[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ވަރިކުރެވޭ އަންހެނާއަށް ފިރިމީހާގެ ފަރާތުންދޭ މުދާ 6

5. މިންވަރު ކަނޑައެޅުން

ވަރިކުރުމަށްފަހު ދެވޭ މުދަލުގައި ވަކި މިންވަރެއް ކަނޑައެޅުމުގައި ބަލާނެ ގޮތަކާމެދު ފިޤުހުވެރިންވަނީ ޚިޔާލު ތަފާތުވެފައެވެ. އެގޮތުން އެކަމުގައި ބަލާނީ ފިރިމީހާގެ ޙާލަތަށް ތޯ ނުވަތަ އަނބިމީހާގެ ޙާލަތަށް ތޯ ނުވަތަ ދެމީހުންގެ ޙާލަތަށް ތޯ ވާހަކަދެކެވިފައިވެއެވެ.

– ފުރަތަމަ ބަސްފުޅު: އެކަމުގައި ބެލެވޭނީ ފިރިމީހާގެ ތަނަވަސްކަން ހުރި މިންވަރަށް. [މިއީ މާލިކީ މަޛްހަބާއި ޙަންބަލީ މަޛްހަބާއި ޝާފިޢީ މަޛްހަބުގެ އެއް ބަސްފުޅެވެ.]

ދަލީލު: ﴿ وَمَتِّعُوهُنَّ عَلَى الْمُوسِعِ قَدَرُهُ وَعَلَى الْمُقْتِرِ قَدَرُهُ مَتَاعًا بِالْمَعْرُوفِ  ﴾ [سورة البقرة ٢٣٦] 

މާނައީ: “ތަނަވަސްކަން ލިބިގެންވާ މީހާގެ މައްޗަށްވަނީ، އޭނާގެ ވަރުން ދިނުމެވެ. އަތްމަތިދަތި މީހާގެ މައްޗަށްވެސްވަނީ، އޭނާގެ ވަރުން ދިނުމެވެ. ހެޔޮގޮތުގައި ދެވޭ މުދަލެއްގެ ގޮތުގައެވެ.”

މިއާޔަތުގައި މުޚާޠަބު ކުރެވިފައި މިވަނީ ފިރިންނަށެވެ.

– ދެވަނަ ބަސްފުޅު: އެކަމުގައި ބެލެވޭނީ އަނބިމީހާގެ ޙާލަތަށް. [ މިއީ ޝާފިޢީ މަޛްހަބުގެ ބަސްފުޅުވެ.]

ދަލީލު: ވަރިކުރެވުމަށްފަހު ދެވޭ މުދަލަކީ އަނބިމީހާގެ ފަރާތުން އުފާ ޙާޞިލުކޮށްފައިވާތީ ދެވޭ އެއްޗެކެވެ. އެހެންކަމުން އެކަމުގައި ބެލެވޭނީ އަނބިމީހާގެ ޙާލަތަށެވެ.

– ތިންވަނަ ބަސްފުޅު: އެކަމުގައި ބެލެވޭނީ ދެމަފިރިންގެ ޙާލަތަށް. [ މިއީ ޙަނަފީ މަޛްހަބުގެ ބަސްފުޅުވެ.]

ދަލީލު: ﴿ وَمَتِّعُوهُنَّ عَلَى الْمُوسِعِ قَدَرُهُ وَعَلَى الْمُقْتِرِ قَدَرُهُ مَتَاعًا بِالْمَعْرُوفِ  ﴾ [سورة البقرة ٢٣٦] 

މާނައީ: “ތަނަވަސްކަން ލިބިގެންވާ މީހާގެ މައްޗަށްވަނީ، އޭނާގެ ވަރުން ދިނުމެވެ. އަތްމަތިދަތި މީހާގެ މައްޗަށްވެސްވަނީ، އޭނާގެ ވަރުން ދިނުމެވެ. ހެޔޮގޮތުގައި ދެވޭ މުދަލެއްގެ ގޮތުގައެވެ.”

މިއާޔަތުގައި މިވަނީ “ހެޔޮގޮތުގައި” މުދަލެއް ދިނުމަށެވެ. އެހެންކަމުން އެކަމުގައި ދެމީހުންގެ ޙާލަތަށްވެސް ބަލަން ޖެހެއެވެ.

ރާޖިޙުބަސްފުޅު: އެކަމުގައި ބަލަން ޖެހޭނީ ދެމަފިރިންގެ ޙާލަތަށެވެ. އޭރުން މިކަމުގައިވާ ހުރިހާ ދަލީލަކަށް ޢަމަލުކުރެވޭނެއެވެ.

ނޯޓު: ނަމަވެސް ދުނިޔޭގެ ބައެއް ޤައުމުތަކުގައި މިއާ ޚިލާފަށް ޢަމަލުކުރަމުން ދެއެވެ. މުދަލުގެ މިންވަރު ކަނޑައެޅުމުގައި އެ ޤައުމުތަކުގައި ބަލަނީ ހަމައެކަނި އަނބިމީހާއަށް ވަރިކުރުމުގެ ސަބަބުން ލިބޭ ގެއްލުމަށެވެ. ޝައްކެއްވެސް ނެތް ގޮތުގައި މިފަދަ ކަންކަމަކީ ފިރިމީހާއަށް ދެވޭ އަނިޔާއަކަށްވުން އެކަށީގެންވެއެވެ.

= ނުނިމޭ =

ލިޔެ ޖަމާކުރީ

އައްޝައިޚް ޔާމީން ނާޞިރު

އައްޝައިޚް ޢިމްރާން މުޙައްމަދު

________________________

މިލިޔުމުގެ އެހެނިހެން ބައިތައް