[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަމާދު ( الصلاة ) – 12

salat

ނަމާދު ވަގުތު ފާއިތުވުމުގެ ސަބަބުން ފަހުން ގިނަ ނަމާދުތަކެއް އެއްކޮށްކުރާ މީހާގެ ބަންގި އާއި ޤަމަތް:

ނިދުމުގެ ސަބަބުން ނުވަތަ ހަނދާން ނެތުމުގެ ސަބަބުން ނަމާދެއް ނުވަތަ އެއަށްވުރެ ގިނައިންވެސް ނަމާދުތަކެއް ވަގުތުން ފާއިތުވެއްޖެނަމަ، ހަނދާންވުމުން ނުވަތަ ހޭލެވުމުން، ފާއިތުވެ ދިޔަ ނަމާދުތައް އެއްކޮށް ކުރާއިރު އެއްފަހަރު ބަންގި ގޮވުމަށްފަހު، ފާއިތުވެ ދިޔަ ކޮންމެ ނަމާދަކަށް ވަކިން ޤަމަތްދިނުމަށްފަހު ނަމާދުކުރަމުން ދާނީއެވެ. މިފަދައިން ޢުޒުރަކާލައިގެން ފާއިތުވެ ދިޔަ ނަމާދުތައް ފަހުން އަދާކުރާއިރު ކޮންމެ ނަމާދަކަށް ވަކިން ބަންގި ގޮވާކަށް ނުޖެހޭނެއެވެ. ނަމަވެސް ޤަމަތް ދޭންވާނެއެވެ. ޢިލްމުގެ އަހުލުވެރިން ވިދާޅުވާގޮތުގައި ޝަރުޢީ ޢުޒުރަކާއި ނުލައި ގަސްދުގައި ދޫކޮށްލައިފައިވާ ނަމާދުތައް ފަހުން ކުރިޔަސް ޤަބޫލެއް ނުކުރެވެއެވެ. އެފަދަ މީހާ ޖެހޭނީ އެ ކުރެވުނު ބޮޑު ފާފައިން ތައުބާވާށެވެ.

ނަމާދު ޖަމްޢުކުރާމީހާގެ ބަންގި އާއި ޤަމަތް:

ދަތުރުވެރިއެއްކަމުގައި ވިޔަސް ނުވަތަ ރަށުގައި ޙާޒިރުވެހުރި މީހެއްކަމުގައިވިޔަސް ނަމާދު ޖަޢުކުރެވޭ ޙާލަތެއް އައިސްގެން ނަމާދު ޖަމްޢުކުރާ މީހާ، އެއްމެ ފުރަތަމަ ނަމާދަށް ފެށުމުގެ ކުރިން ބަންގި ގޮވާނީއެވެ. ދެން ކޮންމެ ނަމާދަކަށްވެސް ވަކިން ޤަމަތް ދިނުމަށް ފަހު ކޮންމެ ނަމާދެއްވެސް ފައްޓާނީއެވެ. ކޮންމެ ނަމާދަކަށް ވަކިން ބަންގި ގޮވާކަށް ނުޖެހޭނެއެވެ. މިގޮތަށް ބަންގި ގޮވާނީ އެރަށެއްގައި ބަންގި ނުގޮވޭ ފަޅުރަށެއް ނުވަތަ ސަހަރާތެރޭގައި ބަންގި ނުގޮވޭ ހިސާބެއްގައި ނުވަތަ ދަތުރު މަތީގައި ބަންގި ނުގޮވޭ ހިސާބެއްގައި ވާ މީހާއެވެ. ނަމަވެސް އެރަށެއްގައި ބަންގި ގޮވޭ ރަށެއްގައި ހުންނަ ދަތުރުވެރިޔާ ނުވަތަ ނަމާދު ޖަމްޢު ކުރެވޭ ޙާލަތުގައި ހުރިމީހާ. ނަމާދު ޖަމްޢުކުރާއިރު ބަންގި ގޮވާކަށް ނުޖެހޭނެއެވެ. އެމީހާ ކޮންމެ ނަމާދަކަށް ވަކިން ޤަމަތް ދިނުމަށްފަހު ކޮންމެ ނަމާދެއްވެސް ކުރާނީއެވެ.


 

– ނުނިމޭ –

މަސްދަރު: ފަޟީލަތުއްޝައިޚް މުޙައްމަދު ބިން ޞާލިޙުލް ޢުޘައިމީން ( ރަޙިމަހުﷲ ) ގެ ” الشرح الممتع على زاد المستقنع “