ޤަވާޢިދު: الاِجْتِهَادُ لَا يُنْقَضُ بِالاِجْتِهَادِ
މި ޤަވާޢިދުގެ ތަރުޖަމާ: {އިޖުތިހާދަކުން އިޖުތިހާދެއް ބާޠިލު ނުވާނެ}
މި ޤަވާޢިދުގެ މުރާދު: މުޖުތަހިދު ޢިލްމުވެރިޔަކު ޝަރުޢީ ޙުކުމެއް ހޯދުމުގައި، އިޖުތިހާދުގެ ޝަރުޠުތަކާއި ރުކުންތަކާއި އޭގައި ހިމެނޭ އެހެނިހެން ކަންކަން ފުރިހަމަވާނޭހެން އިޖުތިހާދުކޮށް، އެ އިޖުތިހާދުން އެހެން މީހެއްގެ މައްޗަށް ޙުކުމެއް ކަނޑައެޅުމުން އޭނާ އެއާ އެއްގޮތަށް ޢަމަލުކޮށްފިނަމަ، ނުވަތަ އެ އިޖުތިހާދާއި ގުޅިގެން (އެބަހީ، އެ އިޖުތިހާދުގެ މައްޗަށް ބިނާކޮށް) ޙާކިމެއްގެ ޙުކުމް ނުވަތަ ޤާޟީއެއްގެ ނިޔާ އަތުވެއްޖެނަމަ، ދެން އެއަށްފަހު ހަމަ އެ މައްސަލާގައި އިޖުތިހާދު (އެބަހީ، އިޖުތިހާދުކޮށްގެން ނިންމުނު ނިންމުން) ބަދަލުވެއްޖެނަމަ، ފުރަތަމަ ކުރެވުނު އިޖުތިހާދުގެ މައްޗަށް ބިނާވި ޙުކުމް އޭގެ ގޮތުގައި އެ ހާލަތުގައި އޮންނާނެއެވެ. ފަހުން ބަދަލު އައި އިޖުތިހާދު ކުރި ފަރާތަކީ ހަމަ ފުރަތަމަ އިޖުތިހާދު ވެސް ކުރި ފަރާތްކަމުގައި ވިޔަސް، ނުވަތަ ފަހުން އިޖުތިހާދު ކުރީ އެހެން ފަރާތަކުން ކަމުގައި ވިޔަސް މެއެވެ. ފަހުން ކުރެވުނު އިޖުތިހާދުގެ ސަބަބުން ކުރިން ކުރެވުނު އިޖުތިހާދުގެ އަޘަރުތަކާއި ނަތީޖާތައް ބާޠިލުވެގެނެއް ނުދާނެއެވެ. އެހެންނަމަވެސް، ފަހުން ކުރެވުނު އިޖުތިހާދަށްފަހު ދެން ޢަމަލުކުރާނީ ފަހުން ކުރެވުނު އިޖުތިހާދަށެވެ. މިއީ އުޞޫލީ ޢިލްމުވެރިންގެ ތެރޭގައި އިއްތިފާޤުވެވިފައިވާ ކަމެކެވެ.
މި ޤަވާޢިދަކީ، އުޞޫލީ ޢިލްމުވެރިންގެ އަރިހުގައި، އިޖުތިހާދާ ގުޅޭ ބާބުގެ އަސާސީ ޤަވާޢިދެކެވެ. އަދި ފިޤުހު ޢިލްމުވެރިންގެ އަރިހުގައި، ނިޔާކަނޑައެޅުމާ ގުޅޭ ބާބުގެ އަސާސީ ޤަވާޢިދެކެވެ. ފިޤުހީ ޤަވާޢިދުތަކުގެ ތެރޭގައި މި ޤަވާޢިދު ހިމަނުއްވާފައިވާ ބޭފުޅުންގެ ތެރޭގައި، އަލްކަރްޚީއާއި އިބްނު ނުޖައިމާއި އައްސުޔޫޠީ ހިމެނިވަޑައިގަންނަވައެވެ. އަދި އުޞޫލީ ޤަވާޢިދުތަކުގެ ތެރޭގައި މި ޤަވާޢިދު ހިމަނުއްވާފައިވާ ބޭފުޅުންގެ ތެރޭގައި، އަބޫ ޔަޢުލާއާއި އަބުލް ޚައްޠާބުއާއި އަލްޤަރާފީއާއި އިބްނުއް ސުބުކީ ހިމެނިވަޑައިގަންނަވައެވެ.
އިސްވެ މި ބަޔާންކުރެވުނީ، އެހެން މީހަކަށްޓަކައި މުޖުތަހިދު ޢިލްމުވެރިޔަކު ކުރެއްވި އިޖުތިހާދު ޙާކިމުގެ ޙުކުމާއި ގުޅިފައިވާ ހާލަތުގައި ކަންތައް އޮންނަ ގޮތުގެ ވާހަކައެވެ. މިއާ ޚިލާފަށް، އެހެން މީހަކަށްޓަކައި މުޖުތަހިދު ޢިލްމުވެރިޔަކު އިޖުތިހާދުކުރެއްވިއިރު، އެ އިޖުތިހާދާއި ޙާކިމެއްގެ ޙުކުމާ ގުޅުމެއް ނެތްނަމަ، އަދި އެ އިޖުތިހާދުގެ ފަހުން އެ ބޭފުޅާ އެ ބޭފުޅާގެ އެ އިޖުތިހާދު ބަދަލުކޮށްފިނަމަ، އުޞޫލީ ޢިލްމުވެރިންކުރެ އެއްބައި ބޭފުޅުން ވިދާޅުވަނީ، ފަހުން ބަދަލުއައި އިޖުތިހާދުގެ ސަބަބުން އެ ބޭފުޅާގެ ފުރަތަމަ އިޖުތިހާދު ބާޠިލުވެގެން ނުދާނެކަމުގައެވެ. އަދި އުޞޫލީ ޢިލްމުވެރިންކުރެ ބައެއް ބޭފުޅުން ވިދާޅުވަނީ ފުރަތަމަ އިޖުތިހާދު ބާޠިލުވާނެ ކަމުގައެވެ. އަދި ދެވަނަ އިޖުތިހާދަށް ޢަމަލުކުރުން މުޤައްލިދަށް ވާޖިބުވާނެއެވެ. {މުޤައްލިދުންނަކީ: އަމިއްލައަށް ޝަރުޢީ ޙުކުމެއް ދެނެގަތުމުގެ ޤާބިލުކަން ނެތުމުގެ ސަބަބުން، އަދި ޝަރުޢީ ޙުކުމަކާ ގުޅޭގޮތުން ފިޤުހުވެރިން ގެންނަވާ ދަލީލުތައް ވަޒަންކޮށް އެ ތަނުން އެންމެ ބާރުގަދަ ރައުޔު ދެނެގަތުމުގެ ކުޅަދާނަކަން ލިބިފައިނުވުމުގެ ސަބަބުން، ވަކިވަކި މައްސަލަތަކުގައި އޭނާ އިތުބާރުކުރާ ޢިލްމުވެރިއެއްގެ ރައުޔުތައް އޭގެ ދަލީލަކީ ކޮބައިކަން ނޭނގި ޤަބޫލުކުރާ މީހާއެވެ.}
އަދި މުޖުތަހިދު ޢިލްމުވެރިޔަކު އަމިއްލަ ބޭނުމަށްޓަކައި އިޖުތިހާދުކުރެއްވިނަމަ، އަދި އެ އިޖުތިހާދުގެ މައްޗަށް ބިނާކޮށް ޙާކިމަކު ޙުކުމްކޮށްފިނަމަ، އަދި އޭގެ ފަހުން އެ މުޖުތަހިދު ޢިލްމުވެރިޔާގެ އިޖުތިހާދު ބަދަލުވެއްޖެނަމަ، ގިނަ ޢިލްމުވެރިންގެ ނަޒަރުގައި، އެ ބޭފުޅާގެ ފުރަތަމަ އިޖުތިހާދު ބާޠިލުވީކަމުގައެއް ނުވާނެއެވެ. މިއާ ޚިލާފަށް، ބައެއް ބޭފުޅުންގެ އަރިހުގައި އެ ބޭފުޅާގެ ފުރަތަމަ އިޖުތިހާދު ބާޠިލުވީކަމުގައި ބެލެވޭނެތެވެ.
މި ޤަވާޢިދަށް ޢަމަލުކުރުމަށްޓަކައި، އެ އިޖުތިހާދަކީ ނައްޞަކާ ނުވަތަ އިޖުމާޢުއަކާ ނުވަތަ ޤިޔާސް ޖަލީއަކާ {ޤިޔާސް ޖަލީއަކީ ޤިޔާސްގެ ވައްތަރެއް} ނުވަތަ ޝަރުޢީ ޢާއްމު ޤަވާޢިދަކާ ޚިލާފުވާ އިޖުތިހާދަކަށް ނުވުން ޢިލްމުވެރިން ޝަރުޠުކުރައްވައެވެ. މާނައަކީ، ޤަޠުޢީ ދަލީލަކާ ފުށުއަރާނަމަ، އިޖުތިހާދު ބާޠިލުވާނެއެވެ.
މިސާލަކަށް، ޤާބިލު ޙަދީޘް ޢިލްމުވެރިޔަކު އިޖުތިހާދުކޮށް ޙަދީޘެއް ޞައްޙަކޮށްފިނަމަ، އަދި އެ ޙަދީޘުގެ މައްޗަށް ބިނާކޮށް ޝަރުޢީ ޙުކުމެއް ކަނޑައެޅިއްޖެނަމަ، ޤާބިލު އެހެން ޙަދީޘް ޢިލްމުވެރިޔަކު އިޖުތިހާދުކޮށް ހަމަ އެ ޙަދީޘް ޟަޢީފުކުރުމަކުން (އެބަހީ، ޞައްޙަނޫން ކަމަށް ވިދާޅުވުމަކުން) އެ ޙަދީޘް ޞައްޙަކަމަށް ވިދާޅުވި ޢިލްމުވެރިޔާގެ އިޖުތިހާދު ބާޠިލެއް ނުވާނެއެވެ. އަދި އެ ދެ ރައުޔުގެ ތެރެއިން ރައުޔެއްގައި ހިފި މީހާއަށް އިންކާރެއް ނުކުރެވޭނެއެވެ. ސަބަބަކީ، އިޖުތިހާދަކުން އިޖުތިހާދެއް ބާޠިލު ނުވާނެތީއެވެ.
= ނުނިމޭ =
_____________________
މަޞްދަރު: معلمة زايد للقواعد الفقهية والأصولية