ބައެއް މީހުން ހީކުރާ ގޮތުގައި އިޚްލާޞްތެރިވާން ޖެހެނީ ހަމައެކަނި ނަމާދުގައާއި ޤުރުއާން ކިޔަވާއިރާ އަދި ދީނަށް ދަޢުވަތުދިނުމާއި ހޭދަކުރުންފަދަ ބޭރުފުށުން ފެންނަ އަޅުކަންތައް އަދާކުރާއިރުކަމުގައެވެ. ނަމަވެސް މިއީ ރަނގަޅު ހިޔެއް ނޫނެވެ. ކޮންމެ އަޅުކަމެއް އަދާކުރާއިރުވެސް އިޚްލާޞްތެރިވުމީ ވާޖިބެކެވެ. އޭގެ ތެރޭގައި އަވަށްޓެރިންނަށް ކަމޭހިތުމާއި ރަޙިމުގެ ގުޅުން ޤާއިމުކުރުމާ އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތުންވެސް ހިމެނެއެވެ. މިއީ އަޅުކަންތަކުގެ ތެރެއިން އެންމެ މަތިވެރިވެގެންވާ ބައެއްކަންކަމެވެ. އެކަމަށް ﷲ ތަޢާލާ ރުހިވޮޑިގެންވާ އަދި ލޯބިވޮޑިގެންވާ ޢަމަލެއް އަދާކުރާނަމަ އިޚްލާޞްތެރިވާން ޖެހޭނެއެވެ. އެއީ ކޮންމެ ޢަމަލެއްކަމުގައިވިޔަސްމެއެވެ. ތެދުވެރިކަމާއެކު ވިޔަފާރިކުރުމާއި އަނބީންނާ ހެޔޮކޮށް މުޢާމަލާތްކުރުމާ އަދި ދަރިންތަރުބިއްޔަތުކުރުމުގައި ދަރުމައަށް އެދުންފަދަ ހުރިހާ މުޢާމަލާތެއްގައިވެސް އިޚްލާޞްތެރިވާންޖެހެއެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((وَلَسْتَ تُنْفِقُ نَفَقَةً تَبْتَغِي بِهَا وَجْهَ اللَّهِ إِلَّا أُجِرْتَ بِهَا حَتَّى اللُّقْمَةَ تَجْعَلُهَا فِي فِي امْرَأَتِكَ)) [ متفق عليه ]
މާނައީ: “ﷲ ގެ ވަޖުހުފުޅު އަދިއިގެން ތިބާ އެއްވެސް އެއްޗެއް ހޭދަކޮށްފިނަމަ އޭގެ ސަބަބުން ތިބާއަށް އަޖުރު ނުލިބި ނުދާނެއެވެ. ތިބާގެ އަނބިމީހާގެ އަނގައަށް ލަވައިދޭ ސުވައަށްވެސްމެއެވެ.”
ފަހެ ﷲ ތަޢާލާ ރުހިވޮޑިގެންވާ އަދި ލޯބިވޮޑިގެންވާ ކޮންމެ ބަހަކާއި ޢަމަލަކީ އަޅުކަމެކެވެ. އޭގައި އެތެރެފުށާއި ބޭރުފުށުގެ ޢަމަލުތައްވެސް ހިމެނެއެވެ. އަދި ކިތަންމެ ކުޑަ ޢަމަލެއް ކުރިޔަސް އެކަމުގައި އިޚްލާޞްތެރިވުމަކީ ވާޖިބެކެވެ.
____________________________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.