[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިޖުތިހާދާއި ތަޤުލީދާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 15

ޤަވާޢިދު: تَقْلِيْدُ الـمَيِّتِ جَائِزٌ

މި ޤަވާޢިދުގެ ތަރުޖަމާ: {މައްޔިތާއަށް ތަޤުލީދުކުރުން ހުއްދަވެގެންވޭ}

މި ޤަވާޢިދުގެ މުރާދު: ތަޤުލީދުކުރާ އާންމުމީހަކަށް މައްސަލައެއް ނުވަތަ ހާދިސާއެއް ކުރިމަތިވިއިރު، އެ ކަމާ ގުޅޭގޮތުން ދިރިހުރި އެއްވެސް މުޖުތަހިދު ޢިލްމުވެރިޔަކާ ސުއާލުކޮށްފައިނުވާނަމަ، ނިޔާވެފައިވާ މުޖުތަހިދު ޢިލްމުވެރިޔަކު އެ މައްސަލާގައި ދެއްވާފައިވާ ފަތުވާއަށް ޢަމަލުކުރުން އޭނާއަށް ހުއްދަވާނެ ހެއްޔެވެ؟ ނުވަތަ އޭނާއަށް ވާޖިބުވެގެންވަނީ ދިރިހުރި މުޖުތަހިދު ޢިލްމުވެރިޔަކާ ސުއާލުކުރުން ހެއްޔެވެ؟ މި މައްސަލާގައި ގިނަ އުޞޫލީ ޢިލްމުވެރިންގެ ރައުޔަކީ، ދިރިހުރި މުޖުތަހިދު ޢިލްމުވެރިންނަށް ތަޤުލީދުކުރާ ފަދައިން، ނިޔާވެފައިވާ މުޖުތަހިދު ޢިލްމުވެރިޔާއަށް ތަޤުލީދުކުރުން އޭނާއަށް ހުއްދަވެގެންވެއެވެ. އެގޮތުން، އައްޝާފިޢީގެ ފާޅުކަންބޮޑު ރައުޔަކީ މިއީއެވެ. އަދި މި ގޮތަށް އިޖުމާޢުވެވިފައިވާކަމަށް ބައެއް ބޭފުޅުން ވިދާޅުވެފައިވެއެވެ. އަދި އަލްބައިޟާވީ މި ރައުޔު އިޚްތިޔާރުކުރައްވާފައިވެއެވެ.

މިއާ ޚިލާފަށް، އައްރާޒީއާއި އަބުލްޙުސައިން އަލްބަޞަރީއާއި އައްޝަވްކާނީ ވިދާޅުވަނީ، ނިޔާވެފައިވާ މުޖުތަހިދު ޢިލްމުވެރިޔާއަށް ތަޤުލީދުކުރުން އާންމުމީހާއަށް އެއްވެސް ހާލަތެއްގައި ހުއްދަވެގެން ނުވާކަމުގައެވެ. އަދި މިއީ، ޙަންބަލީންނާއި ޝާފިޢީންގެ ތެރޭގައި އޮންނަ ވަޖްހުއެކެވެ. އަދި ފިޤުހުވެރިންނާއި އުޞޫލީ ޢިލްމުވެރިންކުރެ ބައެއް ބޭފުޅުންގެ އަރިހުން މި ރައުޔު އިބްނު ޢަޤީލު ބަޔާންކުރައްވާފައިވެއެވެ.

އަދި އިބްނު ބުރުހާނުގެ ނަޒަރުގައި، ދިރިހުރި މުޖުތަހިދު ޢިލްމުވެރިޔަކު ފެނިއްޖެނަމަ، ނިޔާވެފައިވާ މުޖުތަހިދު ޢިލްމުވެރިޔަކަށް ތަޤުލީދުކުރުން އާންމުމީހާއަށް ހުއްދަވެގެން ނުވެއެވެ. މިއާ ޚިލާފަށް، ދިރިހުރި މުޖުތަހިދު ޢިލްމުވެރިޔަކު ނުފެނިއްޖެނަމަ، ނިޔާވެފައިވާ މުޖުތަހިދު ޢިލްމުވެރިޔަކަށް ތަޤުލީދުކުރުން އޭނާއަށް ހުއްދަވެގެން ވެއެވެ. އަދި މި ރައުޔު އަލްކިޔާއާއި އިމާމުލްޙަރަމައިނި އިޚްތިޔާރުކުރައްވާފައިވެއެވެ.

އަދި މި މައްސަލާގައި ހަތަރުވަނަ ރައުޔެއް އަލްހިންދީ ޛިކުރުކުރައްވާފައިވެއެވެ. އެއީ، ނިޔާވެފައިވާ މުޖުތަހިދު ޢިލްމުވެރިޔާގެ ރައުޔު އާންމުމީހާއަށް ކިޔައިދޭ ފަރާތަކީ މުނާޡަރާއާއި އިޖުތިހާދުކުރުމުގެ އަހުލުވެރިޔަކަށްވާނަމަ، ނިޔާވެފައިވާ މުޖުތަހިދު ޢިލްމުވެރިޔާގެ މަޒުހަބުގެ މުޖުތަހިދަކަށްވާނަމަ، ނިޔާވެފައިވާ މުޖުތަހިދު ޢިލްމުވެރިޔާގެ ރައުޔަށް ތަޤުލީދުކުރުން ހުއްދައެވެ. އެފަދައިން ނުވާނަމަ، ހުއްދައެއް ނޫނެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނިމުނީ =

މިލިޔުމުގެ އެހެނިހެން ބައިތައް