ޖިސްމާނީ ގޮތުން: އެގޮތުން ބަލާއިރު ލޯފަން، ކުރު، ކަޅު، އެފަދަ ނުރުހޭ ސިފަތަކުގެ ވާހަކަ ދެއްކުން ހިމެނެއެވެ. ނަމަވެސް މިސިފަތަކުން ނޫން ގޮތަކަށް އެއީ ކާކުކަން ބަޔާންވެގެން ނުވާނަމަ، ނޫނީ މީސްތަކުންނަށް އެގޮތުންނޫނީ އެއީ ކާކުކަން ނޭނގޭނަމަ އެފަދަ ސިފަތަކުން ބަޔާން ކުރުން އެއީ ޣީބަ ބުނުން ކަމުގައި ނުވާނެއެވެ.
ނަސަބުގެ ގޮތުން: މީހާގެ ނަސަބަށް ރައްދުވާ ގޮތަށް ތަފާތު ފާޑުގެ، ނުރުހޭ ނަންތައް ބޭނުން ކުރުމާއި ނަސަބަށް ހުތުރު ވާފަދަ ބަސްތަށް ބޭނުން ކުރުން ހިމެނެއެވެ. މިސާލަކަށް: ތިބާގެ ބައްޕަޔަކީ މިވެނި އެވެނި ކަހަލަ މީހެކެވެ. ނޫނީ ފާސިގެކެވެ. އެފަދައިން ނަސަބު ކިލަނބުވާފަދަ ހުތުރު ބަސްތައް ބޭނުން ކުރުމެވެ.
އަޚުލާޤީ ގޮތުން: އެއީ ޚުލްޤު ނުބައިމީހެއް، ދަހިމީހެއް، ކިބުރުވެރިމީހެއް، ރުޅިގަދަމީހެއް، އިސްރާފުކުރުން ބޮޑު މީހެއް، ވިސްނުމެއް ފިކުރެއްނެތްމީހެއް، މިފަދަ ބަސްތައް ވެގެންދާނީ އެރައްދު ކުރެވުނު މީހާގެ ޣީބަ ބުނުންކަމުގައެވެ.
ދީނާ ގުޅުންހުރި ކަންކަމާ ގުޅުވައިގެން: އެއީ ދޮގުވެރިއެއް ޚިޔާނާތްތެރިއެއް، ރާބޯމީހެއް، ނަމާދަށް ފަރުވާކުޑަމީހެއް، މައިންބަފައިނަށް އޯގާތެރި ނުވާމީހެއް، ރަނގަޅަށް ނަމާދު ކުރަން ނޭނގޭމީހެއް، ދުލުން ހެޔޮ އެއްޗެއްކިޔަން ނޭނގޭމީހެއް، މިފަދައިން ބުނާ ބަސްތައް ވެގެންދާނީ ޣީބަބުނުމުގެ ތެރެއިންނެވެ.
ދުނިޔެވީ ކަންކަމާ ގުޅޭގޮތުން: “އެއީ އަދަބުކުޑަ މީހެއް، މީސްތަކުންނަށް ކަމޭނުހިތާ އިހާނާތްތެރި މީހެއް، އޭނާގެ ކިބައިގައި އެއްވެސް ރަނގަޅުކަމެއް ނުވޭ، އެއީ މީސްތަކުންގެ ޙައްޤުތައް އަދާނުކުރާ މީހެއް، އެއީ ވަރަށް އަނގަ ގަދަ މީހެއް، އެއީ ނިދަންނުވާ ގަޑިތަކުގައި ނިދާ މީހެއް،” މިފަދަ އޭނާ ނުރުހޭ ވާހަކަތަކުން އަޚާ ފަޟީޙަތް ކުރާ މީހާއަށް އެބުނެވެނީ ޣީބައެވެ.
ފޭރާމާ ގުޅޭގޮތުން: އޭނާގެ ހެދުން ހާދަ ދިގެވެ. ހާދަ ނުބައި ވަސްދުވާ ހެދުމެއް، ހާދަ ހަޑި ހެދުމެއް، މިފަދަ ބޭރުފުށުން ފެންނަކަންކަމަށް ބެލުމަށްފަހު އެއަޚާގެ ހުރިހާކަމެއްގެ މައްޗަށް ހުކުމްކޮށް ޣީބަބުނެހަދައެވެ.
=ނުނިމޭ=
_________________________________
(މިއީ މަދާރުލްވަތަންގެ މަޖައްލާ ފާކިހަތުލް މަޖާލިސް، ޢަދަދު 146، އަސްލަކަށް ބަލައިގެން ކޮށްފައިވާ ތަރުޖަމާއެއް)