މިތަނުގައި މިބަޔާންކޮށްލަނީ އެކަމާ ބެހޭގޮތުން އެބޭކަލުން ވިދާޅުވެފައިވާ ބައެއް ބަސްފުޅުތަކާއި ހިނގާފައިވާ ބައެއް ޙާދިޘާތަކެވެ.
1- އަނަސް رضي الله عنه ވިދާޅުވިއެވެ.
“ކުށެއް ކީ ދާނެކަމަށް ތިމަންކަލޭގެފާނު ބިރުފުޅު ނުގަންނަނަމަ ތިމަންކަލޭގެފާނަށް ﷲގެ ރަސޫލާ صلى الله عليه وسلم ގެ އަރިހުން އިވިވަޑައިގެން ކަންތައްތަކެއް ނުވަތަ އެކަލޭގެފާނު ވިދާޅުވި ބަސްފުޅުތަކެއް ރިވާކުރެއްވީމުހެވެ. އެހެނީ އެކަލޭގެފާނު ޙަދީޘްފުޅުކުރައްވާތީ ތިމަންކަލޭގެފާނު އެއްސެވީމެވެ.
((مَنْ كَذَبَ عَلَيَّ مُتَعَمِّدًا فَلْيَتَبَوَّأْ مَقْعَدَهُ مِنَ النَّارِ)) [1]
މާނައީ: “ޤަޞްދުގައި ތިމަންކަލޭގެފާނާ ބެހޭ ގޮތުން ދޮގެއް ހަދައިފިމީހަކު ދަންނައެވެ. ފަހެ، އެމީހެއްގެ ޖާގަ ނަރަކައިން ލިބިގަންނާށެވެ. “
2- އިބްނު ސީރީން ވިދާޅުވިއެވެ.
“ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަރިހުން އަނަސްގެފާނު ރިވާކުރައްވަނީ ވަރަށް މަދުންނެވެ. އެގޮތުން އެކަލޭގެފާނުގެ އަރިހުން ޙަދީޘެއް ރިވާކުރައްވާނަމަ ވިދާޅުވެއެވެ. އެފަދަ ގޮތަކަށް އެކަލޭގެފާނު صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ” [2]
3- ޝައުބީއާއި އިބްނު ސީރީންގެ އަރިހުން ރިވާވެފައިވެއެވެ.
“ހަމަކަށަވަރުން ﷲ ގެ ރަސޫލާ صلى الله عليه وسلمގެ އަރިހުން އިބްނު މަސްޢޫދު ރިވާކުރައްވާއިރު … އެކަލޭގެފާނުގެ މޫނުފުޅުގެ ކުލަ ބަދަލުވެއެވެ. އަދި ވިދާޅުވެއެވެ. މިފަދައިން ނުވަތަ މިފަދަ ގޮތަކަށެވެ. އަދި މިފަދައިން ނުވަތަ މިފަދަ ގޮތަކަށެވެ. (އެބަހީ: ﷲ ގެ ނަބިއްޔާ صلى الله عليه وسلم ވިދާޅުވީ ނުވަތަ ޢަމަލުކުރެއްވީ މިފަދައިންނެވެ. ނުވަތަ މިފަދަ ގަތަކަށެވެ.)” [3]
4- ޝައުބީގެ އަރިހުން ރިވާވެފައިވެއެވެ.
“އިބްނު ޢުމަރުގެ އަރިހުގައި އެއް އަހަރުވަންދެން މަޖުލީސްކުރެއްވީމެވެ. ފަހެ، ﷲ ގެ ރަސޫލާ صلى الله عليه وسلمގެ އަރިހުން އެކަލޭގެފާނު އެންމެ ޙަދީޘެއްވެސް ޛިކުރުކުރައްވާ އަޑެއް، ތިމަންކަލޭގެފާނަށް އިވިވަޑައިނުގަންނަވައެވެ.” [4]
5- އަދި ޢަބްދުއްރަޙްމާނު ބިން އަބީ ލައިލާ ވިދާޅުވިއެވެ.
“މުޙައްމަދު صلى الله عليه وسلم ގެ އަޞްޙާބުބޭކަލުން ކުރެ ސަތޭކަވިހި އަންޞާރީ ބޭކަލުންނާ ތިމަންކަލޭގެފާނާ ބައްދަލުވިއެވެ. އެބޭކަލުންކުރެ އެއްވެސް ބޭކަލަކު ޙަދީޘެއް ރިވާކުރައްވާނަމަ އެހެން ބޭކަލަކު އެކަން ކުރައްވުމަށް އެދި ނުލައްވާ ބޭކަލަކު ނުވެއެވެ. އަދު ސުވާލެއް ވެވިއްޖެނަމަވެސް އެހެން ބޭކަލަކު އެކަން ކުރެއްވުމަށް އެދި ނުލައްވާ ބޭކަލަކު ނުވެއެވެ.” [5]
އަދި އެހެން ރިވާޔަތެއްގައިވެއެވެ.
“އެބޭކަލުންކުރެ ބޭކަލަކާ މައްސަލައެއްގައި ސުވާލު ދެންނެވުމުން އެއްބޭކަލަކު އަނެއް ބޭކަލަށް ރައްދުކުރައްވަމުން އައިސް އެންމެ ފުރަތަމަ ސުވާލުވެވުނު ބޭކަލަކާ ހަމައަށް އެ ސުވާލު އާދެއެވެ.” [6]
6- އަދި ސާއިބު ބުން ޔަޒީދުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
” ސަޢުދުގެފާނާ އެކު މައްކާއަށް ދަތުރުކުރެއްވީމުއެވެ. ފަހެ މަދީނާއަށް އާދެވިއްޖައުމަށް ދާންދެންވެސް، ﷲ ގެ ރަސޫލާ صلى الله عليه وسلمގެ އަރިހުން އެންމެ ޙަދީޡެއްވެސް އެކަލޭގެފާނު ރިވާ ނުކުރައްވައެވެ.” [7]
7- އަދި ޢަބްދުއްރަޙްމާނު ބިން އަބީ ލައިލާ ވިދާޅުވިއެވެ.
” ޒައިދު ބިން އަރުޤަމަށް ތިމަން ބޭކަލުން ދެންނެވީމެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަރިހުން ހަދީޡެއް ރިވާކޮށްދެއްވާށެވެ. ފަހެ ވިދާޅުވިއެވެ. ތިމަން ބޭކަލުން ޢުމުރުން ދޮށީވުމުން ހަނދުމަނެތިއްޖެއެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަރިހުން ޙަދީޘެއް ރިވާކުރުމަކީ ވަރަށް ބޮޑުކަމެކެވެ.” [8]
= ނުނިމޭ =
______________________
[1] سنن الدارمي – باب اتقاء الحديث عن النبي صلى الله عليه وسلم والتثبت فيه ۱ / ٦٧
[2] رواه ابن ماجه في سننه – المقدمة – باب التوقي في الحديث عن رسول الله صلى الله عليه وسلم ۱ / ۱۱ ح ۲٤، والدارمي في سننه ۱ /٧۳ باب من هاب الفتيا مخافة السقط.
[3] سنن الدارمي – باب من هاب الفتيا مخافة السقط ۱ / ٧۲
[4] رواه ابن ماجه في سننه – المقدمة – باب التوقي في الحديث عن رسول الله صلى الله عليه وسلم ۱ / ۱۱ ح ۲٦، والدارمي في سننه ۱ /٧۳ باب من هاب الفتيا مخافة السقط.
[5] سنن الدارمي ۱/٤٩/رقم۱۳٧ في المقدمة.
[6] جامع بيان العلم وفضله لابن عبد البر ۲ / ۱٦۳، مختصر المؤمل ص: ٤٠ ح ٦٤ فصل: السؤال عن الحادثة والكلام فيها قبل وقوعها.
[7] ابن ماجه في سننه – المقدمة – باب توقي الحديث ۱ / ۱۲ ح ۲٩، والدارمي في سننه – باب من هاب الفتيا مخافة السقط ۱ / ٧۳.
[8] ابن ماجه في سننه – المقدمة – باب التوقي في الحديث عن رسول الله صلى الله عليه وسلم.