[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ – 15 – (ސަލަފުންގެ ބޭކަލުން ސުންނަތަށް ދެއްވާފައިވާ އަހަންމިއްޔަތު)

ދެވަނަ ފަޞްލު

ސަލަފުންގެ ބޭކަލުން ސުންނަތަށް ދެއްވާފައިވާ އަހަންމިއްޔަތު

 

ސަލަފުންގެ ބޭކަލުން ސުންނަތަށް އަހަންމިއްޔަތު ދެއްވާފައިވާ ގޮތް އެކި ދުވަސްވަރުގައި ތަފާތެވެ. އެއީ އެޒަމާނެއްގައި ހުރި ވަސީލަތްކަކާއި ފުރުޞަތުތަކަށް ބިނާކޮށެވެ. އެހެންކަމުން ފާހަގަކޮށްލެވޭކަމަކީ ހުރިހާ ފުރުޞަތުތަކާއި ވަޞީލަތްތައް ބޭނުންކުރައްވައިގެން ވީ އެންމެ ބޮޑަކަށް އެބޭކަލުންވަނީ ސުންނަތަށް އަހަންމިއްޔަތު ދެއްވާފައެވެ. އެއީ އޭގެ ޢިލްމު އުނގެނިވަޑައިތުމާއި ޢަމަލުކުރެއްވުމާއި ރައްކާތެރިކުރެއްވުމާއި ލިޔުއްވުމާއި ދިރާސާކުރެއްވުމާއި އުންމަތުގައި ފެތުރެއްވުންފަދަ ކަންކަމުގައެވެ. މިފަޞްލުގައި މިކަމުގެ ތަފްޞީލު ބަޔާންކޮށްދޭނަމެވެ. إن شاء الله. އަދި އެކި ދުވަސްވަރަށް ބަހާލައިގެން އޭގެ މިޘާލުތަކެއްވެސް ބަޔާންކޮށްދޭނަމެވެ. އެގޮތުން އެންމެ މާތް ޤަރުނުތަކުގެ ތެރޭގައި އެކަން އޮތްގޮތް ބަޔާންކޮށްދޭނަމެވެ. އެއީ ހިޖުރައިން ތިންވަނަ ޤަރުނުގެ ނިޔަލަށެވެ. އަދި އެއީ ސުންނަތާއި އޭގެ ޢިލްމުތައް ރައްކާތެރިކުރުމުގެ ރަންޒަމާނެވެ.

 

ފުރަތަމައީ: ޞަޙާބީބޭކަލުންގެ ޒަމާނުގައި ސުންނަތަށް ދެވިފައިވާ އަހަންމިއްޔަތު

ރަސޫލާ صلى الله عليه وسلم ގެ ޒަމާނުގައި ޞަޙާބީ ބޭކަލުން رضي الله عنهم ޝަރުޢީ ޙުކުމްތައް އުނގެނިވަޑައިގަތީ ރަސޫލާ صلى الله عليه وسلم ގެ އަރިހުން ކީރިތި ޤުރުއާން އުނގެނިވަޑައިގަންނަވާއިރުއެވެ.

އެގޮތުން އިޖްމާލީގޮތެއްގައި ތަފްޞީލެއް ނެތި ޤުރުއާންގެ ވަރަށް ގިނަ އާޔަތްތައް ބާވައިލެއްވުނެވެ. އަދި މުޤައްޔަދު ނުކުރެވި މުޠުލަޤުކޮށްވެސްމެއެވެ. މިސާލަކަށް ނަމާދުކުރުމަށް އަމުރުކުރައްވާފައިވަނީވެސް އިޖްމާލީ ގޮތެއްގައެވެ. އެގޮތުން ނަމާދުގެ ރަކުޢަތްތަކުގެ ޢަދަދާއި ކުރާގޮތާއި ވަޤުތުތަކުގެ ތަފްޞީލު ޤުރުއާނުގައި އައިސްފައިނުވެއެވެ. ޒަކާތް ދިނުމަށްވެސް އަމުރުކުރައްވާފައިވަނީ މިފަދައިންނެވެ. އެގޮތުން ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދުމިންވަރާއި އޭގެ މިންވަރުތަކާއި ޝަރުޠުތަކުގެ ތަފްޞީލު އައިސްފައިނުވެއެވެ.

ހަމައެފަދައިން ޝަރަޙައެއް ނޭނގި ޢަމަލުނުކުރެވޭނެ ވަރަށް ގިނަ ޙުކުމްތަކުގައި އޭގެ ތަފްޞީލު ދެނެގަތުމަށް ޞަޙާބީ ބޭކަލުންނަށްވަނީ ﷲ ގެ ރަސޫލާ އަށް ރުޖޫޢަވުން ލާޒިމުވެފައެވެ. އެއީ ޙުކުމްތަކާ ގުޅުންހުރި ޝަރުޠުތަކާއި ރުކުންތައްފަދަ ކަންކަމުގައެވެ.

ﷲ ގެ ޙަޟްރަތުން ޝަރީޢަތް ފޯރުކޮށްދެއްވި ފަރާތަކީ ﷲ ގެ ރަސޫލާ އެވެ. އަދި ﷲ ގެ ޝަރީޢަތުގެ މަޤްޞަދުތަކާއި މިންވަރުތަކާއި ލަނޑުދަނޑިތައް އެންމެ ބޮޑަށް އެނގިވަޑައިގަންނަވަނީ އެކަލޭގެފާނަށެވެ.

އެގޮތުން ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ޚަބަރުދެއްވާފައިވާ ގޮތުގައި ރަސޫލާ صلى الله عليه وسلم ގެ ވަޒީފާއަކީ ޤުރުއާން ބަޔާންކޮށްދެއްވުންކަމުގައެވެ. އަދި އޭގެ އާޔަތްތަކާއި މަޤްޞަދުތައްވެސްމެއެވެ. އެގޮތުން އެއިލާހު ވަޙީކުރެއްވިއެވެ.

﴿وَأَنزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ﴾  [النحل : 44]

މާނައީ: ” އަދި ތިމަންއިލާހު، ކަލޭގެފާނަށް ޤުރުއާން ބާވައިލެއްވީ، އެއުރެންނަށް ބާވައިލެއްވި ތަކެތި، މީސްތަކުންނަށް ކަލޭގެފާނު ބަޔާންކޮށް ދެއްވުމަށްޓަކައެވެ. އަދި އެއުރެން ފިކުރުކުރުމަށްޓަކައެވެ.”

= ނުނިމޭ =

______________________

އެހެނިހެން ބައިތައް