މުދާ ފުރިހަމައަށް މިލްކުވުން
މިލްކުވުމުގެ ވައްތަރުތައް:
މިލްކުވުމުގެ ދެ ވައްތަރެއްވެއެވެ.
ފުރަތަމަ ވައްތަރަކީ؛ ފުރިހަމައަށް މިލްކުވުމެވެ. ފުރިހަމައަށް މިލްކުވުމަކީ ލިބިފައިވާ ނުވަތަ އަތުގައި ހުރި މިލްކުކުރެވޭ އެއްޗެއްސެވެ.(1) އަދި އެއީ އެމީހެއްގެ އަތުގައިވާ އަދި އެހެންމީހަކާ އެއްވެސް ގުޅުމެއް ނެތް ތަކެއްޗެވެ. އެފަދަ މުދަލެއް އެމީހަކަށް އަމިއްލަ އިޚްތިޔާރާއެކު، އެމީހަކަށް ފައިދާ ޙާޞިލުވާނެކަންކަމަށް ހޭދަކުރުމުގެ ބާރު ލިބިގެންވެއެވެ.(2)
މި ވައްތަރުގެ މިލްކިއްޔާތުގެ މިސާލުތަކުގެ ތެރޭގައި؛ ގަނެގެންނާއި، ހިބަކޮށްގެންނާއި، ވާރުތަވެގެންނާއި އަދި އެނޫންވެސް މިލްކުކުރެވޭފަދަ ސަބަބުތަކުން މިލްކުވެފައިވާ ހުރިހާ އެއްޗެއް އޭގެތެރޭގައި ހިމެނޭނެއެވެ.(3)
ދެވަނަ ވައްތަރަކީ؛ ފުރިހަމައަށް މިލްކުނުވުމެވެ. (މިލްކުވުމުގައި އުނިވެފައިވުމެވެ.) މީގެ ވައްތަރުތަކެއްވެއެވެ.
ފުރަތަމަ ވައްތަރަކީ؛ އަތުގައި އެ އެއްޗެއް ނެތި އޭގެ އަޞްލު އެމީހާއަށް ލިބިފައިވާ ތަކެއްޗެވެ. އެބަހީ؛ އެ އެއްޗެއް ލިބިފައިވާ އެހެންނަމަވެސް އެ އެތީގެ މަންފާ ނުލިބޭ ތަކެއްޗެވެ. މިސާލަކަށް؛ މީހަކަށް ވަޞިއްޔަތް ކުރެވިފައިވާ އަދި އޭގެ ފައިދާ އެހެންމީހަކަށް ލިބުމަށް ވަޞިއްޔަތްކޮށްފައިވާ އެއްޗެކެވެ.
ދެވަނައީ؛ އަތުގައި ހުރި އެހެންނަމަވެސް އެ އެއްޗަކީ އެހެންމީހެއްގެ މިލްކެއްކަމުގައިވާ ތަކެއްޗެވެ. އެބަހީ؛ އެ އެއްޗެއް މިލްކުވުމަކާނުލައި އެއިގެން މަންފާ ޙާޞިލުކުރެވޭފަދަ ތަކެއްޗެވެ. މިސާލަކަށް؛ މަންފާ ޙާޞިލުކުރުމަށް މީހަކު ވަޞިއްޔަތްކޮށްފައިވާ އެއްޗެއް، ނުވަތަ އެއްޗެއްގެ މަންފާއާއި ފައިދާ ޙާޞިލުކުރެވޭގޮތަށް މީހަކު މީހަކަށް ވަޤްފުކޮށްފައިވާ އެއްޗެކެވެ.
ތިންވަނައީ؛ ހަމައެކަނި މަންފާ ޙާޞިލުކުރެވޭ ތަކެއްޗެވެ. މިސާލަކަށް؛ ކުއްޔަށް ދީފައިވާ އެއްޗަކުން ކުއްޔަށް ހިފިމީހާ މަންފާ ޙާޞިލުކުރުމެވެ. އަދި އޭގެތެރޭގައި ބަދަލަކާނުލައި މަންފާ ޙާޞިލުކުރުމަށްޓަކައި (އެބަހީ؛ ޢާރިޔާގެގޮތުގައި) ގެންދެވޭ ތަކެތިވެސް ހިމެނެއެވެ.(4)
ޒަކާތް ވާޖިބުވުމުގައި ފުރިހަމައަށް މިލްކުވުން ޝަރުޠުވެގެންވުން
ޒަކާތުގެ ހުރިހާ މުދަލެއްގައިވެސް ފުރިހަމައަށް މިލްކުވުމަކީ ޝަރުޠުވެގެންވާ ކަމެކެވެ. މިއީ ފިޤްހީ ހަތަރު މަޛްހަބުކަމުގައިވާ ޙަނަފީ،(5) މާލިކީ،(6) ޝާފިޢީ،(7) އަދި ޙަންބަލީ(8) މަޛްހަބުގައި އިއްތިފާޤުވެފައިވާ ކަމެކެވެ. އަދި މިކަމަށް އިޖްމާޢު އައިސްފައިވާކަމުގައި ބުނެވިފައިވެއެވެ.(9)
ދަލީލު؛
ޤުރުއާނުން
ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((خُذْ مِنْ أَمْوَالِهِمْ صَدَقَةً تُطَهِّرُهُمْ)) (التوبة: 103) މާނައީ: “އޭގެސަބަބުން ކަލޭގެފާނު އެބައިމީހުން ޠާހިރުކުރައްވާނޭ ޞަދަޤާތެއް، އެބައިމީހުންގެ މުދަލުން ކަލޭގެފާނު ނަންގަވާށެވެ!”
އާޔަތުން ދަލީލުނެގޭ ގޮތް؛
އާޔަތުގައި ﷲ ތަޢާލާ އެވަނީ މުދާ، އެ މުދަލުގެ ވެރިންނަށް ނިސްބަތްކުރައްވާފައެވެ. އެހެނީ، އެބައިމީހުންގެ އެއްޗެއްގެ ގޮތުގައި މުދާ ވަނީ ފުރިހަމައަށް މިލްކުވެގެންނެވެ.
ދެވަނައީ؛ ޒަކާތްދިނުމުގައި ފަޤީރުންނާއި އެނޫންވެސް މީހުންގެ ތެރެއިން އެ ޒަކާތް ޙައްޤުވާމީހުންނަށް އެ މުދާ މިލްކުކޮށްދިނުމުގެ ބާރުވެރިކަން އޮންނަންޖެހޭނެއެވެ. އެހެންކަމުން، ޒަކާތްދޭމީހާއަށް އެ މުދަލެއް ފުރިހަމައަށް މިލްކުވެފައިނުވާނަމަ، އެ ޒަކާތް ޙައްޤުވާމީހަކަށް އެ މުދާ މިލްކުކޮށެއް ނުދެވޭނެއެވެ.
______________________
(1) ((بدائع الصنائع)) للكاساني (2/9)، ((حاشية ابن عابدين)) (2/263).
(2) ((كشاف القناع)) للبهوتي (2/170).
(3) ((أحكام الزكاة ومسائلها المعاصرة من خلال شرط الملك)) لصالح المسلم (ص 38، 39).
(4) ((أحكام الزكاة ومسائلها المعاصرة من خلال شرط الملك)) لصالح المسلم (ص 36، 40).
(5) ޙަނަފީ މަޛްހަބުގެ ބައެއް ޢިލްމުވެރިން ގެންނަވާފައިވާގޮތުގައި ޒަކާތް ނެރެންޖެހުމުގެ ސަބަބެކެވެ. ޒަކާތް ވާޖިބުވުމުގެ ޝަރުޠެއްނޫނެވެ. ((بدائع الصنائع)) للكاساني (9/2)، ((حاشية ابن عابدين)) (2/259).
(6) ((الفواكه الدواني)) للنفراوي (2/743)، ((شرح مختصر خليل)) للخرشي (2/179).
(7) ((الحاوي الكبير)) للماوردي (3/329)، ((الأم)) للشافعي (2/28).
(8) ((المغني)) لابن قدامة (2/464)، ((الشرح الكبير)) لشمس الدين ابن قدامة (2/438).
(9) އިބްނު ޤުދާމާ ވިދާޅުވިއެވެ. “ހަމަކަށަވަރުން މިނިވަން، މުސްލިމު، މުދާ ފުރިހަމައަށް މިލްކުވެފައިވާ މީހެއްގެ މައްޗަށް މެނުވީ ޒަކާތް ވާޖިބުވެގެންނުވެއެވެ. މިއީ ޢިލްމުވެރިންކުރެ ގިނަ ބޭކަލުންގެ ބަސްފުޅެވެ. އަދި ޢަޠާއުއާއި އަބޫ ޘަޥްރު ފިޔަވައި މިކަމުގައި ޚިލާފެއް އައިސްފައިވާކަމެއް އަހަރެމެންނަށް އެނގިގެނެއްނުވެއެވެ. އެދެބޭކަލުން ވިދާޅުވެފައިވަނީ އަޅަކަށް އޭނާގެ މުދަލުން ޒަކާތްދޭންޖެހޭނެކަމަށެވެ.” ((المغني)) (2/464). މުއައްލިފުގެ ބަހާބެހޭގޮތުން އިބްނުލް ޤާސިމު ވިދާޅުވެފައިވެއެވެ. “އަދި ހަތަރުވަނައީ؛ މުދާ އިސްތިޤްރާރުވުމެވެ. އެބަހީ؛ ޖުމްލަގޮތެއްގައި މުދާ ފުރިހަމައަށް މިލްކުވެފައިވުމެވެ.” (އަދިވެސް) ވިދާޅުވެފައިވެއެވެ. “(އެއީ) އިޖްމާޢީކޮށެވެ. ނަޢަމްސޫފިއެއް، އަދި ބިމެއް އަދި ގަހެއްފަދަ އެއްޗެއް ވަކިކަމަކަށް ވަޤްފުކޮށްފައިވާނަމަ، އެއިގެ ނިޞާބު ހަމަވިނަމަވެސް އެއީ ފުރިހަމައަށް މިލްކުވެފައިވާ އެއްޗެއް ނޫނެވެ. ފުރިހަމައަށް މިލްކުވުމުގެ މާނައަކީ އެމުދަލުގައި އެހެންމީހެއްގެ ޙައްޤެއް ނެތުމެވެ. އޭގެ ސަބަބުން އެމުދަލެއް އެމީހެއްގެ އަމިއްލަ އިޚްތިޔާރުއާއި، އެމީހާއަށް ފައިދާކުރާފަދަ ކަންކަމަށް ހޭދަކުރެވޭނެއެވެ.” ((حاشية الروض المربع)) (3/168).
_______________________