[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة الضحى ގެ ތަފްސީރު 1

بسم الله الرحمن الرحيم

وَالضُّحَىٰ ﴿١﴾ وَاللَّيْلِ إِذَا سَجَىٰ ﴿٢﴾ مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ﴿٣﴾ وَلَلْآخِرَةُ خَيْرٌ لَّكَ مِنَ الْأُولَىٰ ﴿٤﴾ وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَىٰ ﴿٥﴾ أَلَمْ يَجِدْكَ يَتِيمًا فَآوَىٰ ﴿٦﴾ وَوَجَدَكَ ضَالًّا فَهَدَىٰ﴿٧﴾ وَوَجَدَكَ عَائِلًا فَأَغْنَىٰ ﴿٨﴾ فَأَمَّا الْيَتِيمَ فَلَا تَقْهَرْ ﴿٩﴾ وَأَمَّا السَّائِلَ فَلَا تَنْهَرْ ﴿١٠﴾ وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ ﴿١١﴾

އިޖުމާލީ މާނަ:

ޟުޙާ ވަގުތު (ދުވާލުގެ ކުރީކޮޅު) ގަންދެއްވަމެވެ. [1] އަދި ރޭގަނޑު އަނދިރިކަން ފެތުރި، ހިމޭންވާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ. [2] ކަލޭގެފާނު ވެރިރައްބު، ކަލޭގެފާނު ދޫކޮށެއް ނުލައްވަތެވެ.  އަދި ނުރުހުންވެވޮޑިއެއް ނުގަންނަވަތެވެ. [3] އަދި ކަލޭގެފާނަށްޓަކައި، ދުނިޔެއަށްވުރެ، އާޚިރަތް ހެޔޮކަން ބޮޑުކަން ކަށަވަރެވެ. [4] އަދި ނިކަންހުރެ، ކަލޭގެފާނުގެ ވެރިރައްބު، ކަލޭގެފާނަށް ދެއްވާނެކަން ކަށަވަރެވެ. ދެން ކަލޭގެފާނު ރުހިވަޑައިގަންނަވާނެތެވެ. [5] ކަލޭގެފާނު ޔަތީމަކު ކަމުގައިވަނިކޮށް އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގެން ނުވޭހެއްޔެވެ؟  ދެން އެކަލާނގެ، ކަލޭގެފާނަށް ހިޔާވަހިކަން ދެއްވިއެވެ. [6] އަދި ކަލޭގެފާނު މަގު ގެއްލިފައިވަނިކޮށް، އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގަތެވެ. ދެން އެކަލާނގެ ކަލޭގެފާނަށް މަގުދެއްކެވިއެވެ. [7] އަދި ފަޤީރަކު ކަމުގައި ކަލޭގެފާނު ވާތީ، އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގަތެވެ. ދެން އެކަލާނގެ ކަލޭގެފާނު މުއްސަނދިކުރެއްވިއެވެ. [8] ދަންނާށެވެ! ފަހެ، ކަލޭގެފާނު، ޔަތީމު ކުއްޖާ ނިކަމެތިކޮށް ނުލައްވާށެވެ! [9] އަދި ދަންނާށެވެ! ފަހެ، ކަމަކަށްއެދި އަންނަ މީހާޔަށް، ކަލޭގެފާނު އަޑުލައި ނަހައްދަވާށެވެ! [10] އަދި ދަންނާށެވެ! ކަލޭގެފާނުގެ ވެރިރައްބު ދެއްވި ނިޢުމަތުގެ ވާހަކައިން، ފަހެ، ކަލޭގެފާނު ވާހަކަ ދައްކަވައި އުޅުއްވާށެވެ!

ތަފްސީރު:

ބިސްމީގެ ތަފްސީރުވާނީ އިސްވެ ބަޔާން ކުރެވިފައެވެ. (ލިންކު 1 ، ލިންކު 2)

 

﴿وَالضُّحَىٰ﴾ الضُّحَىٰ އެއީ: ދުވާލުގެ ކުރީކޮޅުގެ ވަޤުތެވެ. އަދިއެވަގުތުގައި އަލިކަމާއި ދޯދި ވާނެތެވެ.

﴿وَاللَّيْلِ إِذَا سَجَىٰ ﴾ އެއީ: ރޭގަނޑު ދުނިޔެ ފޮރުވާލައި އަދި އޭގެ އަނދިރިކަން ދުނިޔެއަށް ވެރިވާ ހިނދެވެ. ފަހެ الله تعالى ދެވައްތަރުގެ ދެ އެއްޗެއް ގަންދެއްވައި ހުވާކުރައްވަތެވެ. ފުރަތަމައީ: އަލިކަމާއި ދޯދި ބިމަށް ފެތުރި އަދި ފުރިގެންދާ ޟުޙާވަޤުތެވެ. ދެވަނައީ: އެ ފޮރުވާލާ ރޭގަނޑެވެ. އަދި އޭގެ އަނދިރިކަމެވެ.

﴿مَا وَدَّعَكَ رَبُّكَ﴾ ކަލޭގެފާނު ދޫކޮށެއް ނުލައްވަމެވެ. އަދި ހަނދުމަނެތިއެއްވެސް ނުމެކުރައްވަމުއެވެ.

﴿وَمَا قَلَىٰ﴾ އަދި ނުރުހުންވެވޮޑިގެން ނުވަމުއެވެ. އެހެނެއްކަމަކު މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްއަކީ އަހަރުމެންނަށް އެނގިގެންވާ ފަދައިން، އެކަލާނގެ ޚަލްޤުތަކުންކުރެ އެކަލާނގެ އެންމެ ލޯބިވެވޮޑިގެންވާ މަޚްލޫޤެވެ. އެފަދައިން އެކަލޭގެފާނީ އެކަލާނގެ ބާއްވައިލެއްވި އެންމެ މަތިވެރި ރިސާލަތަށްޓަކައި އިޚްތިޔާރުކުރެއްވެވި ކަލޭގެފާނެއެވެ. އަދި އިޚްތިޔާރުކުރެއްވީ އެންމެ މާތް އުންމަތަށެވެ. އަދި ނަބީކަން ޚަތިމުކުރައްވާ (ނިންމަވާލައްވާ) ކަލޭގެފާނު ކަމުގައި ލެއްވިއެވެ. ޞައްލައްﷲ ޢަލައިހި ވަސައްލަމް އަށްފަހު އެއްވެސް ނަބީއަކު ނުވެއެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމްއަކީ ﷲ ޙާއްޞަކުރައްވާފައިވާ މާތް ޞިފައެއްކަމުގައިވާ الخلة ގެ ޞިފައިން ޞިފަލިބިގެންވާ ﷲ ގެ ދެ ޚަލީލުންގެ ތެރެއިން ބޭކަލެކެވެ. އަދި الخلة  އަކީ ލޯބީގެ އެންމެ މަތީ ދަރަޖައެވެ. ﷲ ގެ އަޅުތަކުން ކުރެ އިބްރާހީމް އަދި މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމް ފިޔަވައި އެފަދަ އެހެން ބޭކަލުންތަކެއްވާކަމެއް އަހަރުމެންނަށް އެނގިފައިނުވެއެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ މިބަސްފުޅުގައި ވާފަދައިންނެވެ:

((إِنَّ اللَّهَ تَعَالَى قَدِ اتَّخَذَنِي خَلِيلاً كَمَا اتَّخَذَ إِبْرَاهِيمَ خَلِيلاً)) [1]

މާނައީ: ” ހަމަކަށަވަރުން ﷲ ތަޢާލާ އިބްރާހީމް ޢަލައިހިއް ސަލާމް ޚަލީލު ކަމުގައި ލެއްވި ފަދައިން ތިމަންކަލޭގެފާނުވެސް ޚަލީލެއް ކަމުގައި ލެއްވިއެވެ.”

ﷲ ސުބްޙާނަހޫ ވަތަޢާލާ ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމްއަށް ވަޙީކުރެއްވިއެވެ.

﴿وَاصْبِرْ لِحُكْمِ رَبِّكَ فَإِنَّكَ بِأَعْيُنِنَا﴾ [2]

މާނައީ: “ކަލޭގެފާނުގެ ވެރިރަސްކަލާނގެ حكم ފުޅަށް ކެތްކުރައްވާށެވެ! ފަހެ، ހަމަކަށަވަރުން، ކަލޭގެފާނުވަނީ ތިމަންރަސްކަލާނގެ ބެއްލެވުމުގެ ދަށުގައެވެ.” އަދި ﷲ އެކަލޭގެފާނު ޢައްޔަން (އިޚްތިޔާރު) ކުރައްވައި އަދި ބަލަހައްޓަވައި ޙިމާޔަތް ކުރައްވައި އަދި ރައްކާތެރިކުރައްވަތެވެ. އަދި އެކަލާނގެއީ ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމްއަށް މިފަދައިން ވަޙީކުރައްވަައި އެނގެވި އިލާހެވެ.  

الَّذِي يَرَاكَ حِينَ تَقُومُ ﴿٢١٨﴾ وَتَقَلُّبَكَ فِي السَّاجِدِينَ ﴿٢١٩﴾[3]

މާނައީ:” އެކަލާނގެއީ، ކަލޭގެފާނު (ނަމާދަށް) ތެދުވެވަޑައިގަންނަވާހިނދު، ކަލޭގެފާނު ދެކެވޮޑިގެންވާ ރަސްކަލާނގެއެވެ. [218] އަދި ސަޖިދަކޮށް ނަމާދުކުރާ މީހުންގެ ތެރޭގައި ކަލޭގެފާނު ހަރަކާތްތެރިވެ ވަޑައިގަންނަވާތީވެސްމެއެވެ. [219] “

ﷲ ކަލޭގެފާނު ދޫކޮށެއް ނުލައްވަތެވެ. އެހެނެއްކަމަކު އެކަލާނގެ ޢިލްމުފުޅާއި ރަޙުމަތާއި އަޅާލުމާއި އަދި މިނޫންވެސް ދުނިޔެއާއި އާޚިރަތުގައި ކަލޭގެފާނު މަތިވެރިކަން އުފުއްލެވޭނެ އެންމެހައި ކަންތައްތަކުގައި އެކަލާނގެ ކަލޭގެފާނާއިއެކު ވޮޑިގެންވެތެވެ. ކުރިއަށް އޮތް ސޫރަތުގައި ވާފަދައިންނެވެ.

﴿وَرَفَعْنَا لَكَ ذِكْرَكَ﴾[ الشرح :4]

މާނައީ:” އަދި ކަލޭގެފާނަށްޓަކައި ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ނަންފުޅު މަތިވެރިކުރެއްވީމެވެ.”

= ނުނިމޭ =

________________________

 [1] صحيح مسلم

[2] – سورة الطور 48

[3] – سورة الشعراء

މިސޫރަތުގެ އެހެނިހެން ބައިތައް