[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 76 “ދަށުދަރަޖައިގެ މީހުން މަތިކުރުން. “

  1. ދަށުދަރަޖައިގެ މީހުން މަތިކުރުން.

ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރޭގައި ދަށުދަރަޖައިގެ މީސްތަކުން ހެޔޮމީހުންނަށްވުރެ މަތިކުރުމާއި އެފަދަ މީހުން ދޫކޮށް މިބައިމީހުން ކަންކަމަށް ވެރިކުރުން ހިމެނެއެވެ. ފަހެ މީސްތަކުންނަށް އަމުރުވެރީން ކަމުގައި ވާނީ އެމީހުންގެ ތެރޭތިބި ހަމަބުއްދިނުވާ އަދި އެބައެއްގެ ކިބައިގައި އެއްވެސް ހެވެއްނުވާ ދެރަވަރު މީހުންނެވެ. މިއީ ކަންތަކަން އެފުއްމިފުށަށްޖެހި ޙާލަތު ބަދަލުވެގެން ދިއުމުވެ. މިއީ ޒަމާނުގައި ފެންނަން އޮތް ކަމެއްވެސް މެއެވެ. މީސްތަކުންގެ ވެރިން ކަމުގައްޔާއި ކަންކަމުގައި އިސްވެ ބަސްކިޔައި ހަދާ ގިނަ މީހުންނީ ޢިލްމާއި ޤާބިލުކަމުގައި އެންމެ ނިކަމެތި މީހުންކަމުގައި މިދަނީ ފެންނަމުންނެވެ. ދީންވެރިކަމާއި ތަޤްވާވެރިކަމުގެ އަހުލުވެރީން، އެނޫންމީހުންނަށްވުރެ މީސްތަކުގެ ކަންކަމުގައި އިސްކުރުން ވާޖިބުވެގެން ވީހިނދު ވެސްމެއެވެ. އެހެނީ މީސްތަކުންކުރެ އެންމެ މާތް ބަޔަކީ ދީންވެރި ތަޤްވާވެރީންނެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ. (إِنَّ أَكْرَمَكُمْ عِندَ اللَّـهِ أَتْقَاكُمْ) [الحجرات: 13]. މާނައީ: “ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ ތަޤުވާވެރި މީހާއެވެ.”

މިހެންކަމުން ނަބިއްޔާ صلى الله عليه وسلم، މީސްތަކުންކުރެ އެންމެ ޞާލިޙު ދަންނަބޭކަލުން މެނުވީ މީސްތަކުންނަށް އަމުރުވެރި ވެރިންކަމުގައި ރަށްތަކަށް ކަނޑަނާޅުއްވައެވެ. އަދި އެކަލޭގެފާނުގެ ފަހުން ވަޑައިގެންނެވި، އެކަލޭގެފާނުގެ ޚަލީފާއިންވެސް [ކަންކުރެއްވީ] އެފަދައިންނެވެ. މީގެ މިސާލުތައް ގިނަގުނައެވެ. އޭގެތެރޭގައި ޙުޛައިފާ رضي الله عنه ގެ ކިބައިން ބުޚާރީ ރިވާކުރައްވާފައި ވެއެވެ. ނަޖްރާންގެ އަހުލުވެރީންނަށް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((لَأَبْعَثَنَّ إِلَيْكُمْ رَجُلًا أَمِينًا حَقَّ أَمِينٍ)) ޙަދީޘްގެ މާނައީ: “ތިޔަބައިމީހުންގެ ގާތަށް އަމާނާތްތެރިވުން ޙައްޤު އަމާނާތްތެރި ފިރިހެނަކު، ތިމަންކަލޭގެފާނު ފޮނުއްވާހުށީމެވެ.” ފަހެ އެޝަރަފަށް އެދިއެދި ނަބިއްޔާ صلى الله عليه وسلم ގެ އަޞްޙާބުން ތިއްބެވޫއެވެ. ދެންފަހެ އަބޫ ޢުބައިދާ ގެފާނު ފޮނުއްވަވައިފިއެވެ.[1]

ދެން މިވަނީ ދަށް މީހުން މަތިވުން ވަނީ ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރެއިންކަން ހާމަކޮށްދޭ ބައެއް ޙަދީޘްތަކެވެ:

އޭގެތެރޭގައި އަބޫހުރައިރާ رضي الله عنه ގެ ކިބައިން އަލްއިމާމު އަޙްމަދު ރިވާކުރައްވާފައި ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((إِنَّهَا سَتَأْتِي عَلَى النَّاسِ سِنُونَ خَدَّاعَةٌ، يُصَدَّقُ فِيهَا الْكَاذِبُ، وَيُكَذَّبُ فِيهَا الصَّادِقُ، وَيُؤْتَمَنُ فِيهَا الْخَائِنُ، وَيُخَوَّنُ فِيهَا الْأَمِينُ، وَيَنْطِقُ فِيهَا الرُّوَيْبِضَةُ)) قِيلَ: وَمَا الرُّوَيْبِضَةُ؟ يَا رَسُولَ اللهِ قَالَ: ((السَّفِيهُ يَتَكَلَّمُ فِي أَمْرِ الْعَامَّةِ))[2] މާނައީ: “ހަމަކަށަވަރުން އޮޅުވާލުން ބޮޑު ދުވަސްވަރެއް މީސްތަކުންނަށް އަންނާނެއެވެ. އެދުވަސްތަކުގައި ދޮގުވެރިޔާ ތެދުކުރެވި، ތެދުވެރިޔާ ދޮގުކުރެވޭނެއެވެ. އަދި ޚިޔާނާތްތެރިޔާ އަމާނާތްތެރިޔެއްކަމުގައި ހެދި، އަމާނާތްތެރިޔާ ޚިޔާނާތްތެރިޔެއްކަމުގައި ހެދޭނެއެވެ. އެދުވަސްތަކުގައި ބަސް ކިޔާނީ رُوَيْبِضَة އިންނެވެ.” ދެންނެވުނެވެ. އޭ ﷲ ގެ ރަސޫލާއެވެ! رُوَيْبِضَة އިންނަކީ ކޮންބައެއްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. “ޢާންމުންގެ ކަންކަމުގައި ވާހަކަދައްކާ ތަންދޮރު ނުފިލާ މީހާއެވެ.”

އަދި ޖިބްރީލް ޙަދީޘް [ގެ ނަމުން މަޝްހޫރުވެފައިވާ] ދިގު ޙަދީޘްގައި އެކަލޭގެފާނު ޙަދީޘްކުރައްވާފައި ވެއެވެ. ((وَلَكِنْ سَأُحَدِّثُكَ عَنْ أَشْرَاطِهَا… وَإِذَا كَانَتْ العُرَاةُ الحُفَاةُ رُؤُوْسَ النَّاسِ؛ فَذَاكَ مِنْ أَشْرَاطِهَا))[3] “އެހެނެއްކަމަކު އެކަމުގެ ޢަލާމާތްތައް ކަލޭގެފާނަށް ކިޔައިދެއްވައިފާނަމެވެ… އަރާނެ ފައިވާނެއް އައުރަ ނިވާކުރާނެހާ ފެންވަރުނެތް މީހުން، މީސްތަކުންގެ ވެރިންކަމުގައި ވެއްޖެނަމަ ފަހެ އެއީ އެކަމުގެ ޢަލާމާތްތަކުންކުރެ ޢަލާމާތެކެވެ.”

އަދި عُمَرُ بْن الخَطَّاب رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((مِنْ أَشْرَاطِ السَّاعَةِ: أَنْ يَغْلِبَ عَلَى الدُّنْيَا لُكَعُ ابْنُ لُكَعٍ، فَخَيْرُ النَّاسِ يَوْمَئِذٍ مُؤْمِنٌ بَيْنَ كَرِيْمَيْنِ))[4] މާނައީ: “ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރޭގައި: لُكَع ގެ ދަރި لُكَع (އެބަހީ އަޅުމީހާގެ އަޅުދަރި) ދުނިޔެއަށް ވެރިވެގަތުން ހިމެނެއެވެ. ފަހެ އެދުވަހުން މީސްތަކުންގެ ތެރެއިން އެންމެ މާތް މީހާއީ މުއުމިނު މައިންބަފައިންގެ ގާތުގައިވާ މީހެކެވެ.”

އަދި ޞަޙީޙް [ބުޚާރީ] ގައި ވެއެވެ. ((إِذَا أُسْنِدَ الْأَمْرُ إِلَى غَيْرِ أَهْلِهِ؛ فَانْتَظِرِ السَّاعَةَ))[5] “ކަމުވޮށިގެންވާ މީހުން ނޫން މީހުންނާ ކަންކަން ޙަވާލުކުރެވިއްޖެ ނަމަ ދެންފަހެ ޤިޔާމަތަށް އިންތިޒާރު ކުރާށެވެ.”

އަދި އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ((مِنْ أَشْرَاطِ السَّاعَةِ:… أَنْ يَعْلُوَ التُّحُوتُ الْوُعُولَ))، أَكَذَاكَ يَا عَبْدَ اللهِ بْنَ مَسْعُودٍ سَمِعْتَهُ مِنْ حِبِّي؟ قَالَ: نَعَمْ؛ وَرَبِّ الْكَعْبَةِ. قُلْنَا: وَمَا التُّحُوتُ؟ قَالَ: فُسُولُ الرِّجَالِ، وَأَهْلُ الْبُيُوتِ الْغَامِضَةِ يُرْفَعُونَ فَوْقَ صَالِحِيهِمْ. وَالْوُعُوْلُ: أَهْلِ الْبُيُوْتِ الصَّالِحَةِ.[6] މާނައީ: “ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރޭގައި: ވުޢޫލަށްވުރެ ތުޙޫތު މަތިވުން ހިމެނެއެވެ.” އޭ ޢަބްދުﷲ ބްން މަސްޢޫދެވެ. ކަލޭގެފާނުގެ ލޯބިފުޅުވާ (އެބަހީ ރަސޫލުﷲ صلى الله عليه وسلم) ގެ އަރިހުން އެފަދައިން އަޑުއެއްސެވީމު ނޫންތޯއެވެ؟ ވިދާޅުވިއެވެ. ގެފުޅުގެ ވެރިއިލާހު ގަންދީ ހުވައި ކުރައްވާ ދަންނަމެވެ. އާދޭހެވެ. [އަޑުއެއްސެވީމެވެ.] ތިމަންމެން ބޭކަލުން ދެންނެވީމެވެ. ތުޙޫތަކީ ކޮންއެއްޗެއް ތޯއެވެ؟ ދެންނެވިއެވެ. އަދަބު އަޚްލާޤުނެތް ފިރިހެނުންނާއި ގޭގެ އަހުލުވެރިންގެ ހެޔޮރަނގަޅު މީހުންނަށްވުރެ އެމީހުން އިސްކުރާ މީހުންނެވެ. އަދި ވުޢޫލަކީ ހެޔޮލަފާ ޞާލިޙް، ގޭގެ އަހުލުވެރީންނެވެ.”

އަދި އަބޫހުރައިރާ رضي الله عنه ގެ ކިބައިން އަލްއިމާމު އަޙްމަދު ރިވާކުރައްވާފައި ވެއެވެ. އެކަލޭފެފާނު ވިދާޅުވިއެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((لَا تَذْهَبُ الدُّنْيَا حَتَّى تَصِيرَ لِلُكَعِ ابْنِ لُكَعٍ))[7] މާނައީ: “لُكَع[8] ގެ ދަރި لُكَع ގެ ދަށަށް ދުނިޔެ ގޮސްފުމަށް ދާންދެން ދުނިޔެ ފަނާވެގެން ނުދާހުއްޓެވެ.” އެބަހީ: އެތަނުގެ ނިޢުމަތްތަކާއި ފޮނިކަން އޭނާއަށް ލިބުމެވެ.[9]

އަދި އިމާމު އަޙްމަދުގެ ރިވާޔަތުގައި حُذَيْفَة بْن اليَمَان رضي الله عنه ގެ ކިބައިން ވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((لَا تَقُومُ السَّاعَةُ حَتَّى يَكُونَ أَسْعَدُ النَّاسِ بِالدُّنْيَا لُكَعُ ابْنُ لُكَعٍ))[10] މާނައީ: “މީސްތަކުންގެ ތެރެއިން ދުނިޔޭގައިވާ އެންމެ ބާއްޖަވެރި ބަޔަކީ لُكَع ގެ ދަރި لُكَع ކަމުގައި ވެއްޖައުމަށްދާންދެން ޤިޔާމަތް ޤާއިމް ނުވާނެއެވެ.”

އަދި ދެޞަޙީޙުގައި، އަމާނާތް އުފުއްލެވުމާ ބެހޭގޮތުން ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން حُذَيْفَة رضي الله عنه ރިވާކުރައްވާފައި ވެއެވެ. ((حَتَّى يُقَالَ لِلرَّجُلِ: مَا أَجْلَدَهُ! مَا أَظْرَفَهُ! مَا أَعْقَلَهُ! وَمَا فِي قَلْبِهِ مِثْقَالُ حَبَّةٍ مِنْ خَرْدَلٍ مِنْ إِيمَانٍ))[11] “އެމީހާއަށް ބުނެވެއްޖައުމާ ހަމައަށެވެ: އޭނާގެ ގަދަކަމާއެވެ! އޭނާގެ ކާމިޔާބު ކަމާއެވެ! އޭނާގެ ބުއްދިވެރި ކަމާއެވެ! ފަހެ އެމީހާގެ ހިތުގައި ރެވިއޮއްޓަރެއްހާ މިންވަރުގެ އީމާންކަންވެސް ނުވެއެވެ.”

ދެންފަހެ މިއީ މިޒަމާނުގައި މުސްލިމުންގެ މެދުގައި ކަންއޮތް ގޮތެވެ. އެމީހުންނަށް ބުނެވެއެވެ. އޭނާގެ ބުއްދިވެރި ކަމާއެވެ! އޭނާގެ ޚުލްޤު ހެޔޮ ކަމާއެވެ! އަދި ހައްދުފަނައަޅާ ވަރަށް ރިވެތި ޞިފަތަކުން އޭނާ ޞިފަކުރެވެއެވެ. ފަހެ އޭނާ ހިމެނެނީ މީސްތަކުންގެ ތެރެއިން އެންމެ ފާސިޤު މީހާ ކަމުގައެވެ. އަދި ދީންވެރި ކަމުގައާއި އަމާނާތްތެރިކަމުގައި އެންމެ ކަންފުޅެއްނެތް މީހާކަމުގައެވެ. އަދި އިސްލާމްދީން ހަލާކުކޮށްލުމަށް މަސައްކަތްކުރާ، މުސްލިމުންގެ ޢަދާވާތްތެރިއެއް ކަމުގައި ވެސް އޭނާ ވެދާނެއެވެ. لَاحَوْلَ ولَا قُوَّةَ إلَّا بِاللهِ العَلِيِّ العَظِيْم.

_______________________________

[1] ((صحيح البخاري))، كتاب أخبار الآحاد، باب ماجاء في إجازة خبر الواحد الصادق، (13 / 232 – مع الفتح).

[2] ((سنن الإمام أحمد)) (15 / 37 – 38 – شرح وتعليق أحمد شاكر)، وقال: ((إسناده حسن، ومتنه صحيح)).

وقال ابن كثير: ((هذا إسناد جيد، ولم يخرجوه من هذا الوجه))

((النهاية / الفتن والملاحم)) (1 / 181) تحقيق د. طه زيني.

[3] ((صحيح مسلم))، كتاب الإيمان، باب بيان الإيمان والإسلام والإحسان، (1 / 163 – مع شرح النووي).

[4] قال الهيثمي: ((رواه الطبراني في ((الأوسط)) بإسنادين، ورجال أحدهما ثقات)). ((مجمع الزوائد))، (7 / 325).

[5] ((صحيح البخاري))، كتاب الرقاق، باب رفع الأمانة، (11 / 332 – مع الفتح).

[6] ((مجمع الزوائد)) (7 / 327). قال الهيثمي: ((حديث أبي هريرة وحده في الصحيح بعضه، ورجال الصحيح؛ غير محمد بن الحارث بن سفيان، وهو ثقة)).

وذكره الحافظ ابن حجر في ((الفتح)) (13 / 15) من رواية الطبراني في ((الأوسط)) عن أبي هريرة.

[7] ((مسند الإمام أحمد)) (16 / 284 – شرح وتعليق أحمد شاكر)، وقال: ((أخرجه السيوطي في ((الجامع الصغير))، ورمز له بأنه حديث حسن)). ((الجامع الصغير)) (2 / 200 – بهامشه كنوز الحقائق للمناوي)).

وقال الهيثمي: ((رجال أحمد رجال الصحيح؛ غير كامل بن العلاء، وهو ثقة)). ((مجمع الزوائد)) (7 / 220).

وقال ابن كثير: ((إسناده جيد قوي)). ((النهاية / الفتن والملاحم)) (1 / 181)، تحقيق د. طه زيني.

[8] (لُكَع): ޢަރަބީންގެ ގާތުގައި އެއީ އަޅުމީހާއެވެ. އޭގެފަހުގައި އެނަން ބޭނުން ކުރެވެމުން އަންނަނީ އެއްޗެހިކިޔައި ނިކަމެތި ކޮށްލުމަށެވެ. އެއީ ދެރަވަރު މީހާއެވެ. އަދި ކުޑަކުއްޖާއަށް ވެސް އެހެން ކިޔެއެވެ. ފަހެ ބޮޑު މީހަކަށް އެގޮތަށް ބޭނުން ކުރެވުނު ނަމަ އެބުނަނީ ޢިލްމީ ގޮތުން ދަށް ބުއްދި އުނި މީހުންނަށެވެ.

ބައްލަވާ: ((النهاية في غريب الحديث)) (4 / 268).

[9] ބައްލަވާ: ((فيض القدير شرح الجامع الصغير)) (6 / 142) (ح 7149).

[10] ((مسند الإمام أحمد)) (5 / 389 – بهامشه منتخب كنز العمال)، ورمز له السيوطي في ((الجامع الصغير)) بالصحة (2 / 202 – بهامشه  كنوز الحقائق للمناوي).

وقال الألباني: ((صحيح)). انظر: ((صحيح الجامع الصغير)9 (6 / 177) (ح 7308).

[11] ((صحيح البخاري))، كتاب الرقاق، باب رفع الأمانة، (11 / 333 – مع الفتح)، و((صحيح مسلم))، كتاب الإيمان، باب رفع الأمانة والإيمان من بعض القلوب، (2 / 167 – 170 – مع شرح النووي).