާ) ކޮންމެ އެއްޗަކީ ފަނާވެދަނިވި އެއްޗެކެވެ. [26] އަދި ކަލޭގެފާނުގެ ވެރި، ކީރިތިވަންތަކަމާއި، މާތްވަންތަކަމުގެ އިލާހުގެ ވަޖުހުފުޅު ދެމިވޮޑިގެންވެއެވެ. [27] “
* މަރުވުމަކީ ތާއަބަދަށް ފަނާވެނިމިދިޔުމެއް ނޫނެވެ. ނަމަވެސް އެއީ ދުނިޔޭގެ ޙަޔާތާއި އާޚިރަތުގެ ޙަޔާތާ ދެމެދުގައިވާ މަރުޙަލާއެކެވެ. އެގޮތުން ޤިޔާމަތްވުމުން މީސްތަކުން ކަށްވަޅުން ނުކުންނާނެއެވެ.
* މީސްތަކުން ދުނިޔެމަތީގައިކޮށްފައިވާ ޢަމަލުތަކުގެ ޙިސާބު ބެއްލެވޭނީ ޤިޔާމަތްދުވަހުއެވެ. އެއިލާހު ވަޙީކުރެއްވިއެވެ.
فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ ﴿٧﴾ وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ ﴿٨﴾ [الزلزلة]
މާނައީ: “ފަހެ، ޛައްރެއްގެ މިންވަރުވިޔަސް ހެޔޮކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ. [7] އަދި ޛައްރެއްގެ މިންވަރުވިޔަސް ނުބައިކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ. [8]”
ސުވާލުތައް
- ޤިޔާމަތްދުވަހު މީސްތަކުން އަލުންދިރުއްވާނެކަމުގެ ދަލީލަކީ ކޮބާ ހެއްޔެވެ؟
- ޤިޔާމަތްދުވަހު މީސްތަކުންގެ ޢަމަލުތަކުގެ ޙިސާބު ބެއްލެވޭނެކަމުގެ ދަލީލަކީ ކޮބާ ހެއްޔެވެ؟
- މަރުވުމަށްފަހު އަލުން ދިރުއްވޭނެކަން އިންކާރުކޮށްފިމީހެއްގެ ޙުކުމަކީ ކޮބާ؟
- އަލުން ދިރުއްވުމާ ބެހޭގޮތުން ކާފިރުން ދެކެނީ ކިހިނެތް ހެއްޔެވެ؟ އަދި އެބައިމީހުންނަށް އެކަމުގައި ޖަވާބުދޭނީ ކިހިނެތް ހެއްޔެވެ؟
___________________________