[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة العلق ގެ ތަފްސީރު 3

 

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿اقْرَأْ بِاسْمِ رَبِّكَ الَّذِى خَلَقَ﴾

މާނައީ: “ކަލޭގެފާނުގެ ވެރިރައްބުގެ އިސްމުފުޅުން ކަލޭގެފާނު ކިޔަވާ ވިދާޅުވާށެވެ! (އެއިލާހީ) ހުރިހާ އެއްޗެއް ހެއްދެވި އިލާހެވެ.”

މިއާޔަތުގައި بِاسْمِ رَبِّكَ ގެ މާނައާމެދު ބުނެވެއެވެ. ކަލޭގެފާނުގެ ވެރިރައްބުގެ އިސްމުފުޅާއެކު އެވެ. އަދި ބުނެއެވެ. އެއިން ވާގިހޯދާޙާލު އެވެ. އެބަހީ: އަހަރެން މިކިޔަވަނީ ﷲ ގެ އިސްމުފުޅުން ވާގިހޯދާ ޙާލުއެވެ. އެއީ ﷲ ގެ އެންމެހާ އިސްމުފުޅެއްގައިވެސްވަނީ ހެޔޮކަމެވެ. އަދި އޭގެން އިންސާނުންނަށް ވާގިލިބެއެވެ. އެގޮތުން ވުޟޫކުރާއިރުގައްޔާއި ކާއިރުގައި އަދި ރޭކުރާއިރުވެސް އެ އިސްމުފުޅުން ވާގިލިބެއެވެ.

“ﷲގެ އިސްމުފުޅުން” މިފަދައިން ވަޙީނުކުރައްވައި، “ވެރިރައްބުގެ އިސްމުފުޅުން” މިފަދައިން ވަޙީކުރައްވާފައިވަނީ ރިސާލަތެއް ފެއްޓެވުމާއި ކަންކަން ތަދުބީރުކުރެއްވުމާއި އެއިލާހުގެ ރައްބުވަންތަކަމާއި ރޭވުންތެރިކަމާ އެކަށީގެންވަނީ “ރައްބު” މިލަފުޒުކަމުގައި ވާތީއެވެ. އަދިވެސް އެކަލޭގެފާނުވަނީ ﷲ ތަޢާލާގެ ޚާއްޞަ ތަރުބިއްޔަތަކުން ތަރުބިއްޔަތުކުރައްވާފައެވެ.

﴿الَّذِى خَلَقَ﴾

މާނައީ: “(އެއިލާހީ) ހުރިހާ އެއްޗެއް ހެއްދެވި އިލާހެވެ.”

އެއިލާހު ވަޙީކުރެއްވިއެވެ.

﴿وَخَلَقَ كُلَّ شَيْءٍ فَقَدَّرَهُ تَقْدِيرًا﴾ [الفرقان: 2]

މާނައީ: “އަދި އެއިލާހު ހުރިހާ އެއްޗެއް ހެއްދެވިއެވެ. ފަހެ، އެއިލާހު އެތަކެތި ވަރަށް ފުރިހަމަޔަށް މިންވަރު ކުރެއްވިއެވެ.”

އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.

﴿ اللَّـهُ خَالِقُ كُلِّ شَيْءٍ ۖ وَهُوَ عَلَىٰ كُلِّ شَيْءٍ وَكِيلٌ ﴾ [الزمر: 62]

މާނައީ: “ﷲއީ، ހުރިހާއެއްޗެއް ހައްދަވާ އިލާހެވެ. އަދި އެއިލާހީ، ކޮންމެ ކަމެއްގެ މައްޗަށް ބައްލަވާވޮޑިގެންވާ، ރައްކާތެރިކުރައްވާ އިލާހެވެ.”

ފަހެ އުޑުގައްޔާއި ބިމުގައި ވާހާ އެއްޗަކާއި ސިއްރާއި ފާޅުގައްޔާއި އަދި ކުޑަ ބޮޑު އެންމެހާ އެއްޗަކީ ﷲ ގެ މަޚްލޫޤުންނެވެ. އެހެންކަމުން ﴿خَلَقَ﴾ ، މިފަދައިން ވަޙީކުރައްވާފައި ޚަލްޤުކުރެއްވި ވަކި އެއްޗެއްގެ ނަން ގަނެވިފައި ނުވަނީ އެ އާޔަތުގެ ޢާންމު މާނައަށް އިޝާރަތްކުރެއްވުމަށެވެ. އެހެނީ ކަން ރައްދުވާ އެތި ބަޔާންކުރެވިފައި ނުވާނަމަ އޭގެން ދޭހަވާނީ ޢާންމު މާނައެވެ. އެހެނީ ވަކި އެއްޗެއް ބަޔާންކުރެވިއްޖެނަމަ މާނަކުރެވޭނީ އެޢަމަލެއް ގުޅުވާލެވޭނީ ހަމައެކަނީ އެއެއްޗަކާއެވެ. މިސާލަކަށް މިވެނި އެއްޗެއް ޚަލްޤުކުރެއްވިކަން ބަޔާންކުރެއްވިނަމަ، ޚަލްޤުކުރެއްވުން ގުޅުވާލެވޭނީ އެއެއްޗަކާ އެކަންޏެވެ. ނަމަވެސް ޚަލްޤުކުރެއްވިކަން ބަޔާންކުރައްވާފައި ވަކި އެއްޗެއް ބަޔާން ނުކުރެއްވުމުން އޭގެ ޢާންމު މާނަ ދޭހަވެއެވެ. އެއިލާހީ އެންމެހާ ތަކެތި ޚަލްޤުކުރެއްވި އިލާހެވެ.

= ނުނިމޭ =

_______________________________

މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ سورة العلق  ގެ ތަފްސީރުގެ ތަރުޖަމާއެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް