﴿فِيهَا كُتُبٌ قَيِّمَةٌ ﴾
މާނައީ: “ސީދާވެގެންވާ ޙުކުމްތައް، އެ ފަތްފުށްތަކުގައި ވެއެވެ.”
އެބަހީ: މިފަތްފުށްތަކުގައި އަގުހުރި ވާހަކަތަކެއް ﷲ ތަޢާލާ ބަޔާންކުރައްވާފައިވެއެވެ. އެއްވެސް ޝައްކެތްނެތް ގޮތުގައި މީހަކު ޤުރުއާން ހުޅުވައިގެން ކިޔައިފިނަމަ އޭނާއަށް އޭގައި އަގުހުރި ވާހަކަތެއް ވާކަން ފެންނާނެއެވެ. ކީރިތި ޤުރުއާނުގައި އައިސްފައިވާ ތައުޙީދާ ގުޅުންހުރި ވާހަކަތަކާއި އެއިލާހާމެދު ވަޙީކުރައްވާފައިވާ ޙަމްދުޘަނާއާއި ތަސްބީޙައިން ފުރިގެންވާތަން ތިބާއަށް ފެންނާނެއެވެ. ކީރިތި ޤުރުއާނުގައި ނަބިއްޔާ صلى الله عليه وسلّم އާއި އެކަލޭގެފާނުގެ ޞަޙާބީ ބޭކަލުންކަމުގައިވާ މުހާޖިރުންނާއި އަންޞާރުންނާ އަދި އެބޭކަލުންނަށް ހެޔޮގޮތުގައި ތަބާވީ ބޭކަލުން ޞިފަކުރެވިފައިވާ ގޮތަށް ބަލާށެވެ. އަދިޤުރުއާނުގައި އައިސްފައިވާ އަމުރުފުޅުތަކަށް ބަލާށެވެ. އެއީ ނަމާދުކުރުމަށާއި ރޯދަހިފުމަށާއި ޙައްޖުކުރުމަށާއި އަދި އެނޫނަސް މަތިވެރި އަޚްލާޤީ ޞިފަތަކެވެ. ފަހެ ޤުރުއާނުގައިވާ ކޮންމެ ކަމަކީވެސް އޭގެ ޛާތުގައިވެސް އަގުހުރި އެއްޗެއްކަން ތިބާއަށް ފެނިގެންދާނެއެވެ. އަދި އެފޮތަކީ އެހެން މީހުން ސީދާމަގަށް ގެންނަ ފޮތެއްކަމުގައިވެސް ފެނިގެން ދާނެއެވެ. އެހެންކަމުން މިއާޔަތުގައި ﷲ ތަޢާލާ ޚަބަރުކުރައްވާފައި މިވަނީ އެކާފިރުންގެ ތެރެއިން އަހުލުކިތާބީންނާއި މުޝްރިކުންގެ ގާތަށް ބައްޔިނާއެއް އަތުވެއްޖައުމަށް ދާންދެން އެބައިމީހުންގެ ދީން ދޫނުކޮށްލާނެކަމުގައެވެ. ފަހެ އެބައިމީހުންގެ ގާތަށް އެބައްޔިނާ އައުމުން އެބައިމީހުންގެ ދީން ދޫކޮށްލި ހެއްޔެވެ؟ އެބައިމީހުން ކުރަމުން އައި ކުފުރުގެ ޢަމަލުތަކާއި ޝިރުކުގެ ޢަމަލުތައް ދޫކޮށްލި ހެއްޔެވެ؟
= ނުނިމޭ =
_________________________
މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ سورة البينة ގެ ތަފްސީރުގެ ތަރުޖަމާއެވެ.