ޤުރުއާނާއި ސުންނަތުން ދަލީލު ލިބޭ ގޮތުގައި ޚަލީފާކަމާއި ވަޒީރުކަމާއި ޤާޟީކަމާ އަދި މިނޫނަސް ވެރިކަމުގެ މިފަދަ މަޤާމުތަކަށް އަންހެނަކު އިސްކުރުމަކީ ހުއްދަކަމެއް ނޫނެވެ.
ޤުރުއާނުގެ ދަލީލު
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
( الرِّجَالُ قَوَّامُونَ عَلَى النِّسَاءِ بِمَا فَضَّلَ اللَّهُ بَعْضَهُمْ عَلَى بَعْضٍ وَبِمَا أَنْفَقُوا مِنْ أَمْوَالِهِمْ ) [النساء 34]
މާނައީ: “ފިރިހެނުންނަކީ، އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި ޤާއިމުވެގެންތިބޭ ބަޔެކެވެ. (އެއީ) އެއުރެންގެ އެއްބަޔެއްގެ މައްޗަށް އަނެއްބަޔަކު ﷲ މާތްކުރައްވައި، އިތުރުކުރައްވާފައިވާ ކަމަށްޓަކައެވެ. އަދި، އެއުރެންގެ މުދަލުން ހޭދަކޮށްފައިވާ ކަމަށްޓަކައެވެ. ”
ޤުރުޠުބީ رحمه الله ވިދާޅުވިއެވެ.
“މިއާޔަތުގައި ( الرِّجَالُ قَوَّامُونَ عَلَى النِّسَاءِ ) އެބަހީ: އެކަނބަލުންގެ މައްޗަށް އެބައިމީހުން ހޭދަކުރެއެވެ. އަދި އެކަނބަލުން ދިފާޢުކުރެއެވެ. އަދިވެސް އޭގެ މުރާދުގެ ތެރޭގައި: ޙާކިމުންނާއި އަމީރުންނާއި ހަނގުރާމައިގެ ވެރިންވަނީ އެބައިމީހުންގެ ތެރޭގައިކަން ހިމެނެއެވެ. އަންހެންކަނބަލުންގެ ކިބައިގައި އެފަދަކަމެއް ނުވެއެވެ.” تفسير القرطبي 5/168
އަދި އިބްނު ކަޘީރު رحمه الله ވިދާޅުވިއެވެ.
“އެބަހީ: އަންހެނާގެ ބެލެހެއްޓުންތެރިއަކީ ފިރިހެނާއެވެ. ޔަޢުނީ: އޭނާގެ ރައީސަކީވެސް އަދި ބޮޑުމީހަކީވެސް އަދި ޙާކިމަކީވެސް އަދި ޙައްޤުމަގުން އެއްކިބާވުމުން އޭނާ އަދަބުވެރިކުރުވާ މީހަކީވެސް އެއީއެވެ.
( بِمَا فَضَّلَ اللَّهُ بَعْضَهُمْ عَلَى بَعْضٍ)
އެބަހީ: އެހެނީ އަންހެނުންނަށް ވުރެ ފިރިހެނުން މާތްވެގެންވެއެވެ. އަދި ހެޔޮވެގެންވެއެވެ. އެހެންކަމުން ނަބީކަންވެސް ޚާއްޞަވެގެންވަނީ ފިރިހެނުންނަށެވެ. އަދި އެންމެންގެ މައްޗަށް އޮތް ވެރިކަންވެސްމެއެވެ. އަދި ޤާޟީކަންވެސްމެއެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((لَنْ يُفْلِحَ قَوْمٌ وَلَّوْا أَمْرَهُمُ امْرَأَةً)) [رواه البخاري]
މާނައީ: “އެބައިމީހުންގެ ވެރިއަކަށް އަންހެނަކު އިސްކޮށްފިބަޔަކަށް ދުވަހަކުވެސް ކާމިޔާބު ނުވާނެއެވެ.”
تفسير ابن كثير ( 1 / 492 )
= ނުނިމޭ =