ތަވާފްކުރާމީހާ އިސްލާމީ ރިވެތި އަޙްލާޤްގެ ސިފަތަކުން ޒީނަތްތެރިވުން
މިސާލަކަށް ކެތްތެރިކަން، ޢަފޫކުރުން، އޯގާވަންތަކަން، އެހީއަށް ބޭނުންވެފައިވާ މީހުންނަށް އަޅާލުން، ނޭނގޭމީހުންނަށް ކިޔައިދިނުން، ޢިލްމާއި އޯގާތެރިކަމާއެކު ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަޙީކުރުން ފަދަސިފަތަކެވެ.
އެއްފަހަރަކު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ކަޢުބާ ވަށައިގެން ތަވާފުކުރައްވަނިކޮށް ވާގަނޑަކުން ނުވަތަ އެނޫންވެސް އެފަދަ އެއްޗަކުން މީހަކު އައްސައިގެން ތަވާފުކުރަނިކޮށް ފެނިވަޑައިގެން އޭނާ ގޮވައިގެންދާމީހާއަށް ވިދާޅުވިއެވެ. ”އޭނާ އަތުގައިހިފައިގެން ތަވާފުކުރާށެވެ.
ތަވާފުކޮށް ނިމިގެން ނުކުމެގެންދާއިރު ގަދަބަދަވިކަމުން ނުކުންނަން ނޫޅުން. އޭގެބަދަލުގައި މަޑުމައިތިރިކަމާއެކު، ވީވަރަކުން ތަވާފުކުރާއެހެންމީހުންނާ މުޑިނާރާނެގޮތަކަށް ނުކުމެގެންދިޔުން.
ތަވާފުކޮށް ނިމުމުން ސީދާ އިބްރާހިމްގެފާނު މަޤާމުފުޅު ފަހަތު ނަމާދުކުރުމަކީ ކޮންމެހެން ލާޒިމުކަމެއްނޫނެވެ. އެކަންކުރަން އެގޮތަށް ފަހިވެއްޖެމީހާ އެކަން އެގޮތަށްކުރުމަކީ އެދެވިގެންވާ ކަމެކެވެ. އެހިސާބުގައި ބައިބޯނަމަ، މަޤާމުފުޅާއި ދިމާލުން ބައިބޯކަން ކުޑަހިސާބެއްގައި ދެ ރަކުޢަތް ނަމާދުކުރާނީއެވެ. އަދި ހަރަމްފުޅުގެ ކޮންމެ ހިސާބެއްގައި އެ ދެރަކުޢަތް ކުރިކަމުގައިވިޔަސް މައްސަލަ އެއް ނެތެވެ. އަދި އިބުނި ޢުމަރާއި އުއްމު ސަލަމާ ކަންކުރެއްވިގޮތަށް މިސްކިތުން ބޭރުގައިވެސް މިދެރަކުޢަތް ކުރެވިދާނެއެވެ.
އިބްރާހިމްގެފާނު މަޤާމުފަހަތުގައި ކުރަން ވަކި ޚާއްސަ ދުއާއެއް ނޯވެއެވެ. އަދި އަޅުކަމުގެ ނިޔަތުގައި އެތާނގެ ފަހަތުގައި މަޑުކުރުމެއްވެސް ނުވެއެވެ. އަދި އެމަޤާމުގެ ފަހަތުގައި އެހެނިހެން ދުޢާތައް ކުރުމެއްވެސް ނުވެއެވެ. އަދި އިބްރާހިމްގެފާނުގެ މަޤާމުގައި އަތްކާއްތައި ހެދުމަކީ ނުބައިވެގެންވާ ބިދުޢައެކެވެ.
ﷲ ތަޢާލާ ވަހީކުރައްވައިފައިވެއެވެ.
”އަދި އިބްރާހިމްގެފާނު ހުންނެވިތަން އެއީ ތިޔަބައިމީހުން ނަމާދުކުރާތަނެއްކަމުގައި ބަލާ ބޭނުންހިފާށެވެ.” ބަޤަރާ 125
އަބްދުއްﷲ ބިން ޒުބައިރަށް އިބްރާހިމްގެފާނުގެ މަޤާމުގައި އަތްކާއްތައިހަދައި އުޅުނު ބަޔެއް ފެނުނު ހިނދު އެކަން ނަޙީކުރައްވައި ވިދާޅުވިއެވެ.
ހަމަކަށަވަރުން އެތަނުގައި އަތްކާއްތައި ހެދުމަށް ތިޔަބައިމީހުންނަށް އަމުރުވެވިގެންނުވެއެވެ.” އަދި ވިދާޅުވިއެވެ.
” ހަމަކަށަވަރުން ތިޔަބައިމީހުންނަށް އެތަނުގެ ފަހަތުގައި ނަމާދުކުރުމަށް މެނުވީ އެހެންކަމަކަށް އަމުރުވެވިގެންނުވެއެވެ.”
ތަވާފުގައި ބުރުޖެހުނު އަދަދާއިމެދު ޝައްކުވެއްޖެ މީހާއަށް އޭނާއަށް އެންމެބޮޑަށް ޔަޤީންވާކޮޅަކަށް ނިންމާނީއެވެ. ވަކިކޮޅަކަށް ބުރަނުވެވޭނަމަ، މަދު އަދަދު ޚިޔާރުކޮށް، ޖެހުނީ ހަބުރުކަމަށް ބަލާ ހަތްވަނަ ބުރު ފުރިހަމަކުރާނީއެވެ.
ތަވާފުކުރަމުން ދަނިކޮށް ނަމާދަށް ޤަމަތް ދެވިއްޖެނަމަ، އެހުރި ހިސާބެއްގައި ހުރެ ނަމާދުކުރާނީއެވެ. ޖަނާޒާ ނަމާދެއް ކުރެވެން ފެށިނަމަވެސް ކަންތައްކުރާނީ ހަމަ މިބީދައިންނެވެ. ދެން ނަމާދު ނިމުމުން އެބުރު ފުރިހަމަ ކުރާނީއެވެ.
ތަވާފުމެދުކެނޑި މާދިގުލައިގެން ގޮސްފިނަމަ، ނުވަތަ ވުޟޫ ގެއްލިއްޖެނަމަ ތަވާފުކުރަން އަލުން ފެށުމަކުން ފަށާނީއެވެ.
= ނުނިމޭ =
_____________________
މިއީ د. سليمان بن صالح الغصنލިޔުއްވާފައިވާ البلد الأمين والبيت العتيق ގެ ދިވެހި ތަރުޖަމާއެވެ.