5- ޢަމްރު ބިން ޢަލީ އަލްފައްލާސް ވިދާޅުވިއެވެ. ޔަޙްޔާ ބިން ސަޢީދު ވިދާޅުވަނިކޮށް ތިމަން އެހީމެވެ.
“ޙަދީޘް ޢިލްމުގައި އިތުބާރު ނުހިފޭ މީހަކާ ބެހޭގޮތުން މީހަކު އައިސް ތިމަންނައާ ސުވާލުކުރުމުން ހަދަންވީ ގޮތަކާ ބެހޭގޮތުން ސުފްޔާން އައްޘައުރީއާއި ޝުޢުބާއާއި މާލިކު އަދި އިބްނު ޢުޔައިނާ އަރިހުގައި ތިމަން އެހީމެވެ. އެބޭކަލުން ވިދާޅުވިއެވެ. އޭނާއަކީ އިތުބާރު ނުހިފޭ މީހެއްކަމުގައި ބުނެދޭށެވެ.” [1]
6- ޢަބްދު ﷲ ބިން މުބާރަކު ވިދާޅުވިއެވެ.
“ސުފްޔާނުއް ޘައުރީއަސް ދެންނެވީމެވެ. ޢައްބާދު ބިން ބަޝީރުގެ ޙާލަތު ތިބާއަށްވެސް އެނގޭނެއެވެ. ޙަދީޘެއް ރިވާކޮށްފިނަމަ ބޮޑެތިކަންކަން އޭގެން ފާހަގަވެއެވެ. ފަހެ، އޭނާގެ ކިބައިން ޙަދީޘް ނުނެގުމަށް މީސްތަކުންގެ ގާތުގައި ބުނަންވީ ހެއްޔެވެ؟ ސުފްޔާނު ވިދާޅުވިއެވެ. އާދޭހެވެ.”
ޢަބްދު ﷲ ވިދާޅުވިއެވެ. ތިމަންކަލޭގެފާނު މަޖްލިސްއެއްގައި ވަނިކޮށް ޢައްބާދުގެ ވާހަކަ ނަންގަނެވިއްޖެނަމަ އޭނާގެ ދީންވެރިކަމާ ބެހޭގޮތުން ތިމަންކަލޭގެފާނު ޘަނާ ކިޔުއްވަމެވެ. އަދި ބުނަމެވެ. އޭނާގެ ކިބައިން (ޙަދީޘް) ނުނަގާށެވެ. [2]
7- އިބްނު ޢުޔައިނާގެ އަރިހުން ޙުމައިދީ ރިވާކުރެއްވިއެވެ. ވިދާޅުވިއެވެ.
“ޖާބިރު ފާޅުކުރިކަމެއް ފާޅުކުރުމުގެ ކުރިން މީސްތަކުން އޭނާގެ ކިބައިން ޙަދީޘް ނެގިއެވެ. ފަހެ، އޭނާ އެފާޅުކުރިކަމެއް ފާޅުކުރުމުން މީސްތަކުން އޭނާ އެ ގެންނަ ޙަދީޘްތަކަށް ތުހުމަތުކުރިއެވެ. އަދި އަނެއް ބަޔަކު އޭނާގެ ކިބައިން ޙަދީޘް ނެގުން ހުއްޓާލިއެވެ. ފަހެ، ބުނެވުނެވެ. އޭނާ ފާޅުކުރީ ކޮން ކަމެއް ހެއްޔެވެ. ވިދާޅުވިއެވެ. ޤިޔާމަތުގެ ކުރިން ބައެއް މީހުން ދުނިޔެއަށް އެނބުރި އަންނާނެކަމުގެ ޢަޤީދާއަށް އީމާންވާކަމެވެ.” [3]
= ނުނިމޭ =
______________________
[1] مقدمة صحيح مسلم ۱ / ۱٦.
[2] مقدمة صحيح مسلم ۱ / ۱٧.
[3] المصدر نفسه ۱ / ۲٠.