[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަލް އިމާމު އަޙްމަދު: أحمد بن حنبل – إمام أهل السنة – 10

އެކަލޭގެފާނަށް ކުރިމަތިވި އިމްތިޙާނު -1

އިމާމް އަޙްމަދު ގެ ހަޔާތްޕުޅުގައި ހަތަރު ޚަލީފާއިން ދިމާވެފައި ވެއެވެ. އޭގެތެރެއިން ބައެއްމީހުން އެކަލޭގެފާނަށް ހަރުކައި އިިންޒާދީއުޅުނެވެ. އަދި އަނެއްބައިމީހުން އެކަލޭގެފާނު ބަންދުކޮށް ޖަލައްލައި ތަޅައި އަނިޔާކޮށް ހެދިއެވެ. އަދި އަނެއްބައިމީހުން އެކަލޭގެފާނަށް ކަންކަން ދަތިކޮށް، އެކަލޭގެފާނު އެކަހެރިކޮށްލިއެވެ. އަދި އަނެއްބަޔަކު އެކަލޭގެފާނު ވެރިކަމާ ޖާހާއި މުދަލަށް ހެއްލުންތެރިކުރަން އުޅުނެވެ.

އިމާމު އަޙްމަދު އަށް އޭރުގެ ވެރިންގެ ފަރާތުން އެތަކެއް ދުއްތުރާތަކެއް ކުރިމަތިވެފައި ވެއެވެ. އެގޮތުން، އެކަލޭގެފާނަށް ދިމާވެފައިވާ ކަންކަންތައްތަކުގެ ކުރު ޚުލާސާއެއް މިތަނުގައި ހިމަނައިލާނަމެވެ.

މައުމޫނު، (އަސްލު ނަމުންނަމަ) އަބު ޖަޢުފަރު ޢަބްދުﷲ ބުން ހާރޫނުއްރަޝީދު ވެރިއެއްގެ ގޮތުގައި އިސްކުރިއެވެ. އޭނާ ވެރިއެއްގެ ގޮތުގައި އިސްކުރެވުނީ މުޙައްރަމް މަހުގައެވެ. އަދި ހިޖުރައިން ސަތޭކަ ނުވަދިހަ އަށްވަނަ އަހަރުގެ ރަޖަބު މަހުގައި ކަމުގައިވެސް ބުނެވެއެވެ. މައުމޫނުގެ އަރިހަށް މުޢުތަޒިލާއިންގެ ބަޔަކުއައެވެ. އަދި އެމީހުން އޭނާ ޙައްޤުގެމަގުން ބާޠިލުގެ މަގަށް އަނބުރާލާ މަގުފުރެއްދިއެވެ. އަދި އެމީހުން “ޚަލްޤުލް ޤުރުއާނުގެ” ނުބައި ބަސް އޭނާއަށް ރިވެތިކޮށްދިނެވެ. ދެން އޭނާ އެމީހުންގެ ބަހަށް ހެއްލި މަގުފުރެދުނެވެ.

عبد العزيز الطلحي ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ އަރިހުގައި الربيع ވިދާޅުވިއެވެ. ޝާފިޢިގެފާނު ތިމަންކަލޭގެފާނަށް ވިދާޅުވިއެވެ.

“އޭ ރަބީޢުއެވެ. ތިމަންކަލޭގެފާނުގެ މި ލިޔުން ހިއްޕަވައިގެން އަބޫ ޢަބްދުﷲ އިމާމު އަޙްމަދުގެ އަރިހަށް ވަޑައިގަންނަވާށެވެ. އަދި އެކަލޭގެފާނު ދެއްވާ ޖަވާބަކާއެކު ތިމަންކަލޭގެފާނުގެ އަރިހަށް އަންނާށެވެ. ދެން ތިމަންކަލޭގެފާނު އެ ލިޔުމާއެއްކޮށް ބަޣުދާދަށް ދިޔައީމެވެ. ތިމަންކަލޭގެފާނަށް އިމާމު އަޙްމަދު ބުން ޙަންބަލް ފަތިސްނަމާދުން ދިމާވިއެވެ. ދެން އެކަލޭގެފާނާއެކު ތިމަންކަލޭގެފާނު ފަތިސް ނަމާދުކުރެއްވީމެވެ. އެކަލޭގެފާނު މިޙުރާބުގެއިން ނުކުންނެވިތަނުން، އިމާމު ޝާފީގެފާނުގެ ލިޔުން ހަވާލުކުރީމެވެ. އަދި ތިމަންކަލޭގެފާނު ދެންނެވީމެވެ. މިއީ ކަލޭގެފާނުގެ އަޚާ އައްޝާފިޢީ މިޞްރުން ފޮނުވި ލިޔުމެކެވެ. ދެން އިމާމު އަޙްމަދު ދަންނަވާފިއެވެ. ކަލޭގެފާނު ތީގައިވާ އެއްޗެއް ބެއްލެވީމުހެއްޔެވެ؟ ތިމަންކަލޭގެފާނު ދެންނެވީމެވެ. ނޫނެކެވެ. ދެން އެކަލޭގެފާނު އެސިޓީ ކެނޑުއްވިއެވެ. އަދި އެކަލޭގެފާނު އޭގައިވާ އެއްޗެއް ކިޔުއްވިއެވެ. އެހިނދު އެކަލޭގެފާނުގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެންދިޔައެވެ. އަދި އެކަލޭގެފާނުގެ ލޮލުން ކަރުނަ އޮރެންފެށިއެވެ. ދެން ތިމަންކަލޭގެފާނު ދެންނެވީމެވެ. އޭ އަބޫ ޢަބްދުﷲ އެވެ. އެލިޔުމުގައި ވަނީ ކޮންވާހަކައެއްތޯއެވެ؟ ވިދާޅުވިއެވެ. “އެކަލޭގެފާނު ވިދާޅުވެފައިވަނީ، އެކަލޭގެފާނަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހުވަފެނުން ފެނިވަޑައިގެންނެވި ވާހަކައެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އެކަލޭގެފާނަށް ވިދާޅުވިއެވެ. ކަލޭގެފާނު އަޙްމަދު ބުން ޙަންބަލްއަށް ސިޓީއެއް ލިޔާށެވެ. އަދި ތިމަންކަލޭފާނުގެ ސަލާމް އެކަލޭގެފާނަށް ދަންނަވާށެވެ. އަދި ވިދާޅުވާށެވެ. ޤުރުއާނަކީ މަޚުލޫޤެއްކަމަށް ބުނާ ދަޢުވާގައި ހަމަކަށަވަރުންވެސް ކަލޭގެފާނު އިމްތިޙާނުކުރެވޭނެއެވެ. ކަލޭގެފާނު އެބައިމީހުންނަށް އިޖާބަ ނުދެއްވާށެވެ. އޭރުން ﷲތަޢާލާ ކަލޭގެފާނުގެ ޢިލްމު ޤިޔާމަތަށްދާނދެއް އުފުއްލަވާނެއެވެ……””[1]

މައުމޫނު، އޭނާގެ އުމުރުގެ ފަހު ދުވަސްކޮޅު ރޫމާއި ދެކޮޅަށް ހަނގުރާމައަށް ނުކުތެވެ. އަދި މީސްތަކުންނަށް ޤުރުއާނަކީ މަޚުލޫޤެއްކަމުގައި ގޮވައި އެކަމަށް ދައުވަތުދިނުމަށް އަންގައި، ފުލުހުންގެ ވެރިޔާ އިސްޙާޤު ބުން އިބުރާހީމު ބުން މުސްޢަބް އަށް ލިޔުމެއްލިޔެ ފޮނުވިއެވެ. ދެން އޭނާ ޖަމާޢަތެއްގެ ޢިލްމުވެރިންނާއި، ޤާޟީންނާއި، ޙަދީޘް ޢިލްމުގެ އިމާމުން ގޮވައި ގެނައެވެ. އަދި ޤުރުއާނަކީ މަޚުލޫޤެއްކަމަށްބުނެ އެކަމަށް ދަޢުވަތުދިނެވެ. ދެން އެބައިމީހުން އެކަމަށް އިންކާރުކުރައްވައި މަނާވެގަތެވެ. ދެންއޭނާ އެބައިމީހުންނަށް އެބަހަށް އިޖާބަދިނުމަށް މަޖުބޫރު ކުރުމުން ގިނަމީހުން ނުރުހުމުގައި މަޖުބޫރުވެގެންވާހާލު އެކަމަށް އިޖާބަދިނެވެ. ނަމަވެސް އިމާމު އަޙްމަދު އެކަމަށް އިންކާރުކުރެއްވުމުަގއި ދެމިހުންނެވިއެވެ.

ދެންފަހެ އިމާމު އަޙްމަދު އެކަމަށް އިންކާރުކުރެއްވުމުގައި ދެމިހުންނެވުމުން، އެމީހުން އެކަލޭގެފާނު ޖަމަލަކަށް އަރުވައިގެން ޚަލީފާގެ އަރިހަށް ގެންދިޔައެވެ.

أبو جعفر الأنباؤي ވިދާޅުވިއެވެ.

“އަލްއިމާމު އަޙްމަދު ބުން ޙަންބަލް މައުމޫނުގެ އަރިހަށް ގެނެވުނުއިރު އެކަމުގެ ޚަބަރު އަހަރެންނަށްލިބުނެވެ. ދެން އަހަރެން ފުރާތު ކޯރު ހުރަސްކޮށް އަޙްމަދުގެ އަރިހަށް ދިޔައީމެވެ. އޭރު އެކަލޭގެފާނު އިނީ ދަތުރުވެރިން މަޑުކޮށްލާފަދަ ތަނެއްގައި އިށީންދެއެވެ. ދެން އަހަރެން އެކަލޭގެފާނަށް ސަލާމް ދެންނެވީމެވެ. އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަބޫޖަޢުފަރެވެ. ކަލޭ ވަރުބަލިވީހެއްޔެވެ؟” ދެން ތިމަންނަ ދެންނެވީމެވެ. ނޫނެކެވެ. ކަލޭގެފާނަކީ މީސްތަކުން ތަބަޢަވާ ބޮޑަކީމެވެ. މީސްތަކުންދަނީ ތިޔަބޭކަލުންނަށް ތަބަޢަވަމުންނެވެ. ﷲގަނދީބުނަމެވެ. ޤުރުއާނަކީ މަޚުލޭގެކޭ ބުނާބުނުމަށް ކަލޭގެފާނު އިޖާބަދީފިކަމުގައި ވާނަމަ، ހަމަކަށަވަރުން އެތައް ޚަލްޤުތަކެއް އެކަމަށް އިޖާބަދޭނެއެވެ. އަދި ކަލޭގެފާނު އެކަމުން އިޖާބަ ނުދެއްވާފިނަމަ ﷲގެ މަޚުލޫޤުންގެ ތެރެއިން އެތައް މަޚުލޫޤެއް އެކަމުން މަނާވެގަންނާނެއެވެ. އަދި ހަމައެއާއިއެކު ދަންނާށެވެ! ހަމަކަށަވަރުން އޭނާ (މައުމޫނު) (ޤުރުއާނަކީ މަޚުލޫޤެއްކަމަށް ބުނުމުން) ކަލޭގެފާނު ޤަތުލުނުކޮށް ދޫކޮށްލިއަސް ކަލޭގެފާނު މަރުވާނެއެވެ. އަދި މަރުވުން ނޫންގޮތެއް ނެތެވެ. އެހެންކަމުން ކަލޭގެފާނު ﷲއަށް ބިރުވެތިވެލައްވާށެވެ. ކަލޭގެފާނު އެއްވެސް ކަމެއްގައި އެބައިމީހުންނަށް ތަބަޢާނުވާށެވެ. ދެންފަހެ އިމާމު އަޙްމަދު އަށް ރޮވުނެވެ. އަދި ވިދާޅުވިއެވެ. ما شاء الله! ما شاء الله!”[2]

އިމާމު އަޙްމަދު ރަޙިމަހުﷲ މައުމޫނުގެ ކައިރިއަށް ގެންދެވުމުގެ މަގުމަތީގައި، ދެން އެކަލޭގެފާނަށް ޚަބަރު ލިބިވަޑައިގަތީ އެމީހުންގެ އެބަހަށް އިޖާބަ ނުދެއްވައިފިނަމަ މައުމޫނު އެކަލޭގެފާނު ޤަތުކޮށްލާނެކަމުގެ އިންޒާރު ދިން ޚަބަރެވެ. ދެން އެކަލޭގެފާނަށް އެޚަބަރުލިބުމުން، އެކަލޭގެފާނާއި މައުމޫނު އެއްތަނެއްގައި ޖަމަޢަވާނެގޮތް މެދުވެރި ނުކޮށްދެއްވުން އެދި ﷲގެ ޙަޟުރަތުގައި ދުޢާދެންނެވިއެވެ.

އެކަލޭގެފާނުގެ ދަރި، ޞާލިޙު ބުން އަޙްމަދު ބުން ޙަންބަލް ވިދާޅުވިއެވެ. ބައްޕަ ވިދާޅުވިއެވެ.

“(މައުމޫނުގެ ކައިރިއަށް ގެންދެވުނު މަގުމަތީގައި) أذنة ކިޔާ ރަށާއި ހަމައަށް ފޯރުމުން އެރަށުގެ ދޮރު ތިމަންބޭކަލުންނަށް ހުޅުވުނެވެ. -އެއީ މެންދަމުގެ ވަގުތެވެ.- އެވަގުތު މީހަކު އައެވެ. އަދި ބުނިއެވެ. އެމީހާ މަރުވެއްޖެއެވެ.” ބައްޕަ ވިދާޅުވިއެވެ. “އޭނާ ނުފެނުމަށްއެދި ﷲގެ ޙަޟުރަތުގައި ދުޢާދެންނެވުންމަތީ ތިމަންކަލޭގެފާނު ވީމެވެ.”[3]

محمد بن إبراهيم البوشنجي ވިދާޅުވިއެވެ. އިމާމު އަޙްމަދު ވިދާޅުވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ.

“ތިމަންކަލޭގެފާނު ރައްބުގެ ޙަޟުރަތުގައި ތިން ދުޢާއެއް ކުރީމެވެ. އޭގެތެރެއިން އިޖާބަވެވުނު ދެދުޢާ ދަންނަވާފާނަމެވެ. މައުމޫނާއި ތިމަންކަލޭގެފާނު އެއްތަނެއްގައި ޖަމަޢަަ ނުކޮށްދެއްވުމަށް ތިމަންކަލޭގެފާނު ދުޢާކުރީމެވެ. އަދި ތިމަންކަލޭގެފާނަށް މުތަވައްކިލު ނުފެނުމަށް އެދި ދުޢާކުރެއްވީމެވެ. މައުމޫނަށް އެކަލޭގފާނު ނުފެންނަނީސް البذندونގައި[4] މަރުވެއްޖެއެވެ. ރޫމުގައި މުޢުތަޞިމަށް ޚިލާފަތުގެ ބައިޢަތުހިފި އޭނާ ބަޣުދާދަށް އެނބުރި އަންނަންދެން އަޙުމަދު ހުންނެވީ الرقةގައި[5] ހައްޔަރުކުރެވިފައެވެ. ދެންފަހެ އަޙުމަދު ހިޖުރައިން ދުއިސައްތަ އަށާރަވަނަ އަހަރު ބަޣުދާދަށް އަނބުރާ ގެނެވުނެވެ. އަދި މުޢުތަޞިމު އެކަލެގެފާނަށް އަނިޔާވެރިވިއެވެ. މުތަވައްކިލާމެދު ކުރެވުނު ދުޢާއިމެދު ބުނަމެވެ. އިމާމު އަޙްމަދުގެ ދަރިފުޅަށް ޙަދީޘް ކިޔާދެއްވުމަށްޓަކައި ޚަލީފާގެ ދަރުބާރަށް ގެނެވުނެވެ. އޭރު މުތަވައްކިލުއިނީ ދެގެ ދޭތެރޭގައި އޮންނަ ގޯޅިގަނޑެއްކަހަލަ ތާކުއެވެ. މުތަވައްކިލުއަށް އިމާމު އަޙްމަދު ފެނެއެވެ. އެހެންނަމަވެސް އިމާމު އަޙްމަދަށް މުތަވައްކިލު ނުފެނެއެވެ.”

މިލިޔުމުގެ އެހެންބައިތައް

(ނުނިމޭ)


[1]  مناقب الإمام أحمد بن حنبل ص.609

[2] تهذيب الكمال 1/461, مختصر تاريخ الدمشق 3/251, سير أعلام النبلاء 11/239

[3] أبو نعيم في الحلية (9/196)

[4]  އެއީ ރޫމުގެ ކޯރަކަށް ކިޔާނަމެކެވެ. އޭނާ މަރުވީ އެތަނު ކައިރީގައެވެ.

[5]  އެއީ ފުރާތުކޯރުގެ އިރުމަތީގައި އޮންނަ މަޝްހޫރު ރަށެކެވެ.