[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަލް އިމާމު އަޙްމަދު: أحمد بن حنبل – إمام أهل السنة – 11

2- އެކަލޭގެފާނަށް ކުރިމަތިވި އިމްތިޙާނު

ދެންފަހެ މައުމޫނު މަރުވުމުން އެކަލޭގެފާނު ބަޣުދާދަށް އަނބުރާ ފޮނުވާލެވުނެވެ. އަދި ޖަލުގައި ބަންދުކުރެވި މުޢުތަޞިމުގެ އަނިޔާވެރިކަން ތަޙައްމަލު ކުރަން ޖެހުނެވެ.

أبو بكر المرُّوذي ވިދާޅުވިއެވެ.

“އަޙުމަދު ބުން ޙަންބަލް ޖަލަށް ލެވުނުހިނދު ޖަލުބަލަހައްޓާ މީހާ އައެވެ. އަދި އެކަލޭގެފާނުގެ އަރިހުގައި ދެންނެވިއެވެ. “އޭ އަބޫ ޢަބްދުﷲ އެވެ. އަނިޔާވެރި ވެރިންނާއި، އެމީހުންގެ އަޢުވާނުންނާ ބެހޭގޮތުން އައިސްފައިވާ ޙަދީޘަކީ ޞައްޙަ ޙަދީޘެއް ހެއްޔެވެ؟”

އަޙްމަދު ވިދާޅުވިއެވެ. “އާއެކެވެ.”

ޖަލުބަލަހައްޓާ މީހާ ބުނެފިއެވެ.

“ފަހެ އަހަރެންވަނީ އަނިޔާވެރިންގެ އަޢުވާނުންގެ ތެރެއިންހެއްޔެވެ؟”

އަޙްމަދު ވިދާޅުވިއެވެ. “ފަހެ އަނިޔާވެރިންގެ އަޢުވާނުންނަށް ވާނީ، ކަލޭގެ އިސްތަށި ކޮށައިދޭ މީހާއާއި، އަދި ކަލޭގެ ހެދުން ދޮވެދޭ މީހާއާއި، އަދި ކަލެއަށް ކާއެއްޗެހި ތައްޔާރުކޮށްދޭ މީހާއާއި، ކަލޭގެއަތުން ގަނެވިއްކާ މީހާއެވެ. އަދި ދަންނައެވެ. ކަލެއަކީ އަނިޔާވެރިންގެ ތެރެއިންވާ މީހެކެވެ. (އެބަހީ އަނިޔާވެރިންގެ އަޢުވާނެއް ނޫނެވެ. ސީދާ އަނިޔާވެރިއެކެވެ.)”[1]

އެކަލޭގެފާނުގެ ދަރިފުޅު صالح بن أحمد ވިދާޅުވިއެވެ. ބައްޕަ ވިދާޅުވިއެވެ.

“ހިޖުރައިން ދުއިސައްތަ ނަވާރަވަނަ އަހަރުގެ ރަމަޟާންމަހު ތިމަންކަލޭގެފާނު އިސްޙާޤު ބުން އިބްރާހީމްގެ ގެއަށް ބަދަލުކުރެވުނެވެ. އަދި އޭނާ ކޮންމެ ދުވަހަކު ދެމީހުންނާއެކު ތިމަންކަލޭގެފާނުގެ އަރިހަށް އާދެއެވެ. އެތަނުން އެކަކަށް ކިޔާއުޅޭ ނަމަކީ އަޙުމަދު ބުން ރަބާޙްއެވެ. އަދި އަނެކަކަކީ، އަބޫ ޝުޢައިބް އަލްޙައްޖާމްއެވެ. ދެން އެދެމީހުން ތިމަންކަލޭގެފާނާ (ޚަލްޤުލް ޤުރުއާނުގެ މައްސަލާގައި) މުނާޡަރާކޮށް ބަހުސްކުރިއެވެ. ދެން އެމީހުން އެނބުރި ދިއުމުން ތިމަންކަލޭގެފާނުގެ ގައިގައި ކަސްތޮޅުއަޅުވައެވެ. އަދި ކަސްތޮޅުތައް އިހުނަށްވުރެ އިތުރުކުރިއެވެ. އޭރު ތިމަންކަލޭގެފާނުގެ ފައިގައި ހަތަރު ކަސްތޮޅު އެޅުވިފައި ވެއެވެ. ދެންފަހެ ތިންވަނައަށް ވީ ދުވަހު އެތަނުން ކޮންމެވެސް އެކަކު ތިމަންކަލޭގެފާނުގެ އަރިހަށް އައެވެ. އަދި މުނާޡަރާކޮށް ބަހުސްކުރަންފެށިއެވެ.

ތިމަންކަލޭގެފާނު އޭނާއަށް ދަންނަވައިފީމެވެ. “ﷲގެ ޢިލްމާމެދު ކަލޭ ބުނަނީ ކީކޭހެޔެވެ؟”

އޭނާ ބުނެފިއެވެ. “ﷲގެ ޢިލްމަކީ މަޚުލޫޤެކެވެ.”

ދެން ތިމަންކަލޭގެފާނު ދަންނަވައިފީމެވެ. “ކަލޭ ކާފަރުވެއްޖެއެވެ!”

އެހިނދު އިސްޙާޤު ބުން އިބްރާހީމް އެތަނަށް ފޮނުވާފައި ހުރި މީހަކު ބުނެފިއެވެ. “ހަމަކަށަވަރުން މިއީ އަމީރުލް މުއުމިނީން ފޮނުވާފައި ހުރި މީހެކެވެ.”

ދެން ތިމަންކަލޭގެފާނު ދަންނަވާފީމެވެ. “ހަމަކަށަވަރުން މީނާ ކާފަރުވެއްޖެއެވެ!”

ދެންފަހެ ހަތަރުވަނައަށް ވީ ދުވަހު، މުޢުތަޞިމު، އިސްޙާޤު ބުން އިބްރާހީމްގެ ކައިރިއަށް ބުޣާ[2] ފޮނުވިއެވެ. އެނާއަށް (الكبير) ބޮޑުމީހާގެ ނަމުން ނަންކިޔާ އުޅެއެވެ. އަދި ތިމަންކަލޭގެފާނު އެމީހާގެ ކަރިއަށް ގެންދިއުމަށް، އިސްޙާޤު ބުން އިބްރާހީމަށް އަމުރުކުރިއެވެ.

ދެންފަހެ ތިމަންކަލޭގެފާނު އިސްޙާޤުގެ ކައިރިއަށް ވެއްދުނެވެ. އޭނާ ބުނެފިއެވެ. “އޭ އަޙުމަދެވެ. ﷲ ގަންދީ ބުނަމެވެ. ހަމަކަށަވަރުން އޭނާ (މުޢުތަޞިމު) ކަޑިންޖަހާ ކަލޭ މަރައެއް ނުލާނެއެވެ. އޭނާ އެގޮވާލާ ގޮވާލުމަށް ކަލޭ އިޖާބަ ނުދީފިނަމަ އެތިފަހަރަކަށްފަހު އެތިފަހަރަކުން ޖަހާ އަނިޔާކުރާނެއެވެ. އަދި އެތަނަކަށް އިރުގެ އަލިކަން ނުވަންނަ ތާކަށް އެއްލައިލާ ބަންދު ކުރާނެއެވެ. ފަހެ ﷲތަޢާލާ ވަޙީކުރައްވާފައި ނުވޭހެއްޔެވެ؟

إِنَّا جَعَلْنَاهُ قُرْآنًا ﴿الزخرف: ٣﴾

 މާނައީ: “ހަމަކަށަވަރުން ތިމަންއިލާހު އެފޮތް ލައްވާފައިވަނީ ޢަރަބިބަަހުންވާ ޤުރާއާނެއްގެ ގޮތުގައެވެ.”

ފަހެ މަޖުޢޫލް ކުރެވިފައިވާ އެއްޗެއް (ލެއްވިފައިވާ އެއްޗެއް) މަޚުލޫޤެއް ކަމުގައި މެނުވީ ވާނެހެއްޔެވެ؟ ދެން ތިމަންކަލޭގެފާނު އޭނާއަށް ބުނީމެވެ. ﷲ عز وجل ވަޙީކުރައްވާފައިވެއެވެ.

فَجَعَلَهُمْ كَعَصْفٍ مَّأْكُولٍ ﴿الفيل: ٥﴾

މާނައީ: ” ފަހެ، ޖަނަވާރު ކައިފައިހުރި ހުއިތަކެއް ފަދައިން އެއިލާހު އެއުރެން ލެއްވިއެވެ.”

ފަހެ އެއިލާހު އެމީހުން އެގޮތުގައި ޚަލްޤުކުރެއްވީ ހެއްޔެވެ؟ ދެންފަހެ އޭނާ ބަސް ހުއްޓިއްޖެއެވެ. އެއަށްފަހު ބުނެފިއެވެ. ކަލޭމެން މީނާ (މުޢުތަޞިމްގެ އަރިހަށް) ގެންދާށެވެ.”

ބައްޕަ ވިދާޅުވިއެވެ. “ދެން ތިމަންމެން ދިޔަމަގުމަތީ މަޝްހޫރު ބަޤީޗާއަކާއި ހަމައަށް ފޯރިއެވެ. އެތަނަށް ސަވާރީއެއް ގެނެވުނެވެ. ތިމަންކަލޭގެފާނު އެއަށް އަރުވައިގެން މުޢުތަޞިމުގެ ގާތަށް ގެނައެވެ. އޭރުވެސް ތިމަންކަލޭގެފާނު ވަނީ ކަސްތޮޅު އެޅުވިފައެވެ. ތިމަންކަލޭގެފާނުގެ ގައިގައި ހިފަހައްޓައިގެން ހުންނާނެ އެކަކުވެސް ނެތެވެ. ފަހެ ކަސްތޮޅުތަކުގެ ބަރުކަމާހުރެ، ބޯކޮޅުވަތަށް ތިމަންކަލޭގެފާނު ވެއްޓިދާނެހެން ހީވާވަރުވިއެވެ. ދެން ތިމަންކަލޭގެފާނު ގެއެއްގެ ތެރެއަށް ވައްދާ ތަޅުލިއެވެ. އޭރުއެއީ މެންދަމު ގަޑިއެވެ. އެގޭގައި ދިއްލާލައިފައިހުރި ބައްތިއެއްހާހިސާބުވެސް ނެތެވެ. ދެން ތިމަންކަލޭހެފާނު ނަމާދު ކުރުމަށްޓަކައި ތަޔަންމުމްކޮށް މޫނުގައި އަތްފުމަށްޓަކައި ބިންމަތީ އަތް ދާމާލީމެވެ. އެހިނދު އަތުގައި ޖެހުނީ އޭގެތޭގައި ފެން ހުރި ބާލިދީއެކެވެ. ދެން ތިމަންކަލޭގެފާނު އެއިން ވުޟޫކޮށް ނަމާދު ކުރީމެވެ.

ދެންފަހެ ހެނދުނު ވުމުން ތިމަންކަލޭގެފާނުގެ އަރިހަށް ހަރުވާޅު ދާގަނޑުތަކެއް ގެނެވުނެވެ. އަދި އެދާގަނޑުތަކުން ތިމަންކަލޭގެފާނު ވަރުގަދައަށް ބަނދެފިއެވެ. އަދި އޭނާގެ ކައިރިއަށް ގެންދެވުނެވެ. އެހިނދު އެ ހަރުވާޅުގަނޑުވެސް ވަނީ ތިމަންކަލޭގެފާނުގެ ގައިގައި އެލުވިފައެވެ. ދެން އެވަގުތު މުޢުތަޞިމްގެ މަންދޫބަކު އައެވެ. އަދި އިޖާބަދޭށޭ ކިޔައި ތިމަންކަލޭގެފާނުގެ އަތުގައި ހިފިއެވެ. ދެން އޭނާ ތިމަންކަލޭގެފާނު (މުޢުތަޞިމްގެ ކައިރިއަށް) ވެއްދިއެވެ.  ހަރުވާޅު ވާގަނޑު އޭރުވެސް ވަނީ ތިމަންކަލޭގެފާނުގެ އަތުގައެވެ. އަދި ކަސްތޮޅުވެސް ވަނީ އެޅުވިފައެވެ. ފަހެ އެތަނަށް ވެއްދުނުހިނދު އެތަނުގައި އޭނާ  އިށީނދެ އިނެވެ. އަދި އިބުން އަބީ ދުއާދު އެތާ ހާޒިރުވެ ހުއްޓެވެ. ދެން އޭނާގެ އެތަކެއްއެކުވެރިން އެތަނަށް ޖަމަޢަވިއެވެ.”[3]

[4]

(ނުނިމޭ)

މިލިޔުމުގެ އެހެންބައިތައް


 

[1] مناقب الإمام أحمد بن حنبل ص.431

[2] މީނާއަކީ މުތަވައްކިލުގެންގުޅޭ އެންމެ ވަރުގަދަ މީހުންގެ ތެރެއިން މީހެކެވެ.

[3]أبو نعيم في الحلية (9/197) سيرة الإمام أحمد 53-55

[4] އަހްލުއްސުންނާ ވަލްޖަމާޢަތުގެ ޢަޤީދާއަކީ ކީރިތި ޤުރުއާނަކީ ﷲ ގެ ކަލާމްފުޅުކަމުގައެވެ. އަދި އެއީ ﷲ ތަޢާލާގެ ޞިފަފުޅެކެވެ. އެއީ މަޚްލޫޤެއް ނޫނެވެ.