[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ – 41 –

މިއީ އިސްވެ ދިޔަ ޤަރުނުތަކުގައި މިކަން ހިނގާފައިވާ ގޮތެވެ. މިޒަމާނާމެދު ދަންނައެވެ. ފަހެ ހަމަކަށަވަރުން ހުޅަނގުގެ އިސްތިޢުމާރުގެ ދުވަސްވަރު އެކަން އެބައިމީހުންނަށް ފުރިހަމަ ކުރެވިފައިވަނީ މުސްލިމު ޤައުމުތަކުގައި ނެތިގެން ގޮސްފައިވާ ފިކުރުތަކާއި ބިދުޢަތަކާއި ފިރުޤާތައް ދިރުވުމަށްފަހުއެވެ. އެކަން ކޮށްފައިވަނީ އިސްތިޢުމާރުގެ ކުރިން ފޮނުވި އޮރިއަންޓެލިސްޓުންނާއި މިޝަނަރީން ބޭނުންކޮށްގެންނެވެ. އެކަންކަމަކީ އެބައިމީހުންގެ ކުރިން އިސްލާމްދީނުގެ ޢަދާވާތްތެރިންކަމުގައިވާ ޔަހޫދީންނާއި ނަޞާރާއިންނާއި މަޖޫސީންނާއި އަދި ޞާބިއީން ފަޅުވާފައިވާ ކުރިތަކެކެވެ.

އިސްތިޢުމާރުގެ ސަބަބުން ދިރިގެން ދިޔަ އެފަދަ ބިދުޢަތަކާއި ފިކުރުތަކުގެ ތެރޭގައި ސުންނަތް އިންކާރުކޮށްފައި ހަމައެކަނި ޤުރުއާނުން ފުދޭނެކަމަށް ބުނާ ފިކުރު ހިމެނެއެވެ. އެކަމުގައި ބައިވެރިވެފައިވަނީ މުސްލިމުންގެ ތެރެއިން ކުޑަ އަގެއްގައި އެއުރެންނަށް ވިކިގެން ދިޔަ ޖާހިލުންނެވެ. އެއުރެންގެ އަޞްލު ބޭނުމަކީ މީސްތަކުން މުޅި ދީން އެކީ ޤަބޫލުނުކުރުމެވެ.

ފަހެ، މުސްލިމު ޢިލްމުވެރިންކަމުގައި ބުނަމުން ދިޔަ ބަޔަކު އިންޑިޔާގެ ބަޔަކު އިނގިރޭސިން ފައިސާ ދީގެން ގަތެވެ. އެއަށްފަހު އެބައިމީހުން ބޭނުންކުރީ ހަތިޔާރު ބޭނުންކޮށްގެން ޖިހާދުކުރުމަކީ އޮންނަކަމެއް ނޫންކަން މުސްލިމުންނަށް ވިސްނައިދޭށެވެ. އެކަން ކުރީ އިނގިރޭސިން އިންޑިޔާ އިސްތިޢުމާރުކޮށްގެން ތިބި ދުވަސްވަރު އިންޑިޔާގެ އެކި ކަންކޮޅުތަކުގައި ޖިހާދުކުރަމުން ދިޔަ ޖަމާޢަތްތަކުގެ ސަބަބަން އުނދަގޫވާން ފެށުމުންނެވެ.

ޖިހާދު ހުއްޓާލުމަށް އޭރު ގޮވަމުން ދިޔަ އެންމ މަޝްހޫރު މީހުންނަކީ ޖިރާކު ޢަލީއާއި މިރްޒާ ޣުލާމު އަޙްމަދު އަލްޤާދިޔާނީއެވެ.

ދެން އެކަން ބަދަލުވެގެން އައީ އެކުއެކީ ސުންނަތް ޤަބޫލުނުކޮށް ހަމައެކަނި ޤުރުއާނުން ފުދޭނެކަމަށް ގޮވާލާ ޖަމާޢަތަކަށެވެ. މިމަދަރުސާގެ ބޮޑުންނަށް ތިބީ ސައްޔިދު އަޙްމަދު ޚާނާއި ޢަބްދުﷲ ޖަކްރާލަވީއާއި އަޙްމަދުއްދީން އަލްއާމިރިތުސްރީ އާ އަދި އެނޫން މީހުންވެސް ތިއްބެވެ. ދެން އެއަށްފަހު އައީ ޣުލާމު އަޙްމަދު ޕަރުވޭޒުއެވެ. އޭނާ ހެދީ އަހްލުލް ޤުރުއާން ކިޔާ ޖަމްޢިއްޔާއެކެވެ. އަދި މަހުންމަހަށް ނެރޭ ނޫރެއްވެސް ތަޢާރަފުކުރިއެވެ. އަދި މިމަޢުޟޫގައި އެތައް ފޮތެއް އޭނާ ލިޔުނެވެ. [1]

= ނުނިމޭ =

______________________

އެހެނިހެން ބައިތައް

[1]  މިޖަމްޢިއްޔާއަށް ރައްދު ދިނުމުގެ ގޮތުން ގިނަ ފޮތްތަކެއްވަނީ ލިޔެވިފައެވެ. އޭގެ ގިނަ ފޮތްތައް ހުރީ އުރުދޫ ބަހުންނެވެ. އަޅުގަނޑަށް ފެނިފައިވާ ފޮތްތަކުގެ ތެރެއިން މިޖަމާޢަތަށް ރައްދު ދިނުމުގައި ލިޔެވިފައިވާ އެންމެ ރަނގަޅު ފޮތަކީ “القرآنيون وشبهاتهم حول السنَّة” މިފޮތެވެ. މިއީ މައްކާގެ ޢުންމުލް ޤުރާ ޔުނިވާރސިޓީގެ ޤިސްމުލް ޢަޤީދާގައި މާސްޓާސް ޙާޞިލުކުރުމަށް ޚާދިމު ޙުސައިނު ބަޚްޝު ލިޔުއްވާފައިވާ ފޮތެކެވެ. މިފޮތް ޗާޕުކޮށްފައިވަނީ ޠާއިފުގެ ޗާޕުޚާނާއެއްކަމުގައިވާ މަކްތަބަތުއް ޞިއްދީޤެވެ.