[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަމާދު ( الصلاة ) – 11

salat

ބަންގިއާ ޤަމަތަކީ ވެސް ދެ އަޅުކަން ކަމުގައިވެފައި، އެދެއަޅުކަންވެސް އަދާކުރަން އައިސްފައިވާ ލަފްޒުތަކަކީ ވަކި ތަރުތީބަކުން، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ވާރިދުވެފައިވާ ލަފްޒުތަކެއްކަމުގައިވުމުން، ތަރުތީބުން ނޫންގޮތަކަށް ބަންގިއާއި ޤަމަތް ގެނަސްގެންފިނަމަ ޞައްޙައެއް ނުވާނެއެވެ. އަދި ހަމައެފަދައިން މިދެކަންތައްވެސް ގެނެސްގެންނަންވާނީ ވާރިދުވެފައިވާ ލަފްޒުތަކުންނެވެ. އެއް މާނައެއް ނުވަތަ ގާތްކުރާ މާނައެއްކަމުގައިވިޔަސް އެހެން ލަފްޒެއް ގެނެސްފި ނަމަ ޞައްޙައެއް ނުވާނެއެވެ. މިސާލަކަށް (الله أكبر ) ގެ ބަލުގައި ( الله الأكبر) ނުވަތަ (الله أعظم )  ކިޔައިފި ނަމަވެސް ޞައްޙަ އެއް ނުވާނެއެވެ. ކޮންމެ ލަފްޒެއްވެސް ގެނަސްގެންނަންވާނީ ސުންނަތުން ވާރިދުވެފައިވާ ގޮތަށެވެ.

އަދި ބަންގިއާއި ޤަމަތުގެ އިބާރާތްތައް ކިޔާއިރު، އެއް އިބާރާތާއި އަނެއް އިބާރާތާއި ދެމެދު މާބޮޑު މެދުކެނޑުމެއް އައިސްގެން ނުވާނެއެވެ. އެހެނީ ތަފާތު އިބާރާތްތަކެއްގެ މައްޗަށް އެކުލެވުގެން ވިޔަސް އެއީ އެއް އަޅުކަމެކެވެ. އެހެންކަމުން އިބާރާތްތައް ކިޔުމުގައި ކިޔަން ޖެހޭނީ ގުޅިގެން ދާގޮތަށް ޖެހިޖެހިގެން ކަހަލަގޮތަކަށް ބޮޑު މެދުކެނޑުމެއް ނާންނަ ގޮތަށެވެ. ބަންގި ގޮވަމުންދާއިރު ނުވަތަ ޤަމަތް ދެމުންދަނިކޮށް ކިނބިއްސެއް އެޅިގެން ނުވަތަ ކެއްސައިގަތުންފަދަ ޢުޒުރުވެރިކަމެއް މެދުވެރި ވެގެން މެދު ކެނޑޭ ކެނޑުން މީގެތެރޭގައި ނުހިމެނޭނެއެވެ. އެހެނީ އެއީ އިންސާނުންގެ އިކްތިޔާރުން ބޭރުގައި އޮންނަ ކަންކަމެވެ.

ބަންގިއާއި ޤަމަތުގެ ލަފްޒުތައް ކިޔުމުގައި ހެދޭ ކުށްތަކުގެ ސަބަބުން ބައެއްފަހަރު މާނައަށް ބަދަލު އާދެއެވެ. އަދި އަނެއްބައި ފަހަރު މާނައަށް ބަދަލު ނާދެއެވެ. މާނަ އަށް ބަދަލު ނާންނަކަމުގައިވިޔަސް  އެފަދައިން ކުށް ކިޔޭނަމަ ބަންގި ގޮވުން މަކްރޫހައެވެ. ނަމަވެސް ބަންގި ޞައްޙަ ވާނެއެވެ. އެހެން ނަމަވެސް މާނައަށް ބަދަލު އަންނަ ނަމަ ޞައްޙައެއް ނުވާނެއެވެ. މިސާލަކަށް ( الله أكبر ) ކިޔަން ( الله أكبار ) ކިޔައިފިނަމަ ބަންގި ޞައްޙައެއް ނުވާނެއެވެ. އެހެނީ އޭގެ ސަބަބުން މާނަ ބަދަލުވެގެން ދެއެވެ.


– ނުނިމޭ –

މަސްދަރު: މި ލިޔުމަށް މައިގަނޑުގޮތެއްގައި މަޢުލޫމާތު ނަގާފައިވާނީ ފަޟީލަތުއްޝައިޚް މުޙައްމަދު ބިން ޞާލިޙުލް ޢުޘައިމީން ( ރަޙިމަހުﷲ ) ގެ الشرح الممتع على زاد المستقنع އިން.