بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
﴿لَمْ يَكُنِ الَّذِينَ كَفَرُواْ مِنْ أَهْلِ الْكِتَبِ وَالْمُشْرِكِينَ مُنفَكِّينَ حَتَّى تَأْتِيَهُمُ الْبَيِّنَةُ * رَسُولٌ مِّنَ اللَّهِ يَتْلُو صُحُفاً مُّطَهَّرَةً * فِيهَا كُتُبٌ قَيِّمَةٌ * وَمَا تَفَرَّقَ الَّذِينَ أُوتُواْ الْكِتَبَ إِلاَّ مِن بَعْدِ مَا جَآءَتْهُمُ الْبَيِّنَةُ * وَمَآ أُمِرُواْ إِلاَّ لِيَعْبُدُواْ اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَآءَ وَيُقِيمُواْ الصَّلَوةَ وَيُؤْتُواْ الزَّكَوةَ وَذَلِكَ دِينُ القَيِّمَةِ﴾
މާނައީ: ” ފޮތުގެ އަހުލުވެރިންނާއި، މުޝްރިކުންގެ ތެރެއިން ކާފިރުވިމީހުން، ފާޅުވެގެންވާ ދަލީލު އެއުރެންގެ ގާތަށް އަތުވެއްޖައުމަށްދާނދެން އެއުރެން ތިބިގޮތް ދޫކޮށްލާނޭ ބަޔަކުކަމުގައި ނުވެތެވެ. [1] (އެ ދަލީލަކީ) ﷲގެ ޙަޟްރަތުން ފޮނުއްވެވި ރަސޫލެކެވެ. ޠާހިރުކުރައްވާފައިވާ ފަތްފުށްތަކެއް އެ ރަސޫލާ ކިޔަވައިދެއްވަތެވެ. [2] ސީދާވެގެންވާ ޙުކުމްތައް، އެ ފަތްފުށްތަކުގައި ވެއެވެ. [3] އަދި ފާޅުވެގެންވާ ދަލީލު، އެއުރެންގެ ގާތަށް އައުމަށްފަހުގައި މެނުވީ، ފޮތް ލިބުނު މީހުން ބައިބައިވެގެން ނުދެތެވެ. [4] ކިޔަމަންތެރިކަން ﷲއަށް ޚާލިޞްކުރާޙާލު ޙުނަފާއިންގެ ގޮތުގައި (އެބަހީ: ތައުޙީދުގެ މަގަށް ލެނބިހުރެ) ﷲ އަށް އަޅުކަންކުރުމަށާއި، ނަމާދު ޤާއިމުކުރުމަށާއި، ޒަކާތްދިނުމަށް މެނުވީ އެބައިމީހުންނަށް އަމުރުވެވިގެންނުވެއެވެ. އަދި ސީދާވެގެންވާ ދީނަކީ އެއީއެވެ. [5]”
ބިސްމީގެ ތަފްސީރުވާނީ އިސްވެ ބަޔާން ކުރެވިފައެވެ. (ލިންކު 1 ، ލިންކު 2)
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿لَمْ يَكُنِ الَّذِينَ كَفَرُواْ مِنْ أَهْلِ الْكِتَبِ وَالْمُشْرِكِينَ مُنفَكِّينَ حَتَّى تَأْتِيَهُمُ الْبَيِّنَةُ﴾
މާނައީ: “ފޮތުގެ އަހުލުވެރިންނާއި، މުޝްރިކުންގެ ތެރެއިން ކާފިރުވިމީހުން، ފާޅުވެގެންވާ ދަލީލު އެއުރެންގެ ގާތަށް އަތުވެއްޖައުމަށްދާނދެން އެއުރެން ތިބިގޮތް ދޫކޮށްލާނޭ ބަޔަކުކަމުގައި ނުވެތެވެ.”
މިއާޔަތުގައިވާ
﴿أَهْلِ الْكِتَبِ﴾ އަކީ ޔަހޫދީންނާއި ނަޞާރާއިންނެވެ. އެފަދައިން ނަންދެވުނީ ނަބިއްޔާ صلى الله عليه وسلم ރަސޫލުކަމައިގެން ފޮނުއްވުނުއިރުވެސް އެބައިމީހުންގެ ފޮތްތައް އޮތީމައެވެ. ނަމަވެސް އެފޮތްތައްވަނީ ބަދަލުކުރެވި ތަޙްރީފުކުރެވިފައެވެ. އެއާއެކުވެސް އެބައިމީހުންނަށް ކިޔަނީ ފޮތުގެ އަހުލުވެރިންނެވެ. ޔަހޫދީންނަށް ބާވާލެއްވުނީ ތައުރާތެވެ. އަދި ނަޞާރާއިންނަށް އިންޖީލެވެ.
މިއާޔަތުގައިވާ
﴿الْمُشْرِكِينَ﴾ އަކީ ބުދަށް އަޅުކަންކުރާ މީހުންނެވެ. އެއީ ކޮންމެ ދަރިފަސްކޮޅަކުން އައިބަޔަކުކަމުގައިވިޔަސްމެއެވެ. އެއީ ބަނޫއިސްރާއީލުންގެ މީހުންވެސް ހިމެނޭ ގޮތުގައެވެ.
މިއާޔަތުގައިވާ
﴿حَتَّى تَأْتِيَهُمُ الْبَيِّنَةُ﴾ ގެ “ބައްޔިނާ” އަކީ ކޮންމެކަމެއްގައިވެސް ޙައްޤު ބަޔާންކޮށްދޭ އެއްޗެވެ. އެގޮތުން ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((الْبَيِّنَةِ عَلَى الْمُدَّعِي))
މާނައީ: “އަލްބައްޔިނާ ގެނައުން އޮތީ (އެބަހީ: ޙުއްޖަތްގެނައުން އޮތީ) ދަޢުވާކުރާމީހާއަށެވެ.”
އެގޮތުން ޙައްޤު ފާޅުކުރާ ކޮންމެ އެއްޗަކީ “ބައްޔިނާ” އެކެވެ. އެގޮތުން ކޮންމެ ކަމެއްގައިވެސް ބައްޔިނާ އޮންނާނީ އެކަމާ ގުޅޭގޮތުންނެވެ. ފަހެ މިއާޔަތުގައި ﷲ ތަޢާލާ ޛިކުރުކުރައްވާފައި މިވާ ބައްޔިނާއަކީ ކޮބާ ހެއްޔެވެ؟
= ނުނިމޭ =
_________________________
މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ سورة البينة ގެ ތަފްސީރުގެ ތަރުޖަމާއެވެ.