ދެން އެއަށްފަހު ވަޙީކުރެއްވިއެވެ.
﴿ كَلاَّ لَئِن لَّمْ يَنتَهِ لَنَسْفَعاً بِالنَّاصِيَةِ ﴾
މާނައީ: “ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އޭނާ އެކަންތައް ހުއްޓައިނުލިނަމަ، ތިމަންއިލާހު އޭނާގެ ނިތްގަނޑުގައި ހިއްޕަވައި ނަރަކަޔަށް ގެންދަވާހުށީމެވެ.”
﴿كَلاَّ ﴾
ގެ މާނައަކީ “ޙައްޤު”ގެ މާނައިގައެވެ. އަދި ބިރުގެންނެވުމުގެ މާނަ އެކުލެވުމުގެ އިޙްތިމާލު އެބަ އޮތެވެ. އެބަހީ: ﷲ ގެ ރަސޫލާ صلى الله عليه وسلم އާ މެދު އިހާނެތިކޮށް ހިތައިމީހާ ބިރުގެންނެވުމަށެވެ.
﴿ كَلاَّ لَئِن لَّمْ يَنتَهِ لَنَسْفَعاً بِالنَّاصِيَةِ ﴾
މާނައީ: “އޭނާގެ ނިތްގަނޑުގައި ހިއްޕަވައި ނަރަކަޔަށް ގެންދަވާހުށީމެވެ.”
މިޖުމުލައަކީ ހުވާގެ ޖަވާބުގައި އަންނަ ޖުމްލައެވެ. އޭގެ މާނައީ: “ﷲ ގަންދީ ބުނަމެވެ. އޭނާ އެކަންތައް ހުއްޓައިނުލިނަމަ، ތިމަންއިލާހު އޭނާގެ ނިތްގަނޑުގައި ހިއްޕަވައި ނަރަކަޔަށް ގެންދަވާހުށީމެވެ.”
މިތަނުގައި ޝަރުޠުގެ ޖަވާބާއި ހުވާގެ ޖަވާބު އެކުއެކީގައި އައުމުން ޝަރުޠުގެ ޖަވާބު މިވަނީ ފޮހެލެވިފައެވެ. އެހެނީ ޢަރަބިބަހުގެ ޤަވާޢިދަކީ ހުވައަކާއި ޝަރުޠެއް އެކުއެކީ އަތުވެއްޖެނަމަ ފަހުން އަންނަ އެތީގެ ޖަވާބު ފޮހެލެވޭނެއެވެ. އެގޮތުން އަލްފިއްޔާ އޭ ކިޔުނު ޅެމުގައި އިބްނު މާލިކު ވިދާޅުވިއެވެ.
واحذف لدى اجتماع شرط وقسم جواب ما أخرت فهو ملتزم
މާނައީ: “ޝަރުޠާއި ހުވާ އެކުވެއްޖެނަމަ ފަހުން އަންނަ އެއްޗެއްގެ ޖަވާބު ފޮހެލާށެވެ. ފަހެ އެއީ ލާޒިމުކަމެކެވެ.”
މިތަނުގައި ފަހުން ގެނެވިފައިމިވަނީ ޝަރުޠެވެ. އެއީ ﴿ لَئِن ﴾ އެވެ.
﴿ لَنَسْفَعاً ﴾
ގެ މުރާދަކީ: ވަރުގަދައަށް ހިއްޕަވާ ހުށީމެވެ.
﴿ النَّاصِيَةِ ﴾
ގެ މުރާދަކީ: ނިތްގަނޑެވެ.
އަދި އެކަލިމައިގައި ﴿ ال ﴾ އެވާ އަކީ އަލްޢަހްދު އައްޛިހްނީ ގެ ﴿ ال ﴾ އެވެ. (އެބަހީ: އެކަލިމައިން މުޚާޠަބު ކުރެވެނީ ވަކި މީހެއްގެ ނިތްގަނޑާ ބެހޭގޮތުންކަން އެ ﴿ ال ﴾ ގެ ސަބަބުން އެނގެއެވެ.) މިތަނުގައި ނިތްގަނޑުގެ މުރާދަކީ އަބޫ ޖަހުލުގެ ނިތްގަނޑެވެ. އެއީ ނަބިއްޔާ صلى الله عليه وسلم އަށް ވަޢީދުގެ ބަސްބުނެ ނަމާދުކުރުމަށް މަނާކޮށް އުޅުނު މީހާއެވެ. އެބަހީ: “އޭނާގެ ނިތްގަނޑުގައި ހިއްޕަވާ ހުށީމުއެވެ.”
މީގެ މުރާދަކީ ދުނިޔޭގައި އޭނާގެ ނިތްގަނޑުގައި ހިފެވޭނެ ވާހަކަ ހެއްޔެވެ؟ ނުވަތަ އާޚިރަތުގައި އޭނާގެ ނިތްގަނޑުގާ ހިފި، އޭނާ ދަމާފާ ނަރަކައަށް ގެންދެވޭނެ ވާހަކަ ހެއްޔެވެ؟ މިދެގޮތުގައިވެސް އިޙްތިމާލު އެބައޮތެވެ. ބަދުރު ހަނގުރާމާގައި އޭނާގެ ނިތްގަނޑުގައި ހިފެވުނެވެ. އެއީ މުޝްރިކުންގެ ތެރެއިން ޤަތުލުކުރެވުނު މީހުންނާއެކު ޤަތުލުކުރެވުނު ހިނދެވެ. އަދި ޤިޔާމަތްދުވަހު އޭނާގެ ނިތްކުރީގައި ހިފި، ނަރަކައަށް އެއްލާލެވޭނެކަމުގެ އިޙްތިމާލުވެސް މިތަނުގައި އެބައޮތެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿ يُعْرَفُ الْمُجْرِمُونَ بِسِيمَاهُمْ فَيُؤْخَذُ بِالنَّوَاصِي وَالْأَقْدَامِ ﴾ [الرحمن: 41]
މާނައީ: ” (އެދުވަހުން) ކުށްވެރިން އެއުރެންގެ ފާހަގައިން އެނގޭނެއެވެ. ފަހެ، ނިތްގަނޑުތަކާއި ފައިތަކުގައި ހިއްޕަވައިގެން، އެއުރެން ގެންދަވާނެތެވެ.”
އާޔަތުން ދެޞައްޙަމާނަ ނެގިފައި އެއްމާނަ އަނެއް މާނައާ ފުށުނާރާނަމަ ވާޖިބުވެގެންވަނީ ދެމާނަވެސް އެއާޔަތުން ނެގުމެވެ. އެއީ ޢިލްމުވެރިން ދަނެވަޑައިގަންނަވާ ކަމެކެވެ. އަދި އެފަދައިން އަޅުގަނޑުމެންވާނީ ކުރިންވެސް ބަޔާންކޮށްފައެވެ.
= ނުނިމޭ =
_______________________________
މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ سورة العلق ގެ ތަފްސީރުގެ ތަރުޖަމާއެވެ.