ރިވެތި އަޚްލާޤުގެ ސަބަބުން ހިތްތައް ލެނބިގެންދެއެވެ. އަދި ރަނގަޅު ވިސްނުމާއި މަތިވެރި އަޚްލާޤުގެ ސަބަބުން މީސްތަކުންގެ ހިތްތައް ދަމައިގަނެވެއެވެ. ނަބިއްޔާ صلى الله عليه وسلم އަކީ ރިވެތި ޚުލުޤާއި ރިވެތި މުޢާމަލާތުން ދަޢުވަތުދެއްވި ބޭކަލެކެވެ.
އެކަލޭގެފާނަށް ޚިދުމަތްކޮށްދޭން އުޅުނު ޔަހޫދީ ކުއްޖަކު ބަލިވުމުން އެކުއްޖާގެ ގާތަށް ޒިޔާރާތްކުރެއްވިއެވެ. އަދި އެކުއްޖާގެ ބޯކައިރީގައި އިށީނދެވަޑައިގަތެވެ. ދެން ޙަދީޘްކުރެއްވިއެވެ.
((أَسْلِمْ))
މާނައީ: “އިސްލާމްވާށެވެ.”
ގާތުގައި ހުރި އެކުއްޖާގެ ބައްޕައާ ދިމާއަށް އެކުއްޖާ ބަލާލުމުން، ބައްޕަ ބުންޏެވެ.
“އަބުލް ޤާސިމަށް (އެބަހީ: މުޙައްމަދު صلى الله عليه وسلم އަށް) ކިޔަމަންވާށެވެ.”
ދެންފަހެ އެކުއްޖާ އިސްލާމްވިއެވެ. އެތަނުން އެކަލޭގެފާނު ނުކުމެވަޑައިގަތީ އަންނަނިވި ބަސްފުޅު ޙަދީޘްކުރައްވަމުންނެވެ.
((الْحَمْدُ لِلَّهِ الَّذِي أَنْقَذَهُ مِنْ النَّارِ))
މާނައީ: ” ހުރިހާ ޙަމްދެއް ލިބިވޮޑިގެންވަނީ ﷲއަށެވެ. އެއީ އެކުއްޖާ ނަރަކައިން ސަލާމަތްކޮށްދެއްވި އިލާހެވެ.” [رواه البخاري]
ޚުލުޤުހެޔޮކުރުމަށްޓަކައި މުދާތަކެއް ހޭދަކުރަން ނުޖެހެއެވެ. ނުވަތަ ނަފްސު ވަރުބަލިކުރާކަށްވެސް ނުޖެހޭނެއެވެ. އުފާވެރި މޫނަކާއެކު ބައްދަލުކުރުމާއި ހެޔޮކަންތައްތަކެއް ކުރުމާ އަދި އުނދަގޫތައް ދުރުހެލިކޮށްދިނުމުންވެސް ރިވެތި އަޚްލާޤަކަށް ފުދެއެވެ.
ރިތެރި އަދަބުތަކާއި މަތިވެރި ޚުލުޤާއި ހެޔޮ ރަނގަޅު ގޮތްތަކުން ޒީނަތްތެރިވުމީ މާތް މީހުންގެ ގޮތެވެ. މީސްތަކުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ އެމީހެއްގެ ޚުލުޤުމަތިވެރި މީހާއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((إِنَّ مِنْ أَخْيَرِكُمْ أَحْسَنَكُمْ خُلُقًا)) [متفق عليه]
މާނައީ: “ހަމަކަށަވަރުން ތިޔަބައިމީހުންކުރެ އެންމެ ރަނގަޅީ އެންމެ ޚުލުޤު ހެޔޮ މީހުންނެވެ.”
އަޅުގަނޑުމެންގެ ދީން އަމުރުކުރަނީ ރިވެތި އަޚްލާޤަށެވެ. އަދި މަނާކުރަނީ އެންމެހާ ފަސާދަތަކެވެ. މީސްތަކުން މަތިވެރިވެގެންދަނީ ދީންވެރިކަމާއި އަޚްލާޤާ އަދި އަދަބުވެރިކަމުންނެވެ. ނަފްސު ރަނގަޅުކުރުމަކީ ހިތްއާރާސްތުކުރުމަށް ލިބޭ ބާރެކެވެ. އަދި ޘަނާކިޔޭފަދަ ކަންކަން ހުރިކަމުގެ ދަލީލެކެވެ.
____________________________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.