﴿ سَنَدْعُ الزَّبَانِيَةَ ﴾
މާނައީ: “ނިކަންހުރެ ތިމަންއިލާހު ޒަބާނިއްޔަ މަލާއިކަތުންނަށް ގޮވައިލައްވާހުށީމެވެ.”
އެބަހީ: މިމީހާގެ މަޖިލީހުގައި ތިބި މީހުންނަށްވުރެ މަތިވެރި ބަޔަކު ތިމަންއިލާހުގެ ޙަޟްރަތުގައިވެއެވެ. އެއީ ނަރަކަ ބަލަހައްޓަވާ މަލާއިކަތުންކަމުގައިވާ ޒަބާނިއްޔާއެވެ. ނަރަކަ ބަލަހައްޓަވާ ބޭކަލުންނަކީ ހަރުކަށި ވަރުގަދަ ބަޔަކުކަމުގައި އެއިލާހުވަނީ ބަޔާންކުރައްވާފައެވެ. އެއީ މިޒާޖުގައި ހަރުކަށި ބާރުގައި ގަދަފަދަ ބައެކެވެ.
﴿ لَّا يَعْصُونَ اللَّـهَ مَا أَمَرَهُمْ ﴾ [التحريم: 6]
މާނައީ: ” ﷲ، އެބޭކަލުންނަށް ކުރައްވާ އަމުރަކަށް އެބޭކަލުން ނުއުރެދޭނެތެވެ.”
އަދި ކިއެއްހެއްޔެވެ. ﷲ ކުރެއްވި ކޮންމެ އަމުރަކަށް އެބޭކަލުން ތަބާވެއެވެ.
﴿ وَيَفْعَلُونَ مَا يُؤْمَرُونَ ﴾
މާނައީ: “އަދި އެބޭކަލުންނަށް އަމުރުކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ.”
އެކަންކުރުމަށް އެބޭކަލުން ނުކުޅެދުންތެރިވެގެން ނުވެއެވެ.
ފަހެ، އެބޭކަލުން ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ބޯލަނބާކަން ބަޔާންކޮށްދެއްވުމަށް މިތަނުގައި ދެ ޞިފައެއް ގެނެސްފައިވެއެވެ. އެއީ:
އެބޭކަލުން ނުއުރެދޭނެކަމާއި އެބޭކަލުންނަށް ފުރިހަމަ ކުޅަދާނަކަން ލިބިގެންވާކަމެވެ.
އަމުރުފުޅުތައް ތަންފީޛުނުކުރެއްވޭނީ ކުޅަދާނަކަން ނެތުމުގެ ސަބަބުންނެވެ. ނުވަތަ އެ އަމުރާ ދެކޮޅުވެރިވުމުންނެވެ. މިޘާލަކަށް: ނަމާދުނުކުރާ މީހަކު ކޮޅަށް ހުރެ ނަމާދު ނުކުރަނީ ކުޅަދާނަކަން ލިބިގެން ނުވާތީ ކަމުގައި ވެދާނެއެވެ. އަދި ނުކިޔަމަންތެރިކަމުގެ ގޮތުން އެގޮތަށް ކުރަނީ ކަމުގައިވެސް ވެދާނެއެވެ. ފަހެ، އެފަދަ މީހަކު ﷲ ގެ އަމުރުފުޅު ތަންފީޛެއް ނުކުރެއެވެ. ނަމަވެސް ނަރަކަ ބަލަހައްޓަވާ މަލާއިކަތް ބޭކަލުންނަކީ ނުކުޅެދުންތެރި ބައެއް ނޫނެވެ. އެބޭކަލުންގެ ކިބައިގައި އާރާއި ބާރުވެއެވެ. އަދި އެބޭކަލުންނަކީ އަމުރުތަކަށް ނުކިޔަމަންތެރިވާ ބޮޑާ ބައެއްވެސް ނޫނެވެ. އަދި ކިއެއް ހެއްޔެވެ. އެބޭކަލުންގެ ކިބައިގައިވަނީ ފުރިހަމައަށް ބޯލަނބައި ކިޔަމަންގަތުމެވެ. އެހެންކަމުން އޭނާއާ (އެބަހީ: އަބޫ ޖަހުލާ) އޭނާގެ ޤުއުމުގެ މީހުންނާއި މަޖުލިސްކުރާމީހުންނަށް ޒަބާނިއްޔަ މަލާއިކަތުންނާ ކުރިމަތިލުމަކީ ވާނޭކަމެއް ނޫނެވެ.
އެހެންކަމުން އެއިލާހު ވަޙީކުރެއްވިއެވެ.
﴿ سَنَدْعُ الزَّبَانِيَةَ ﴾
ފަހެ، މީހަކު ބުނެފާނެއެވެ. މިތަނުގައި ﴿ سَنَدْعُ ﴾ އައިސްފައިވާއިރު الواو ކޮބާ ހެއްޔެވެ. ޖަވާބުގައި ދަންނަވަމެވެ. އެތަނުގައި ދެ ސުކުން ވިދިވިދިގެން އައިސްފައިވާތީ އެ އެވަނީ ފޮހެވިފައެވެ. އެހެނީ އެތަނުގައި ވާވުގައި އެވަނީ ސުކުން ޖެހިފައެވެ. އަދި ދެން އޮތް ހަމްޒާއަކީ ސުކުންޖެހިފައިވާ ހަމްޒަތުލް ވަޞްލެކެވެ. ސުކުން ޖެހިފައިވާ ދެއަކުރު ވިދިވިދިގެން އައުމުން އެ ފުރަތަމަ އަކުރަކީ (ا و ي) ފިޔަވާ އެހެންއަކުރެއްނަމަ އޭގައި އިބިފިލިޖެހޭނެއެވެ. އެތިންއަކުރުންކުރެ އަކުރެއްނަމަ އެއަކުރު ފޮހެލެވޭނެއެވެ. އިބްނު މާލިކު رحمه الله އަލްފިއްޔާ އޭ ކިޔުނު ޅެމުގައި ވިދާޅުވިއެވެ.
إن ساكنان التقيا اكسر ما سبق وإن يكن ليناً فحذفه استحق
މާނައީ: ދެ ސުކުން ވިދިވިދިގެން އަތުވެއްޖެނަމަ ކުރީ އަކުރުގައި އިބިފިލިޖަހާށެވެ.
ފަހެ، އެއީ ލީނުގެ އަކުރެއްކަމުގައިވާނަމަ (އެބަހީ: (ا و ي) ވާނަމަ) އެ ފޮހެލުން ޙައްޤުވެގެންވެއެވެ…
= ނުނިމޭ =
_______________________________
މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ سورة العلق ގެ ތަފްސީރުގެ ތަރުޖަމާއެވެ.