- އަޅުއަންހެނާ އޭނާގެ ސާހިބުމީހާ ވިހެއުން.
ޖިބްރީލް ޙަދިޘް [ގެ ނަމުން ނަންދެވިފައިވާ] ދިގު ޙަދީޘްގައި އައިސްފައި ވެއެވެ. އެކަލޭގެފާނަށް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((وَسَأُخْبِرُكَ عَنْ أَشْرَاطِهَا: إِذَا وَلَدَتْ الْأَمَةُ رَبَّتَهَا)) –متفق عليه-[1] މާނައީ: “ނަމަވެސް އެކަމުގެ ޢަލާމާތްތައް ޚަބަރު ކަލޭގެފާނަށް ދެއްވަފާނަމެވެ: އަޅުއަންހެނާ އޭނާގެ (އަންހެން) ސާހިބުމީހާ ވިހައިފުމުންނެވެ.”
އަދި މުސްލިމްގެ ރިވާޔަތުގައި ވަނީ: ((إِذَا وَلَدَتِ الْأَمَةُ رَبَّهَا))[2] “އަޅުއަންހެނާ އޭނާގެ (ފިރިހެން) ސާހިބުމީހާ ވިހައިފުމުންނެވެ.”
މިޢަލާމާތުގައި މިވާ [ކަންތަކުގެ] މާނައަކީ ކޮބައިކަމާމެދު ޢިލްމުވެރިންގެ ބަސްފުޅުތަކުގައި ވަނީ ޚިލާފުވެފައެވެ. އޭގެތެރެއިން ހަތަރު ބަސްފުޅެއް، ޙާފިޡް އިބްނު ޙަޖަރު ޛިކުރު ކުރައްވާފައި ވެއެވެ:
- ޚައްޠާބީ ވިދާޅުވިއެވެ. [ބަސްފުޅުގެ މާނައީ:] “އޭގެ މުރާދަކީ އިސްލާމްދީން ފެތުރިގެން ދިއުމެވެ. އަދި ކާފަރުންގެ ޤައުމުތަށް މުސްލިމުންގެ އަތްދަށަށް ގޮސް އެބައިމީހުންގެ ދަރިފަސްކޮޅު އަސީރު ވުމެވެ. ފަހެ ފިރިހެނަކަށް އަޅެއްގެ ގޮތުގައި އަންހެނަކު ލިބުމަށްފަހު، އެކަނބުލޭގެއަށް ދަރިއަކު ލިބިއްޖެނަމަ އެދަރިފުޅު ހިމެނެނީ އަޅެއްގެ ދަރަޖައިގައެވެ. އެހެނީ އެއީ އެކަނބުލޭގެ ސާހިބުމީހާގެ ދަރިއެކެވެ.”[3]
މި ބަސްފުޅަކީ މިއީ ގިނަ ޢިލްމުވެރިންގެ ބަސްފުޅު ކަމުގައި [އަލްއިމާމު] ނަވަވީ ޛިކުރު ކުރައްވައެވެ.[4]
އިބްނު ޙަޖަރު ވިދާޅުވެއެވެ. [ބަސްފުޅުގެ މާނައީ:] “ނަމަވެސް މިބަސްފުޅުގެ މުރާދާމެދު ބަލައިލަން ޖެހެއެވެ. އެހެނީ އަޅު އަންހެނުން ވިހައިއުޅުމަކީ މިވާހަކަ މިދެކެވެމުން ދާއިރުވެސް ހިނގަމުން އަންނަ ކަމެކެވެ. އަދި ކާފަރުންގެ ޤައުމުތައް މުސްލިމުންގެ އަތްދަށަށް ގޮސް އެބައިމީހުންގެ ޢާއިލާތައް އަސީރު ކުރެވި ގެންދިޔުން ގިނައިން ހިނގާފައިވަނީ އިސްލާމްދީނުގެ ކުރީކޮޅުއެވެ. އަދި ޙަދީޘްފުޅުގެ މައިގަނޑުން އެނގެން އޮތީ އެއީ ހިނގައިފައި ނުވާކަމެއް ހިނގާނެ ކަމުގެ އިޝާރާތެއްގެ ގޮތުގައެވެ. އެކަމެއް ހިނގާނީ ޤިޔާމަތްވާން ކުޑަތަން ވެފައިވަނިކޮށެވެ.”[5]
- އެއީ ސާހިބުން އެމީހުންގެ ދަރިންގެ މަންމަ ކަމުގައިވާ އަޅުއަންހެނާ ވިއްކުމެވެ. އަދި އެކަން ޢާންމުވެގެން ދެއެވެ. ދެންފަހެ އެކުދިން ވިހޭ މައިމީހާ ގަނެ ވިކެވެމުން އައިސް، އެކުދިންނަށް އެއަންހެނާ ގަނެވެއެވެ. އެކުދިންނަށް އެކަމުގެ ހޭވެރިކަމެއް ނުމެވޭމެއެވެ.
- އެއީ އަޅުއަންހެނާ އޭނާގެ ސާހިބުމީހާ ނޫން އެހެންމީހަކާ އެކު ރޭކޮށް މިނިވަން ދަރިއަކު ލިބުން ނުވަތަ ކައިވެންޏެއްކޮށްގެން ނުވަތަ ޒިނޭކޮށްގެން، އަޅެއްގެ ގޮތުގައި ދަރިއަކު ލިބުމެވެ. އެއަށްފަހު މިދެންނެވި ދެގޮތުގައިވެސް އަޅު އަންހެނާ ޞައްޙަ ގޮތުގައި ވިކިގެން ދިއުމެވެ. އަދި އެއަންހެނާ އެކަގުގެ އަތުން އަނެކަކުގެ އަތުން ވިކެމުން ގޮސް އޭނާގެ ފިރިހެން ދަރި ނުވަތަ އަންހެންދަރި އެއަޅު އަންހެނާ ގަނެއެވެ. މިއީ އިސްވެދިއަ ބަސްފުޅާ ދާދި ކައިރި ބަސްފުޅެކެވެ.
- ދަރިންގެ ތެރޭގައި ނުކިޔަމަންތެރިކަން ބޮޑުވުމެވެ. އަދި ސާހިބުމީހާ އޭނާގެ އަޅުންނާމެދު ކަންކުރާ ބީދައިން ދަރިން މައިންނާމެދު ކަންކުރުމެވެ. އިހާނާތްތެރިވުމާއި އެއްޗެހިކިއުމާއި އަނިޔާކުރުމާއި ޚިދުމަތް ކުރުވުމުގައެވެ. އަދި ފަހަރުގައި އެއީ މަޖާޒީގޮތުން ކިޔޭ ގޮތަކަށްވެސް ވެދާނެއެވެ. ނުވަތަ މިތާންގައި “ރައްބު” ގެ މުރާދަކީ ތަރުބިއްޔަތުދޭ މީހާ ކަމުގައި ވެދާނެއެވެ.
އެއަށްފަހު އިބްނު ޙަޖަރު ވިދާޅުވިއެވެ. [ބަސްފުޅުގެ މާނައީ:] “މިގޮތް އާންމުކޮށް އޮތުމާއެކު، މިހުރިހާ ގޮތްތަކުންކުރެ ތިމަންނާގެ ގާތުގައި އެންމެ ރަނގަޅު ގޮތަކީ މިއެވެ. އެހެނީ އެމަޤާމު ދަލީލުކޮށްދެނީ –ކަންކަން ބޮއްސުންލާފައި ވުމާއެކުއެވެ.- އެޙާލަތު އޮތްގޮތުގެ ބީރައްޓެހިކަމުގެ ދޭހައެވެ. އަދި އެކަމުން ލިބިދޭ ފިލާވަޅަކީ، ކަންކަން އެފުއްމިފުށަށްޖެހި، ޤިޔާމަތް ޤާއިމްވުމުގެ ވަގުތު ނުހަނު ކުޑަތަންވެއްޖެ ކަމުގެ އިޝާރާތެވެ. އަމުރުވެރިޔާ އަށް އަމުރު ކުރެވެންފެށި ދަށްމީހާ މަތިވީއެވެ. އެހެން ޢަލާމާތެއްގައި އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވާ ފަދައިން: ފައިވާންގަނޑެއް ނެތް މީހާއަށް ބިމުގެ ޚަޒާނާތައް ލިބުނީއެވެ.”[6]
- އަދި ފަސްވަނަ ބަސްފުޅަކަށް އިބްނު ކަޘީރުގެ މިބަސްފުޅު ވެއެވެ. [އެބަސްފުޅުގެ މާނައީ:] “ފަހު ޒަމާނުގައި އަޅު އަންހެނުންނަކީ އަދަބުވެރި ބަޔަކުކަމުގައި ދެކެވޭނެއެވެ. އަދި އެންމެ ބޮޑަށް ތިބޭ ފިރިހެނުން ގާތު މިނިވަން އަންހެނުންތަކެއް ނެތި ހުންނާނީ ހަމައެކަނި އަޅު އަންހެނާއެވެ. އެކަލޭގެފާނުގެ ޙަދީޘްފުޅުގައި: ((وَأَنْ تَرَى الْحُفَاةَ الْعُرَاةَ الْعَالَةَ يَتَطَاوَلُونَ فِي الْبُنْيَان)) ‘އަރާނެ ފައިވާނެއް އައުރަނިވާކުރާނެހާ ފެންވަރުނެތް މީހުންގެ ގެދޮރު އުސްވެއްޖެތަން ފެނުމުންނެވެ.’ ކަނޑައަޅައިފައިވަނީ މިހެންވެއެވެ.”[7]
_____________________________________
[1] ((صحيح البخاري))، كتاب الإيمان، باب سؤال جبريل، (1 / 114 – مع الفتح)، و ((صحيح مسلم))، كتاب الإيمان، باب بيان الإيمان والإسلام والإحسان، (1 / 158 – مع شرح النووي).
[2] ((صحيح مسلم))، الكتاب والباب السابقان، (1 / 163 – مع شرح النووي).
[3] [ބައްލަވާ:] ((معالم السنن على مختصر سنن أبي داود)) (7 / 67)، وهذا النص في ((فتح الباري)) (1 / 122).
[4] [ބައްލަވާ:] ((شرح النووي لمسلم)) (1 / 158).
[5] [ބައްލަވާ:] ((فتح الباري)) (1 / 122).
[6] [ބައްލަވާ:] ((فتح الباري)) (1 / 122 – 123) باختصار.
[7] [ބައްލަވާ:] ((النهاية / الفتن والملاحم)) (1 / 177)، تحقيق د. طه زيني.