[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިޖުތިހާދާއި ތަޤުލީދާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 10

ޤަވާޢިދު: إِذَا اخْتَلَفَ عَلَى الـمُقَلِّدِ اجْتِهَادُ مُجْتَهِدَيْنِ فَإِنَّهُ يُقَلِّدُ مَن شَاءَ مِنْهُمَا

މި ޤަވާޢިދުގެ ތަރުޖަމާ: {ދެ މުޖުތަހިދެއްގެ އިޖުތިހާދު ތަފާތުވެފައިވާތީ މުޤައްލިދަކަށް ފެނިއްޖެނަމަ، އޭނާއަށް އެ ތަނުން ބޭނުން ކޮންމެ ބޭފުޅަކަށް ވެސް ތަޤުލީދުކުރެވިދާނެ}

މި ޤަވާޢިދުގެ މުރާދު: އާންމުންކުރެ މީހަކު މުޖުތަހިދު ދޭއް ނުވަތަ އެއަށްވުރެ ގިނަ މުޖުތަހިދު ޢިލްމުވެރިންގެ އަރިހުން ކަމަކާ ގުޅޭގޮތުން ފަތުވާދޭން އެދެފިނަމަ، އަދި އެ ބޭފުޅުންނަށް އެ ބޭފުޅުންގެ އިޖުތިހާދުގައި އިއްތިފާޤުވެވި އެއްގޮތަކަށް ފަތުވާދީފިނަމަ، އެއާ އެއްގޮތަށް ޢަމަލުކުރުން އޭނާއަށް ލާޒިމުވާނެއެވެ. މިއާ ޚިލާފަށް، އެ ބޭފުޅުންގެ ތެރޭގައި ރައުޔުތަފާތުވުން އުފެދި އެކި ބޭފުޅުން އެކި ގޮތަށް ފަތުވާދީފިނަމަ، މި ޤަވާޢިދުގައި ބަޔާންވެފައި އެވަނީ، އެ ތަނުން ބޭނުން ރައުޔެއްގައި ހިފުމުގެ އިޚްތިޔާރު އާންމުމީހާއަށް ލިބިގެންވެއެވެ. މިއީ، ޖަމާޢަތެއްގެ އުޞޫލީ ޢިލްމުވެރިންގެ ރައުޔެވެ. އޭގެ ތެރޭގައި، އަލްޤާޟީ އަލްބާޤިއްލާނީއާއި، އަލްމަޖިދު އިބްނު ތައިމިއްޔާއާއި، އަބުލްޚައްޠާބުއާއި، އައްޝީރާޒީއާއި، އަލްޚަޠީބުލްބަޣުދާދީއާއި، އަލްއާމިދީއާއި ގިނަ ޝާފިޢީން ހިމެނިވަޑައިގަންނަވައެވެ.

މި މައްސަލާގައި އެހެން ރައުޔުތަކެއް ވެސް ވެއެވެ. އޭގެ ތެރެއިން އެންމެ ފާޅުކަންބޮޑު ރައުޔަކީ، އެތަނުން އެންމެ ޢިލްމުވެރި އެންމެ ދީންވެރި ޢިލްމުވެރިޔާގެ ރައުޔުގައި އޭނާ ހިފާނީއެވެ. ޢިލްމުވެރިކަމާއި ދީންވެރިކަމުގައި އެ އެންމެން ހަމަހަމަވެއްޖެނަމަ، ބޭނުން ބޭފުޅެއްގެ ރައުޔުގައި ހިފާނީއެވެ. މިއީ، އަލްމުވައްފިޤު އިބްނު ޤުދާމާއާއި އަބުލްޙުސައިން އަލްބަޞަރީގެ ރައުޔެވެ.

އަދި އެހެން ރައުޔެއްގައިވަނީ، އެ ތަނުން އެންމެ އުނދަގޫ އެންމެ ބުރަ ރައުޔުގައި އޭނާ ހިފާނީއެވެ. ޡާހިރީންގެ ފަރާތްޕުޅުން މި ރައުޔު ވާރިދުވެފައިވެއެވެ.

އަދި އެހެން ރައުޔެއްގައިވަނީ، އެ ތަނުން އެންމެ ލުއިފަސޭހަ ރައުޔުގައި އޭނާ ހިފާނީއެވެ. މިއީ، ޢަބްދުލްޖައްބާރު އިޚްތިޔާރުކުރެއްވި ރައުޔެވެ.

އަދި އެހެން ރައުޔެއްގައިވަނީ، ދަލީލުގެ ގޮތުން އެންމެ ރާޖިޙު ރައުޔުގައި އޭނާ ހިފާނީއެވެ. މިއީ، އިބްނުލްބަންނާ ޛިކުރުކުރައްވާފައިވާ ރައުޔެކެވެ. އެހެންނަމަވެސް، އާންމުމީހާއަކީ ތަރުޖީޙުދިނުމުގެ ކުޅަދާނަކަން ލިބިގެންވާ މީހަކުކަމުގައިނުވާތީ، އޭނާއަށް އެ ގޮތަށް ލާޒިމުނުކުރެވޭނެކަމަށް ރައްދުގައި ބުނެވެއެވެ.

ކޮންމެއަކަސް، މި ޤަވާޢިދަށް ޢަމަލުކުރަނީ ނަހީވެގެންވާ ގޮތަށް ރުޚުޞާތަކުގައި (ލުއިފަސޭހަ ރައުޔުތަކުގައި) ހިފުމުގެ ގޮތުން ކަމުގައި ނުވުމީ މި ޤަވާޢިދަށް ޢަމަލުކުރުމުގައި ފުރިހަމަވާންޖެހޭނޭ ޝަރުޠެކެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =

މިލިޔުމުގެ އެހެނިހެން ބައިތައް