[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مَجَالِسُ شَهْرِ رَمَضَانَ – ހަވަނަ މަޖްލިސް

ރޯދައިގައި ރޯދަވެރިން ބެހިގެންވާ ބައިތައް

ޙަމްދުހުރީ ﷲއަށެވެ. އެއިލާހީ އެއިލާހުގެ ޙިކްމަތްފުޅުން އެންމެހާތަކެތި ޚަލްޤުކުރައްވާ، އެޚަލްޤުކުރެއްވުން ފުރިހަމަ ކުރެއްވި އިލާހެވެ. އަދި އުޅެންވީ ގޮތެއްކަމުގައި އެއިލާހުގެ ޙިކުމަތާއި ރަޙްމަތުން ޙުކުމްތައް ޝަރުޢުކުރެއްވިއެވެ. އަދި އެއިލާހަށް ބޯލަނބާ ކިޔަމަންތެރިވުމަށް އަހަރެމެންނަށް އަމުރުކުރެއްވިއެވެ. އެއީ އެއިލާހު އެކަމަށް ބޭނުންވެ ވޮޑިގެންވާތީއެއްނޫނެވެ. އަދި ކިއެއް ހެއްޔެވެ! އަހަރެމެންވަނީ އެއިލާހަށް ބޭނުންޖެހިފައެވެ. އެއިލާހުގެ ޙަޟުރަތަށް ތައުބާވެ ކުއްތަންވާ ކޮންމެ އަޅެއްގެ ފާފަތައް އެއިލާހު ފުއްސަވާދެއްވައެވެ. އަދި އިޙްސާންތެރި ކޮންމެ އަޅަކަށް އެއިލާހުގެ ދެއްވުންތައް އިތުރުކޮށްދެއްވައެވެ.

 ﴿وَالَّذِينَ جَاهَدُوا فِينَا لَنَهْدِيَنَّهُمْ سُبُلَنَا﴾  [العنكبوت: ٦٩]

މާނައީ: “ތިމަންއިލާހުގެ މަގުގައި ޖިހާދުކުރާ މީހުން (ދަންނައެވެ!) ހަމަކަށަވަރުން، އެއުރެންނަށް ތިމަންއިލާހުގެ މަގުތަކަށް މަގު ދައްކަވާހުށީމެވެ.”

އެއިލާހުގެ ދީލަތި ދެއްވުންތަކަށް ސިއްރާއި ފާޅުގައި އެއިލާހަށް ޙަމްދު ކުރަމެވެ. އަދި ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށް އަޅުހެކިވަމެވެ. އެއިލާހަށް ބައިވެރިއަކު ނުވެއެވެ. އަދި މިހެކިވުމަކީ، އުފަލާއި އަރާމާއި ނިޢުމަތްތަކާއި ކާމިޔާބުގެ ގޯތި ލިބުމަށް، މެދުވެރިވާ ޒަރިއްޔާއެއްކަމުގައި ވުމަށް އަހަރެން އެދެމެވެ.

އަދި މުޙައްމަދުގެފާނީ ﷲގެ އަޅާ އަދި އެއިލާހުގެ ރަސޫލާކަމަށް އަޅު ހެކިވަމެވެ. އެކަލޭގެފާނަކީ އުޑުތަކުގެ މައްޗަށް އުފުއްލަވާ އެއިލާހާ ކުއްތަންކުރެއްވި މާތް ސާހިބާއެވެ. ﷲތަޢާލާ އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލައްވާށިއެވެ. އަދި އެކަލޭގެފާނުގެ ޞަޙާބީ، އަބޫބަކުރުގެފާނުގެ މައްޗަށް ޞަލަވާތްލައްވާށިއެވެ. އެކަލޭގެފާނަކީ، އެކަލޭގެފާނަށް ލިބިވަޑައިގަންނަވާ ނިޢުމަތްތަކަށް ރުހޭޙާލު، އަޅުކަން ކުރުންމަތީ ޤާއިމްވެ ހުންނަ ބޭކަލެކެވެ. އެކަލޭގެފާނަކީ ﷲތަޢާލާ، އެއިލާހުގެ ވަޙީބަސްފުޅުން ޝަރަފްވެރިކުރެއްވި ފަރާތެވެ.

﴿إِذْ يَقُولُ لِصَاحِبِهِ لَا تَحْزَنْ إِنَّ اللَّـهَ مَعَنَا﴾ [التوبة: ٤٠]

މާނައީ: “އެކަލޭގެފާނުގެ އެކުވެރިޔާއަށް، ހިތާމަނުކުރައްވާށޭ، ހަމަކަށަވަރުން ﷲވޮޑިގެންވަނީ، ތިމަންމެންނާ އެކުގައޭ ވިދާޅުވިހިނދު ހަނދުމަކުރާށެވެ.”

އަދި ޢުމަރުގެފާނުގެ މައްޗަށް ޞަލަވާތް ލައްވާށިއެވެ. އެކަލޭގެފާނަކީ އިސްލާމްދީން (މުޅިދުނިޔެއަށް) ފާޅުކުރެއްވުމުގައި ގަދައަޅާ މަސައްކަތްކުރެއްވި ކަލޭގެފާނެވެ. އެކަމުގައި އެކަލޭގެފާނު ނިކަމެތިވެ ހިތްވަރު އެލިގެންވެސް ނުދެއެވެ. އަދި ޢުޘްމާނުގެފާނުގެ މައްޗަށް ޞަލަވާތް ލައްވާށިއެވެ. ﷲގެ މިންވަރުފުޅަށް އެކަލޭގެފާނު ރުހިވަޑައިގަތެވެ. އަދި އެކަލޭގެފާނަކީ އެކަލޭގެފާނުގެ ގޭގެ ފެންޑާގައި ވަނިކޮށް ފަނާވެ ދިޔަބޭކަލެކެވެ. އަދި ޢަލީގެފާނުގެ މައްޗަށް ޞަލަވާތްލައްވާށިއެވެ. އެކަލޭގެފާނަކީ ނަސަބުގެގޮތުން (ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާ) ގާތް ބޭކަލެކެވެ. އަދި މިންނަތްތެރިކަމުގައި އެންމެމަތި ޙާޞިލްކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ އެންމެހާ އާލުންނާއި އަމާނާތްތެރި މާތް އަޞްޙާބުން ޝާމިލުކޮށް އެބޭކަލުންނަށް އެންމެ ފުރިހަމަ ސަލާމުން ސަލާމްލެއްވުމަށް އެދި ދުޢާކުރަމެވެ.

އަޚުންނޭވެ! ރަމަޟާންމަހުގެ ރޯދަ ފަރުޟުކުރެވުނީ ދެމަރުޙަލާއެއްގެ މަތިންކަން، ތިންވަނަ މަޖްލިސްގައި އިސްވެ ބަޔާންވެ ހިނގައްޖެއެވެ. ދެން އެއަށްފަހުގައި ރޯދައިގެ ޙުކުމްތައްވަނީ ބަޔާންވެފައެވެ. ފަހެ ރޯދައިގެ ޙުކުމުގައި މީސްތަކުން ދިހަ ބަޔަކަށް ބެހެއެވެ.

ފުރަތަމަ ބައި:

ބާލިޣުވެފައިވާ، ބުއްދި ސަލާމަތުންހުރި، ރަށުގައި ޤާއިމްވެހުރި، (ރޯދަހިފުމުގެ) ކުޅަދާނަކަންލިބިފައިވާ، (ރޯދަހިފުން) މަނާކުރާ ކަންކަމުން ސަލާމަތްވެފައިވާ، ކޮންމެ މުސްލިމެއްގެ މައްޗަށް ރަމަޟާންމަހުގެ ރޯދަ، އަދާއަށް ވަގުތުގައި ހިފުމަށް ޤުރުއާނާއި ސުންނަތާއި އިޖުމާޢުގެ ދަލާލަތުގެ އަލީގައި ވާޖިބުވެގެންވެއެވެ. ﷲތަޢާލާ ވަޙީކުރެއްވިއެވެ.

﴿شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ﴾ [البقرة: ١٨٥]

މާނައީ: “ރަމަޟާންމަހަކީ، އެމަހެއްގައި ޤުރުއާން ބާވާލެއްވުން މައްސަރެވެ. އެޤުރުއާން ބާވާލެއްވުނީ މީސްތަކުންނަށްވާ ތެދުމަގެއްކަމުގައެވެ. އަދި ހިދާޔަތާއި ޙައްޤާއި ބާޠިލް ވަކިކޮށްދެނިވި ހެކިތަކެއްގެ ގޮތުގައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި ޙާޟިރުވެ ހުރެއްޖެމީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ!”

އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

((إِذَا رَأَيْتُمُ الْهِلَالَ فَصُومُوا)) [متفق عليه]

މާނައީ: “ތިޔަބައިމީހުންނަށް (ރަމަޟާންމަހުގެ) ހުޅެވި ހަނދުފެނުމުން ފަހެ، ތިޔަބައިމީހުން ރޯދަހިފާހުށިކަމެވެ.”

އިސްވެ ބަޔާންކުރެވުނު މީހުންގެ މައްޗަށް (ރަމަޟާންމަހުގެ) ރޯދަ އަދާއަށް ހިފުން ވާޖިބުކަމާމެދު މުސްލިމުން އިޖުމާޢުވެފައިވެއެވެ.

ފަހެ ކާފިރުންނާމެދު ދަންނައެވެ! އެމީހުންގެ މައްޗަށް ރޯދަހިފުން ވާޖިބުވެގެން ނުވެއެވެ. އަދި (ރޯދަ ހިފިކަމުގައިވީނަމަވެސް) އެބައިމީހުންގެ ކިބައިން އެކަން ޞައްޙަވެގެން ނުވެއެވެ. އެހެނީ ހަމަކަށަވަރުން އެބައިމީހުންނީ އަޅުކަމުގެ އަހުލުވެރިންނެއް ނޫނެވެ. ފަހެ (ކާފިރުންގެ ތެރެއިން މީހަކު) ރަމަޟާން މަހުގެތެރޭގައި އިސްލާމުވެއްޖެނަމަ، މާޒީވެދިޔަ ދުވަސްތަކުގެ ރޯދަ ޤަޟާކުރުމަކަށް އޭނާގެ މައްޗަށް ލާޒިމުވެގެން ނުވެއެވެ. (އެބަހީ: އެރަމަޟާންމަހުގެ އިސްވެދިޔަ ރޯދަތަކުގެވާހަކައެވެ.) ﷲތަޢާލާގެ ވަޙީ ބަސްފުޅުގައިވާ ފަދައިންނެވެ.

﴿قُل لِّلَّذِينَ كَفَرُوا إِن يَنتَهُوا يُغْفَرْ لَهُم مَّا قَدْ سَلَفَ﴾ [الأنفال: ٣٨]

މާނައީ:” ކާފިރުވީ މީހުންނަށް، ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެން (ﷲއާއި އެއިލާހުގެ ރަސޫލާއަށް ކާފިރުވުން) ހުއްޓާލައިފިނަމަ، އެއުރެންނަށް އިސްވެގޮސްފައިވާ ފާފަތައް ފުއްސަވާހުށްޓެވެ.”

އަދި (ކާފިރުންގެތެރެއިން މީހަކު) ރަމަޟާންމަހުގެ ތެރޭގައި އިސްލާމުވެއްޖެނަމަ، ދެން އެދުވަހުގެ ބާކީއޮތް ބައިގައި ރޯދަގެއްލޭކަންކަމުން އެއްކިބާވެހުރުން އޭނާއަށް ލާޒިމުވެގެންވެއެވެ. އެހެނީ ހަމަކަށަވަރުން އޭނާ އިސްލާމްވީހިނދުން ފެށިގެން (ރަމަޟާންމަހުގެ ރޯދަ) ވާޖިބުވެގެންވާ މީހުންގެ ތެރެއިން އޭނާ ވެގެންދިޔައީއެވެ. އަދި (އެދުވަހުގެ އިސްވެދިޔަބައި) އޭނާ ޤަޟާކުރާކަށް ލާޒިމުވެގެން ނުވެއެވެ. އެހެނީ އޭގެ ކުރިން އޭނާގެ މައްޗަށް ރޯދަހިފުން ވާޖިބުވެފައި ނުވާތީއެވެ.

ދެވަނަ ބައި:

ކުޑަކުދިން، ބާލިޣުވެއްޖައުމަށް ދާންދެން އެކުދިންގެ މައްޗަށް ރޯދަ ފަރުޟު ނުވާހުއްޓެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްބަސްފުޅުގައި ވާފަދައިންނެވެ.

((رُفِعَ الْقَلَمُ عَنْ ثَلاَثَةٍ : عَنِ النَّائِمِ حَتَّى يَسْتَيْقِظَ ، وَعَنِ الصَّغِيرِ حَتَّى يَبْلُغَ الْحِنْثَ ، وَعَنِ الْمَجْنُونِ حَتَّى يُفِيقَ))([1]) [رواه أحمد وأبو داود والنسائي وصححه الحاكم] .

މާނައީ: “ތިންމީހެއްގެ ކިބައިން ގަލަން އުފުލިގެން ވެއެވެ. (އެބަހީ، ތަކުލީފު ޖެއްސިގެން ނުވެއެވެ.) ނިދައިފައި އޮންނަ މީހާ ހޭލައިފުމަށް ދާންދެން، އަދި ކުޑަ ކުއްޖާ ބާލިޣުވެއްޖައުމަށް ދާންދެން އަދި ބުއްދިފިލައިފައިވާ މީހާ ބުއްދި ރަނގަޅުވަންދެނެވެ.”

އެހެންނަމަވެސް ސަލަފުއްޞާލިހުންނަށް އިޤްތިދާވުމުގެ ގޮތުން، އެކުދިން ރޯދަހިފުމުގައި ކުރިމަތިވާ އުނދަގޫތަކަށް ތަމްރީނުކޮށް ރޯދަހިފުމަށް އަހުލުވެރިކުރުމަށްޓަކައި އެކުދިންގެ ބެލެނިވެރިން އެކުދިންނަށް ރޯދަހިފުމަށް އަމުރު ކުރަންޖެހެއެވެ. ޞަޙާބީބޭކަލުން، އެބޭކަލުންގެ ދަރިން ކުޑައިރުގައި އެކުދިންލައްވާ ރޯދަ ހިފުއްވާކަމުގައި ވެއެވެ. އެބޭކަލުން (އެކުދިން ގޮވައިގެން) މިސްކިތައްދެއެވެ. އަދި ހުއިން ނުވަތަ ކެހެރިން ކުޅޭއެއްޗެހިތަކެއް އެކުދިންނަށް ހަދާދެއްވައެވެ. އަދި އެކުދިން (ބަނޑުހައިވެގެން) ކާއެއްޗެއް ނުލިބެގެން ރޯންފެށުމުން، ކުޅޭ އެއްޗެއްދީ ވަގުތުތައް އެގޮތުގައި ދުއްވާލައެވެ.

އަދި މިއަދުގެ ބެލެނިވެރިންގެ ތެރެއިން ވަރަށް ގިނަ މީހުންވަނީ މިކަމުގައި ޣާފިލުވެފައެވެ. އެމީހުން އެމީހުންގެ ދަރިންނަކަށް ރޯދަހިފުމަކަށް އަމުރެއް ނުކުރެއެވެ. އަދި ކިއެއްހެއްޔެވެ؟ ބައެއްމީހުން އެބައިމީހުންގެ ދަރިން ރޯދައަށް ހިފުމަށް ބޭނުންވެފައި ވަނިކޮށް އެކަން މަނާކޮށްއުޅެތެވެ. އަދި އެފަދައިން ކަންތައްކުރަނީ، އެކުދިންނަށް ހަމްދަރުދީވުމުގެ ގޮތުންކަމުގައި އެބައިމީހުން ދެކެއެވެ. ޙަޤީޤަތުގައި އެކުދިންނަށް ހަމްދަރުދީވުމަކީ، އިސްލާމީ ޝިޢާރުތަކުގެމަތީ އެކުދިން ތަރުބިއްޔަތުކުރުމުގެ ވާޖިބުއަދާކުރުމުގެމަތީ ޤާއިމްވެ ތިބުމެވެ. އަދި އެކަންކަމުގެ އަހަންމިއްޔަތުކަން އެކުދިންނަށް އުނގަންނާދިނުމެވެ. ފަހެ އެކަންކަން މަނާކޮށް ނުވަތަ އެކަންދޫކޮށްލައިގެން ތިބުމުން އެކަން ވެގެންދަނީ، އެކުދިންނަށާއި އެބައިމީހުންގެ އަމިއްލަ ނަފްސަށްވެވޭ އަނިޔާވެރިކަމަކަށެވެ.

އެހެންނަމަވެސް އެކުދިން ރޯދަހިފައިފިނަމަ، ރޯދައިގެ ސަބަބުން ގެއްލުންތަކެއްވާނެކަމަށް ފެންނަނަމަ، އެހިނދުން އެކަންމަނާކުރުން މައްސަލައެއްނެތެވެ.

 

ތިންކަމުގެ ތެރެއިން ކަމެއް މެދުވެރިވުމުން ފިރިހެންކުދިން ބާލިޣުވީކަމުގައި ބެލެވޭނެއެވެ.

ފުރަތަމަކަންތައް: ނިދީގައި ނުވަތަ އެނޫންވެސް ގޮތަކަށް މަނި ބޭރުވުން. ﷲތަޢާލާގެ ވަޙީބަސްފުޅުގައިވާ ފަދައިންނެވެ.

﴿وَإِذَا بَلَغَ الْأَطْفَالُ مِنكُمُ الْحُلُمَ فَلْيَسْتَأْذِنُوا كَمَا اسْتَأْذَنَ الَّذِينَ مِن قَبْلِهِمْ﴾ [النور: ٥٩]

މާނައީ: “އަދި ތިޔަބައިމީހުންގެ ތެރެއިން ކުޑަކުދިން، ވާލިޣުވުމުގެ ޢުމުރާހަމައަށް ފޯރައްޖެނަމަ، އެކުދިންގެ ކުރިން އިސްވެދިޔަމީހުން (ތިޔަބައިމީހުންގެ ކިބައިން) އިޛުނަ ލިބިގަތްފަދައިން، އެކުދިންވެސް އިޛުނަ ލިބިގަންނަ ހުށިކަމެވެ!”

އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅުގައި ވެއެވެ.

((غُسْلُ الْجُمُعَةِ وَاجِبٌ عَلَى كُلِّ مُحْتَلِمٍ))([2]) [متفق عليه]

މާނައީ: “އިޙްތިލާމުވެފައިވާ (ބާލިޣުވެފައިވާ) ކޮންމެމީހެއްގެ މައްޗަށް ހުކުރުދުވަހުގައި ހިނައިގަތުން ވާޖިބުވެގެންވެއެވެ.”

ދެވަނަކަންތައް: ޢައުރަ ގުނަވަނުގެ ވަށައިގެން އިސްތަށިފެޅުން. ޢަޠިއްޔަތުލްޤުރުޡިއްޔު ގެ ބަސްފުޅުގައިވާ ފަދައިންނެވެ.

“عُرِضنا عَلَى نَبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمَ قُرَيْظَةَ فَمَنْ كَانَ مُحْتَلِمًا أَوْ نَبَتَتْ عَانَتُهُ قُتِلَ , وَمَنْ لا تُرِكَ”([3]) [رواه أحمد والنسائي ، وهو صحيح]

މާނައީ:” ބަނޫ ޤުރައިޡާގެ ހަނގުރާމައިގެ ދުވަހުގައި ތިމަންބޭކަލުން ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ހުށައެޅުނެވެ. ދެން އިޙްތިލާމްވެފައިވާ މީހުން ނުވަތަ ޢައުރަ ގުނަވަނުގެ ވަށައިގެން އިސްތަށިފަޅާފައިތިބި މީހުން ޤަތުލުކޮށްލެވުނެެވެ. އަދި އެނޫން މީހުން (އިޙްތިލާމްވެފައިނުވާ ކުޑަކުދިން) ދޫކޮށްލެވުނެވެ.”

ތިންވަނަކަންތައް: ޢުމުރުން ފަނަރަ އަހަރު ފުރިހަމަވުން. ޢަބްދުﷲ ބުން ޢުމަރު ގެ ބަސްފުޅުގައިވާ ފަދައިންނެވެ.

عَرَضْتُ عَلَى النَّبِىِّ صلى الله عليه وسلم يَوْمَ أُحُدٍ وَأَنَا ابْنُ أَرْبَعَ عَشْرَةَ سَنَةً فَلَم يُجِزْنِي –يَعنِي للقتال-, (زاد البيهقي وابن حبان في صحيحه بسند صحيح: ([4]) وَلَمْ يَرَنِي بَلَغْتُ) وَعُرِضْتُ عَلَيْهِ يَوْمَ الْخَنْدَقِ وَأَنَا ابْنُ خَمْسَ عَشْرَةَ فَأَجَازَنِى (زاد البيهقي وابن حبان في صحيحه بسند صحيح: وَرَآنِي بَلَغْتُ) ([5])” [رواه الجماعة] ([6])

މާނައީ: “ތިމަންކަލޭގެފާނު ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް އުޙުދުގެ ދުވަހުގައި ހަނގުރާމައިގައި ބައިވެރިވުމަށް ހުށައެޅީމެވެ. އޭރުތިމަންކަލޭގެފާނުގެ އުމުރަކީ ސާދަ އަހަރެވެ. ފަހެ ތިމަންކަލޭގެފާނަށް (ހަނގުރާމައިގައި ބައިވެރިވުމަށް) ހުއްދައެއް ނުދެއްވައެވެ. (ބައިހަޤީއާއި އިބުނު ހިއްބާން، އެބޭކަލުންގެ ޞަޙީޙުގައި ޞައްޙަ ސަނަދަކުން އިތުރުކުރައްވާފައިވެއެވެ. “ތިމަންކަލޭގެފާނު ބާލިޣުވެއްޖެކަމަކަށް އެކަލޭގެފާނު ދެކެވަޑައިނުގަތީއެވެ.”) އަދި ތިމަންކަލޭގެފާނު ޚަންދަގުގެ ދުވަހުގައި ހަނގުރާމައިގައި ބައިވެރިވުމަށް އެކަލޭގެފާނަށް ހުށައެޅީމެވެ. އޭރު ތިމަންކަލޭގެފާނުގެ ޢުމުރަކީ ފަނަރަ އަހަރެވެ. ފަހެ ތިމަންކަލޭގެފާނަށް (ހަނގުރާމައިގައި ބައިވެރިވުމަށް)  ހުއްދަދެއްވިއެވެ. (ބައިހަޤީއާއި އިބުނު ހިއްބާން އެބޭކަލުންގެ ޞަޙީޙުގައި ޞައްޙަ ސަނަދަކުން އިތުރުކުރައްވާފައިވެއެވެ. “ތިމަންކަލޭގެފާނު ބާލިޣުވެއްޖެކަމަކަށް އެކަލޭގެފާނަކަށް ފެނިވަޑައިގަތީއެވެ.”)”

ނާފިޢު ވިދާޅުވިއެވެ.

“فَقَدِمْتُ عَلَى عُمَرَ بْنِ عَبْدِ العَزِيزِ -وَهُوِ خَلِيفَةٌ- فَحَدَّثْتُهُ الحَدِيْثَ فَقَالَ: إِنَ هَذَا الحَدَّ بَيْنَ الصَّغِيرِ وَالكَبِيرِ وَكَتَبَ لِعُمَّالِهِ أَنْ يَفرِضُوا لِمَن بَلَغَ خَمسَ عَشَرَةَ سَنَةً”([7]) [رواه البخاري]

މާނައީ: ޢުމަރު ބުން ޢަބްދުލް ޢަޒީޒުގެ އަރިހަށް ތިމަންކަލޭގެފާނު ދިޔައީމެވެ. –އެކަލޭގެފާނަކީ ޚަލީފާއެވެ- ފަހެ ތިމަންކަލޭގެފާނު އެކަލޭގެފާނަށް ޙަދީޘް ކިޔައިދިނީމެވެ. ދެންފަހެ އެކަލޭގެފާނު ވިދާޅުވިއެވެ. މިއީ ކުޑަކުދިންނާއި ބޮޑެތިމީހުންގެ ދެމެދުގައިވާ ޙައްދެވެ. އަދި ފަނަރަ އަހަރުފުރިއްޖެ ކޮންމެ މީހަކަށް (ބައިތުލްމާލްއިން މުސްލިމުންނަށްދެވޭ ފައިސާއިން) ބައި އެޅުއްވުމަށް އެކަލޭގެފާނުގެ މަސައްކަތުމީހާއަށް އަމުރުކުރައްވާ ލިޔުއްވެވިއެވެ.

އަންހެންކުދިން ބާލިޣުވަނީ ފިރިހެންކުދިންވެސް ބާލިޣުވުމަށް މެދުވެރިވާ ކަންކަމުންނެވެ. އަދި އޭގެތެރެއަށް ހަތަރުވަނަ ކަމެއް އިތުރުވެއެވެ. އެއީ ޙައިޟުވުމެވެ. ފަހެ އަންހެންކުއްޖާ ޙައިޟުވާ ހިނދުންފެށިގެން އޭނާ ބާލިޣުވެއްޖެއެވެ. އޭނާގެ އުމުރުން ދިހަ އަހަރު ނުފުރުންކަމުގައިވިޔަސް އޭނާގެ ކިބައިން ތަކުލީފުޖެހިފައިވާ މީހުންނަށް ހިނގަމުންދާކަންކަން ހިނގަމުންދާނެއެވެ.

އަދި ރަމަޟާންމަހުގެ ދުވާލުގެތެރޭގައި، ރޯދަވެރިއެއްގެގޮތުގައި ހުއްޓައި ބާލިޣުވެއްޖެނަމަ (އެދުވަހުގެ ބާކީއޮތްބައިގެ) ރޯދަ ފުރިހަމަކުރާށެވެ. އަދި އޭނާގެ މައްޗަށް އެއްވެސް ކަމެއްނުވެއެވެ. (އެބަހީ: ޤަޟާކުރުމެއް ކައްފާރާއެއްފަދަ އެއްވެސް ކަމެއް އޭނާގެ މައްޗަކަށެށް ނުވެއެވެ.) އަދި (ބާލިޣުވިހިނދު) ރޯދަ ދޫކޮށްލައިގެންހުރި މީހެއްނަމަ، ދެން އެދުވަހުގެ ބާކީއޮތްބައިގައި ރޯދަގެއްލޭ އެންމެހާ ކަންކަމުން ދުރުވެހުރުން އޭނާގެ މައްޗަށް ލާޒިމުވެގެންވެއެވެ. އެހެނީ ހަމަކަށަވަރުން އެހިނދުންފެށިގެން (ރަމަޟާންމަހުގެ ރޯދަ) ވާޖިބުވެގެންވާމީހުންގެ ތެރެއިން އޭނާ ވެގެންދިޔައީއެވެ. އަދި (އެދުވަހުގެ އިސްވެދިޔަބައި) އޭނާ ޤަޟާކުރުމަކަށް ލާޒިމްވެގެން ނުވެއެވެ. އެހެނީ، ރޯދަގެއްލޭކަންކަމުން ދުރުވެހުރުން ވާޖިބުވެގެންވީ ވަގުތު، (ރޯދަ) ވާޖިބުވެގެންވާ މީހުންގެ ތެރެއިން އޭނާ ނުވެއެވެ.

ތިންވަނަ ބައި:

މޮޔަމީހުން. –އެއީ ބުއްދި ފިލާފައިވާ މީހުންނެވެ- އެމީހުންގެ މައްޗަށް ރޯދަ ވާޖިބުވެގެން ނުވެއެވެ. އިސްވެދިޔަ ނަބިއްޔާ ޞައްލަﷲ ޢަލައިވަސައްލަމަގެ ޙަދީޘް ބަސްފުޅުގައި ވާފަދައިންނެވެ.

((رُفِعَ الْقَلَمُ عَنْ ثَلاَثَةٍ : عَنِ النَّائِمِ حَتَّى يَسْتَيْقِظَ ، وَعَنِ الصَّغِيرِ حَتَّى يَبْلُغَ الْحِنْثَ ، وَعَنِ الْمَجْنُونِ حَتَّى يُفِيقَ ))([8]) [رواه أحمد وأبو داود والنسائي وصححه الحاكم]

މާނައީ: “ތިންމީހެއްގެ ކިބައިން ގަލަން އުފުލިގެން ވެއެވެ. (އެބަހީ، ތަކުލީފު ޖެއްސިގެން ނުވެއެވެ.) ނިދައިފައި އޮންނަ މީހާ ހޭލައިފުމަށް ދާންދެން، އަދި ކުޑަކުއްޖާ ބާލިޣުވެއްޖައުމަށް ދާންދެން، އަދި ބުއްދިފިލައިފައިވާ މީހާ ބުއްދި ރަނގަޅުވަންދެނެވެ.”

އެމީހުންގެކިބައިން ރޯދަ ވާޖިބުވެގެން ނުވެއެވެ. އެހެނީ އެމީހުންގެ އަޅުކަމާއިމެދު ވިސްނައި އަދި އަޅުކަމަށް ނިޔަތްގަތުމައްޓަކައި ވިސްނާނެ ބުއްދިއެއްނެތެވެ. ނިޔަތާއިނުލައި އަޅުކަމެއް ޞައްޙަ ނުވާހުއްޓެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިވަސައްލަމަގެ ޙަދީޘް ބަސްފުޅުގައިވާފަދައިންނެވެ.

((إِنَّمَا الأَعْمَالُ بِالنِّيَّاتِ وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى))([9])

މާނައީ: ” ހަމަކަށަވަރުން ޢަމަލުތައްވަނީ ނިޔަތްތަކުގެ މައްޗަށެވެ. އަދި ހަމަކަށަވަރުން ކޮންމެ މީހަކަށްވެސް ވަނީ އެމީހަކު ނިޔަތް ގަތްކަމެކެވެ.”

ފަހެ ބައެއް ވަގުތުތަކުގައި މޮޔަވެފައި އަނެއްބައިވަގުތަކުގައި ބުއްދި ހުންނަކަމުގައިވާނަމަ، މޮޔަވެފައިވާ ވަގުތުތައްފިޔަވައި ބުއްދި ހުންނަ ވަގުގައި ރޯދަހިފުން އޭނާގެމައްޗަށް ލާޒިމްވާނެއެވެ. ދުވާލުގެ ވަގުތުގައި (އޭނާ ރޯދައަށް ހުއްޓައި) މޮޔަވެއްޖެނަމަ އޭނާގެ ރޯދަ ބާޠިލެއްނުވާނެއެވެ. އެއީ (މޮޔަވުމަށް މެދުވެރިވުމަށްޓަކައި) އޭނާގެ މައްޗަށް ބައްޔެއްޖެހުންއިރު ނުވަތަ އެހެންކަމެއް މެދުވެރިވިއިރު، އޭނާވަނީ ރޯދަހިފުމަށް ނިޔަތްގަނެފައެވެ. ނިޔަތްގަތްހިނދު އޭނާއަކީ ބުއްދިވެރިއެކެވެ. އޭނާގެ ނިޔަތް ޞައްޙައެވެ. ވަކިވަގުތެއްގައި އޭނާ މޮޔަވިކަން އޭނާއަށް އެނގޭނަމަ، އޭނާގެ ރޯދަ ބާޠިލުވާނެކަމަށް އެއްވެސްދަލީލެއް ނެތެވެ. އެހެންކަމުން އޭނާ މޮޔަވުމަށް މެދުވެރިވި ދުވަހުގެ ރޯދަ ގަޟާކުރުމަށް އޭނާގެމައްޗަކަށް ލާޒިމެއްނުވެއެވެ. އަދި މޮޔަމީހާއަށް ދުވާލުގެވަގުތުގައި ބުއްދި އައިސްފިކަމުގައިވާނަމަ، ދުވަހުގެ ބާކީއޮތްވަގުތުގައި ރޯދަގެއްލޭ އެންމެހާކަންކަމުން އެއްކިބާވެ ރޯދައަށް ހުރުން އޭނާގެމައްޗަށް ލާޒިމްވެގެންވެއެވެ. އެހީ އެހާރުންފެށިގެން ރޯދަ ވާޖިބުވެގެންވާމީހަކަށް އޭނާވީއެވެ. ކުޑަކުދިން ބާލިޣުވުމާއި ކާފިރުން އިސްލާމުވުމުން ފާއިތުވެދިޔަބައި ޤަޟާކުރަން ނުޖެހޭފަދައިން މޮޔަމީހާގެ މައްޗަށްވެސް ޤަޟާކުރުމެއް ނުވެއެވެ.

ހަތަރުވަނަ ބައި:

އުމުރުން ދުވަސްވެ ގައިބާރުދެރަވެ، ހެޔޮނުބައި ވަކިކުރަން ނޭނގޭ މީހުންގެ މައްޗަށް ރޯދަ ފަރުޟުވެގެން ނުވެއެވެ. އަދި (ފިދްޔައިގެ ގޮތުގައި) ކާންދިނުމެއްވެސް އެފަދަމީހުންގެ މައްޗަކަށްނެތެވެ. އެއީ އެމީހުންނަށް ހެޔޮނުބައިވަކިކުރަން ނޭނގުމުގެ ސަބަބުން އެމީހުންގެކިބައިން ތަކުލީފުކެނޑިގެންދިޔައީއެވެ. އެހާހިސާބުން އެފަދަމީހުން ވެގެންދަނީ ކުޑަކުދިން ފަދަ ބަޔަކަށެވެ. ފަހެއް ބައެއްފަހަރު ހެޔޮނުބައި ވަކިކުރަން އެނގިފައި އަނެއްބައިފަހަރު ހެޔޮނުބައި ވަކިކުރަންނޭނގޭނަމަ، ހެޔޮނުބައިވަކިނުވާވަގުތު، ފިޔަވައި ހެޔޮނުބައި ވަކިވާހަމައިން ރޯދަހިފުން އޭނާގެ މައްޗަށް ވާޖިބުވާނެއެވެ. އެފަދަ މީހުންގެމައްޗަށް ނަމާދުވެސްވަނީ ރޯދަފަދައިންނެވެ. މުސްކުޅިވުމުގެ ސަބަބުން ހެޔޮނުބައި ވަކިނުވާވަގުތުތަކުގައި އޭނާގެ މައްޗަށް ނަމާދުކުރުން ލާޒިމެއްނޫނެވެ. އަދި ހެޔޮނުބައި ވަކިވާވަގުތުގައި ނަމާދުކުރުން އޭނާގެ މައްޗަށް ލާޒިމްވާނެއެވެ.

ފަސްވަނަ ބައި:

ރޯދަހިފުމަށް ކުޅަދާނަކަންލިބޭނެކަމުގެ އުންމީދުވެސްނެތް، ރޯދަހިފުމަށް ނުކުޅެދުންތެރިމީހުން. އެއީ އުމުރުންދުވަސްވެ މުސްކުޅިބަލީގެމީހުންނާއި އަދި ބައްޔެއްގެ ސަބަބުން ރަނގަޅުވާނެކަމުގެ އުންމީދުވެސްނެތް މީހުންނެވެ. މިސާލަކަށް ކެންސަރުފަދަ ބަލި ޖެހިފައިމީހުންނެވެ. ފަހެ އެމީހުންގެ މައްޗަށް ރޯދަހިފުން ވާޖިބުވެގެން ނުވެއެވެ. އެހެނީ އެމީހުންނަކަށް ރޯދަހިފުމުގެ ކުޅަދާނަކަމެއްލިބިފައެއް ނެތެވެ.

ﷲތަޢާލާ ވަޙީކުރެއްވިއެވެ.

﴿فَاتَّقُوا اللَّـهَ مَا اسْتَطَعْتُمْ﴾ [التغابن: ١٦]

މާނައީ: “ފަހެ ތިޔަބައިމީހުން ކުޅަދާނަވީވަރަކުން، ﷲއަށް ތަޤުވާވެރިވާށެވެ.”

އަދިވެސް ވަޙީކުރެއްވިއެވެ.

﴿لَا يُكَلِّفُ اللَّـهُ نَفْسًا إِلَّا وُسْعَهَا﴾ [البقرة: ٢٨٦]

މާނައީ: “ﷲތަޢާލާ އެއްވެސް ނަފްސަކަށް ކުޅަދާނަވެގެންވާ ކަމަކަށްމެނުވީ ތަކުލީފެއް ނުޖައްސަވައެވެ.”

އެހެންނަމަވެސް ރޯދައިގެ ބަދަލުގައި ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާންދިނުން އޭނާގެމައްޗަށް ވާޖިބުވާނެއެވެ. އެހެނީ ﷲޞުބުޙާނަހޫ ވަތަޢާލާ އެންމެ ފުރަތަމަ ރޯދަ ފަރުޞުކުރެއްވި ހިނދުގައި ރޯދަހިފުމާއި (ފިދިޔާގެގޮތުގައި) ކާންދިނުމާމެދު އިޚްތިޔާރުދެއްވައި، ރޯދައާއި އެއްފަދައެއްޗެއްގެ ގޮތުގައި ކާންދިނުންލައްވާފައިވެއެވެ. އެހެންކަމުން (ފިދިޔާގެގޮތުގައި)ކާންދިނުމަކީ، ރޯދައާއި އެއްފަދަ އެއްޗެއްކަމުގައި ވުމުން، ނުކުޅެއްދިއްޖެހާލުގައި ރޯދައިގެ ބަދަލުގައި ކާންދިނުން ލެއްވިފައެވެއެވެ.

ކާންދިނުމުގައި ދެ އިޚްތިޔާރެއްދެވިފައިވެއެވެ. އެއްގޮތަކީ، މިސްކީނަކަށް ގޮދަނުން މުއްދެއްގެ މިންވަރު ދިނުމެވެ. (އެއީ ނަބަވީ ޞާގެ ހަތަރުބައިކޮށްފައި އެއްބައެވެ.) ގޮދަނުގެ މުއްދެއްގެ މިންވަރުގެ މުރާދަކީ، ބައިކިލޯ ދިހަ ގުރާމުގެ އެންމެ ރަނގަޅު ގޮދަނެވެ.

ދެވަނަގޮތަކީ މިސްކީނަކަށް ދަޢުވަތުތީގެންގެނެސް ރޯދަ ދޫކޮށްލި ކޮންމެދުވަހަކަށް މިސްކީނަކަށް ކާންދިނުމެވެ. މިކަންލެއްވިފައިވަނީ މިސްކީނުންގެ މައްޗަށް ލޯބި ޖެއްސެވުމަށްޓަކައެވެ.

ބުޚާރީ رحمه الله ވިދާޅުވިއެވެ.

“ރޯދަ ހިފުމަށް ކުޅަދާނަކަން ލިބިގެންނުވާ މުސްކުޅިންނަށްވަނީ ކާންދިނުމެވެ. ފަހެ އަނަސްގެފާނު އުމުރުންދުވަސްވެ މުސްކުޅިވުމުގެ ސަބަބުން އަހަރެއް ނުވަތަ ދެއަހަރެއްގެ ރޯދަ ދޫކޮށްލެއްވިއެވެ. އަދި ކޮންމެ ދުވަހަކަށް ރޯދަވީއްލުމަށްޓަކައި މިސްކީނަކަށް ރޮށްޓަކާއި އެއްގަމުމަސްދެއްވައެވެ.”([10])

އަދި ރޯދަހިފުމުގެ ކުޅަދާނަކަން ލިބިގެންނުވާ މުސްކުޅި ފިރިހެނުންނާއި މުސްކުޅި އަންހެނުންނަށްވަނީ، ރޯދަގެއްލޭ ކޮންމެދުވަހަކަށް މިސްކީނަކަށް ކާންދިނުންކަމުގައި އިބްނު ޢައްބާސް رضي الله عنها ވިދާޅުވެފައިވެއެވެ.([11])

އަޚުންނޭވެ! ޝަރީޢަތަކީ ﷲތަޢާލާގެ ޙަޟްރަތުންވާ ޙިކުމަތެކެވެ. އަދި އަޅުތަކުންނަށް އެއިން ރަޙުމަތްލައްވާ ރަޙުމަތެކެވެ. އެހެނީ ހަމަކަށަވަރުން ޝަރުޢު ބިނާވެފައިވަނީ ފަސޭޙަކަމާއި ރަހުމަތުގެމައްޗަށެވެ. އަދި ޙިކުމަތާއި ފުރިހަމަކަމުގެ މައްޗަށެވެ. އަދި ﷲތަޢާލާ ތަކްލީފުޖެއްސިގެންވާ ކޮންމެ މީހެއްގެމައްޗަށްވެސް ކަމެއް ވާޖިބުކުރައްވާފައިވަނީ އެމީހެއްގެމައްޗަށް އެކަމެއް އެންމެ މުނާސަބުވެގެންވާ ގޮތެއްގެމައްޗަށެވެ. ހިތަށް އުފާވެރިކަންލިބި، ނަފްސަށް ހިތްހަމަޖެހުން ލިބެނިވި ގޮތަށެވެ. ﷲއީ ރައްބުކަމުގައި ރުހި، ދީނަކީ އިސްލާމްދީންކަމުގައި ރުހި، ނަބިއްޔާއަކީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަމުގައި ރުހެވޭގޮތަށެވެ. އޭ މުއުމިނުންނޭވެ! ތިޔަބައިމީހުންގެމައްޗަށް އެއިލާހު މިންވަރުކޮށްދެއްވައިފައިމިވާ ސީދާވެގެންވާ ދީނުގެމައްޗަށް ތިޔަބައިމީހުން ﷲއަށް ޙަމްދުކުރާށެވެ. އަދި އެއިލާހު ތިޔަބައިމީހުންގެމައްޗަށް ނިޢުމަތްދެއްވާ މީސްތަކުންގެތެރެއިން ގިނަމީހުން މަގުފުރެދިފައިވަނިކޮށް ތިޔަބައިމީހުންނަށް ހިދާޔަތް ދެއްކެވިކަމަށްޓަކައި އެއިލާހަށް ޙަމްދުކުރާށެވެ. އަދި މަރުވުމާއިހަމައަށް މިދީންމަތީ ޘާބިތު ކޮށްދެއްވުމަށް އެދި ތިޔަބައިމީހުން އެއިލާހުގެ ޙަޟްރަތުން އެދޭށެވެ.

اللهم إنا نسألك بأنا نشهد أنك أنت الله لا إله إلا أنت الأحد الصمد الذي لم يلد ولم يولد ولم يكن له كفوا أحد، يا ذا الجلال والإكرام يا منان يا بديع السماوات والأرض، يا حي يا قيوم، نسألك أن توفقنا لما تحب وترضى، وأن تجعلنا ممن رضي بك ربا وبالإسلام دينا وبمحمد r نبيا، ونسألك أن تثبتنا على ذلك إلى الممات، وأن تغفر لنا الخطايا والسيئات، وأن تهب لنا منك رحمة إنك أنت الوهاب، وصلى الله وسلم على نبينا محمد وآله وصحبه وأتباعه إلى يوم الدين.

_________________________________

މިފޮތަކީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ ފޮތެއްގެ ތަރުޖަމާއެވެ.

މަޖާލިސް ޝަހްރު ރަމަޟާންގެ އެހެންބައިތައް

([1]) الترمذي الحدود (1423) ، أبو داود الحدود (4403) ، ابن ماجه الطلاق (2042) ، أحمد (1/158) .

([2]) البخاري الجمعة (839) ، مسلم الجمعة (846) ، النسائي الجمعة (1375) ، أبو داود الطهارة (341) ، ابن ماجه إقامة الصلاة والسنة فيها (1089) ، أحمد (3/60) ، مالك النداء للصلاة (230) ، الدارمي الصلاة (1537) .

([3]) الترمذي السير (1584) ، النسائي الطلاق (3429) ، أبو داود الحدود (4404) ، ابن ماجه الحدود (2542) ، الدارمي السير (2464) .

([4]) صحيح ابن ماجه (4728) ، سننس البيهقي (6/55) .

([5])صحيح ابن ماجه (4728) ، سننس البيهقي (6/55) .

([6]) البخاري الشهادات (2521) ، مسلم الإمارة (1868) ، النسائي الطلاق (3431) ، أبو داود الحدود (4406) ، أحمد (2/17) .

([7]) رواه البخاري .

([8]) الترمذي الحدود (1423) ، أبو داود الحدود (4403) ، ابن ماجه الطلاق (2042) ، أحمد (1/158) .

([9]) البخاري بدء الوحي (1) ، مسلم الإمارة (1907) ، الترمذي فضائل الجهاد (1647) ، النسائي الطهارة (75) ، أبو داود الطلاق (2201) ، ابن ماجه الزهد (4227) ، أحمد (1/43) .

([10]) رواه البخاري .

([11]) رواه البخاري .