[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ﷲ ތަޢާލާ މަތިވެރިކުރުމާއި އެއިލާހަށް ފުރައްސާރަކުރާ މީހާގެ ޙުކުމް (5 ވަނަ ބައި )

ar_t3zeem_Allah_t3alee

ކާފަރުވުމުގެ ޤަސްދަކާއި ނުލާ ފުރައްސާރަކުރި ކަމުގައިވިޔަސް އެއީ ކުފުރެކެވެ.

ﷲ ތަޢާލާއަށް ފުރައްސާރަކުރުމަކީ ކުފުރެއް ކަމާއިމެދު އިޚްތިލާފު ވެވޭކަށްނެތެވެ. އަދި ޢާއްމުންގެ މީހުން ޤަސްދެއް ނެތް ކަމަށްބުނެ ކަންފަސޭހަކޮށްލުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫނެވެ. އެބައިމީހުން ބުނާ ގޮތުގައި އެބައިމީހުން އެބުނާ ފުރައްސާރައިގެ ބަސްތައް ނިކުމެގެންދަނީ ﷲ ތަޢާލާގެ ޙައްގަށް އުނިކަމެއް ރައްދުކުރަން ޤަސްދުކުރުމަކާ ނުލައެވެ.

މި ގޮތަށް ދައްކާ ޢުޒުރުދައްކަނީ މިގޮތަށް ބުނާމީހުންގެ ޖާހިލުކަމުގެ ސަބަބުންނެވެ! އެހެނީ އޭނާ އެބުނިފަދައިން ބުނާނީ ޖަހުމް ބުން ޞަފްވާން އާއި مرجئة އިންގެ އެންމެ ނުބައި މީހުންނެވެ. އެބައިމީހުން ބުނާ ގޮތުގައި އީމާން ކަމަކީ ތެދުކުރުމާއި ހިތުގައި  އޮންނަ އެނގުމެކެވެ. މިހެން ޤަބޫލުކުރުމުގެ ސަބަބުން އީމާންކަމަކީ ބުނާ ބަހާއި ކުރާ ކަންތައް ހިމެނޭ ކަމެއްކަން އެމީހުންނަކަށް ނޭނގެއެވެ.

ފަހެ مرجئة އިންގެ އެންމެ ނުބައި މީހުން ދެކޭގޮތުގައި  ހަށިގަނޑުގެ ގުނަވަންތަކުން ކުރާ ޢަމަލަކުން އީމާންކަން ޘާބިތުކޮށްނުދެއެވެ. އެހެންކަމުން އީމާންކަން ގެއްލޭނީވެސް އެމީހުންހެ ކައިރީގައި އީމާންކަން ގެއްލޭކަމެއް ހިތުން އިޢުތިޤާދު ކުރުމުން އެކަންޏެވެ.

ޙައްޤު ގޮތަކީ އީމާންކަމަކީ ބޭރުފުށާއި އެތެރެފުށުގެ ޢަމަލުތައް ހިމެނޭ ކަމެއް ކަމުގައި ބުނުމެވެ. މީގެ ތެރެއިން ކޮންމެ އެއްޗެއްވެސް އީމާންކަން ޘާބިތުކޮށްދެނީ އަނެކައްޗާ އެކީގައެވެ. މި ދެ ކަމުގެ ތެރެއިން އެއްކަންވެސް ނަފީވެއްޖެކަމުގައި ވަނީނަމަ މުޅި އީމާންކަން ގެއްލިގެންދާނެއެވެ.

އަދި ކާފަރުމީހާ އޭނާގެ ހިތުން ކުފުރުގެ ޤަބޫލުކުރުމެއް ޤަސްދުކޮށް ނިޔަތްގަނެފިނަމަ އޭނާގެ ދުލުން އެވާހަކަ ނުބުންޔަސް އަދި އޭނާގެ އެހެންގުނަވަންތަކުން އެކަންނުކުރި ކަމުގައިވިޔަސް ކާފަރުވާނެއެވެ. ހަމަ މިގޮތަށް އޭނާގެ ހިތުން ކާފަރުވުމަށް ނިޔަތްނުގަނެ އޭނާގެ ދުލުން ބުނެފިކަމުގައި ވަނީނަމަ އޭނާގެ އެހެންގުނަވަންތަކުން އެކުފުރާއި އެއްގޮތަށް ޢަމަލު ނުކުރިކަމުގައި ވިޔަސް ކާފަރުވާނެއެވެ. އަދި ކުފުރުގެ ޢަމަލެއް ކޮށްފި މީހަކު ހިތުން ކާފަރުވާން ޤަސްދުނުކުރި ކަމުގައިވިޔަސް އަދި އޭނާގެ ދުލުން އެވާހަކަ ބާޔާން ނުކުރި ކަމުގައިވިޔަސް ކާފަރުވާނެއެވެ.

ޙަރާމްކަމެއް ކޮށްފިކަމުގައި ވަނީނަމަ އެކަމުގެ ސަބަބުން އޭނާގެ މައްޗަށް އެ މައްސަލަިގެ ޢުޤޫބާތް އާދެއެވެ. ހިތުގައި ވާ ސިއްރުތައް ދެނެވޮޑިގެންވަނީ ﷲ ތަޢާލާ އެވެ. އަދި އެ މީހެއްގެ ފަރާތުން ކުފުރު ފާޅުވުމުގެ ސަބަބުން އޭނާގެ މައްޗަށް ކުފުރުގެ ޙުކުމް ކުރެވޭ ކޮންމެ މީހަކީ ﷲ ގެ ހަޟުރަތުގައި އޭނާގެ އެތެރެފުށުގެ ގޮތުން ކާފިރަކަށް ނުވެދާނެއެވެ. އެހެންކަމުން އެތެރެފުށުގެ ކަންތައްތައް ވަނީ ﷲ ތަޢާލާ އަށެވެ. އަދި ދުނިޔޭގައި އަޅާގެ މައްޗަށް ޙުކުމް ކުރެވޭނީ އޭނާގެ ބޭރުފުށުގެ ޢަމަލުތަކުންނެވެ.

އަދި ﷲ ތަޢާލާ އާއި އެއިލާހު ތަޢާލާގެ ފޮތާއި އެއިލާހު ތަޢާލާގެ ރަސޫލާއަށް ފުރައްސާރަކުރި މީހުން، ޤަސްދުގައި ކާފަރުވުމުގެ ނިޔަތުގައި ކުރިކަމެއް ކަމުގައި ނުވިޔަސް ﷲ ތަޢާލާ އެމީހުންނަކީ ކާފަރުން ކަމުގައި ޙުކުމްކުރައްވައި އެމީހުންގެ ޢުޒުރު ޤަބޫލުނުކުރައްވައެވެ. މިކަމާއި ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ( وَلَئِن سَأَلْتَهُمْ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلْعَبُ ۚ قُلْ أَبِاللَّـهِ وَآيَاتِهِ وَرَسُولِهِ كُنتُمْ تَسْتَهْزِئُونَ ﴿٦٥﴾ لَا تَعْتَذِرُوا قَدْ كَفَرْتُم بَعْدَ إِيمَانِكُمْ ) [التوبة 65-66] މާނައީ: ” ހަމަކަވަރުން، ކަލޭގެފާނު، އެއުރެންނާ سؤال ކުރައްވައިފިނަމަ، އެއުރެން ދަންނަވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، ތިމަންމެން ހަމައެކަނި ވާހަކަދައްކާލައި، ކުޅިވަރު ކުޅޭކަމުގައި ވީމުއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތިޔަ މަލާމާތްކޮށް އުޅުނީ، اللَّه އާއި، އެކަލާނގެ آية ތަކާއި، އެކަލާނގެ رسول އާއަށް ހެއްޔެވެ؟ (65) ތިޔަބައިމީހުން عذر ނުދައްކާށެވެ! ތިޔަބައިމީހުން إيمان ވުމަށްފަހު، ތިޔަބައިމީހުން ތިޔަތިބީ كافر ވެފައިކަން ކަށަވަރެވެ.”.

އަދި މީސްތަކުން، އެބައިމީހުންގެ ބޭރުފުށަށް ފާޅުވާ ޢަމަލުތަކަށް އެބައިމީހުންނާއި މެދު ފިޔަވަޅު އެޅުމަކީ ބުއްދީގެ ގޮތުން ވެސް ދަލީލިލިބޭ ކަމެކެވެ. އެހެންކަމުން އެއްބަޔަކު އަނެއްބަޔަކަށް ޒިނޭއަށް ގޮވައި ޤަޒުފު ކޮށްފިކަމުގައި ވަނީނަމަ އޭމީހުންގެ ޢުޒުރު ޤަބޫލުނުކުރެވޭނެއެވެ. އަދި ވެރިމީހާ އަށް ފުރައްސާރަކޮށް ލަޢުނަތް ދީފި މިހެއްގެ ޢުޒުރުވެސް ޤަބޫލުނުކުރެވޭނެއެވެ. މީސްތަކުން ހިތުގައި ޤަސްދުކޮށްފައި ބުނި އެއްޗެއް ނޫންކަމުގައި ބުނިނަމަވެސްމެވެ! އެހެންކަމުން ނިޔަތަކާއި ނުލާ ޤަޒުފުކުރި ކަމުގައި ވިޔަސް އެ ދޮގުގެ ޙައްދު ޤާއިމްކުރުމަށް ﷲ ތަޢާލާ ވަނީ އަމުރު ކުރައްވާފައެވެ: އެއީ އައްޑިހަ އެތިފަހަރުން ޖެހުމެވެ. އަދި ޤަޒުފުކުރާ މީހާގެ ކިބައިން އޭނާ ޤަޒުފުކުރީ މަޖަލަކަށް ކުޅިވަރަކަށް ކަމުގައިވިޔަސް ޤަބޫލު ނުކުރެވޭނެއެވެ.

އަދި ހަމަ މިގޮތަށް ވެރިމީހާ އާއި ދިމާލަށް މަޖަލަކަށް ހަދައިގެން، ކުޅިވަރަކަށް ހަދައިގެން އޭނާގެ އަބުރާއި ބެހޭތަން ފެނިއްޖެކަމުގައި ވަނީނަމަ އެމީހުން އަދަބުވެރި ކުރުވުމަށްޓަކައި އަދަބުދެވިދާނެއެވެ. އެ މީހުންނާއި އަޅާނުލާ ދޫކޮށްފިކަމުގައި ވަނީނަމަ ވެރިމީހާގެ ހައިބަތު ވެއްޓިގެން ހިނގައިދާނެއެވެ.

ފަހެ ޟަޙީޙުލް ބުޚާރީގައި އަބޫ ހުރައިރާ ރަޟިޔަﷲޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޟައްލަﷲޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((إن العبد ليتكلم بالكلمة من سخط الله لا يلقي لها بالا يهوي بها في جهنم سبعين خريفا)) މާނައީ: ” ހަމަކަށަވަރުން މީހަކު މާބޮޑު ސަމާލުކަމެއްނުދީ ބުނާ، ﷲ ތަޢާލާ ކޯފާވަނިވި ބަހެއްގެ ސަބަބުން އޭނާ ނަރަކަޔަށް 70 އަހަރުވަންދެން ވައްދަވާފާނެއެވެ.”

ފަހެ ހަމަކަށަވަރުން ﷲ ތަޢާލަ އެވަނީ އޭނާގެ މައްޗަށް ޢަޒާބު ވާބިޖުކުރައްވާފައެވެ. އަދި އޭނާ އެބުނި އެއްޗަކާއިމެދު އޭނާ އަޅާނުލިކަމުގައި ވިޔަސް ﷲ ތަޢާލާ އެކަން ޢުޒުރަކަށް ނުބައްލަވައެވެ! އެބަހީ އޭނާ އެބަސް ބުނި އިރު އޭނާގެ ހިތަށް އެ ބުނެވޭ ބަހެއްގެ ބުރަދަނާމެދު ވަޒަންނުކުރެއެވެ. ސަބަބަކީ އޭނަ އެވަނީ އެ ބަސްބުނުމުގައި ފަރުވާކުޑަކޮށްފައެވެ. އޭނާ އެބަހާއިމެދު ކުޑަކޮށް ނަމަވެސް ވިސްނައިފިކަމުގައި ވަނީނަމަ އޭނާއަށް އެ ބުނެވުނު ބަހުގެ ނުބައިކަން ވިސްނުނީހެވެ.

ބިލާލް ބުން ޙާރިޘް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން ރިވާކުރައްވާފައިވާ ހަދީޘްފުޅެއްގައި ވެއެވެ. ((إِنَّ أَحَدَكُمْ لَيَتَكَلَّمُ بِالْكَلِمَةِ مِنْ سَخَطِ اللَّهِ مَا يَظُنُّ أَنْ تَبْلُغَ مَا بَلَغَتْ فَيَكْتُبُ اللَّهُ عَلَيْهِ بِهَا سَخَطَهُ إِلَى يَوْمِ يَلْقَاهُ )) މާނައީ: ” ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން މީހަކު ﷲ ތަޢާލާ ކޯފާވަނިވި ބަހެއް ބުނުމުގެ ސަބަބުން އޭނާ ހީނުކުރާހާ ހިސާބަށް ކަންތައްތައް ފޯރަފާނެއެވެ. ފަހެ ﷲ ތަޢާލާ އޭނާ އެއިލާހާއި ބައްދަލުވަންދެން އޭނާގެ މައްޗަށް އެއިލާހުގެ ކޯފާ ލިޔުއްވާނެއެވެ.”.

 އެހެންކަމުން މީހަކު ތިމަންނަގެ ދޫ މަތިން ﷲ ތަޢާލަ އަށް ފުރައްސަިއގެ ބަސްތައް ނުކުމެ ލަޢްނަތްދެވެނީ އެއިލާހުގެ ޤަދަރަށް އުނިކަން ގެނައުމުގެ ޤަސްދެއް ނެތިއޭ ނުވަތަ އިހާނެތިކަން ނިސްބަތްކުރުމުގެ ޤަސްދެއް ނެތިއޭ ބުނެ ޢުޒުރުދެއްކިޔަސް އެ ޢުޒުރަކީ އެއީ ޝައިޠާނާ އޭނާއަށް ފަސޭހަކޮށްދީ ދައްކައިދޭ ޢުޒުރެކެވެ. އޭގެ ބޭނުމަކީ އޭނާގެ ކުފުރުގެ މަތީގައި އޭނާ ބެހެއްޓުމެވެ. އެއީ އޭނާގެ ރައްބުގެ ޙައްޤުގައި އޭނާގެ އަމިއްލަ ނަފްސަށް އޭނާ ވެފައި އެވާ އަނިޔާގެ މަތީގައި އޭނާ ބެހެއްޓުމަށްޓަކައި ދައްކުވައިދޭ ޢުޒުރެކެވެ. އެހެނީ ޝައިތާނާ އިންސާނާއަށް ކުފުރު ފަސޭހަކޮށްދީ އެޔަށް ހިތް ހަމަޖެއްސުމަށްޓަކައި އޭނާއަށް ދައްކުވައިދެނީ ބަލިކަށިވެގެންވާ ބުއްދީގެ ޝުބުހަތަކާއި ޝަރުޢީ ބަލިކަށި ޝުބުހަތަކެކެވެ. މިފަދަ ޝަރުޢީ ބަލިކަށި ޝުބުހަތަކަކީ ހަވާ ނަފްސުން އެއްކިބަވެފައިވާ ޝަރީޢަތުގެ ޟައްޙަ ފަހުމުގެ ތިލަފަތުގައި އެއްވެސް ބުރަދަނެއް ހުރިއެއްޗެއް ނޫނެވެ.

އިންސާނާއަށް ޝައިޠާނާ ދައްކުވައިދޭ ޝުބުހަތަކުގެ ތެރޭގައި: އޭނާއަށް އޭނާ ކުރާ އެހެން އަޅުކަންތަކުގެ ކުރިމަތީގައި އޭނަގެ ކުފުރަކީ އަދި ފާފައަކީ  ކުޑައެއްޗެއް ކަމުގައި ދައްކުވައިދިނުން ހިމެނެއެވެ. މިގޮތުން ޝައިޠޯނާ އިންސާނާ ކޮށްފައިވާ އަޅުކަންތައް އޭނާގެ ހިތައް ގެނެއެވެ. އަދި މި އަޅުކަންތަކަކީ އޭނާގެ ފާފައިގެ ސަބަބުން ވެރިވެފައިވާ ހިތާމަ އާއި އެނާގެ ހިތުގައިވާ އުރެދުމުގެ ވޭން ނެތިކޮށްލާ ކަންތައްކެއް ކަމުގައި އެ ޝައިޠޯނާ ދައްކައެވެ. މިގޮތުން ﷲ ތަޢާލާ އަށް ފުރައްސާރައިގެ ބަސްތައް ބުނާ މީހާ ގެ ހިތައް އޭނާއަކީ ޝަހާދަތުގެ ދެކަލިމަ ކިޔައިގެންހުރި މީހެއް ކަމާއި އޭނާއަކީ މައިންބަފައިންނަށް ކިޔަމަންތެރިވާ މީހެއްކަން ހަނދާންކޮށްދެއެވެ. އަދި ބައެއް ފަހަރު ނަމާދުކުރާ މީހެއް ނަމަ އޭނާ އަކީ ނަމާދުކުރާ މީހެއްކަންވެސް ހަނދާންކޮށްދެއެވެ.

މައްކާގެ މުޝްރިކުންވެސް މަގުފުރެދިގެން ދިޔައީ މިފަދައިންނެވެ. އެހެނީ އެބައިމީހުން ދިޔައީ ﷲ ތަޢާލާ އަށް ޝަރީކު ކުރަމުންނެވެ. އަދި ﷲ ފިޔަވައި ބުދުތަކަށް އަޅުކަންކުރަމުންނެވެ. މިޔާއި އެކުވެސް އެބައިމީހުންގެ ހިތްތަކުގައި އެބައިމީހުން ބާއްވަމުން ދިޔައީ އެބައިމީހުންނަކީ ޙައްޖުވެރިންނަށް ބޯފެންދޭ މީހުންކަމުގައެވެ. އަދި މަސްޖިދުލް ޙަރާމް ޢިމާރާތްކުރާ މީހުން ކަމުގައެވެ. އަދި ކަޢުބާގައި އުރަކޮޅުލާ މީހުން ކަމުގައެވެ. އެހެން ނަމަވެސް ﷲ ތަޢާލާގެ ހަޞުރަތުގައި މިކަމަކުން އެބައިމީހުންނަށް ފައިދާއެއް ނުކުރިއެވެ. އެހެނީ އެބައިމީހުން އެއިލާހާއި އެކީ އެހެން ފަރާތްތައް އަޅުކަމުގައި ބައިވެރި ކުރުމުން އެބައިމީހުން އެއިލާހަށް ކުރަންޖެހޭ މަތިވެރިކުރުން ނަފީވެގެން ދިޔައެވެ. އެބަމީހުން ދިޔައީ ﷲ ގެ ގެކޮޅު މަތިވެރިކުރަމުން އެ ގެކޮޅުގެ ވެރިފަރާތައް ކާފަރުވަމުންނެވެ! ހަޤީޤަތުގައި ގެކޮޅު މަތިވެރި ކުރެވެނީ އެ ގެކޮޅުގެ ވެރިފަރާތުގެ މަތިވެރިކަމަށްޓަކައެވެ! އަދި އެ ގެކޮޅުގެ ވެރިފަރާތް މަތިވެރި ކުރެވެނީ އެ ގެކޮޅުގެ މަތިވެރިކަމަށްޓަކައެއް ނޫނެވެ.

ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. (أَجَعَلْتُمْ سِقَايَةَ الْحَاجِّ وَعِمَارَةَ الْمَسْجِدِ الْحَرَامِ كَمَنْ آمَنَ بِاللَّـهِ وَالْيَوْمِ الْآخِرِ وَجَاهَدَ فِي سَبِيلِ اللَّـهِ ۚ لَا يَسْتَوُونَ عِندَ اللَّـهِ ۗ وَاللَّـهُ لَا يَهْدِي الْقَوْمَ الظَّالِمِينَ ) (التوبة 19)

މާނައީ: ” حج ވެރިންނަށް ބޯފެންދީ، حرمة ތެރިވެގެންވާ މިސްކިތް ފަޅުފިލުވައި، ބަލަހައްޓައިއުޅޭ މީހަކާއި، اللَّه އަށާއި، آخرة ދުވަހަށް إيمان ވެ، اللَّه ގެ މަގުގައި جهاد ކޮށްއުޅޭ މީހަކާ ދެމީހުން، އެއްފަދަކަމަށް ތިޔަބައިމީހުން ހަދަނީހެއްޔެވެ؟ اللَّه ގެ حضرة ގައި އެ ދެބައިމީހުން، ހަމަހަމައެއް ނުވާނެތެވެ. އަނިޔާވެރި ބަޔަކަށް، اللَّه ތެދުމަގެއް ނުދައްކަވާނެތެވެ. “

ވަރަށްގިނަ ފަހަރު އިންސާނާ ﷲ އަށް އީމާންވާ ކަމަށް ކުރާ ދަޢުވާއަކީ ހަމައެކަނި އޭގެ އިދިކޮޅު ނަފީކޮށްލުމަށް ގެންނަ ދަޢުވާއެއް ކަމުގައި މެނުވީ ނުވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ( وَمِنَ النَّاسِ مَن يَقُولُ آمَنَّا بِاللَّـهِ وَبِالْيَوْمِ الْآخِرِ وَمَا هُم بِمُؤْمِنِينَ ) (البقرة 8) މާނައީ: ” އަދި إيمان ވެގެންވާ ބަޔަކު ކަމުގައި ނުވެތިބެ، ތިމަންމެން اللَّه އަށާއި آخرة ދުވަހަށް إيمان ވެއްޖައީމުއޭ ބުނާބަޔަކު، މީސްތަކުންގެ ތެރެއިންވެއެވެ. “

އެހެންކަމުން ﷲ ތަޢާލާ އަށް މަލާމާތްކޮށް ފުރައްސާރަކުރާ ޙާލު އެ އިލާހު ތަޢާލާ މަތިވެރިކުރާ ކަމަށާއި ޝަހާދަތުގެ ދެކަލިމަ ކިޔާކަމަށް ކުރާ ދަޢުވާއަކީ ތެދުކުރެވޭނެ ދަޢުވާއެއް ނޫނެވެ.

________________

-ނުނިމޭ-

ކުރީގެ ބައިތައް ވިދާޅުވުމަށް މި ލިންކަށް ޒިޔާރަތްކޮށްލައްވާ!

فضيلة الشيخ عبد العزيز بن مرزوق الطَّريفي ލިޔުއްވާފައިވާ تعظيم الله تعالى و حكم شاتمه ގެ ދިވެހި ތަރުޖަމާ