[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމީ ޝަރީޢަތުގައި ވަރި ޝަރުޢުކުރެއްވުން 12

ނުވަވަނަ ޙުކުމް

ތިންފަށް ވަރިއަކުން ވަރިވެއްޖެނަމަ އެކަމުގެ ޙުކުމް

     ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(فَإِنْ طَلَّقَهَا فَلاَ تَحِلُّ لَهُ مِن بَعْدُ حتى تَنْكِحَ زَوْجاً غَيْرَهُ) [سورة البقرة:230]

މާނައީ: “ދެން (ތިންވަނަ ފަހަރަށް) އެކަނބުލޭގެ ވަރިކޮށްފިނަމަ، އެއަށްފަހު، އެކަނބުލޭގެ އެހެން ފިރިޔަކާ ކައިވެނިކޮށްފުމަށް ދާނދެން އޭނާއަކަށް (އެބަހީ: ތިންފަށްކުޅަ ފިރިޔާއަށް) އެކަނބުލޭގެ حلال އެއް ނުވާނެތެވެ.” މި އާޔަތުގައި އެވަނީ ތިންފަށް ވަރިއަކުން ވަރިކޮށްފިކަމުގައިވާނަމަ އަނބިމީހާ އެހެންމީހަކާ ކައިވެނިކޮށްފުމަށްދާންދެން އެ ފިރިހެނާއަށް އެއަންހެނާއާއި ކައިވެނިކުރުން ޙަރާމްވެގެންވާކަން ބަޔާންވެފައެވެ. އެފަދަ ހާލަތަށް ފިޤުހު ޢިލްމުވެރިން ދެއްވާފައިވާ ނަމަކީ بائنة بينونه كبرى އެވެ. ﷲތަޢާލާ ޤުރުއާނުގައި ބަޔާންކުރައްވާފައިވަނީ ވަރިކުރުން ވަނީ ދެފަހަރުކަމެވެ. ދެން އެއަށްފަހު އަންގަވާފައިވަނީ خلع ކުރުމުގެ ޙުކުމެވެ. ދެން ބަޔާންކޮށްފައިވަނީ މިކަމުގެ ޙުކުމެވެ. އެކަލާނގެ ވަޙީކުރައްވާފައިވަނީ (فَإِنْ طَلَّقَهَا) [سورة البقرة:230] މާނައީ: “ދެން އެކަނބުލޭގެ ވަރިކޮށްފިނަމަ” މި އާޔަތުގައިވާ ވަރީގެ މުރާދަކީ ތިންވަނަ ވަރީގެ ވާހަކައެވެ.

     قرطبي ވިދާޅުވިއެވެ.

“މިއާޔަތުގައިމިވާ ވަރީގެ ވާހަކައަކީ ތިންވަނަ ވަރީގެވާހަކައެވެ. އެޙާލަތުގައި އެއަންހެނާ އެހެންމީހަކާ ކައިވެނިކޮށްފުމަށްދާންދެން ވަރިކުރެވުނު ފިރިމީހާއަކަށް އެއަންހެންމީހާ ޙަލާލުވެގެންނުވެއެވެ. އެކަމުގައި ޢިލްމުވެރިން ޢިޖުމާޢުވެލައްވައެވެ. އަދި އެކަމުގައި އެއްވެސް ޚިލާފެއްނުވެއެވެ.”[1]

     ޖުމްހޫރު ޢިލްމުވެރިންނާއި އުންމަތުގެ ބޮޑެތި މުޖުތަހިދުން ވިދާޅުވަނީ، ﷲ ތަޢާލާގެ ވަޙިބަސްފުޅުގައިވާ النكاحގެ މުރާދަކީ ޖިމާޢުވުންކަމުގައެވެ. އެއީ ކައިވެނީގެ އަޤުދުކޮށްލުމެއް ނޫނެވެ. ދެވަނަ ފިރިމީހާއާއި ޖިމާޢުވެއްޖައުމަށްދާންދެން  ފުރަތަމަ ފިރިމީހާ ޙަލާލުވެގެން ނުވާކަމުގައެވެ.

     سعيد بن المسيب ގެ އަރިހުން ރިވާވެގެންވާ ރިވާޔަތެއްގައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

((إنّ المطلقة ثلاثاً تحل للأَوَّلِ بالعَقْدِ عَلَى الثَّاني))

މާނައީ: “ހަމަކަށަވަރުން ތިންފަށްވަރިއަކުން ވަރިކުރުމުން އެހެން ފިރިހެނަކާ އަޤުދުކުރުމުން ފުރަތަމަ ފިރިމީހާއަށް އެއަންހެންމީހާ ޙަލާލުވެގެން ވެއެވެ.”

މިއީ ޟަޢީފު ޙަދީޘެކެވެ. އެހެނީ އެޙަދީޘް ޞައްޙަ ޙަދީޘްތަކާ ފުށުއަރައެވެ.

     ޖުމްހޫރު ޢިލުމުވެރިން މިކަމުގައި ދަލީލު ނަންގަވާފައިވަނީ ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެންވާ ރިވާޔަތަކުންނެވެ. އެކަމަނާ ވިދާޅުވިއެވެ.

((جَاءَتْ امْرَأَةُ رِفاعَةَ القُرَظِيِّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالَتْ: كُنْتُ عِنْدَ رِفَاعَةَ، فَطَلَّقَنِي، فَأَبَتَّ طَلاَقِي، فَتَزَوَّجْتُ عَبْدَ الرَّحْمَنِ بْنَ الزَّبِيرِ إِنَّمَا مَعَهُ مِثْلُ هُدْبَةِ الثَّوْبِ، فَقَالَ: «أَتُرِيدِينَ أَنْ تَرْجِعِي إِلَى رِفَاعَةَ؟ لاَ، حَتَّى تَذُوقِي عُسَيْلَتَهُ وَيَذُوقَ عُسَيْلَتَكِ»))[2]

މާނައީ: ” رفاعة އަލްޤުރަޡީގެ އަނބިކަނބުލޭގެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް އައެވެ. އެއަށްފަހު ދެންނެވިއެވެ. رفاعة ތިމަންކަމާ ތިންފަށް ވަރިއަކުން ވަރިކުރިއެވެ. ދެން ތިމަންކަމަނާ عبد الرحمن بن الزّبير އާ ކައިވެނި ބައްލަވާގަތީމެވެ. ހަމަކަށަވަރުން އޭނާވަނީ ތިމަންކަމަނާގެ އަރިހުގައި ފޮތިކޮޅެއްފަދައިންނެވެ.[3]  ދެން (ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަނބުލޭގެއަށް) ޙަދީޘްކުރެއްވިއެވެ. ކަމަނާ ބޭނުންވެގެން ތިޔައުޅެނީ رفاعةއާއި ކައިވެނި ކުރަން ހެއްޔެވެ؟ ކަމަނާގެ ފަރާތުން އޭނާ ލައްޒަތުލިބި އަދި ކަމަނާ އޭނާގެ ފަރާތުން ލައްޒަތު ލިބިގެންފުމަށްދާންދެން އެކަމެއް ނުވާހުއްޓެވެ.” (އެބަހީ: ޖިމާޢުވެއްޖައުމަށް ދާންދެނެވެ.)

އިސްވެދިޔަ ޠާހިރުވެގެންވާ ސުންނަތުން ބަޔާންވެގެންދިޔަ ގޮތުގައި އެއާޔަތުގައިއެވާ النكاح އޭގެ މުރާދަކީ ޖިމާޢުވުމެވެ. ޢަޤުދުކުރުމެއް ނޫނެވެ. އަދި ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި އޭއާޔަތް އޭގެ ޒާތުގައި ބަޔާންކުރައްވާފައި އެވަނީ އެވާހަކައެވެ.

ابن جني ވިދާޅުވެފައިވެއެވެ.

“ޢަލީގެ ބައްޕައާ نكح المرأة އާއި ބެހޭގޮތުން އަހަރެން ސުވާލުކުރީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ޢަރަބިން އެހެން ބުނެއުޅެނީ އިސްތިޢުމާލުލުރުމަށެވެ. (އެބަހީ ބޭނުންކުރުމަށެވެ.) ފަހެ އެބައިމީހުން ބުނެއެވެ. نكح فلانٌ فلانةً އޭގެއިން އަންގާދެނީ އަންހެނަކާ ކައިވެނީގެ ޢަޤުދު ހެދުމެވެ. އަދި އެބައިމީހުން ބުނެއެވެ. نكح زوجته އޭގެން އަންގައިދެނީ ޖިމާޢުވުމެވެ. މިއާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ.  (حتى تَنْكِحَ زَوْجاً غَيْرَهُ)  އޭގެ މުރާދަކީ ޖިމާޢުވުމެވެ.”[4]

=ނުނިމޭ=

____________________________

މިލިޔުމުގެ އެހެން ބައިތައް

[1]  تفسير القرطبي

[2]  رواه البخاري

[3]  އެއީ ޢަރަބިބަހުގައި ބޭނުންކުރާ ކިނާޔަތުގެ ބަހެކެވެ. އޭގެ މުރަދަކީ ތިމަންނައާއެކު ޖިންސީގުޅުން ހިންގުމުގައި އޭނާ ނުކުޅެދިފައިވެއެވެ.

[4]  تفسير الكبير الرازي