ޤަވާޢިދު: تَتَبُّعُ رُخَصِ الـمَذَاهِبِ لَا يَجُوزُ
މި ޤަވާޢިދުގެ ތަރުޖަމާ: {މަޒުހަބުތަކުގެ ރުޚުޞާތަކަށް ތަބާވުން ހުއްދަވެގެން ނުވޭ}
މި ޤަވާޢިދުގެ މުރާދު: ޙުއްޖަތާއި ދަލީލަށް ބެލުމެއްނެތި މަޒުހަބުތަކުގެ ފިޤުހުވެރިންގެ ރައުޔުތަކުގެ ތެރެއިން އެންމެ ލުއިފަސޭހަ ރައުޔުތައް ހޯދައި އެ ރައުޔުތައް އިޚްތިޔާރުކުރުން ހުއްދަވެގެން ނުވެއެވެ. އެ ކަންކުރަނީ އަމިއްލައަށް ކަމުގައިވިޔަސް، ނުވަތަ މުފްތީއެއް މެދުވެރިކޮށް ކަމުގައިވިޔަސް މެއެވެ.
ރުޚުޞާއަކީ، އަޞްލު ޙުކުމުގެ ސަބަބު އޮތުމާއެކު، އުޒުރަކާހުރެ ފަސޭހަ ހުކުމަކަށް ޝަރުޢީ ޙުކުމް ބަދަލުވުމެވެ. މިސާލަކަށް، ފެން ނުލިބިއްޖެމީހާ ވުޟޫކުރުމުގެ ބަދަލުގައި ތަޔައްމުމުކުރުން ހުއްދަވުމެވެ. މި މާނައިގައި ރުޚުޞާއަށް ތަބާވުމުގައި އެއްވެސް މައްސަލައެއް ނެތެވެ. އެހެންނަމަވެސް، މި ޤަވާޢިދުގައި ވާހަކަ މިދެކެވެނީ މަޒުހަބުތަކުގެ ރުޚުޞާތަކަށް ތަބާވުމުގެ ވާހަކައެކެވެ. މަޒުހަބުތަކުގެ ރުޚުޞާތަކަށް ތަބާވުމޭ ބުނެވޭ ބަހުގެ މުރާދަކީ، ކޮންމެ އިޖުތިހާދީ މައްސަލައެއްގައި ވެސް މަޒުހަބުތަކުގެ ތެރޭގައި އޮންނަ އެންމެ ލުއިފަސޭހަ ގޮތަށް ތަބާވުމެވެ. މިސާލަކަށް، ކަމެއް އެއީ ޙަރާމް ކަމެއްތޯ ނުވަތަ ހުއްދަކަމެއްތޯ ކަނޑައެޅުމުގައި ޢިލްމުވެރިންގެ އިޖުތިހާދުތައް ތަފާތުވެ އެ ބޭފުޅުންގެ ރައުޔުތަފާތުވެފައިވާނަމަ، އެ ތަނުން ހުއްދަކަމަށް ވިދާޅުވާ ބޭފުޅުންގެ ރައުޔުގައި ހިފުމެވެ. ނުވަތަ ކަމެއް ވާޖިބުތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގައި ރައުޔުތަފާތުވެފައިވާނަމަ، އެ ތަނުން ވާޖިބުނޫންކަމަށް ވިދާޅުވާ ބޭފުޅުންގެ ރައުޔުގައި ހިފުމެވެ.
ދެން ފަހެ، ޖަމާޢަތެއްގެ އުޞޫލީ ޢިލްމުވެރިން ވިދާޅުވަނީ، މަޒުހަބުތަކުގެ ރުޚުޞާތަކަށް ތަބާވުން މުޠުލަޤުކޮށް ހުއްދަވެގެންވާ ކަމުގައެވެ. އޭގެތެރޭގައި، އަލްޤަރާފީއާއި ޝާފިޢީގެ ގިނަ ދަރިވަރުން ހިމެނެއެވެ. އަދި ޙަނަފީންކުރެ އިބްނުލްހުމާމުއާއި [މުސައްލަމުއްޘުބޫތު]ގެ މުއައްލިފު ރާޖިޙުކުރައްވަނީ ވެސް އެ ގޮތެވެ.
ޖިއްދާގައި ހުންނަ މުޖައްމަޢުލްފިޤްހިލްއިސްލާމީ އިން މި މައްސަލާގައި ޤަރާރުނެރުއްވައި ބަޔާންކުރައްވާފައިވަނީ، ހަވާނަފްސާ އެއްގޮތަށް މަޒުހަބުތަކުގެ ރުޚުޞާތަކުގައި ހިފުން ހުއްދަވެގެން ނުވާކަމުގައެވެ. އެހެނެއްކަމަކު، އަންނަނިވި ޟާބިޠުތަކަށް ރިޢާޔަތްކުރުމާ އެކު މަޒުހަބުތަކުގެ ރުޚުޞާތަކުގައި ހިފުން ހުއްދަވެގެންވާ ކަމުގައެވެ.
- ފިޤުހުވެރިންގެ އެ ލުއިފަސޭހަ ރައުޔުތަކަކީ ޝަރުޢީގޮތުން މުޢުތަބަރު ރައުޔުތަކެއް ކަމުގައިވުމާއި، އެއީ ޝާއްޛު ރައުޔުތަކެއް ކަމުގައި ނުވުމެވެ.
- ކުރިމަތިވެފައިވާ ދަތިއުނދަގޫކަމަކުން އަރައިގަތުމަށްޓަކައި އެ ލުއިފަސޭހަ ރައުޔުތަކުގައި ހިފުމަށް ޙާޖަތްތެރިވެގެން (ބޭނުންވެގެން) ވުމެވެ. އެ ޙާޖަތްތެރިކަމަކީ މުޅި މުޖުތަމަޢުއަށް ޢާއްމުވެގެންވާ ކަމެއްކަމުގައިވިޔަސް ނުވަތަ ވަކި ބަޔަކަށް ޚާއްޞަ ކަމެއްކަމުގައިވިޔަސް ނުވަތަ ވަކި މީހަކަށް އޮތް ކަމެއްކަމުގައިވިޔަސް މެއެވެ.
- ލުއިފަސޭހަ ރައުޔުތަކުގައި ހިފާމީހާއީ، ރައުޔުތަކުގެ ތެރެއިން ރައުޔެއް އިޚްތިޔާރުކުރުމުގެ ކުޅަދާނަކަން ލިބިގެންވާ މީހަކު ކަމުގައިވުމެވެ. ނުވަތަ އެ ކަމުގެ އަހުލުވެރިޔަކަށް އޭނާ ބަރޯސާވުމެވެ.
- އޭގެ ސަބަބުން މަނާވެގެންވާ ތަލްފީޤުއަށް ގެންގޮސް ނުދިނުމެވެ.
- އެއީ ހުއްދަވެގެންނުވާ މަޤްޞަދަކަށް ގެންގޮސްދޭ ވަސީލަތަކަށް ނުވުމެވެ.
- ލުއިފަސޭހަ ރައުޔުތަކުގައި ހިފާމީހާ އެ ރައުޔުގައި ހިފަނީ ހިތްހަމަޖެހިގެންވާ ހާލުގައި ކަމަށް ވުމެވެ.
މަޒުހަބުތަކުގެ ރުޚުޞާތަކަށް ތަބާވުމުގެ މައްސަލައާއި التَّلْفِيْقُ (ތަލްފީޤުކުރުން) ގެ މައްސަލައާ ވަރަށްބޮޑު ގުޅުމެއް އޮވެއެވެ. އަދި އެ ދެ މައްސަލަ ބައެއް ހާލަތްތަކުގައި އެކަތި އަނެކަތީގެ ތެރެއަށް ވަދެގެން ދެއެވެ. ވީއިރު، މި ދެ މައްސަލައިގެ ތަފާތު ދެނެގަތުން ހުއްޓެވެ.
التَّلْفِيْقُ ނުވަތަ ތަލްފީޤުކުރުމަކީ، އެއްވެސް އިމާމަކު ވިދާޅުނުވާ ގޮތަށް ކަމެއް ގެނެސްގަތުމެވެ. މިސާލަކަށް، ނަމާދުކުރާއިރު، އެއް ރުކުނެއްގައި ހަމައެކަނި ޙަނަފީން ވިދާޅުވާ ގޮތަށް ޢަމަލުކޮށްފައި، އެހެން ރުކުނެއްގައި ހަމައެކަނި މާލިކީން ވިދާޅުވާ ގޮތަށް ޢަމަލުކޮށްފައި، ދެން ހުރި ރުކުންތަކުގައި އެހެން ޢިލްމުވެރިން ވިދާޅުވާ ގޮތަށް ޢަމަލުކުރުމެވެ. މި ހާލަތުގައި ނަމާދުކުރެވިފައި އެވަނީ، ޙަނަފީން ވިދާޅުވާ ގޮތަކަށް ވެސް ނޫނެވެ. އަދި މާލިކީން ވިދާޅުވާ ގޮތަކަށް ވެސް ނޫނެވެ. އަދި އެހެން ޢިލްމުވެރިން ވިދާޅުވާ ގޮތަކަށް ވެސް ނޫނެވެ. ތަލްފީޤުކުރުމީ ބައެއް ހާލަތްތަކުގައި ހުއްދަ، އަދި އަނެއްބައި ހާލަތްތަކުގައި ހުއްދަނޫން ކަމެކެވެ.
ތަލްފީޤުކުރުމާއި މަޒުހަބުތަކުގެ ރުޚުޞާތަކަށް ތަބާވުމުގެ ތަފާތަކީ، ތަލްފީޤުކުރާއިރު ލުއިފަސޭހަ ރައުޔަށް ތަބާވާކަށް ކޮންމެހެން ނޫޅުމެވެ. މިއާ ޚިލާފަށް، މަޒުހަބުތަކުގެ ރުޚުޞާތަކަށް ތަބާވާއިރު، ލުއިފަސޭހަ ރައުޔަށް ތަބާވާން އުޅުމެވެ. ހަމައެފަދައިން، ތަލްފީޤުކުރުމީ، ވަކި ކަމެއްގައި މުޅިން އައު ރައުޔެއް އުފެއްދުން ކަހަލަ ކަމެކެވެ. މިއާ ޚިލާފަށް، މަޒުހަބުތަކުގެ ރުޚުޞާތަކަށް ތަބާވާއިރު ކޮންމެވެސް އިމާމެއްގެ ރައުޔަށް ޢަމަލުކުރާނެއެވެ. އަދި ހަމައެފަދައިން، ތަލްފީޤުކުރުމުގެ ސަބަބުން (އެބަހީ، ނަހީކުރެވިގެންވާ ގޮތަށް ތަލްފީޤުކުރުމުން) އިޖުމާޢުއާ ޚިލާފުވެވޭނެއެވެ. މިއާ ޚިލާފަށް، މަޒުހަބުތަކުގެ ރުޚުޞާތަކަށް ޢަމަލުކުރާއިރު ކޮންމެވެސް ރައުޔަކަށް ޢަމަލުކުރާނެއެވެ.{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =